Monday, November 11, 2019

މަނަދޫ ޢަބްދުއްސައްތާރުގެ ހަނދާނުގައި

 


ޢަބްދުﷲ ސަޢީދު

 

އެއީ ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ. ފަސޭހަފަސޭހައެއްކޮށް މާލެއާ ވާހަކައެއް ނުދެއްކެއެވެ. އަތޮޅުތެރޭގެ ރައްޔިތުން ބަރޯސާވަނީ ރޭޑިޔޯއަށެވެ. އެހެން ނަމަވެސް މަނަދޫގައި އަލަށް އުފެއްދި ޖަމްޢިއްޔާއެއް ކަމަށްވާ "މަނަދޫ ޒުވާނުންގެ ގުޅުން" އިފްތިތާޙު ކުރި ޚަބަރު އެ ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ރޭޑިޔޯއިން ފޮނުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ މާފަންނު މަނަދޫގޭ ޢަބްދުއްސައްތާރު އަބޫބަކުރު (މަނަދޫ ސައްތާރު) އެކަން ކުރައްވަން ބޭނުންފުޅުވި ގޮތެވެ. ޖަލުސާގައި ބައިވެރިވި ގިނަ ބަޔަކަށް ވެސް އެކަން އޭރު ވީ ބޮޑު ހައިރާން ކަމަކަށެވެ.

 

މަނަދޫ ސައްތާރަށް އަޅުގަނޑު ކިޔަނީ ސައްތާރުބެއެވެ. އަޅުގަނޑުގެ ބައްޕަ ވިދާޅުވަނީ އަސްތާރެވެ. އެއީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަންނާނެ ބޭފުޅެކެވެ. ދިވެހި ނޫސްވެރިކަމުގައި ވަރުގަދަ ނަމެކެވެ. އާންމު ޚިދުމަތުގެ ޤައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން ހާސިލުކުރެއްވިއެވެ. އެއީ މި ރާއްޖޭގައި މަޝްހޫރު އެތައް ނޫސްވެރިންނެއް އުފެއްދެވި އަދި މުޅި ހަޔާތް ކަހަލަ ގޮތަކަށް އެކަމަށް ވަގުފު ކުރެއްވި މުރާލި ހީވާގި ހިންގުތެރި ނޫސްވެރިއެކެވެ. ސާދާ ބޭފުޅެކެވެ. އިސްކޫލުގެ ދައުރުން ފެށިގެން ވެސް އުޅުއްވީ ނޫސްވެރިކަމުގައެވެ. ރައީސް ނާޞިރުގެ ދުވަސްވަރު ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައި އެއްވަނައިގައި އޮތީ މޫންލައިޓެވެ. ސައްތާރުބޭ އުޅުއްވީ އޭރު ސަންލައިޓް ރައީސް ނާޞިރުގެ ވެރިކަމަށް ފަހު މޫންލައިޓް ހުއްޓުނެވެ. ރައީސް މައުމޫނުގެ ރިޔާސީ ފުރަތަމަ ދައުރުގެ ކުރީކޮޅު ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށްދީ ޕްރޮމޯޓް ކޮށްދިނުމުގައި އެންމެ އުހުގައި އޮތީ ހަވީރެވެ. އޭރު ސައްތާރުބޭ އުޅުއްވީ އާފަތިހުގައެވެ. 1 ޖޫން 1984 އިން ފެށިގެން ވިއްސަކަށް އަހަރު ވަންދެން އެ ނޫހުގެ އެޑިޓަރުކަން ކުރެއްވިއެވެ. އާފަތިސް އާފަތިހަކަށް ހެއްދެވީ މަނަދޫ ސައްތާރުކަން އެންމެންނަށް ވެސް ސާފެވެ. ކުޅިވަރުކުޅުންތެރިންނާއި ފިލްމީ ފަންނާނުންގެ އަގުވަޒަން ކުރުމުގެ މަސައްކަތް ސަރުކާރަށްވުރެ ކުރިން ފެއްޓެވީ ސައްތާރުބޭގެ އިސްނެގުމާއި މޭސްތިރި ކަމުގައެވެ. އާފަތިހުން ދުރަށް ވަޑައިގެންނެވީ ޕެންޝަނަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް ސައްތާރުބޭ އެ ނޫހަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ އާ އަޅާބަލާއިރު އެ ނޫހުގެ ދޮރުން ނިކުމެވަޑައިގެންނެވީ ހުސްއަތާއެވެ.

 

އޭގެ ފަހުން ދުވަހު ނޫސް މިއަދުގައި ވެސް އުޅުއްވިއެވެ. އުމުރުފުޅުން 58 އަހަރުގައި އަވަހާރަވީއިރު އިރުވަރު ނޫސް އޮތީ ސައްތާރުބޭގެ އެޑިޓަރު ކަމުގައި ރަޖިސްޓްރީ ކުރައްވާފައެވެ. ދުއްލިސާ މަޖައްލާ ގެންދެވީ ނެރުއްވަމުންނެވެ.

 

އެހެން އުޅުއްވި ދުވަސްވަރު ދެ ފަހަރެއްގެ މަތިން އަރުވާލެއްވިއެވެ. އެއް ފަހަރު މަކުނުދޫއަށެވެ. އަނެއް ފަހަރު އިހަވަންދޫއަށެވެ. އިހަވަންދޫއަށް އަރުވާލެވުނީ ނޫހުގައި ޖެއްސެވި ޚިޔާލީ ވާހަކައަކާ ގުޅިގެންނެވެ. "ހާދިމުކަލޭގެއަށް ބިން" މި ނަމުގައި އެ ވާހަކަ ނޫހުގައި ޖެއްސެވި ދުވަސްވަރަކީ ސަރުކާރުން ކޮންމެ ވެސް ބޭފުޅަކަށް މާލޭން ބޮޑު ބިމެއް ދެއްވި ދުވަސްވަރަށް ވީއެވެ. އެ ޒަމާނުގައި އެއީ ސަރުކާރުގެ ސިޔާސަތާ ބެހުމެވެ. އެއީ އޭރު ހުކުމްކޮށް އަރުވާލަންޖެހޭ ބޮޑު ކުށެކެވެ.

 

ސައްތާރުބެއާއި މަނަދޫ އާ އޮތީ ކޮން ގުޅުމެއްކަން މިހާރުގެ ކުދިންނަށް ނޭނގިދާނެއެވެ. ސައްތާރުބޭގެ މަންމައާއި ބައްޕައަކީ މަނަދޫގައި ދިރިއުޅުއްވި މަނަދޫ ދެ ބޭފުޅުންނެވެ. އެ ދެމަފިރިން މާލެއަށް ބަދަލުވީ ބޮޑު ތަދުގެ ތެރޭގައި ރަށުގައި ދިރިއުޅުއްވަން ދަތިވެ އެކި މީހުން އެކި ރަށްރަށް ހިޖުރަކުރި ދުވަސްވަރުގައެވެ. އެ ދެމަފިރިންގެ ގެ ހުރިތަނުގައި މިހާރު އެހެރީ މަނަދޫ ރީތިގަސްދޮށުގެ އެވެ. ކުޑަ އަގަކަށް ގޯތި ވިއްކާލެއްވުމަށް ފަހު މާލެ ބަދަލުވިއިރު ސައްތާރުބޭ ވަރަށް ކުޑައެވެ. ވިދާޅުވެފައި ވަނީ އެ ހަނދާން ނުހުންނަ ކަމަށެވެ. އެ ދެމަފިރިންގެ ދެވަނަ ދަރިފުޅު، ނަސީމާ ދައްތަ ލިބިވަޑައިގަތީ މާލޭގައެވެ.

 

ސައްތާރުބޭ ކިޔަވާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުންނެވެ. އޭރު އެކުވެރިން ކިޔަނީ ވައިކަރަދޫ ސައްތާރެވެ. ވައިކަރަދޫ ދޮންކަލޭފާނާއި އައިސައިދީއަށް ބޭފުޅަކު ލިބިވަޑައި ނުގަންނަވާތީ އެ ދެމަފިރިން ވައިކަރަދޫގޭގައި ސައްތާރުބޭ ގެންގުޅުއްވާތީއެވެ.

 

މާލޭން ސައްތާރުބޭގެ ބައްޕަ އަބޫބެއަށް ލިބުނު ގޯއްޗަށް ދިން ނަމަކީ މަނަދޫގެއެވެ. އެއީ ހަމަ ހަގީގަތުގައި ވެސް މަނަދޫ ގެއެކެވެ. ކުޑަސިޓީ ޒަމާނުގައާއި އޭގެކުރިންނާއި ފަހުން ވެސް މަނަދޫގެ އެތައް ބަޔަކު އެގެއަށް މާލެފައިބާއުޅުނެވެ. ދަތުރުވަރިތަކުގައި އައިސް އުޅުނެވެ. ދިރިއުޅުނެވެ. ވަޒީފާއަށް ދާ މީހުން ތިއްބެއެވެ. ކިޔަވަން ތިއްބެވެ. އަޅުގަނޑުގެ އެންމެ ކުޑައިރުގެ ފޮޓޯއަކަށް އޮތީ އެ ގޭގެ ގޯތިތެރޭގައި މަންމައާއި އަޅުގަނޑުގެ އެއްބަޑު އެއްބަފާ ހަތަރު ފިރިހެން ބެއިން ނަގާފައިވާ ކަޅާއިހުދުގެ ފޮޓޯއެކެވެ. ވަރަށް ކުޑަކޮށް އެ ދުވަސްވަރު ހަނދާންވެއެވެ.

 

މަނަދޫގެއަށް ސައްތާރުބޭ ބަދަލުވެވަޑައިގަތުމުން މަނަދޫ ސައްތާރު ކިޔަން ފެށީއެވެ. ސައްތާރުބެއަކީ މަނަދޫ އަބޫބަކުރުގެ ދަރިއެއްކަން މީހުންނަށް އެނގެންފެށީ އެ ހިސާބުންނެވެ. މަނަދޫ އަބޫބަކުރުގެ ހުންނާނީ މަނަދޫ ސައްތާރު ނޫންތޯއެވެ. އެއަށްވުރެ ބޮޑަށް މަނަދޫ ސައްތާރުގެ ނަން މަޝްހޫރުވީ ނޫސްވެރިކަމާއި ލިޔުންތެރިއެއްގެ ގޮތުގައި ގަލަމީ ނަމެއްގެ ގޮތުގައާއި ބައެއް ރަސްމީ ލިޔުންތަކުގައި ވެސް އުފަން ރަށުގެ ނަން އަމިއްލަ ނަމާއެކު ސައްތާރުބޭ ބޭނުން ކުރައްވަމުން ގެންދެވީމައެވެ. މިއީ މަނަދޫ ދެކެ ސައްތާރުބޭ ވީ ލޯބީގެ ދަލީލެކެވެ. ދެން ހުރީ އެކިއެކި ގޮތްގޮތުން ކޮށްދެއްވި ޚިދުމަތްތަކެވެ. ފަރުދާގެ ކުރިމަތީގައި އިސްވެ ހުންނަވައިގެންނާއި ފަރުދާގެ ފުރަގަހުގައި ހުންނަވައިގެންނެވެ. ވަކިވަކި ފަރުދުންނަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން ވެދެއްވާފައިވާ އެހީތަކާއި ރަށުގެ ތަރައްޤީއާއި ކުރިއެރުމަށާއި ޖަމާޢަތުގެ ފައިދާއަށް ކޮށްދެއްވާފައިވާ ގިނަގުނަ ކަންތައްތަކެވެ.

 

އަޅުގަނޑު އިސްކޫލުގައި އުޅުނުއިރުގެ އެންމެ ދުރު އެއް ހަނދާނެވެ. އޭރު ދޭތެރެ ދޭތެރެއިން އިސްކޫލުން ފޮތް ފަންސުރު ބަހާނެއެވެ. ކުދިކުދި ދިވެހި ވާހަކަ ފޮތް ވެސް ބަހައެވެ. އެއީ ސައްތާރުބޭ ރަށަށް އައީއެވެ. އެއް ފަހަރަކު ޢައްމާރު ބިން ޔާސިރުގެ ވާހަކައަކާއި އުމަރު ބުން ޚައްޠާބު ކިޔާ ތުނި ދެ ފޮތެއް ލިބުން ހަނދާން ވެއެވެ. އެއީ ސައްތާރުބޭ އިސްކޫލަށް ކުރައްވާ ހަދިޔާއެވެ. ސައްތާރުބޭގެ ދެމަފިރިންނަކީ އިސްލާމީ ތާރީޚުގެ ދިގު ވާހަކަތަކާއި ކުރުވާހަކަތައް ޗާޕުކޮށްގެން ނެރެދެއްވުމުގައި އެ ދުވަސްވަރު އެންމެ ޚިދުމަތްތެރި ދެ ބޭފުޅުންނެވެ.

 

މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިން ޗާޕުކޮށްގެން ނެރެމުން އައި ހަފުތާ ޚަބަރު ނޫސް މުޅި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ތެރެއިން އެއްވަނަ ހޯދި އަހަރެވެ. އެ ނޫހަށް ބޭނުންވާ އިސްޓެންސިލާއި ކައްޓާ އަދިވެސް ބައެއް އެހީތައް ދެއްވަން ނިންމެވިއެވެ. އަދި ގަވާއިދުން އެކަން ކޮށްދެއްވިއެވެ. އެ ނޫހުގެ ހެޑަރ އާއި އެކިއެކި ޚާއްޞަ ސަފުހާތަކާއި އެކިއެކި ބޭފުޅުންގެ ފޮޓޯގެ ބްލޮކު ހިލޭ ތައްޔާރުކޮށް ދެއްވަމުން ގެންދެވިއެވެ. ފޮތް ލިސްޓަށް ފޮތް ހޯދަން ދަތިވެގެން ބެލެނިވެރިން އުޅެން ފެށުމުން ފިނިވާގޭގައި ސަމަރުވައިޓް ޝޮޕް ހިންގި ތަނުގައި ސަންލައިޓް ބުކްޝޮޕް ހުޅުވާ އެ ޚިދުމަތް ދެއްވިއެވެ. ފަހުން އައްސޭރި ޝޮޕުގައެވެ.

 

މަނަދޫގައި ހިންގި ވަރަށް ހަރަކާތްތެރި ޖަމްޢިއްޔާއެއް ކަމަށްވާ "ޖަމްޢިއްޔަތުލް އިޢުތިލާފް" އަށް ފަހު މަނަދޫ އޮތީ އިޖުތިމާޢީ ގޮތުން ވަރަށް ބޮޑު ފަޅުކަމަކާއި ހުސްކަމެކެވެ. މަނަދޫގެ ރައްޔިތުންގެ މެދުގައި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އިޖުތިމާާޢީ ހަރަކާތްތައް ހިންގާނެ އެންމެންނަށް ވެސް ހެޔޮވަރު މަންސައަކަށް އޮތީ ބޭނުންވެފައެވެ. ސައްތާރުބޭ އަޑީގައި ހުންނަވައިގެން ހިތްވަރު ދެއްވާ މަގުދައްކަވައިގެން އުފެއްދެވި މަނަދޫ ޒުވާނުންގެ ގުޅުމުގެ ހަގީގީ ބާނީ އަކީ އެއީއެވެ. އެ ޖަމުޢިއްޔާގެ އެއްވެސް މަގާމެއް ނުފުރުއްވިޔަސް ޖަމްޢިއްޔާ ފެށިގެންއައި އިރު އެ ޖަމްޢިއްޔާގެ ސިކުނޑިއަކީ އެއީއެވެ. އެ ދުވަސްވަރު އިޖުތިމާޢީ ބޮޑުކަމެއް ސައްތާރުބެއާ ނުލައެއް ނުހިނގައެވެ. ޖަޕާނު ސަރުކާރުގެ އެހީގައި މަނަދޫގައި އިމާރާތް ކުރެވުނު އިސްކޫލު، ނ. އަތޮޅު މަދަރުސާގެ ނަމުގައި ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ކަންތައްތައް އެއީވެސް ކަމެކެވެ. އިސްކޮށް އުޅުއްވާތަން އަޅުގަނޑު ދުށީ ސައްތާރުބެއާއި ހިޔަމަ ބަކުރުބެއާއި، އަލީމޫސަބޭގެ ޖަޢުފަރުބެއެވެ. ރަށުގެ މިސްކިތްތަކަށް އަޑުގަދަކުރާ ސެޓާ އެފަދަ ބައެއް ސާމާނު ހަދިޔާކުރެއްވިއެވެ.

 

ފުޅި ބައްތީގެ އަލީގައި މަނަދޫ މީހުން ދިރިއުޅެމުން ދަނިކޮށް ކަރަންޓުގެ ޚިދުމަތް ތަޢާރަފުކޮށް ދެއްވި ބޭފުޅަކީ ވެސް އެއީއެވެ. ފަސް ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއެކު ފެއްޓެވި ސަންލައިޓް އިންޖީނުގޭން މުޅި ރަށަށް ކަރަންޓް ދެއްވިއެވެ. އެއީ ރަށުގެ ކުދިބޮޑު އެންމެން އެއް ރޫޙެއްގައި ކުރި ބުރަ މަސައްކަތެކެވެ.

 

މަގުމަތީ ބައްތި ފުރަތަމަ ޖެހީ ރަށުގެ ވަލުތެރެއިން ކަށިކެޔޮ ގަސް ކަނޑައިގެންނެވެ. އަޅޯ ކޮޅަށްޖަހައި އަޅޮލުގެ ކުރީގައި ހޮޅިބުރި ހަރުކުރަން ވަޑިފަތި ވާގޮތަށް ހުންނަ ލަކުނޑި ބަނދެގެންނެވެ. އެގޮތަށް ހުންނަ ކުރެދި ކެނޑީ އެއްދުއްފަރުންނެވެ.

 

މަނަދޫ ކުރިކީލަގޭގައި (ކެޔޮޅުބޭ ގޭގައި) ހެދި އެ އިންޖީނުގެއިން ޚިދުމަތް ދިނީ އިރުއޮއްސި ހަޔަކުން ރޭގަނޑު އެގާރައަށެވެ. އިންޖިނޭރަކީ އިންޖީނު ކުޑަބެއެވެ. ފަހުން އަވަށު ފޯރި ވަދެގެން އިރުއަލި އިންޖީނުގެ ފޫޅުމާގޭގައި ހަދައިފިއެވެ. ދެ އަވަށަށް ދެ އިންޖީނުގެއެވެ. އަޅުގަނޑުމެން ގޭގެ މަގުމަތީ ފާރުގައި ދެ އިންޖީނުގޭގެ ދެ ފިއުޒު ފޮށި ހުއްޓެވެ.

 

ސައްތާރުބެއަކީ ކަނޑަށް ވަރަށް ދެރަ ބޭފުޅެކެވެ. ކަނޑު ފާނޯވެފައި ނެތިއްޖާ ހޮޑުލައްވާނެއެވެ. އެކަމަކު އެއީ ރަށަށް ވަޑައިގަތުމަށް އޮންނަ ހުރަހަކަށް ނުހައްދަވައެވެ. ރަށަށް ވަޑައިގަންނަވާއިރު އަޅުގަނޑުގެ ބައްޕަ ރަށުގައި ހުންނެވިއްޔާ އެންމެ ފުރަތަމަ ވަޑައިގަންނަވާ ގެތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ހިމެނޭނެއެވެ. ބައްޕަ އާއި ސައްތާރުބެއާ އޮންނަ ގުޅުމަކީ މަޖީދިއްޔާގައި އެކުގައި ކިޔަވަން އުޅުއްވި ދުވަސްވަރުއްސުރެ އޮންނަ ގުޅުމެކެވެ.

 

އެއް ފަހަރަކު ރަށުން މާލެއަށް ސައްތާރުބޭ ވަޑައިގެންނެވި ދަތުރެއްގައި އަޅުގަނޑު މާލެ އައިމެވެ. ހުޅުލެއާއި މާލެއާ ދޭތެރޭގައި އޭރު ދުއްވާ ކަހަލަ ސަތަރި ދޯންޏެއްގައެވެ. ކަނޑު ވެސް ގަދަ ދުވަހެކެވެ. ބާރަވަރަކަށް ގަޑިއިރުގެ އެ ދަތުރުގައި ސައްތާރުބޭ ބޯ ހިއްލާނުލައްވައެވެ. ހޮޑަށް ލައްވާނެ އެއްޗެއް ނެތަސް އޯކާލައްވައެވެ. ކުރުނބާ ފެން ފޮދެއް އެއްޗެއް ވެސް ނުހިއްޕަވައެވެ.

 

އެއް ފަހަރަކު ރަށަށް ގޮސް އުޅުއްވަނިކޮށް ވަރަށް ބޮޑު އަނިޔާއެއް ސައްތާރުބެއަށް ލިބިވަޑައިގަތެވެ. އަތޮޅުތެރެއަށް ވަޑައިގެންނެވި ދަތުރެކެވެ. ދަތުރު ނިންމާލައްވައި ރަށަށް ފައިބައި ވަޑައިގަންނަވަން ވެގެން ފުންމާލެއްވީއެވެ. ރަށުގެ ފަސްގަނޑުގައި ފައި އެޅުއްވުނު ގޮތަކުން ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ވަރަށް ގިނަ ދުވަސްވަންދެން ބޭސްކުަރެއްވިއެވެ. ފައި ނޭޅިގެން ދަނޑިގަނޑު ޖައްސަވައިގެން އުޅުއްވިއެވެ.އަވަހާރަ ވުމާހަމައަށް ވެސް ހިންގެވުމުގައި އެކޮރު ހުއްޓެވެ.

 

އެންމެފަހުން އަޅުގަނޑާ ސައްތާރުބެއާ ބައްދަލުވީ މާވެޔޮ މިސްކިތުން ނަމާދުން ފައިބައި ވަޑައިގެންނެވި ތަނުންނެވެ. އާންމުކޮށް އެ ހުންނަވާ ސާދާ ގޮތެވެ. ސަލާން ކޮށްލައްވައި ބައްޕަ އާއި އާއިލާގެ ހާލު އޮޅުން ފިލުއްވިއެވެ. އެއީ ކިތަންމެ އަވަހަށް ބައްދަލު ވިޔަސް ސައްތާރުބޭގެ އާދައެވެ. ސައްތާރުބޭ ތިން ކައިވެންޏެއް ކުރެއްވިއެވެ. އަވަހާރަވީ އިރު 8 ބޭފުޅުން ތިއްބެވިއެވެ. އަނބިކަނބަލަކަށް އިންނެބީ ވަޙީދާ ދައްތައެވެ.

 

ސައްތާރުބެއަކީ ހިތްހެޔޮ، ހެޔޮލަފާ ބޭފުޅެކެވެ. ވަރަށް ސާދާ ދިިރުއުުޅުމެއް އުޅުއްވެވި ހިތްތިރި ބޭފުޅެކެވެ. ހަގީގަތަށް ލޯބިކުރައްވައި އިންސާފާއި ހަމަހަމަކަމަށް ވަކާލުކުރެއްވި ބޭފުޅެކެވެ. ސައްތާރުބޭ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި 29 މާރިޗު 2006 ގައި އިންޑިއާގެ ޓްރެވެންޑްރަމް ގައެވެ.

 

ސައްތާރުބެއަށް އާޚިރަތުގެ ފުއްސެވުމާއި ރުއްސެވުން ލައްވައި ސުވަރުގޭ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެވެ. އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚާއްޞަކޮށް މަނަދޫއަށް ކޮށްދެއްވި މަސައްކަތްތަކާއި ޚިދުމަތްތަކުގައި ބަރަކާތްލައްވާށިއެވެ. އާމީން

 

No comments: