Tuesday, May 14, 2019

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް




ޢަބްދުﷲ ސަޢީދު

ކެޕްޓަން ޙުސައިން މުޙައްމަދު (ފިއްލަދޫ ޙުސައިން މަނިކު) އަކީ ސިފައިންގޭގައި ދެ ފަހަރެއްގެ މަތިން 34 އަހަރެއްހާ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވެރިން އެންގެވި ކޮންމެ ކަމެއް އަދި ކުރެއްވި ކޮންމެ ޢަމުރެއް ފަސްޖެހިވަޑައި ނުގެން ތަންފީޒު ކުރެއްވި ބޭފުޅެކެވެ. ޖެހިލުންކުޑަކަމާއި ކެރުމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އިސްވެރިންގެ އޯޑަރާ އެއްގޮތަށް ޢަޒުމާއެކު ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވި ހިތްވަރުގަދަ ނަމޫނާ ޝަޚްސިއްޔަތެކެވެ. އޭނާ ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދުވަސްވަރު ސިފައިން ކުރި ކޮންމެ ބޮޑު ކަމެއްގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރެއްވިއެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ސިފައިންގޭގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެންމެ އަގުހުރި އަދި އެންމެ ޚާއްޞަ ޚިދުމަތްތަކެއް ކުރައްވާފައިވަނީ ކަނޑުމަތީގައެވެ. އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށި ޤައުމީ ޚިދުމަތް ނިންމާލެއްވީ ކޯސްޓްގާޑުގެ ކެޕްޓަނެއްގެ ގޮތުގައި ހުންނަވައި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ކެޕްޓަން ރޭންކުގައެވެ.

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތުގެ ކާމިޔާބީތައް ގުޅިފައިވަނީ އޭނާގެ ހިތްވަރު ގަދަކަމާއި މުރާލިކަމާއި ވެރިންގެ އަމުރަށް ތަބާވުމުގައި ގެންގުޅުއްވި ވަފާތެރިކަމާއެވެ. ވަރަށް ކުދިކުދި އުޅަނދު ފަހަރުގައި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް ޕެޓްރޯލް ކުރެއްވިއެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ވަދެ މަސްވެރިކަންކުރާ ބޭރުގެ މަސް ބޯޓުފަހަރު ހިފުމުގައި، ލިބިފައިހުރި ވަސީލަތްތަކުގެ ގޮންޖެހުންތަކާއެކު ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއެވެ. ގޯނިގޯންޏަށް ހަތިޔާރާއި ވަޒަން އަޅުއްވައިގެން އާންމުންނާއެކު މަސް ދޯނި ފަހަރުގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަހައްޓަން ނުކުންނެވިއެވެ. ރާއްޖޭގެ އެކި ފަރުފަރަށް އުރުނު އެތައް ބޯޓެއް ފުންކޮށް ދެއްވުމުގައި ބުރަ އެހާމެ ބަރު މަސައްކަތްތަކެއް ކުރެއްވިއެވެ. ހަނިމާދޫ އެއަރޕޯޓް ހެދުމުގެ މަސައްކަތް ފަށައިގަތުމުގައި ވެސް އިސްކޮށް އުޅުއްވީ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކެވެ. ސިފައިންގެ ކަނޑުމަތީގެ ޚިދުމަތް ކަމުގައިވާ، "ކޯސްޓްގާޑުގެ ޚިދުމަތް" ފެށިގެން އައިއިރު، އެއީ ކޯސްޓްގާޑުގެ އެންމެ މުހިންމު އެއް ތަނބެވެ. އެއީ ރާއްޖޭގެ މޫސުމާއި ކަނޑުފަޅުތަކަށް ފަރިތަ، ކުޅަދާނަ ކެޕްޓަނެވެ. ވެރިންނާއި ކަލާސީނުންގެ އިތުބާރު ލިބިވަޑައިގެން ހުންނެވި މޮޅު މާލިމީއެކެވެ.

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ސިފައިންގެ އެންމެ އާދައިގެ މީހެއްގެ ގޮތުގައި "ސިފައިންގެ މީހެއް"ގެ ރޭންކުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ޢުމުރުފުޅުން 18 އަހަރުގައި، 1957 މާރިޗު 3 ވަނަ ދުވަހުއެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ވިދާޅުވެފައިވާ ގޮތުގައި އޭނާ ސިފައިން ޚިދުމަތާ ގުޅިވަޑައިގެންނެވީ އެއިރުގެ ސިފައިންގެ ސަރުދާރު (މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސް) ކޮމާންޑަރ ދައްޕަރު މޫސާ މަނިކު ސިފައިންގެ ވެންނެވުމަށް އެދިވަޑައިގަތުމުންނެވެ. އޭރު ސިފައިންގޭގައި ތިބި މީހުންގެ އަދަދު 100 އަށް ވެސް ނާރައެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން ޙުސައިން މަނިކާއެކު ސިފައިންގެ ޚިދުމަތަށް އެފަހަރު 21 ބޭކަލުން ވެއްދެވިއެވެ. އެ ބޭކަލުންނާއެކު ސިފައިންގެ އަދަދު 66 އަކަށް އެރިއެވެ. 

އެ ދުވަސްވަރު ސިފައިންގެ ޚިދުމަތަށް ވަންނަ އެދޭ މީހުން ސިފައިންގެއަށް ވެއްދުމުގެ ކުރިން ދަސްކުރަންޖެހޭ "ސިފަ މަސައްކަތް" ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަށް ވެސް ދަސްކުރައްވަން ޖެހިވަޑައިގަތެވެ. ޙުސައިން މަނިކާއެކު އޭރު ސިފައިންގެއަށް ވެއްދި ކުދިންނަށް ސިފަ މަސައްކަތް ދަސްކޮށްދެއްވުމުގައި އިސްކޮށް އުޅުއްވީ ފަހުން ސިފައިންގެ އިސް މަޤާމުތަކެއް ފުރުއްވި ތިން ބޭފުޅުންނެވެ. އެއީ ސިފައިންގެ 1 ނަންބަރު ސަރުދާރު މޮޓަ ޙަސަން މަނިކާއި، ސިފައިންގެ 1 ނަންބަރު ސަރުދާރު ޓިނު ޢަލި ފުޅާއި، ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ނައިބުގޭ ޅަތުއްތުއެވެ.  ސިފަ މަސައްކަތުގެ ގޮތުގައި އޭރު ދަސްކޮށްދެނީ ކަސްރަތާއި، ފެތުމާއި، މުގުދަރު އެނބުރުންފަދަ ކުޅިވަރުތަކެވެ. މި ކަންތައްތަކުން ޙުސައިން މަނިކު ފާސްވުމުން ބަނޑޭރިގެއަށް ގެންދަވައި، އިސްކޮޅު ބެލުމަށް މިންއަޅުއްވައި ސިފައިންގެ ޚިދުމަތަށް ވެއްދެވީ ސީދާ  ކޮމާންޑަރ ދައްޕަރު މޫސާ މަނިކު އަމިއްލަފުޅަށެވެ. 

ސިފައިންގެ ޚިދުމަތާ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ގުޅިވަޑައިގެންނެވުމާއެކު ހިތްވަރު ގަދަކަމާއި، ޖެހިލުން ކުޑަކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމުގެ ސަބަބުން އޭނާއަކީ ފާހަގަކުރެވޭ އަދި ވެރިން އިތުބާރު ކުރައްވާ ބޭފުޅަކަށް ވިއެވެ. ނަތީޖާއަކަށްވީ އައްޑޫ ގަޑުބަޑާ ގުޅިގެން، ފުވައްމުލަކުގައި ޞުލްޙަ ޤާއިމުކުރުމަށް 1959 މާރިޗު މަހު އެލިޒިބަތު ބޯޔާގައި ސިފައިންގެ ވެރިޔާގެ ނާއިބު ދައްޕަރު މޫސާ މަނިކު ވަޑައިގެންނެވި ދަތުރުފުޅުގައި ގެންދެވި ސިފައިންގެ ތެރޭގައި ފިއްލަދޫ ޙުސައިން މަނިކު ހިމެނިވަޑައިގެންނެވުމެވެ. އޭގެފަހުން 1959 ޖުލައި މަހު ވަޒީރުލްއަޢުޒަމް އަދި ސިފައިންގެ ވެރިޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު މޯލްޑިވްސްޓާރުގައި ތިނަދޫއަށް ވަޑައިގެންނެވިއިރު ގެންދެވި ސިފައިންގެ ތެރޭގައި ވެސް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ހިމެނިވަޑައިގަތެވެ. އެ ދަތުރުފުޅުގައި ވަޒީރުލްއަޢުޡަމް ތިނަދޫ ރައްޔިތުން ޞުލްޙަ ކުރައްވައި، އެ ރަށަށް ފައިބައިވަޑައިގަންނަވައި އެ ރަށުގައި ސިފައިން ބައިތިއްބެވުމަށް ނިންމެވިއެވެ. އެ ނިންމެވުމާގުޅިގެން ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަށް އެ ރަށުގައި ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގެންނެވިއެވެ. 

އެ ޑިއުޓީން އެނބުރި ވަޑައިގެންނެވިތަނުން ޖެހުނު މައްސަލައެއްގައި ހައްދުންމަތީ މާވަށަށް ފޮނުވާލެއްވިއެވެ. އެރަށުގައި 2 އަހަރާއި 4 މަސް ދުވަހު ބެހެއްޓެވުމަށްފަހު ގެންނަވައި، 10 އަހަރަށް ޙުކުމްކޮށް ބ. ގޮއިދޫއަށް އަރުވާލެއްވިއެވެ. ނަމަވެސް މަހެއް ވެސް ނުވަނީސް މާލެ ގެންނަވައި އަނެއްކާ ވެސް ސިފައިންގެ ވަޒީފާ ދެއްވިއެވެ. ހިނގާދިޔަ މި ކަންތައްތަކާ ގުޅިގެން ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވި ރޫޙާއި ޖޯޝަކަށް އެއްވެސް ބަދަލެއް ނުގެންނަވައެވެ. 

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަށް ދެވަނަ ފަހަރަށް ސިފައިން ވަޒީފާ ދެއްވީ 1963 ޖޫން 25 ވަނަ ދުވަހުއެވެ. އެ ދުވަސްވަރަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ބޭރުގެ މަސްބޯޓު ފަހަރު ވަދެ މަސްވެރިކަންކުރުމުގެ މައްސަލަ ބޮޑުވެފައިއޮތް ދުވަސްވަރެކެވެ. ބޭރުގެ މަސްބޯޓު ފަހަރުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރުން ހުއްޓުވުމުގެ އިތުރުން އެ ދުވަސްވަރު ރާއްޖޭގެ ފަރުތަކަށް އުރެމުންދިޔަ ބޭރުގެ ބޯޓު ފަހަރު ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން ޢަމަލީ ގޮތުން ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ދުވަސްވަރެކެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ މަސައްކަތަކީ ފާދިއްޕޮޅު ދިއްފުށިމާދޫ ފަރަށް އުރުނު ސިޓީ އޮފް ވިކްޓޯރިއާ (ފަހުން އެމްވީ ދިއްފުށިމާދޫ) ފުންކުރުމަށް މަހަށްވުރެ ގިނަ ދުވަހު ފަރުމަތީގައި ތިބެގެން ކުރަންޖެހުނު ބުރަ މަސައްކަތާއި، އިންޑިއާގެ ސުހެލީ ފަރަށް އުރުނު ދިވެހި އާގު ބޯޓެއް ފުންކުރުމަށް އެ ޤައުމަށް ގޮސްގެން ކުރި ކާމިޔާބު މަސައްކަތެވެ.  ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ކަނޑުމަތީގެ ޚިދުމަތުގެތެރޭގައި 08 ބޯޓެއް ފުންކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާފައިވެއެވެ.

ސިފައިން ބޯޓު ފުންކުރުމަށް ކުރި މަސައްކަތްތަކުގައި ބައެއް ބޯޓުތައް ފުންކުރުމުގައި ސިފައިންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ސީދާ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި އެމްވީ އިސްދޫމުއްޔާއި، ށ. ގޮއިދޫ ފަރަށް އުރުނު ލަކުޑި ބޯޓާއި، އެމްވީ ނާގޯށްޓާއި، އެމްވީ ފަރެސް އާއި، ހދ. އަތޮޅުގެ ފަޅުރަށެއްކަމުގައިވާ މާފަރު ފަރަށް އުރުނު ހަތިޔާރު ބޯޓު ފުންކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެވެއެވެ. މި ހަތިޔާރު ބޯޓު ފަރަށް އެރި ޚަބަރު ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަށް ލިބިވަޑައިގެންނެވީ ހަނިމާދޫ އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި އެރަށުގައި ހުންނަވަނިކޮށެވެ. ވަގުތުން އެ ބޯޓު ދޮށަށް ވަޑައިގެން، އެ ބޯޓުގައި ހަތިޔާރާއި ގޮވާތަކެތި ހުރުމުގެ ސަބަބުން އާންމުންގެ މީހުން އެ ބޯޓު ދޮށުން ފޮނުވާލައްވައި، މާލެއިން ސިފައިން އަންނަންދެން އެ ބޯޓުގައި ޑިއުޓީގައި ހުންނެވިއެވެ. ފަރުމަތީގައި އޮތް އެ ބޯޓުގައި ތިން ރޭ ގިނިކަންޏާ ހުންނެވިއިރު ފަރިއްކުޅުއްވީ އެ ބޯޓުގެ ތެރެއިން ފެނުނު ރޯ އަލުވި ފަދަ ތަކެއްޗެވެ. މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވިޔަސް ކާނެ އެއްޗެއް ނުލައިވެސް ވަޑައިގެން މާލެއިން ސިފައިން އަންނަންދެން އެ ބޯޓުގައި ހުންނެވުމަށް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ނިންމެވީ އެއީ ޤައުމީ ވާޖިބެއްކަމުގައި ދެކެވަޑައިގެން އަމިއްލަފުޅަށެވެ.  

ސިފައިންގޭގައި ކޯސްޓްގާޑުގެ ޚިދުމަތް ފެށި، ސްޕީޑް ލޯންޗުތައް ބޭނުންކުރަން ފެށުމުގެ ކުރިން، ސިފައިންގެ ކަންކަމުގައި ބޭނުންކުރީ ސިފައިންގެ އެކުވެރިން ކުންފުނީގެ ކުދިކުދި ލަކުޑި މަސްބޯޓު ތަކެވެ. މި ބޯޓު ތަކުގައި ސިފައިން މަސްވެރިކަން ކުރިއެވެ. އައްޑު އާއި މާލެއާ ދެމެދުގައި ވިޔަފާރީގެ ދަތުރުތައް ކުރިއެވެ. އަދި ބޯޓުތަކުގައި ބަޑި ބަހައްޓައިގެން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ޕެޓްރޯލް ވެސް ކުރިއެވެ. ޕެޓްރޯލް ކުރުމުގައި މި ބޯޓުތަކުގެ އިތުރުން ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ލޯންޗު ފަހަރު ވެސް ބޭނުންކުރިއެވެ. އެ ދުވަސްވަރު ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 

ކެޕްޓަން ރިޓަޔަރޑް ފިއްލަދޫ ޙުސައިން މަނިކު ވިދާޅުވެފައިވާ ގޮތުގައި އޭނާއަކީ ކަނޑު ދަތުރުކުރާއިރު ނިދިކުރައްވާ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކާއި ފަރުތަކާއި ގިރިތައް ދަސްކުރެއްވީ އެގޮތަށް ކުރެއްވި ދަތުރުތަކުގެތެރޭގައެވެ. ރާއްޖޭގެ ކަނޑުތަކުގައި އަޅާ އޮޔާއި ޖެހޭ ވަޔާއި ކުރާ ވިއްސާރައާއި ރާއްޖޭގެ މޫސުން ދަސްކުރެއްވީ  ދަންނަ މީހުންގެ ކައިރިން އޮޅުން ފިލުއްވައިގެންނާއި އަމިއްލަ ތަޖުރިބާގެ އަލީގައެވެ. އުޑުމަތީގައި ހުންނަ ވިލާތަކަށް އަންނަ ބަދަލުތަކާއި، ވިލާގެ ވައްތަރުތަކާއި، ވަޔާއި އޮޔާ ގުޅުވައިގެން މޫސުން ކުރިއަށް ލަފާކުރައްވަން ދަސްކުރެއްވިއެވެ. އަދި އެކަންތައްތައް އެހެން މީހުންނަށް ކިޔައިދެއްވުމަކީ އުފަލެއް ކަމުގައި ހެއްދެވިއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ދަށުން އެތައްއެތައް ބަޔަކު ރާއްޖޭގެ ކަނޑުފަޅުތަކަށް ފަރިތަވެ، ރަނގަޅު މޮޅު މާލިމީންނާއި ކަލާސީންގެ ގޮތުގައި ތަމްރީނުވެގެންދިއުމެވެ. 

ކޯސްޓްގާޑުގެ ޚިދުމަތް ސިފައިންގެ ތެރޭގައި ރަސްމީ ގޮތުން ފެށުމާ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކާ ގުޅުމެއްވެއެވެ. 1979 ވަނަ އަހަރުގެ ޖޫންމަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ގެންދެވި ސެކިއުރިޓީ ލޯންޗް (ސިލްވަރ ބީމް) ގެ ކެޕްޓަނަށް ވަޑައިގަތީ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކެވެ. އެ ދަތުރުފުޅުގައި އުޅުއްވަނިކޮށް ބޭރުގެ މަސްބޯޓެއް ހިތަދޫ ކަނޑުތެރޭގައި، ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދާކަން މަސްވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސީދާ އެންގެވުމަށް ސިލްވަރ ބީމުގައި އެ ބޯޓު އަތުލައިގަނެވޭތޯ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ވަޑައިގެންނެވިއެވެ. ނަމަވެސް އެ ލޯންޗަށްވުރެ އެ މަސް ބޯޓަކީ މާ ބާރަށް ދުވާ ބޯޓަކަށް ވާތީ އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެކަން ހިނގިގޮތް ވަރަށް ރަނގަޅަށް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ރައީސަށް ދެންނެވިއެވެ. އެ ވާހަކަތައް އަޑު އައްސަވައި، ސިފައިންނަށް ހައިސްޕީޑް ލޯންޗް ހޯއްދަވައިދެއްވައި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަގުތުން ނިންމެވިއެވެ. 

ދިވެހި ސިފައިންގެ ތެރޭގައި ކޯސްޓްގާޑުގެ ޚިދުމަތް، ރަސްމީ ގޮތުން ފެށުނީ 6.95 މީޓަރުގެ އައުޓްބޯޑު އިންޖީނުއެޅި ތިން ލޯންޗާއެކު  1980 ވަނަ އަހަރު އެވެ. ސިފައިންގެ ލޯންޗް ސެކްޝަންގެ ނަމުގައި ކޯސްޓްގާޑުގެ ޚިދުމަތް ފެށުނުއިރު ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އޭރު ހުންނެވި އެންމެ މޮޅު އަދި އެންމެ އިތުބާރުކުރެވޭ ކެޕްޓަނެވެ. ފުރަތަމަ ގެނެވުނު ލޯންޗް ތަކަށްވުރެ ބޮޑު ލޯންޗެއް 1981 ވަނަ އަހަރު ގެންނެވިއެވެ. އެއީ "ކޯސްޓްގާޑް 7" (ފަހުން ކޯސްޓްގާޑް 115 ބުރެވި) ލޯންޗެވެ. އެ ލޯންޗުގެ ކެޕްޓަނެއްގެ ގޮތުގައި ފުރަތަމަ ހަމަޖައްސެވީ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކެވެ. އެ ލޯންޗުގައި ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ކެޕްޓަންކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެގެން އުޅެނިކޮށް ޖުމްލަ 06 ބޯޓެއް އަތުލައި ގެންފައިވެއެވެ. އަދި އެ ދުވަސްވަރު ރާއްޖެގެ އެކި ކަންކޮޅުތަކުގައި ކޯސްޓްގާޑުގެ ސިފައިން ޤާއިމުކުރި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމުގައި ވެސް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ޢަމަލީ ގޮތުން މަސައްކަތް ކުރެއްވިއެވެ. 

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ އިޚްލާޞްތެރިކަމާއި ވަފާތެރިކަން ފާހަގަކުރެވޭ އެއް ކަމަކީ ސިފައިންގެ ޚިދުމަތަށް ޝަރަފުގެ ނިޝާން ތަޢާރަފުކުރައްވައި، 1985 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ފުރަތަމަ ކުލަ ދެއްވި 8 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމެވެ.  އެ ފަހަރު ކެޕްޓަން ޙުސައިން މަނިކަށް ލިބިވަޑައިގެންނެވި ކުލައަކީ "ކަނޑުމަތީ ޚިދުމަތުގެ ކުލަ" އެވެ. މީގެއިތުރުން ސިފައިންގެ ޚިދުމަތުގެ ކުލައާއި ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، ސައްތައިގެ މެޑެލި ވެސް ލިބިވަޑައިގެންނެވިއެވެ. 

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ވިދާޅުވެފައިވާގޮތުގައި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވުމަށް އެތައްފަހަރެއްގެ މަތިން އަމިއްލަފުޅަށް ހުށަހެޅުއްވިއެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް، ސިފައިންގެ ޚިދުމަތަށް މުހިންމުކަން ބޮޑުކަމުން  މަޑުކުރައްވަން އަންގަވަނީއެވެ. މިގޮތަށް އެތައް ފަހަރަކު މަޑުކުރެއްވުމަށްފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައި ގެންނެވީ 1994 ވަނަ އަހަރުގެ މޭމަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ވެސް ހުންނެވީ ކޯސްޓްގާޑް 115 ބުރެވި ލޯންޗުގެ ކެޕްޓަންގެ ގޮތުގައެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވި ނަމަވެސް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ ސިފައިންނާ އަދި ޚާއްޞަކޮށް ސިފައިންގެ އިސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ޞިއްޙީ ހާލުކޮޅު ރަނގަޅަށް ހުންނެވި ދުވަސްވަރު ކޯސްޓްގާޑުގެ ދައުވަތަށް، ކޯސްޓްގާޑުގެ ލޯންޗު ފަހަރަށް ޒިޔާރަތްކުރައްވައި، ސެއިލަރުންނާ ބައްދަލުކޮށް ހެއްދެވުމަކީ ވަރަށް ބޮޑު އުފަލެއްކަމުގައި ހެއްދެވިއެވެ. 

ހެންވޭރު ހުސްފަރު، ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވީފަހުން އުމުރުފުޅުން 79 އަހަރުގައެވެ. ބޭސް ފަރުވާއަށް އިންޑިއާއަށް ވަޑައިގެން، ކޮޗިންގައި ފަރުވާ ހޯއްދަވަމުން ވަޑައިގަންނަވަނިކޮށް ސިފައިންގެއަށް އެތައް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު އަވަހަރާވީ 2019 އެޕްރީލް 4 ވަނަ ދުވަހު ހަވީރު 17:10 ހާއިރުއެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ އިޚްލާޞްތެރި ޤައުމީ ޚިދުމަތަށް މާތްﷲ ހެޔޮ ދަރުމަ ދެއްވައި، އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ.

No comments: