Tuesday, January 1, 2019

ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން

 


ޢަބްދުﷲ ސަޢީދު

 

މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން "ފިތުރަތުގެ" ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީމުގެ ކަންފުޅެއް ވެސް ނެތީއެވެ.

 

އެކިއެކި ދުވަސްވަރު އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންނާއި ރަށުގައި ތަޢުލީމަށްޓަކައި މަސައްކަތްކުރެއްވި އެކިއެކި ބޭފުޅުންގެ ޤުރުބާނީގެ ނިޝާންތަކެއް އޭރަކު ނެތެވެ.

 

މިހާލަތަށް ވެއްޓުމުގެ ކުރިން މަނަދޫގައި އަތޮޅުގެ އެކި ރަށްރަށުން ދަރިވަރިން ގެނެސްގެން ކިޔަވައިދިން އަތޮޅު މަދަރުސާއެއް ހުއްޓެވެ. އެއީ މަދަރުސަތުލް ނަހުޟާ އެވެ. ނައިބުގޭ ތުއްތުމަނިކުގެ އަތޮޅުވެރިކަމުގައި ހިންގި އެ މަދަރުސާ ކިޔެވުން ހުއްޓުމަކަށް އައީ އޭގެ ފަހުން އަތޮޅުވެރިކަމުގައި ވަޑައިގެންނެވި ކުނޑިގޭ މުޙައްމަދު ޢަބްދުއްލަޠީފުގެ އަތޮޅުވެރިކަމުގައެވެ. އެއީ ވަރަށް ބޮޑު މައްސަލަގަނޑެއް ހިނގައިދިޔަ ދުވަސްވަރެކެވެ. މަނަދޫގައި ހުރި ނ. އަތޮޅު އޮފީސް ހޮޅުދޫއަށް ބަދަލުކުރައްވައިގެން އެ ރަށުގައި ހުންނަވަނިކޮށް އަތޮޅުވެރިން ވަނީ އަވަހާރަވެފައެވެ.

 

އޭގެފަހުން ރައްޔިތުން ނުހަނު ބޮޑު ޤުރުބާނީއެއް ވެގެން ދިއްލި "މަކުތަބުލް ޖަލާއު" އާއި "މަދުރަސަތުލް އުލޫމް" ވެސް ހުޅު ވެސް ނިވުނީއެވެ. މަނަދޫގައި ނިޒާމީ ތަޢުލީމު ދެވޭނެ ފަދައެއް ނެތުނީއެވެ

 

ރައީސް މައުމޫން 1978 ވަނައަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވުމަފަހު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖޭގެ އުތުރަށް ވަޑައިގަންނަވަން ހަމަޖެއްސެވިއެވެ. އެއީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައި ދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރޭކުރައްވާ ރަށަކަށް މަނަދޫ ހަމަޖައްސަވައި އެކަން އަތޮޅުވެރިންނަށް އެންގެވިއެވެ. އޭރު ނ. އަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވީ ޔޫސުފް އާދަމެވެ. އެއީ ކަންތައްތަކާ ވަރަށް ދުރަށް ވިސްނައިވަޑައިގަންވާ ބޭފުޅެކެވެ. ރައްޔިތުންނާގުޅޭ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ ހިކުމަތްތެރި ސިކުނޑިއެއްގެ ވެރިއެކެވެ. ރައީސް މައުމޫނުގެ އެ ދަތުރުފުޅާ ގުޅިގެން ކުއްލި ގޮތަކަށް ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ މީހުންނާއި ކެޔޮޅުން ވެސް ހިމެނޭގޮތުން އަތޮޅުވެރިން ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫނުގެ ދަތުރުފުޅުގެ ޚަބަރު ދެއްވިއެވެ. އަދި ރަށުގައި ކުރިން އަތޮޅު މަދަރުސާ ހިންގި ގޯތިތެރޭގައި ދަނޑިފަނުން ސްކޫލެއް އެޅުމުގެ ޚިޔާލު ފާޅުކުރެއްވިއެވެ. ކިލާސް ރޫމެއް ވަރަށް ހެދުނަސް އިސްކޫލެއްގެ ގޮތުގައި ހުޅުވައި ދެއްވުމަށް ރައީސަށް ދަންނަވާނެ ކަމުގައި ވިދާޅުވިއެވެ. މިއީ ފަސޭހަފަސޭހަކޮށް ނުލިބޭނެ ފުރުސަތެއްކަން ހަނދާންކޮށް ދެއްވިއެވެ. އަތޮޅުވެރިންގެ މި އިސްނެންގެވުމަށް ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަތީ ހީވެސް ނުކުރައްވާ ވަރުގެ ބޮޑު ތަރުހީބެކެވެ. ވެރިންގެ ގޮތުގައި ތިއްބެވީ މަނަދޫ ކަރަންކާވިލާ ހާރޫނު މޫސާ (ހާރޫނުބެ) އާއި ގުލްބަކާގޭ އާދަމް މަނިކު (އާދަމް މަނިކުބެ) އެވެ.

 

މަނަދޫއަކީ މައި ވަލެއް އޮންނަ ރަށަކަށްވާތީ މުޑިއަށްޖަހާނެ ކަށިކޭލާއި ދަނޑި ހޯދުންވީ ވަރަށް ފަސޭހަ ކަމަކަށެވެ. ރޯނާއި ފަން ހަދިޔާ ކުރުން އާންމުކޮށް ހުޅުވާލީއެވެ. އެންމެ އާދައިގެ މީހުން ވެސް އެ މީހެއްގެ އަތުގައި އޮތްވަރަކުން ހަދިޔާކުރިއެވެ. އެންމެ ބޮޑު ހޭދައެއް ކުރެއްވީ އޭރު ރަށުގައި ތިއްބެވި އެންމެ ތަނަވަސް ދެ ބޭފުޅުން ކަމަށްވާ ޤާސިމް ހާރޫނު (ކާސިން ހާޖީ) އާއި އިބްރާހީމް ހާރޫނު (ހާޖީގޭ އިބުރަބޭ) އެވެ. ވިނދެފައިހުރި ފަނާއި ރޯނާ އެންމެ ގިނައިން ދެއްވީ ވެސް އެ ދެބެންނެވެ. މަނަދޫގައި ދެމެހެއްޓެމިވި ގޮތެއްގައި ތަޢުލީމު ދެވޭނެ ގޮތްތަކެއް ފަހިކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވައި އެންމެ ބޮޑު ޤުރުބާނީއެއް އެކި ދުވަސްވަރު މަތިން ވެވަޑައިގެންނެވީ ވެސް މި ދެބޭފުޅުންނެވެ. މަކުތަބުލް ޖަލާއުގެ ދުވަސްވަރު ރައްޔިތުން ހިންގި ތަޢުލީމީ ފަންޑަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދެއްވީ ވެސް މި ދެ ބޭފުޅުންނެވެ.

 

ރައްޔިތުންގެ ބުރަ މިންނަތް މަސައްކަތުން ބޭނުންވާ ތަކެތި ހޯދައި އެންމެ ދުވަހަކުން މަދަރުސާގެ ބޮޑެތި ހުރިހާ މަސައްކަތެއް ވަރަށް ފޯރީގައިކޮށް ނިންމާލިއެވެ. ރައްޔިތުން ތަޢުލީމަށް ފެންބޮވައިގެންފައިވާ މިންވަރު މިކަމުން ފެނިގެން ދިޔައެވެ. މަހަށްދާ ދޯނިތައް ފަޅުގައި އޮތީ އަޅާފައެވެ. ކާންބޯން ކުރާ ހުރިހާ މަސައްކަތަކަށްވުރެ މަދަރުސާއެއް މާ މުހިންމުވީއެވެ. އޮޑިދޯނިފަހަރުގެ ބައެއް ކެޔޮޅުން މިކަމަށް ގެޅި ފޫ މޮހާލީ މަސައްކަތް އެއްކޮށް ނިންމާލައިފައެވެ.

 

ރައީސް މައުމޫނު މަނަދޫއަށް ވަޑައިގަތުމުން އަތޮޅުވެރިން އެ މަނިކުފާނާއި މަނަދޫ ރައްޔިތުންގެ އާދޭސް ރައީސް މައުމޫނަށް ދެންނެވިއެވެ. މިކަންވީ ރައީސް މައުމޫނު ވަރަށް ގައިކޮޅާވި ކަމަކަށެވެ. ޚާއްޞަކޮށް މަނަދޫގެ ރައްޔިތުން ތަޢުލީމީ ހިޔާވައްސަކަށް އެދި ކުރި ބުރަ މަސައްކަތަށް އެ މަނިކުފާނުގެ ތަޢުރީފު އޮހިގެން ދިޔައެވެ. ރައްޔިތުންގެ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަމާއި ރޫޙާއި ޖޯޝަކީ ނަމޫނާއެއް ކަމުގައި ވިދާޅުވިއެވެ. ދަތުރުފުޅުގެ އެޖެންޑާ ވަގުތުން ބަދަލުކުރައްވައި އަނެއް ދުވަހު ހެނދުނު ހދ. އަތޮޅަށް ފުރުއްވަން ނިންމެވީ މަނަދޫގައި އެ ސްކޫލު ހުޅުވައި ދެއްވުމަށް ފަހުގައެވެ.

 

ދުވަހަކީ މީލާދީން 1979 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހެވެ. ވަގުތަކީ ހެނދުނު 08:00 އެވެ. މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މަނަދޫ ރައްޔިތުންގެ "ފަން މަދަރުސާ" މަދަރުސާ "މަނަދޫ ޕްރައިމަރީ ސްކޫލު" ގެ ނަމުގައި ރައީސް މައުމޫނު ހުޅުވައި ދެއްވައިފިއެވެ. ކިޔެވުން ފެށިއްޖެއެވެ. ކިޔަވައި ދެއްވަން ފުރަތަމަ އުޅުއްވި މުދައްރިސުން އެ ކަން ކޮށްދެއްވީ އެއްވެސް އުޖޫރައެއްނެތި ހިލޭ ސާބަހަށެވެ. ފުރަތަމަ ކިޔަވައިދިނީ ގޭގެއިން ދަރިވަރުން އިށީންނާނެ ގޮޑި ގެންގޮސްގެންނެވެ. ފަހުން ރުކުފަތިން ދިގުގޮޑިތަކެއް ޖަހައިގެންނެވެ. ނާޒިރަކަށް ހަމަޖެއްސެވީ މަނަދޫ ކަތީބު ހާރޫނު މޫސާއެވެ. ހާރޫނުބެއަކީ ރައީސް މުޙައްމަދު އަމީނުގެ ދުވަސްވަރު މާލެއިން ދާރުލްއިޤާމާއިން ތަޢުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. ދީނަށް ލޯބިކުރައްވައި، އަޚުލާޤާއި ސުލޫކުން ނަމޫނާ ދެއްކެވި ރަށާއި ރައްޔިތުންދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވި ވެރިއެކެވެ.

 

ރައްޔިތުންގެ ޢަޒުމް ވަރުގަދައެވެ. ޢިލްމުގެ ކަނޑަށް ނިކުތުމަށް ފެށި ދަތުރު ފަން މަދަރުސާއާ ހަމައިން ނިންމައެއް ނުލިއެވެ. ރައްޔިތުން ފަންވަތްފަންވަތަށް ބަހާލެވިގެން ރަށުގައި އުވަދަވަން ފެށިއެވެ. ބޭރުމަތިން ގާނަގައި ގާތަޅާ ފުނި ޖަހަންފެށިއެވެ. ފިރިހެންވެރިން މަސައްކަތްކުރާއިރު އަންހެންވެރިން އަތް އުރާލައިގެން ކުޅިބަލަން ތިބިއްޔެއް ނޫން އިނގޭތޯއެވެ. ހިތްވަރުދީ ބައިވެރިވުމުގެ ގޮތުން ޖޫހާއި ފަނި ދީ އުޅުނެވެ. އަންގާލި ކޮންމެ ކަމެއްގައި އަތްބާރު އަޅައިދީ އުޅުނެވެ. ޚާއްޞަކޮށް ރާނަން ބޭނުންވާ ވެލި ޖަމާކޮށް ދިނުމުގައެވެ.

 

ކުރިން އަތޮޅު މަދަރުސާ ހިންގި އިމާރާތުގެ ހުރީ ފާރުގަނޑެވެ. ފަނުން ލާފައި އޮތް ފުރާޅެއްނެތެވެ. ރައްޔިތުންގެ ބުރަ މަސައްކަތުން އެ ޢިމާރާތް މަރާމާތުކޮށް ރާނަން ޖެހުނު ބައެއް ބައިތައް ރާނައި އުވަޖަހައި ސަރުކާރުން ޓިނު ދެއްވީމާ ހިޔާކޮށް ނިންމީއެވެ. މަތިވަޑާންގަނޑަށް ބޭނުންވާ ރުއްކެޑީ މާފަރުންނެވެ. އެ ރަށަށް ރައްޔިތުންގެ ތެރެއިން ބަޔަކު ގޮސްގެންނެވެ. ކުރިން ބޭނުންކުރި ކަށިކެޔޮ ފަތީގެ ދިގު ގޮޑީގެ ބަދަލުގައި ބަނބުކެޔޮ ފިލާއިން ތިންކުދިންނަށް އިށީންދެވޭ ވަރުގެ ލެނގެވޭ ގޮތަށް ހުންނަ ދިގު ގޮޑި އާއި ދިގު ހަނި ދިގު މޭޒު މޭޒު ޖެހިއެވެ.

 

އިދާރީ މަސައްކަތްކުރާނެ ވަރަށް ކުޑަ ކޮޓަރިއެއް ފެންޑާގެ ހުޅަނގު ކޮޅުގައި ހެދިއެވެ. އެ އިސްކޫލު ނ.އަތޮޅު މަދަރުސާގެ ނަމުގައި ރައީސް މައުމޫނު ހުޅުވައިދެއްވީ 1981 ވަނަ އަހަރުއެވެ.

 

ރައީސް މައުމޫނުގެ އެ ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކަށް މަނަދޫގެ ރައްޔިތުން މިހާތަނަށް ދެންނެވި އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މަރުޙަބާއެވެ. އެއީ މަރުޙަބާ ދެންނެވުމުގެ ބޮޑު އީދެކެވެ.

 

ރީތި ގިޑިގެތަކެވެ. ހުރިހާ ގެއެއްގެ މަގުމަތީ ފާރުތަކުގައި ހުދު އުވަލިއެވެ. ގޮނޑުދޮށާއެކު މުޅިރަށް ކުނިކަހާ ސާފުކުރިއެވެ. މުޅިރަށުގައި ދިދަފަތި ދެމިއެވެ. ޖަސްތު ކަފައިގެން ދަޅަ އަޅާގޮތަށް ވެސް ދިދަފަތި ދެމިއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ހުރިހާ ރައްޔިތުން، ކުދިބޮޑު އެންމެން ގޮޑުދޮށަށް ނުކުތެވެ. ރަސްމީ ލޯންޗުކޮޅުގައި ރަށް ބޭރަށް ވަޑައިގަތުމުން ފުރަތަމަ މަރުޙަބާ ދެންނެވީ ކުރުފަލީގެ ސަގާފީ އައިޓަމަކުންނެވެ. ރައީސް މައުމޫނު މަނަދޫއަށް ފައިބައިވަޑައި ގެންނެވުމުން އަދަބުވެރިކަމާއެކު ރައްޔިތުން އަރުވަމުންދިޔަ އަތްތިލަބަނޑީގެ ހޫނު ތަރުހީބު އަތޮޅު އޮފީހަށް ވަދެވަޑައި ގަންނަވަންދެން ކުރިއަށް ގެންދިޔައެވެ.

 

ރަސްމީ ޖަލްސާ ފެށިއްޖެއެވެ. ހުޅަނގު އަވަށު ފިރިހެނުންގެ ދަނޑިޖެހުމާއި އިރުމަތީ އަވަށު އަންހެނުންގެ ބަނޑިޔާ ޖެހުން އޮތެވެ. ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވާލައިގެން ސަރުކާރުގެ އެހީވެސް ލިބިގެން ރާނާ އުވަޖަހާ މަތިން ސިމެންތި ޓިނުޖަހައިގެން ބިނާކުރި އެ ރީތި މަދަރުސާ ރައީސް މައުމޫނު ހުޅުވައިދެއްވީ ނ. އަތޮޅު މަދަރުސާގެ ނަމުގައެވެ. އެ ޚާއްޞަ ޖަލްސާގައި ރައީސް މައުމޫނުގެ ތަޢުރީފާއި ޝުކުރުގެ ޝުޢޫރުތައް މަނަދޫގެ ރައްޔިތުންނަށް ބަންޑުންކޮށްލެއްވިއެވެ. މަނަދޫ ރައްޔިތުންގެ ގުރުބާނީގެ އަގު ވަޒަންކުރެއްވިއެވެ. އެވަރުން ނިންމަވާލެއްވިއްޔެއް ނޫން އިނގޭތޯއެވެ. އެމަނިކުފާނު އެ އިސްކޫލަށް ހަދިޔާއެއްގެ ގޮތުގައި އެއްހާސް ރުފިޔާ ވެސް ހަދިޔާ ކުރެއްވިއެވެ. އެއީ މިހާރުގެ އެއްލައްކަ ރުފިޔާހާ އަގުބޮޑު ހަދިޔާއެކެވެ. ސުކޫލުގެ ނާޒިރު އަދި މަނަދޫގެ ކަތީބު ހާރޫނު މޫސާއަށް ދިމާވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން އެ މުހިންމު ޖަލްސާގައި އެ ފައިސާގެ އެހީއާ ހަވާލެވަޑައިގަތީ ކުޑަކަތީބު އާދަމް މަނިކުބެއެވެ. ނިންޖެއް އަރާމެއްނެތި ރެއާއި ދުވާލު އެ ހުރިހާ ކަމެއް ބައްލަވައި މަސައްކަތްތަކުގައި އުޅުއްވަން ޖެހިވަޑައިގަތުމުންކަން ނޭނގެއެވެ. އެނބުރުން އެރުމުގެ އާލާސްފުޅެއް ކުއްލިއަކަށް ހާރޫނުބެއަށް ދިމާވީއެވެ. އެ ދުވަހުގެ އެންމެ މުހިންމު ފޮޓޯތަކުން އެ އަގުހުރި ޚިދުމަތްތެރިޔާ ފެންނަންނެތް ކަމުގައި ވިޔަސް ނ. އަތޮޅު މަދަރުސާގައި އެއްވެސް މީހެއްގެ ފޮޓޯއެއް ބަހައްޓަންޏާ އެންމެ ފުރަތަމަ ބަހައްޓަން ޖެހޭނީ އެ އިޚްލާޞްތެރި ޚިދުމަތްތެރިޔާގެ ފޮޓޯ ފުޅެކެވެ. އެއީ މަނަދޫ ރައްޔިތުން ތަޢުލީމަށްޓަކައި އެތައް ޒަމާނަކުންސުރެ ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެވެ. ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން ކަމުގައިވާ ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ނާޒިރެވެ.

 

ފޮޓޯ: މަނަދޫ ޕްރައިމަރީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ އަތޮޅުވެރިން ޔޫސުފް އާދަމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ ކުރެޑިޓް ޙައްޤުވެރި ފަރާތަށް.

No comments: