Tuesday, October 1, 2019

ދޮންބަންޑާރައިން ފޮނުއްވައިގެން ބަޑިބޭހާއި އުންޑަ ބަލައި ކޮޅުނބަށް ދިޔަ މަނަދޫ އިބްރާހީމް

ދޮންބަންޑާރައިންގެ ފަގުޑީކޮޅާއި ކަނޑިއައްޑަނަކޮޅު

ލިޔުނީ: ޢަބްދުﷲ ސަޢީދު

އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަކީ އެ ބޭފުޅަކަށްޓަކައި ދިވެހިން ފަޚުރުވެރިވާ ޤައުމީ ބަޠަލެކެވެ. އެއީ ހޮޅިން ނުވަތަ މަލަބާރީންގެ އަތްދަށުން 3 ޖުމާދަލްއާޚިރާ 1166 (7 އެޕްރީލް 1753) ގައި ދިވެހިރާއްޖެ މިނިވަންކޮށް ދެއްވި ޤައުމީ ބަޠަލެވެ. އެއީ ރައްޔިތުން ރަސްކަމަށް އިސްވުމަށް އެދި އާދޭސް ކުރުމުން ވެސް އެކަމަށް ފުރަގަސް ދެއްވި ލީޑަރެކެވެ. ހޮޅިން ރާއްޖެ ހިފައި، ރަސްކަމުގައި އޭރު އިންނެވި އައްސުލްޠާން މުރައްކަމް މުޙައްމަދު ޢިމާދުއްދީނާއި ވަލީ އަހުދު މުޙައްމަދު މަނިކުފާނު (ފަހުން ޣިޔާޘުއްދީން ރަދުން) ގެންދިއުމުން އެ ބޭފުޅުންގެ ޚަބަރެއް ވޭތޯ ބެއްލެވި ދުވަސްވަރު ކޮޅުނބުގައި އޭރު ހުންނެވި ގަވަރުނަރަށް ދޮންބަންޑާރައިން ފަތްކޮޅަކާއެކު ވެދުންކޮޅެއް ފޮނުއްވިއެވެ. މި ފަތްކޮޅަކީ ދިވެހިރާއްޖެ މަލާބާރީން ހިފިކަމާއި، އަދި އެ ބައި މީހުން ބަލި ކުރައްވައި މިނިވަން ކުރެއްވިކަމުގެ ވާހަކަފުޅުތައް ލިޔުއްވާފައިވާ ފަތްކޮޅެކެވެ. މި ފަތްކޮޅު ފޮނުއްވީ ކޮޅުނބުން ބަޑިބޭހާއި އުންޑާ ހޯއްދެވުމެވެ. 

މަލާބާރީން ގެންދިޔަ ރަދުންގެ ސިއްކަފުޅު ޖައްސަވައި ދޮންބަންޑާރައިން ލިޔުއްވި އެ މުހިންމު ފަތްކޮޅު ހިފައިގެން ކޮޅުނބަށް ދަތުރުކުރި ނެއްވަކީ މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު) މަނަދޫ މީހެއް ކަމުގައިވާ "މަނަދޫ އުބުރައިން އަޅާ" ނުވަތަ މަނަދޫ އިބްރާހީމް އެވެ. ތާރީޚީ މި ފަތްކޮޅުގައި ވާގޮތުން ފަތްކޮޅު ލިޔުއްވާފައިވަނީ މީލާދީން 1753 ވަނަ އަހަރެވެ. 



ދޮންބަންޑާރައިންގެ ފަތްކޮޅުގައި ހޮޅިން ރާއްޖެ ހިފިގޮތާއި، ހޮޅިންގެ އަތުން ރާއްޖެ މިނިވަން ކުރެއްވި ގޮތް ބަޔާންކުރެއްވުމަށްފަހު ލިޔުއްވާފައިވެއެވެ. "މާތް ކަލާނގެ ރުއްސެވުމާއި ލައިގެން، މަނިކުފާނުގެ ވާގީގައި (އަދި މަނިކުފާނުގެ ވާގި ވެސް ލިބިގެން) ދެނެއް ކޮންމެ މާތްތެރިޔަކު އަޔަސް (ކިތަންމެ ވަރުގަދަ ބާރަކުން އަޔަސް) މި މީހުންކުރެ އެކަކު ވިޔަސް ދުނިޔޭތިބެ (އަޅުގަނޑުމެންގެ އެކަކު ދުނިޔޭގައި ހުއްޓައި ވެސް) ރަށަށް އެރިޔަކަ ނުދޭނެމާވެ ހިތައި އިބަ ތިބީމު. (މި ތިބީ ރަށް އެރިޔަކަ ނުދޭނަމޭ ހިތައިގެންނެވެ.) މިރު އެއުރެއްކުރެ (މިހާރު އެބައި މީހުންގެ) ބަޔަކު މީހުން އައިސް މާލެޔާ ދުރު ރަށްރަށު ރައްޔިތަކު (ރައްޔިތުންގެ) މީހުނަށް އަނިޔާކުރާ ވާހަކަޔަށް ލަޝްކަރީނާއި ސިލޭހަޔާއި ފޮނުވައިގެން އިބަ ތިބީމު. (މިތިބީ ފޮނުވައިގެންނެވެ.) މަނިކުފާނުމެންނާއި އަރަނުހޯދޭ (އެކަށީގެންނުވާ) ސަހަލު (އާދައިގެ) ވެދުން ކޮޅަކާއިގެން މަނަދޫ އުބުރައިން (މަނަދޫ އިބްރާހީމް) އަޅާ މަނިކުފާނުގެ ފައިވާންފުޅު ދަށަށް ތިބާ ފޮނުވީމު (އަޅުގަނޑު ފޮނުވީމެވެ.)" 



ދޮންބަންޑާރައިން މި ފަތްކޮޅު ފޮނުއްވި ދުވަސްވަރަކީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ފަހުން އަނެއްކާ ވެސް ކަންނަންނޫރު އަލީ ރާޖާގެ ލަޝްކަރު ރާއްޖެ ފޮނުވައިގެން އުޅުނު ދުވަސްވަރެކެވެ.  މަލާބާރީންގެ ލަޝްކަރުތައް ހިޖުރައިން 1166، 1168، 1174 ވަނަ އަހަރު (މީލާދީން 1753، 1755، 1761 ވަނަ އަހަރު) ގައި ވެސް އަލީ ރާޖާ ފޮނުވިއެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދޮން ބަންޑާރައިން އިސްވެ ހުންނަވައި ކުރެއްވި ޖިހާދުން ދިވެހިންނަށް ވަނީ ނަޞްރު ލިބިފައެވެ. 

ދޮންބަންޑާރައިންނަށް އަލްޣާޒީގެ ލަޤަބާއި ރަންނަބަޑޭރިކަން ލިބިވަޑައިގެންނެވީ މީލާދީން 1754 ވަނަ އަހަރު ހޮޅީންނާ ކުރެއްވި ހަނގުރާމައިގައި ކާމިޔާބު ހޯއްދެވުމުންނެވެ. އޭރު އަދި ދޮންބަންޑާރައިން ރަސްކަން ޤަބޫލުފުޅެއް ނުކުރައްވައެވެ. ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައި ނުގެން ދިޔަމިގިލީ ދަރިކޮޅުގެ ދެ އަންހެން ބޭފުޅެއްގެ ނަންފުޅުގައި ރަސްކަމުގެ ހިންވައިދެއްވިއެވެ. ފުރަތަމަ އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ނަންފުޅުގައެވެ. ފަހުން މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ތުއްޕުޅު ދަރިކަނބަލުން އާމިނާ ރަނި ކިލެގެފާނުގެ ނަންފުޅުގައެވެ. ދޮންބަންޑާރައިން ރަސްކަން ކުރެއްވީ ހިޖުރައިން 1173 އިން 1180 އަށެވެ. އެއީ މީލާދީން 1759 އިން 1767 އަށެވެ. ރަސްކަމުގެ މުއްދަތަކީ 7 އަހަރެވެ.

ދޮންބަންޑާރައިންގެ މި ފަތްކޮޅުގައި ވެދުމައިގެން މަނަދޫ އިބްރާހީމް ފޮނުއްވިއިރު އޭނާގެ އަތުގައި އިހުގެ އާދަކާދައިގެ މަތިން ފޮނުވަންޖެހޭ ކޮޅުނބުން ހަވާލުކޮށްފައި އޮންނަ ފަތްކޮޅު ނުފޮނުއްވާކަން އެނގެއެވެ. ދޮންބަންޑާރައިން ލިޔުއްވާފައިވަނީ "އިހު އާދަ މައްޗަށް މަނިކުފާނުމެންގެ ބާތާވީން ދެއްވި މާތް ފަތްކޮޅު އަޅުގަނޑުމެންނަށް އަތުން ވީލާން ނުކެރި އޮޑިޔަށް ނުއެރުވީމު" ކަމުގައެވެ. އެއީ ކުށެއްނަމަ އެކަމަށް ވެސް ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

ދޮންބަންޑާރައިންގެ މި ފަތްކޮޅުގައި ލިޔުއްވާފައިވަނީ މާތް ކަލާނގެ ރަޙުމަތްފުޅާއެކު މަނަދޫ އިބްރާހީމަށް ކޮޅުނބުގެ ގަވަރުނަރާ ބައްދަލުވެއްޖެނަމަ ދިވެހިންގެ ކަމެއްގެ ގޮތުގައި، އޭނާ އެދިލެއްވި ކޮންމެ ކަމެއް ކޮށްދެއްވައި، ހަދަން އެއްޗެއް ދިން ނަމަ ހައްދަވައި ދެއްވުން އެދޭ ކަމަށެވެ. އެއަށްފަހު ދޮންބަންޑާރައިން ކޮޅުނބުގެ ގަވަރުނަރުގެ ކިބައިން އެދިވަޑައިގެންފައިވަނީ ދިވެހިންގެ އަދާވާތްތެރިންނަށް ވާގި ނުދެއްވުމަށެވެ. އަދި މަނަދޫ އިބްރާހީމުގެ ދަތުރު އަވަސްކޮށްދެއްވައި، އޭނާ ދެންނެވި ވަަރަކަށް ބަޑިބޭހާއި އުންޑަ ދެއްވުން އެދި ތިބި ކަމަށެވެ. "މި ނެވި އަޅާ ދަތުރު އަވަސް ކުރައްވައި ދެއްވައި، މި ނެވި އަޅާ ދެންނެވި ހިސާބަކުން ބަޑި ބޭސްކޮޅަކާއި، އުންޑަކޮޅަކާއި ދެއްވާ ކަމަށް އެދި ތިބި އަލީމު".

މީލާދީން 1754 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ލިޔުއްވާފައިވާ ފަތްކޮޅެއް ހިފައިގެން ވެސް މަނަދޫ އިބްރާހީމު ދޮންބަންޑާރައިން ހަވާލު ކުރެއްވި ވެދުމައިގެން ކޮޅުނބުގެ ގަވަރުނަރު އަރިހަށް ދިޔަކަން އެނގޭނެ ފަތްކޮޅެއް އެބައޮތެވެ. އެ ފަތްކޮޅުގައި ލިޔުއްވާފައިވަނީ "މަނަދޫ އިބްރާހީމް އަޅާ ތިބާ ފޮނުވީމު" މިފަދައިންނެވެ. އެ ފަތްކޮޅުގައި އެދިވަޑައިގެންފައިވަނީ ދިވެހިންނާ ހަރާންކޯރުވެގެން ދިޔަ މީހަކު ހުރިނަމަ ހުރި ތަނަކުން ގެނެސްދެއްވައި ހައްޔަރުކޮށްދެއްވުމަށެވެ. ދިވެހިންނާ މަލާބާރީންނާ އޮތް ދެކޮޅުވެރިކަން އޭރު އަދި ނުނިމޭ ކަމަށާއި އެ އަހަރު ވެސް މަލާބާރީން އަންނާނެކަމަށް ތައްޔާރަށް ތިބި ވާހަކަ ވިދާޅުވެފައިވެއެވެ.

ރިފަރެންސް:
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990). ދިވެހިތާރީޚަށް އައު އަލިކަމެއް. ޞަފުޙާ ނަންބަރު 501 އަދި 524

No comments: