Monday, August 19, 2019

އަހަރެން ދުށް ބޮޑުމަސް ބޭނުމުގެ ކުޅިވަރު


ލިޔުނީ: ޢަބްދުﷲ ސަޢީދު
 
 

ބޮޑުމަސް ބޭނުމުގެ ކުޅިވަރަށް ބޭނުންވާ ތަކެއްޗާއި މުމައްސިލުންނާއި މުމައްސިލާއިން  

1. ބޮޑުމަސް
2. ބޮޑު ބޯވަ
3. ބޮޑު ދޫނި
4. ދިގުބެ
5. އަތޮޅުވެރިން
6. ކެޔޮޅުން
7. ކަންވެރިޔާ
8. ރައިވެރިބެ
9. ރާ ރުކެއް
10. ކަނބުރުވެރިޔާ
11. ކަނބުރުގެ
11. މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް (ބޮޅު ބުޅި އާއި ފަލަ ނަނާއި ބޮޑު ދާވަނި)
12. ބާންދީން / އަރިހު ބޭކަލުން

ބޮޑުމަހާއި ބޮޑު ބޯވަ އާ ވިޔަނީ ފަނުންނެވެ. މި މަސައްކަތް ކުރަނީ ރަށުގައި މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ތިބެގެންނެވެ. ބޭނުމަކީ އެއް އަވަށަކުން ވިޔާ މަހާ ބެހޭ މަޢުލޫމާތު އަނެއް އަވަށަކަށް މަސް ނެރުމުގެ ކުރިން އެނގުނަ ނުދިނުމެވެ. މަސް ވިޔުމަށް ބޭނުންވާ ފަން ފިރިހެން ވެރިން ކަނޑައިގެން ނެރުމުން ވިއުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ އަންހެނުންނެވެ. ބޮޑު މަހާއި ބޮޑު ބޯވަ ތައްޔާރުކޮށް ހަދާނީ ފިރިހެނުންނެވެ. ފަނުން ތޮށަލި ގޮތަށް ވިޔެފައި ދަނޑިން ހަދާ އޮނިގަނޑެއްގައި ތޮށަލި ތައް ޖަަހައެވެ. މަހުގެ ލޮލާއި ކުރަހަންޖެހޭ ކުރެހުންތައް ކުރަނީ ހުދު އުވައިންނެވެ. ފަހުން ހުދު ކުލަ ވެސް ބޭނުން ކުރިއެވެ. އަދި ލޯ ހެދުމަށް ބޯކަރުދާހާއި އޮމާން ޓިނުވެސް ބޭނުން ކުރިއެވެ. ބޮޑުމަސް ދުއްވަނީ މަހުގެ އެތެރެއަށް ވަދެ ކޮޅަށް ތިބެގެންނެވެ. އެތެރެއަށް ވަދެ ތިބޭ މީހުން ފޮރުވުމަށްޓަކައި މަހުގައި ތިރިއަށް ފަންވަތްތައް ހިމަކޮށް ވީދާފައި ފަން އައްސާފައި ހުރެއެވެ.



ބޮޑު ދޫނި ހަދަނީ ދަނޑިން އޮނިގަނޑު ހަދައި، މަތީގައި ހުދު ފޮތި އަޅައިގެންނެވެ. ދޫނީގެ ގައިމަތިން އަޅާ ފޮތިގަނޑުގައި ރޯ ބަނބުކެޔޮ ފަތް ކޮންމެވެސް ވަރަކަށް ވީދާފައި ތަތްކުރެއެވެ. މި ދޫނީގެ އެންމެ މުހިންމު ގުނަ ވަތަނީ ތުނބެވެ. ތުނބަކީ ކުރެދިން ލައްޕައި ހުޅުވޭ ގޮތަށް ހަދާފައި އޮންނަ އެއްޗެކެވެ. ތުންގަނޑުގެ ތިރީ ބައިގެ އެތެރޭގައި ކަންވާރު ފަށެއް އައްސައި، މަތީ ތުއްގަނޑުގެ އެތެރޭ ބައިގައި ހަރުކޮށްފައިވާ ދަގަނޑު ބޮޅެއްގެ ތެރެއިން ގެނެސް އެ ކަންވާރު ފަށް އޮންނަނީ ދޫނީގެ އެތެރެއަށް ވަންނަ މީހާގެ އަތުގައެވެ. އޭނާ އެ ވާފަށަށް ދަމާލުމުން ދެ ތަލި ޖެހޭ ވަގުތު ނިކަން ބާރު އަޑެއް އިވޭނެއެވެ.

ދިގުބެ ވެސް ހަދަނީ ދަނޑީގެ އޮނިގަނޑަކުން އެތެރެއަށް މީހަކަށް ވަދެ ހުރެވޭވަރަށް ބަލަކޮށް ވިއްސަކަށް ފޫޓު ހުންނަ ވަރަށް ދިގުކޮށެވެ. ދިގުބެ ހުންނާނީ ބޮޑު ބޮލެއް ލާފައި އަތް ތިރިއަށް އެލުވާލާފައި ބޮޑު ގަމީހެއް ލާފައެވެ. ބައެއް ފަހަރަށް ޓައީ އަޅާފައެވެ. ދެ ފައެއް ފެންނާކަށް ނުހުންނާނެއެވެ. އެތެރެއަށް ވަދެ ހުންނަ މީހާގެ ލޮލާ ހަމައިން ތަންކޮޅެއް ފެންނަ ވަރަށް ހުންނާނެއެވެ. ބޮޑު މީހާ ހިނގާފައިދާއިރުއާއި ހޫރިގަތީމާ ދެއަތް ހެއްލި ގަންނާނެއެވެ. ބޮލުގައި ހުންނަނީ ބޯކަރުދާހުން ހަދައި ކުރަހާފައި ހުންނަ މޫނު މައްޗެއް އަޅުވާފައެވެ. ދެ ލޮލާއި ނޭފަތާއި އަނގަޔާ އެނގޭގޮތަށެވެ.

އަތޮޅުވެރިންނަކީ މަސްބޭނުމުގެ ކުޅިވަރުގައި ވަރަށް ވަރުގަދަ ޝަޚްސިއްޔަތެކެވެ. އޭނާއަކީ ކާކުކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ ވަރަށް ބޮޑު ސިއްރެކެވެ. އެ މީހަކު އެގިދާނެތީ ގައިގައި ބާލީސް ބަނދެ ސިފަ އޮންނަނީ އޮޅުވާލާފައެވެ. ވާހަކަ ދައްކަން ޖެހޭ ހާލަތްތަކުގައި ވެސް ވާހަކަ ދައްކާނީ އަޑު ބަދަލުކޮށްގެން ބަރު އަޑަކުންނެވެ. އޭނާ އިންނަވާ ބޮޑު ގޮޑީގެ ކައިރީގައި ގިނަ ބޮޑު ދުންގުޑުގުޑާކޮޅެއް ހުރެއެވެ. މި ގުޑުގުޑާ ސިލުބަކީ ކާތަކެތި މަތިން ޖަހާ ބޮޑު ގޮއްޓެކެވެ. އެ ގޮޑި ހަރުކޮށްފައި ހުންނާނީ ކަށިހެޔޮ ހޮޅެއް ބިމަށް ޖަހާފައި އެއަށެވެ. އެ ހޮޅުގައި އައްސާފައި އޮންނަ ފަލަ ބަލެއްގެ އަނެއް ކޮޅު އޮންނަނީ އަތޮޅުވެރިންގެ އަރިހުގައި ބާއްވާފައެވެ. އެއީ ގުޑުގުޑާކޮޅު ހިއްޕަން ބޭނުންކުރާ ކޮޅެވެ. އަތޮޅުވެރިންގެ ދެ ފަރާތުގައި ދެ އަންހެން ކުދިން ތިބެއެވެ. އެ ކުދިން ތިބެނީ ވިހޭ ފަންކާ ހިފައިގެންނެވެ. އެކުދިންގެ މޫނުގައި ޖަހާފައިހުންނަ ފުށް ގިނަކަމުން އެއީ ކޮން ކުދިންނެއް ކަމެއް ނޭނގޭނެއެވެ.

ރައިވެރިބޭގެ ކަމަކީ ރުކަށް އަރައި އަތޮޅުވެރިންނަށް ރާފޮދު ބާލައިދިނުމެވެ. ރައިވެރިބޭ ހުންނަނީ ރައިވެރި ހެދުމުގައެވެ. މުންޑު އަނދެ ހުސްގަޔައި މުންޑުން ފޫގަޅައިގެންނެވެ. ރައިވެރިކަމަށް ބޭނުންވާ ރާބައްޖާއި ރާދަނޑިގަނޑާއި އަދިވެސް ރައިވެރިކަމުގައި ބޭނުންކުރާ ހުރިހާ އާލާތެއް ހުރެއެވެ. ބައެއް ތަކެތި އޭގެ އަސްލު ތަކެއްޗަށް ވުރެ ބޮޑުކޮން ހަދާފައިވެސް ހުރެއެވެ.

ކަންވެރިޔާ ނުވަތަ ފަންޑިތަވެރިޔާ އަކީ މަސް ބޭނުމުގެ ކުޅިވަރުގައި އޮޑި މަހާ ނުވެގެން ނުވަތަ މަސް ދަހިކުރުމަށް ފަންޑިތަހަދާ މީހާއެވެ. އޭނާގެ ފެން ކިޔެވުމާއި ފެންއެޅުމާއި މެތުރުންތައް ވަރަށް ޝައުޤުވެރިއެވެ.

ކެޔޮޅުންނަކީ މަސް ބާނަން އުޅޭ މީހުންނެވެ. ކެޔޮޅުންގެ ތެރޭގައި އިސް ކެޔޮޅެއް އުޅެއެވެ. އެ މީހާކު އެނގޭނީ ކުޅިވަރު ކުރިއަށްދާއިރުއެވެ. ކެޔޮޅުންނަށް ހެދިގެން އުޅޭ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ވަރަށް ތިބޭނީ ސިފަ ބަދަލުކޮށްގެންނެވެ. ބައެއް ފަހަރު ބޮޑެތި ގަމީހާއި ވިއްސާރަ ކޯޓު ކަހަލަ ސާމާނު ލައިގެން ވެސް އުޅެއެވެ. ކޮންމެ ކެޔޮޅެއް ވެސް ހުންނާނީ މަސްވެރިކަމުގެ ތާކިހާ ނުވަތަ ކޯރި އަޅައިގެންނެވެ.

އަތޮޅުވެރިން އިންނަވާ ތަނާއި އޭނާއަށް ކުރެވޭ އިހުތިރާމާއި އެ މަންޒަރު ސިފަކޮށްދެނީ އިހުޒަމާނުގެ ވާރުގެއަކަށް ވުރެ ބޮޑަށް ރަސްކަމުގެ ގަނޑުވަރެއް ހެންނެވެ. އަރިހު ބޭކަލުންނާއި ބާންދީންތައް ފެނެއެވެ. އަންހެން ކުދިން ފިރިހެން ހެދުން އަޅައިގެން، ފިރިހެން ކުދިން އަންހެން ހެދުން އަޅައިގެން ސިފަ ބަދަލުކޮށްގެން އުޅެއެވެ. އެހެންކަމުން އެއީ ވެސް ކޮން ބައެއް ކަމެއް ނޭނގޭނެއެވެ.

ބޮޑުމަސް ނެރުން
ފުރަތަމަ އޮންނަނީ ބޮޑުމަސް ރަސްމީކޮށް ނެރުމެވެ. މަސް ނެރެނީ ދަނޑިޖަހާ ފިރިހެނުންނާއި ނަށާ އަންހެނުން ކުރީގައި ތިބެގެން ހަރުބި އާއެކު ދިގުމަގު ކުޅީގައެވެ. މަސްނެރޭކަން އިޢުލާންކުރުމަށް ސަންގު ފުމޜހެން ގޮއްވާ ލޯ ހޮޅިގަނޑެއް އިރުއިރުކޮޅުން ފުމެލާނެއެވެ. ނަށާ އަންހެން ކުދިންނާއި ދަނޑިޖަހާ ފިރިހެންކުދިންގެ ފަހަތުގައި ތިބެނީ މުރީދާއި ނަގާކިޔާ މީހުންނާއި ބެރުވެރިންނާއި ތާރަވެރިންނެވެ. އަޅުގަނޑުގެ ކާފަ އަކީ މުރީދަކަށްވާތީ ވަރަށް ކުޑައިރު ވެސް އެ ސަފުގައި ކާފަ އަރިހުގައި ހުންނަން ފުރުސަތު ލިބުނެވެ.

މަސްތައް ގެންނަނީ ބެރުވެރިންގެ ފަހަތުންނެވެ. އެންމެ ކުރީގައި އެންމެ ދިގު މަހެވެ. ދެން އޮންނަ އެއަށްވުރެ ކުރު ނުވަތަ ކުދި މަސްތަކެވެ. ކުޅިވަރުގައި ފެންނަ ބޮޑު ބޯވަ ތަކާއި ބޮޑު ދޫންޏާއި ދިގުބެ ދާނީ މަސް ތަކުގެ ފަހަތުންނެވެ. އަވަށުގެ އިސް މީހުންނާއި ފޯރިދޭ މީހުން އޭގެ ފަހަތުން ދެއެވެ. ރަށުގެ ހުރިހާ ބޮޑެތި މަގަކުން މަސް ގެންދާނެއެވެ. މާލޭގައި ނަމަ އެއީ ކޮލި ހިނގާ މަގުތައް ތޯއްޗެކެވެ. މަސް ނެރުން ނިންމާލާނީ ކުޅިވަރު ކުޅެން ހަމަޖެހިފައިވާ މައިދާނަށެވެ.

ބައެއް ފަހަރު ރަސްމީކޮށް މަސްނެރެނީ ދެނަމާދު ދޭތޭރޭގައެވެ. ނޫނީ ޢިޝާ ނަމާދުން ފައިބާ ގޮތަށެވެ. ކުޅިވަރު ފެށޭނީ ކައިހަދައިގެން ތަންކޮޅެއް ފަހުންނެވެ. މަސް ނެރުމުން އަވަށު ވާދަވެރިން އެއްބަކަށްވުރެ އަނެއް ބައެއްގެ މަސްތައް ބޮޑުކަމަށާއި ދިގުކަމަށާއި ފުރިހަމަ ކަމަށް ފަޚުރުވެރިވެ އެވާހަކަ ދައްކާ ހަދަތެވެ.

މަސް ބޭނުމުގެ ކުޅިވަރު
މަސް ބޭނުމުގެ ކުޅިވަރު ފެށޭނީ ކުޅިވަރުގައި ހަރަކާތްތެރިވާ އަތޮޅުވެރިން ވަޑައިގަތުމުންނެވެ. އޭނާ އައިސް ގޮޑިގޮޅުގައި ވެޑުވިގަތުމުން އެ އޮތީ ކުޅިވަރު ރަސްމީ ކޮށް ފެށިފައެވެ. ދެން ފެންނާނީ ކެޔޮޅުން އަންނަ ތަނެވެ. ކެޔޮޅުން ހެތުރުބޮޑި ހިފައިގެން އެއްވެ ސައްލާ ކުރާތީ ފެންނާނެއެވެ. ހެތުރަކީ ރޯނުން ނުވަތަ ވަކައިން އަޅައިފައި އޮންނަ ބޮޑު މަސް ބާނާ ހިމަވަލެކެވެ. ހެތުރުގެ ގޮތުގައި ބޮކި ނަނުފަދަ ތަކެތި ވެސް ބޭނުން ކުރެއެވެ.
ފުރަތަމަ ފެންނާނީ އަތޮޅުވެރިން އިންނަވާ ގެކޮޅުގެ ކަންތައްތަކެވެ. ވަރަށް ގިނަ ފަހަރު މަސްޓޭންކު ފަދަ ތަކެއްޗާއި ޗާބީ ދޭ ބުދު ފަދަ ޒަމާނީ ތަކެތި ވެސް ފެންނަހެން ބަހައްޓާފައި ހުރެއެވެ. ލިޔާ ކާތިބުންނާއި ކާތިބާއިން ވެސް ފެނެއެވެ. ވާރުގޭތެރެއިން ކަނބުރު ގެއެއް ފެނެއެވެ. އެއީ މަސްވެރިންނަށް ބުޅި ޖަހައިދޭ ބޮޑު ކަނބުރުވެރިޔާގެ ކަނބުރުގެއެވެ. އެތަނުން ފެންނާނީ ކަނބުރުގެ މަސައްކަތެވެ. ގިރުނބާ ދަމާ ތަނާއި ދަގަނޑު ތަޅާތަނެވެ.  ކެޔޮޅުން ބުޅި ޖައްސުވަން އަންނާނެއެވެ. ދުވަހަކު ވެސް އެވެރިން ހުރޭ ގޮތަކަށް ބުޅިއެއް ޖެހޭގޮތެއް ނުވެއެވެ. އެތަނުން ޖަހައިދޭނީ ނިކަން ބޮޑެތި ބުޅިއެވެ.

ދެން ފެންނާނީ ރައިވެރިބޭ ރުކައް އަރާ ތަނެވެ. ރައިވެރިބެއަށް ރުކަށް އެރޭނީ ވަރަށް ވަރުން ވަރަށް ހާލުންނެވެ. އެތައް ފަހަރަކު ރުކުން ވެއްޓޭނެއެވެ. އެތައް ވަރަކުން ރާ ބާލައިގެން ގެންދާއިރު ބައެއް ފަހަރު ކޮންމެވެސް ތަނެއްގައި ފައި އަޅައިގަނެގެން ވެއްޓި ރާފޮދު ބަންޑުން ވެދާނެއެވެ. ކޮންމެ އަކަސް އަތޮޅުވެރިންނާ ހަމައަށް ދާއިރު އޮންނާނީ ގިނަ ފަހަރަށް ހުސް ބައްޖެވެ. އަތޮޅުވެރިން ކޯފާ ވާނެއެވެ. އަތޮޅުވެރިން ރާފޮދު ހިއްޕަވާ ހިތުން އަނެއް ކާވެސް ރާ ފޮދު ގެނެސް ދިނުމަށް އަމުރު ކުރައްވާނެއެވެ. އަނެއްކާ ވެސް ރާވެރިބޭ ރުކަށް އަރަންދާނެއެވެ. ރައިވެރިބޭ އުޅޭނީ އެފަދަ ހާލެއްގައެވެ.
ދެން ފެންނާނެ އަނެއް ކަމަކީ އަތޮޅުވެރިޔާ ދުންގުޑުގުޑާކޮޅު ހިއްޕަވާ ތަނެވެ. އަތޮޅުވެރިޔާ އިޝާރާތް ކޮށްލެއްވުމުން އަރިހު ބޭކަލަކު ގުޑުގުޑާކޮޅު އަރުވާނެއެވެ. ގުޑުގުޑާކޮޅު އެރުވުމަށް ހަދާގޮތަކީ ބޮޑު ގުޑުގުޑާއާ ގުޅާފައި އޮންނަ ފަލަ ވަލުގެ ކޮޅު އަތޮޅުވެރިންގެ އަނގަފުޅުގައި ޖެއްސެވުމެވެ. އެވަގުތު އަތޮޅުވެރިން ކޮށި އަރައިގަންނާނެއެވެ. ކޮށި އަރާވަރުން ގުޑުގުޑާކޮޅު ހިއްޕެވޭ ވަރެއް ދުވަހަކު ވެސް ނުވާނެއެވެ. ކެއްސައިގަތީގައި އަރިހު ބޭފުޅުން ބުރަކަށީގައި ތަޅާ ހަދާނެއެވެ. ބައެއް ފަހަރަށް ކޮށި އަރާގޮތުން ގޮނޑިން ބިންމައްޗަށް ވެއްޓިވަޑައިގަންނަވާ ފަހަރު ވެސް އާދެއެވެ. އަތޮޅުވެރިންނަކީ ވެއްޓިވަޑައިގެންފިއްޔާ އަމިއްލަފުޅަށް ތެދުވެންނެވޭ ބޭފުޅަކަށް ނުވާތީ އަތޮޅުވެރިން ނައްގަވައި ތަޚުތެއް ގޮތަށް ހަދާފައިވާ ގޮޑިކޮޅުގައި ވަޑުވާނީ އަރިހު ބޭފުޅުންނެވެ.

މި މަންޒަރު ބަލަން ތިއްބައި އިވޭނީ މަސް އަންނަކަން އިޢުލާން ކުރާ ސަންގުގެ އަޑެވެ. އެ އަންނަނީ ބޮޑު މަސްކަން އެންމެންނަށް ވެސް އެނގެއެވެ. ރޭކާ ނުލާނީ ކެޔޮޅުންނަށެވެ. މަސް އަންނައިރު ދާނީ ދުވެފައެވެ. "މަސްދޭ ރަސްދޭ" އޭ ގޮވާނެއެވެ. އެއްވެފައިވާ ކުޅިބެލުންތެރިން ވެސް ގޮވާނެއެވެ. ކެޔޮޅުންނަށް ރޭކާލާނީ މަސް ފަސްދީ ދިޔައީމައެވެ. ދެން ނަނުއުކާ ހަދާނެއެވެ. ނިކަން ފާޑުވެރިވާނެއެވެ. ކުޅި ބަލާމީހުން ބިނދިބިނދިފައި ހޭނެއެވެ. "ތިޔަ ތިބީ މަސް ބެވިފައޭ" ގޮވާނެއެވެ. ކެޔޮޅުން ކުށްވެރި ކުރާނީ ބުޅިއާއި ހަތުރުބައެވެ. ފުރަތަމަ ދާނީ ބުޅި ބަދަލުކުރަން ކަނބުރުގެއަށެވެ. ދެން ކެޔޮޅުން ދާނީ ފަންޑިތަ ހަދައި ބުޅިއާއި ނަނުބައި މަތުރުވާށެވެ. ކެޔޮޅުން އެހެން ދެކޮޅަށް ދުވެދުވެ ތިއްބާ ބޮޑު ދޫންޏާއި ބޮޑު ބޯވައާއި ދިގުބެ މައިދާނަށް އަންނާނެއެވެ.
ބޮޑުދޫނީގެ ދެ ތަލި ތަޅަމުން އަޑު ގޮއްވަމުން ދުވެ ނަގާނެއެވެ. ކުޅި ބަލަން ތިބޭ އަންހެންވެރިންގެ ތެރެއަށް ދޫނި ވަދެ ތަލި ތަޅައިގަތުމުން އެވެރިން ކެވި އުތުރި އަރައިގަންނާނެއެވެ. ލަވާ ތޫލި ހަޅޭކުގެ އަޑުން ތަންގަނޑު ގުގުމާނެއެވެ.  ބޮޑު ބޯވަ ވެސް ކުޅިބެލުން ތެރިންނާ ވަރަށް ދޯޅު ވާނެއެވެ. އެހެން އުޅެނިކޮށް ކޮންމެ ވެސް އަންހެން ކުއްޖަކު ބޯވަ ބޮލަށް ފެން ތެއްޔެއް އަޅާލަފާނެއެވެ. އެވަގުތު ބޯވަ ނިކަން ބާރަށް އެނބުރި ގަންނާނެއެވެ. ތިރީގައި އެލުވާފައިވާ ހިމަ ފަންވަތްތަކުން ލާފައި ފެންތައް ކުޅި ބަލާ މީހުންގެ ގަޔަށް ވެސް ދާނެއެވެ. ބޯވަ އަކީ ވަރަށް ރީތި ކޮށް ނަށާ ގޮލައެކެވެ. ފުމެ ފުމެފައި ގޮތްގޮތަށް ބަނޑިލައްވައި ނަށާނެއެވެ. އެސޮރު އުޅޭގޮތުން އެއީ އެވެނި މިވެނި މީހެކޭ ކިޔާނެއެވެ. އެކަމަކު ދުވަހަކު ވެސް ދިމާވާ ކަމަކަށް ނުވެއެވެ.

އިރުއިރުކޮޅުން މަސް އަންނާނެއެވެ. މަސް ނުބޭނިދާ ކޮންމެ ފަހަރަކުން ކަން ހިނގާނީ ދާދި އެއްގޮތަކަށެވެ. ބައެއް ފަހަރަށް ދެ ކެޔޮޅުން ދެ މީހުން ދެމީހުންގެ ދެ ބުޅި އަޅުވައިގެން ފުމެ ފުމެފައިވެސް އުޅޭނެއެވެ. މަސް ގަތީކަމަށް ހީކޮށް ކެޔޮޅުން ފުމެ ދުވެ ނަށާ އެއުޅޭގޮތުން ބައެއް މީހުން ހީހީ ބިނދެއެވެ.

ކޮންމެއަކަސް އެންމެ ފަހުން މަސް ގަންނާނެއެވެ. ގަންނާނީ ހުރިހާ ކެޔޮޅުންގެ ބުޅީގައި އެއް ފަހަރާއެވެ. ހުރިހާ ކެޔޮޅުންތައް ވެސް ފުމެ ނަގާނެއެވެ. މަސް ބެވުނީމާ އަތޮޅުވެރިންނަށް ކެޔޮޅުން ދަންނަވާނެއެވެ. އަތޮޅުވެރިން ވަޑައިގެން މަހުގައި ފޫޓު އަޅުއްވާނެއެވެ. އަދި އެންމެންނަށް ހަމައަށް މަސް ބައްސަވަން އަމުރު ކުރައްވާނެއެވެ. އެ ހިސާބުން ކުޅިވަރު ނިމުނީއެވެ.

----------------

ނޯޓް: މިއީ 1980 ގެ އަހަރުތަކުގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޮޑު މަސް ބޭނުމުގެ ކުޅިވަރު (މަނަދޫ މީހުން ކިޔާގޮތުންނަމަ "ބޮޑުމަސް ދުއްވުން") ކުޅޭ ގޮތެވެ. ފިރިހެނުން އަންހެން ހެދުން އަޅައިގެން އަދި އަންހެނުން ފިރިހެން ހެދުން އަޅައިގެން އުޅުމަކީ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ޒަމާނުގައި އެކަން އެގޮތަށް އޮތީތީ އެ ވާހަކަ ލިޔުނީއެވެ. ފަހަކަށް އައިސް އެކަން ވަނީ ހުއްޓައިލައިފައެވެ. އެކި އަހަރުތަކުގައި ކުދިކުދި ތަފާތުތައް ހުއްޓަސް  ބޮޑުމަސް ދުއްވުމުގެ ކުޅިވަރު ކުޅެނީ ދާދި އެއްގޮތަކަށެވެ.  އަޅުގަނޑުގެ މަންމަގެ ބައްޕަ (މާފަ) އަލްމަރުޙޫމް އިބްރާހީމް ޙަސަން އަކީ އިރުމަތީ އަވަށުގެ އެ ދުވަސްވަރުގެ ކުޅިވަރުގެ މުރީދެވެ. އަޅުގަނޑު އެންމެ ހަނދާން ހުންނަ ބޮޑުމަސް ދުއްވި ރެއަކީ އަވަށު ވާދައިގައި ބޮޑު ހަމަނުޖެހުންގަނޑަކަށް ނުގޮސް އެކަމަކު ވަރަށް އަޑުގަދަކޮށް ހޫނު ޒުވާބުތަކެއް ދެ އަވަށް ދެމެދުގައި ހިނގި ރެއެކެވެ. އެކަމެއް ހިނގީ މަސް ނެރުނުއިރު އެއް އަވަށުގެ ބޮޑު މަސް އަނެއް އަވަށަށް ގެންދިުމުން ހުރަސް އެޅުމަށް ހިންގި ހަރަކާތްތަކެއްގެ ސަބަބުންނެވެ. ހުޅަނގުމަތީ އަވަށު މީހުން މަސް ގެންދިޔައިރު އިރުމަތީ އަވަށު މީހުން ރާގޭ ކައިރިން (މިހާރު ރައިމާގެ ކައިރިން) މަގު ބެއްދުމަށް ފަތްޖެހިއެނދެއް ހުރަސްކުރީއެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ހުޅަނގު އަވަށު މީހުން ބޮޑު ގޯޅި (ނ. އަތޮޅުގެ އިރުން އޭރު އޮންނަ ގޯޅި) ގައި ކަންވާރު ދެމީއެވެ. 
މިހާރު ވެސް މަނަދޫގައި އަޟްޙާ ޢީދުގެ ފަހު ދުވަހުގެ ރޭ ބޮޑު މަސް ދުއްވައެވެ. މި ފަހަކަށް އައިސް އަދިވެސް ސަޤާފީ ކުޅިވަރު ކުޅެ ދިރުވައި އާލާކުރުމުގައި މަނަދޫ އރުމަތީ އަވަށު މީހުންގެ ފަރާތުން ފެންނަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. އާދަޔާ ޚިލާފު ޝައުޤުވެރިކަމެކެވެ.

ލިޔުމާއެކުގައި ޖަހާފައިވާ ފޮޓޯގައި އެވަނީ މަނަދޫގެ މަންޒަރެއް ނޫނެވެ. އެއީ 2018 ވަނަ އަހަރު އުކުޅަހުގައި ބޮޑުމަސް ބޭނުމުގެ ކުޅިވަރު ކުޅެނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯގެ މިލުކުވެރިކަން ލިބިގެންވަނީ ޙައްޤުވެރި ފަރާތަށެވެ.

No comments: