Saturday, December 7, 2019

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ

­
ޕްރިންސް ޙަސަން ޢިއްޒުއްދީން (ކ) ދެން އެ އިންނެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)

ލިޔުނީ: ޢަބްދުﷲ ސަޢީދު 


އެ ނާޗަރަންގީ ފެށުމާއެކު ހެންވޭރުގަނޑުވަރު ވެގެންދިޔައީ ދެޖިންސުގެ ޒުވާނުންގެ ކިއްލާއަކަށެވެ. ގޮތްހުރި މީހުން ވަދެ އުޅޭން ލަދުގަންނަ ތަނަކަށެވެ. އަދި އެ ބައި މީހުންގެ ދަރިން ވެސް ވަދެ އުޅޭން ނުރުހޭ ތަނަކަށެވެ. ކުރިއްސުރެ ދިވެހިންގެ ތެރޭގައި މަނާވެފައި އޮތް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު އެތައް ކަމެއް އެތަނުގައި ހުއްދަވެ ހިނގާން ފަށައިފިއެވެ. އެ ނާޗަރަންގީގެ އިސް ބޭފުޅަކީ ރާއްޖޭގެ ރަސްކަމުގެ އޭރުގެ ވާރުތަވެރިޔާ، ޕްރިންސް ޙަސަން ޢިއްޒުއްދީނެވެ. އޭރު ދިވެހި ތަޚްތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)ގެ ހަމައެކަނި ފިރިހެން ދަރިކަލުންނެވެ. ހެންވޭރުގަނޑުވަރަކީ މިހާރުގެ މުލިއާގެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅެވެ.
މުލިއާގެ
މިހާރު މިފެންނަ މުލިއާގޭގެ ރީތި ޢިމާރާތަކީ ޕްރިންސް ޙަސަން ޢިއްޒުއްދީނަށް ދައުލަތުގެ ޚަރަދުގައި ޝަމްސުއްދީން ރަދުން ބިނާކޮށްދެއްވި ގަނޑުވަރެކެވެ. 10 ފެބުރުވަރީ 1914ގައި ބިންގާއެޅުނު އެ ގަނޑުވަރު ހުޅުވުނީ 07 ޑިސެންބަރު 1919 ގައެވެ. އެ ދުވަހުން ފެށިގެން އެއީ "ހެންވޭރުގަނޑުވަރު" އެވެ. އޭގެކުރިން އެއީ މުލީގެއެވެ. ހެންވޭރުގަނޑުވަރަށްވުރެ އެ ގޯތީގެ ތާރީޚު މާދޮށްޓެވެ. އެއީ ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި އައްސުލްޠާނުލްޣާޒީ ޙަސަން އިއްޒުއްދީން (ދޮންބަންޑާރައިން)ގެ މަންމަފަރާތުގެ ކާފާފުޅު، މުލަކު އަތޮޅު މުލީ ޚަތީބު މުޙައްމަދު މަނިކު މާލޭގައި ދިރިއުޅުއްވުމަށް ގެކޮޅު އެޅުއްވި ގޯއްޗެވެ. ގާފޮޅު މަތީގައި މެއްލަޖަހައިގެން، ދުނބުރި ދަނޑިން ބިތްގަތައި، ދެފުރާޅުގައި ފަންގެ ލައިގެން ހިޔާކުރި ގެކޮޅު ހުރި ގޯއްޗެވެ.  އެ ގެކޮޅު މަޝްހޫރުވީ "މުލީގެ" ނަމުންނެވެ. ދޮންބަންޑާރައިން ރައްކައުވެވަޑައިގަތީ އަދި އުޅެ ބޮޑުފުޅުވީ ވެސް އެ ގެކޮޅުގައެވެ. ހޮޅިންނާ ދެކޮޅަށް 06 އެޕްރީލް، 1753މ. ދުވަހުގެރޭ (03 ޖުމާދުލް އާޚިރު 1166ހ. އާދީއްތަ ވިލޭރޭ) އެމަނިކުފާނު ޖިހާދަށް ނުކުމެވަޑައިގަތީ ވެސް އެ ގެކޮޅުންނެވެ. ދޮންބަންޑާރައިގެން ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވި އެ ގެކޮޅު އެ ޢާއިލާގެ އައްސުލްޠާން އިބްރާހީމް ނޫރައްދީނަށް ހިބައިން ލިބިވަޑައިގެންނެވިއެވެ. އޭގެފަހުން އެ ރަދުންގެ ދަރިކަލުން މުލީގޭ މަނިއްޕުޅު ނުވަތަ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ވާރުތައިން ލިބިވަޑައިގެންނެވިއެވެ. ހެންވޭރުގަނޑުވަރު ބިނާކުރެވުނީ މުލީގެ ހުރި ކޮށި ބޮޑުކުރެއްވުމަށް ފަހު އެ ރަދުންގެ ރަސްކަމުގައެވެ. މިގޮތުން އެ ސަރަޙައްދުގައި ހުރި އެކިއެކި މީސްމީހުންގެ ފަސްގެއަކަށް ބަދަލުދެއްވައި ނެންގެވިއެވެ.  

ހެންވޭރުގަނޑުވަރު އެ ބޭފުޅަކަށްޓަކައި ބިނާކުރެއްވި ޕްރިންސް ޙަސަން ޢިއްޒުއްދީނު އެ ގަނޑުވަރުގައި ދިރިއުޅުއްވަން ފެށްޓެވިއިރު އަލަތު ކައިވެނިކުރާ ޢުމުރަށް އެޅިއްޖެއެވެ. ޕްރިންސްގެ ޢުމުރުފުޅަކީ 20 އަހަރެވެ. ނަސީބުވެރި ކައިވެންޏެއްގެ ގޮތުގައި އޭރު ބެލެވެނު އެ ކައިވެނިފުޅުގެ ނަސީބުވެރިޔަކީ އުމުރުފުޅުން އެންމެ 12 އަހަރުގެ އަތިރީގޭ އާމިނާ ދީދީއެވެ. މަޝްހޫރު ނަންފުޅަކީ އާގޭ ދީދީއެވެ. އެއީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަނބަލެކެވެ. ހެންވޭރުގަނޑުވަރުގައި އޮތް މިކައިވެނިފުޅަށް، އެ ކަމަނާ ވަޑައިގަތީ ކީމަކޮޅުގައި އަރިހުބޭކަލުންނާއެކުގައެވެ.

މިއީ އެ ދުވަސްވަރު ކުރެވުނު އެންމެ ޚާއްޞަ ކައިވެނިފުޅެވެ. ވާނީވެސް އެހެންނޫންތޯއެވެ. ގޮއްޖެހެމުން ދިޔައީ ރަސްކަމު ޢިއްޒަތާއި ދައުލަތް ހިންގެވުމުގައި އެންމެ ނުފޫޒުގަދަ ބޮޑުވަޒީރުގެ ޢާއިލާއާއެވެ. އެންމެ ބޮޑު އެއް ތަފާތަކީ މި ކައިވެނި ޕާޓީއަށް 300 އަންހެނުންނަށް ދައުވަތު ދެއްވުމެވެ. އޭގެެތެރޭގައި ޕްރިންސްގެ ކައިވެނިފުޅަށް އެދިއެދި ތިއްބެވި މާލޭގެ ކަމުވޮށިވެގެންވާ ޢާއިލާތަކުގެ ރީތި، ޅަދޮނޅު ނަންހިނގާ ހުރިހާ އަންހެން ބޭފުޅުން ހިމެނިގެންދާނެތާއެވެ. އެ ކައިވެނި ކުރެވުނީ 1921 އެޕްރީލް 23 ވަނަ ދުވަހުގެ ރެއެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފެނިވަޑައި ނުގެން ތިއްބަވައި ކުރެއްވި މި ކައިވެނިފުޅަކީ ދެ އާއިލާގެ ދެމެދުގައި ހިނގި އެރޭންޖްމެރިޖެކެވެ. މިއީ ޝާހީ ރަސްކަމާއި، ސަރުކާރު ހިންގަވަމުން ގެންދެވި ބޮޑުވަޒީރުގެ ޢާއިލާއާ އިތުރަށް ގުޅުވާލުމުގެ ހިކުމަތް އެކުލެވޭ ހަނީމޫނެކެވެ. ބޮޑުވަޒީރު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ޕްރިންސް ޙަސަން ޢިއްޒުއްދީނުގެ އަނބިކަނބަލުން އާގޭ ދީދީގެ ބައްޕަ ފަރާތުގެ ކާފާފުޅެވެ.

މި އުފާވެރި ކައިވެނިފުޅަށް މާގިނަ ދުވަހެއް ނުވެއެވެ. މައްސަލަ ޖެހި ދެ ބޭފުޅުން ކޯޅެއް ފެށްޓެވީއެވެ. ޕްރިންސް އެހެން ކައިވެނިފުޅެއް ކުރެއްވީއެވެ. އޭރުވަނީ ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ ފެށިފައެވެ. އެ ގަނޑުވަރުގެ އެންމެ ފޯރިގަދަ ރޭތައް ކުރިއަށް ދަނީއެވެ. މުޅި ރޭގެ ހަތަރުދަމު ހެންވޭރުގަނޑުވަރުގައި އޮންނަނީ މިއުޒިކު ކުޅުމާއި ލަވަކިޔުމާއި ނެށުމުގެ ނާޗަރަންގީއެވެ. ޕްރިންސަކީ ސްރީލަންކާއިން މިޔުޒިކް ދަސްކުރައްވައިގެން ހުންނެވި ކުޅަދާނަ ފަންނާނެކެވެ. މޮޅު މިއުޒިޝަނެކެވެ. ރީތިކޮށް ލަވަ ވިދާޅުވާ ލަވަކިޔުންތެރިއެކެވެ. ނެށުންތެރިއެއް ވެސް މެއެވެ. ކުޅަދާނަކަމާއެކު ގިޓަޔާއި، ހަރުމޮނިޔަމާއި، ނަރުކޮއްޓިއާއި ބޭލާގެ އިތުރުން ބެރާއި، ތަބުޅާފަދަ އިންސްޓްރޫމަންޓް އުޅުއްވައެވެ. ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމެއް ނޯވެއެވެ. އޮންނަނީ ވިޔާނުދާ ކަންތައްތަކާއި އުފަލާއި މަޖަލެވެ. އަނބިކަމަނާ އިންނަވާކަމަށްވަނީ ކޮޓަރިކޮޅެއްގައި ބަންދުކުރައްވާފައެވެ. ހިލޭ ފިރިހެނުުން އެ ދީދީގެ ގާތަށް ވައްދަމުން ގެންދެވި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ. އެންމެފަހުން "ބުޅާ ގޯނިން ބޭރުވެ"، އާގޭ ދީދީގެ ބައްޕާފުޅާ ހަމައަށް ޚަބަރު ހިގައްޖެއެވެ. ދެ އަހަރެއްހާ ދުވަހަށްފަހު ކައިވެނީގެ ގޮށް މޮހުނީއެވެ. އާގޭ ދީދީ ގެއަށް ވަޑައިގެންނެވިއިރު "ޕްރިންސް ކުރެއްވި" އަނިޔާތަކުގެ ސަބަބުން އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާއެވެ. އުމުރުފުޅުން އެންމެ 15 އަހަރުގައި ފުރަތަމަ ކައިވެނިފުޅު ރޫޅުނު ނަމަވެސް ދެވަނަ ކައިވެނިފުޅެއް އާގޭ ދީދީ ކުރެއްވިއެވެ. އެ ކައިވެނިފުޅު ކުރެއްވީ ޕްރިންސް ޙަސަން ޢިއްޒުއްދީނުގެ އެންމެ އަރިސް އެއް ބޭފުޅާއާއެވެ. އާދޭހެވެ! ހެންވޭރުގަނޑުވަރު ނާޗަރަންގީގައި އެންމެ ވިދާ ތަރި ކަމުގައިވާ ގަލޮޅުގޭ އިބްރާހީމް ދީދީ އާއެވެ. އެ ކައިވެނިފުޅަށް ބޭފުޅަކު ވެސް ލިބިވަޑައިގެންނެވިއެވެ. އާގޭ ދީދީ އަވަހާރަވީ އުމުރުފުޅުން 20 އަހަރުގައި ޓީބީގެ އާލާސްކަންފުޅެއްގައެވެ. ޕްރިންސް ޙަސަން ޢިއްޒުއްދީން ކުރެއްވި ފުރަތަމަ ކައިވެނިފުޅު ރޫޅުނު ހިސާބަކީ އަތިރީގެއާއި ރަސްކަމާ ޖެހެންފެށި ހިސާބެވެ. ޝަމުއްސުއްދީނުގެ ރަދުންގެ ޒަމާންވީ ރަސްކަމުގައި ރެނދުލާން ފެށި ހިސާބެވެ.

އާގޭ ދީދީ ވަރިކުރެއްވުމަށްފަހު ޕްރިންސް ގެންދެވީ ކައިވެނިފުޅަކަށްފަހު ކައިވެނިފުޅެއް ކުރައްވަމުންނެވެ. ގިނަ ފަހަރަށް ދެ އަނބިކަނބަލުން ތިއްބައެވެ. އެކަމަކު ދިރިއުޅުއްވުން ހުރީ އަނބިކަބަލުންނާ ވަކިންނެވެ. ރޭގަނޑު އެ ކަނބަލުން ތިއްބަވަނީ ގަނޑުވަރުގެ ހުޅަނގުބައިގައި ހަދާފައި ހުންނަ އުނދޯލިގެ ކޮޅެއްގައެވެ. ހާދިމުންނާއެކު އުނދޯލި ހެއްލަވަން ތިއްބަވާއިރު ހެންވޭރުގަނޑުވަރުގެ ނާޗަރަންގީގެ އަޑު އެ ކަނބަލުންނަށް އިވެއެވެ. އެކަމަކު އެހިސާބަކަށް ވަޑައިގަތުމުގެ ހުއްދައެއް ނޯވެއެވެ. ހެނދުނު އިރުއަރަންދެން ރަނޑު ފިރިހެނުން އަންހެން ހެދުން އަޅައިގެން (އަންހެނުންނަށް ހެދިގެން) ދިޔައީ ނާޗަރަންގީ ކުޅެމުންނެވެ. ޒުވާން ފިރިހެން ކުދީންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް ސާޅިއަޅައިގެން ދިޔައީ ނަށަމުންނެވެ. އަންހެނުން ވެސް ފިރިހެން ހެދުން އަޅައިގެން ނަށާއުޅުނެވެ. ފިރިހެނުންގެ ތެރެއިން އެންމެ މަޝްހޫރު ދެ މީހުންނަކީ ދޮންކަތްދަ އަޙްމަދުފުޅާއި ދޮންކަތްދަ ޙަސަންފުޅެވެ. އަންހެނުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ އުކުޅަހު ދޮންކަމަނައެވެ. ބައެއް މީހުންނަށް މި މަންޒަރުތައް ބަލާ ފޫހިނުވެއެވެ. ރީތިކަމުގެ ކޮޅެއް ވެސް ނޯވެއެވެ. ހިމޭނަކުން ނުތިއްބެވެއެވެ. ޕްރިންސް ޙަސަން ޢިއްޒުއްދީން ބައެއް ފަހަރަށް އަތްޕުޅުން ހަރުމޮނިޔަމް ޖައްސަވަމުން ލަވަ ވިދާޅުވެއެވެ. އަނެއްބައި ފަހަރު ރޫބައިއަޅުއްވައިގެން ނައްޓަވައެވެ. އާދެ! ރޫޖައްސާފައި އޮންނަ ފޮތިގަނޑެއް އަނދެވަޑައިގެން އެހެން އެކުވެރިންނާއެކު ނައްޓަވައެވެ.

އެ ނާޗަރަންގީގެ ތެރޭގައި އައްޔާޝީ އެތައް ކަންކަމެއް ހިނގިކަމަށް ބުނެވެއެވެ. ގަދައައްޔާއި ފަނޑުއައްޔާއި އަނދިރީގެ ތެރޭގައެވެ. އޭގެ ބައެއް ހަރަކާތްތައް ހިންގި ކަމަށް ބުނެވެނީ އެނބުރޭ ބޮޑު ވައް މޭޒެއްގައެވެ. މަޝްހޫރު ލިޔުންތެރިޔާ މީރުބަހުރު މުޙައްމަދު އިސްމާޢީލް ދީދީ ވިދާޅުވެފައިވެއެވެ. "ޢައްޔާޝީ މަޖަލާއި ޖިންސީ އުފަލުގެ ތެރެއަށް ވެދެވަޑައިގެންނެވިލެއް ބޮޑުކަމުންކަންވެސް ނޭނގެއޭ، ދުވަސްކޮޅެއްވިއިރު، ނާރުފުޅުތަކުގެ ބާރުދެރަވެ، ޢަޞްބީ އާލާސްކަންފުޅެއް ހުށަހޮޅިއްޖެއެވެ." ޢަޞްބީ އާލާސްކަންފުޅެކޭ އެ ވިދާޅުވަނީ ކިހުނު ބައްޔަށެވެ. އެކަމަށް ފަރުވާ ހޯއްދެވީ ސްރީލަންކާއިންނެވެ. މި އާލާސްކަންފުޅާއި ޕްރިސް ޙަސަން ޢިއްޒުއްދީނުގެ އުޅުމާއި އަޚްލާޤު ވެގެންދިޔައީ އެމަނިކުފާނަކީ ރަސްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ދައުލަތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގަބޫލުކުރެއްވި މައިގަނޑު ސަބަބަށެވެ.


1932 ވަނަ އަހަރުގައި އެކުލަވާލި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި  ދިވެހި ރަސްކަން، ދޮންބަންޑާރައިންގެ ދަރިފަސްކޮޅުގެ ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ވާރުތަވާނެ ކަމަށް ލިޔެވިއްޖެއެވެ. އެ ހިސާބުން ޕްރިންސް ޙަސަން ޢިއްޒުއްދީނަށް ޚާއްޞަވެފައި އޮތް ވަލީއަހުދުކަން ކެނޑުނީއެވެ. އެ ޤާނޫނު އަސާސީ ވީދާލިޔަސް އެކަން ފަހުންވެސް އޮތީ އެހެންނެވެ. މިކަމާމެދު ކުރައްވާނެ ކަންތައްތަކަކާމެދު ކުރެވުނު މަޝްވަރާތަކާއި ރޭވި ރޭވުންތައް ހިންގީ ހެންވޭރުގަނޑުވަރުގައެވެ. އެ ރޭވުންތަކާއި މަޝްވަރާތަކުގެ އިތުރުން ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ ވެސް ނިމުނީ "ހެންވޭރުގަނޑުވަރު ބަޣާވާތް" ނާކާމިޔާބުވުމުންނެވެ. ޕްރިންސް ޙަސަން ޢިއްޒުއްދީނާއި ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު ވެސް ކުށްވެރިވެގެންނެވެ. ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލްކުރެވުނީއެވެ. "ޤާނޫނީ ހަމަތަކުގެ މަތިން" ރަސްކަމުން ވަކިކުރެވުނީއެވެ. އެ ދެ ބަފައިކަލުންނާއެކު 30 މީހެއްގެ މައްޗަށް ޙުކުމްކޮށް އަދަބު ކަނޑައެޅުނެވެ. އޭގެތެރޭގައި ހިމެނުނީ ޕްރިންސް ޙަސަން ޢިއްޒުއްދީނުގެ ގާތް އެކުވެރިންނާއި ހެންވޭރުގަނޑުވަރުގެ ނާޗަރަންގީގެ ބައިވެރިންނެވެ. އެ މައްސަލައިގައި ހެންވޭރުގަނޑުވަރު ދައުލަތަށް ނެންގެވީއެވެ. އޭގެފަހުން މާލޭގައި ހުރި ގަނޑުވަރުތަކުގެ ނަންތައް ގޭގެ ނަމަށް ބަދަލުކުރެއްވިއެވެ. އެގޮތުން ހެންވޭރު ގަނޑުވަރަށް ދެއްވި "މުލީގެއާގެ" ނަން "މުލީއާގެ" އަށް ބަދަލުވީއެވެ.

ޝަމްސުއްދީން ރަދުންގެ ދެ ބަފައިކަލުންނަށް ޙުކުމް ކުރެވުނީ އުމުރަށް އަރުވާލެއްވުމަށެވެ. އަރުވާލެއްވީ ފުވައްމުލަކަށެވެ. އެރަށުގައި 25 ސެޕްޓެންބަރު 1940 ގައި ޕްރިންސް ޙަސަން ޢިއްޒުއްދީން އަވަހާރަވީއެވެ. އެހިތާމަފުޅުގައި ޝަމްސުއްދީން ރަދުން ވަރަށް ބޮޑަށް އާލާސްކަންފުޅާއުޅުއްވިއެވެ. އެކަމާގުޅިގެން މާލެއަތޮޅު ވިލިނގިއްޔަށް ބަދަލުކުރައްވާފައި ހުންނަވަނިކޮށް އާލާސްކަންފުޅު މާބޮޑުވެގެން މާލެއަށް ބަދަލުކުރެއްވީއެވެ. އަވަހާރަވީ 14 ޖޫން 1947 ގައި މޫނިމާގޭގައެވެ.

No comments: