Friday, July 26, 2019

ތިކިޖެހި ތާނައާއި "ދިވެހި މުސްލިމުން"

 


ޢަބްދުﷲ ސަޢީދު

 

ރައްޓެއްސަކު ބުންޏެވެ. ތިކި ނުޖަހާވެސް ދިވެހިން ލިޔަންވީ ހުރިހާ އެއްޗެއް ތާނަ އަކުރުން ލިޔެވެއެވެ. ކިޔަންވެސް އެނގެއެވެ. އެހެންވީއިރު މީހުންނަށް އުނދަގޫ ކުރާކަށް ކޮން ތިކިޖެހި ތާނައެއް ހެއްޔެވެ؟ އެހެން ހަމަ ބުނުމާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމު އަޅުގަނޑު ކައިރި ވިދާޅުވި ވާހަކައެކެވެ. ރާގާއި މަޚްރަޖައާއެކު އެ ވިދާޅުވިގޮތަށް ލޔެވޭތޯ ބަލާނަމެވެ. "ޢަބްދުﷲ ސަޢީދު، ތިކި ޖެހި ތާނަ ބޭނުންކުރުމާމެދު ސުވާލު އުފައްދައިފިނަމަ އެ މީހަކު އެހެރީ ރަނގަޅަށް ޤުރުއާން ނުކިޔަވާ. އެމީހަކަށް އަޅުގަނޑުމެންނަކީ ކޮންބައެއްކަން ނޭނގެނީ. މިއީ ދިވެހި މުސްލިމުން" ކަށީގައި ހަން ތަތްލާފައިވާ އަތުން މޭގައި ޖައްސަވާ ލެއްވިއެވެ.

 

ނަޢީމްބެގެ ފިލާވަޅުތައް ކުރުނުވާނެކަން އެމަނިކުފާނު ދެނެވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ފިލާވަޅު ފެށުނީ ތިިކި ޖެހި ތާނަޔާމެދު އަޅުގަނޑަށް ވެސް ސުވާލެއް ނަޢީމްބެ އަރިހުގައި ދެންނެވިގެންނެވެ. މަސައްކަތް ހުއްޓާލައްވާފައި އެ ދުވަހު އޮތީ އެ ފިލާވަޅެވެ.

 

ނަޢީމްބެ ދެކެވަޑައިގަންނަވާ ގޮތުގައި ތިކިޖެހި ތާނައަކީ ދިވެހި ބަހަށް ލިބުނު މުއްސަނދި ކަމެކެވެ. ބޭރުގެ ބައެއް ލަފުޒުތަކުގައި އޮންނަ ބައެއް އަކުރުތަކުގެ އަޑު، ޚާއްޞަކޮށް ޢަރަބި ބަހުގެ ބައެއް އަކުރުތަކުގެ އަޑު ދިވެހި ބަހުގައި ނެތުމުގެ ސަބަބުން ތިކި ޖެހިތާނައަކީ އޮންނަންޖެހޭ އެއްޗެކެވެ.


ނަޢީމްބެ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ނަކީ މުސްލިމުންނަށް ވެފައި، އިސްލާމްދީނުގެ ޝިޢާރުތަކާއި އިސްލާމްދީން ރަމްޒުކޮށްދޭފަދަ ލަފުޒުތައް ލިޔާއިރު ތިކިޖެހި ތާނަ ބޭނުން ކުރަންޖެހޭނެއެވެ. އެހެން ބަސްބަހުން ޢަރަބި އަޑު ނިކުންނަގޮތަށް ނުލިޔެވުމަކީ އެ ބަސްތަކުގެ ފަގީރުކަމާއި ދެރަކަމެވެ. ދިވެހިބަހުން ލިޔެވޭކަމީ ދިވެހިބަހުގެ މޮޅުކަމާއި ފުރިހަމަކަމެވެ. ޤުރުއާނަށް ޤުރުއާން ލިޔެވެން އޮއްވައި ގުރުއާން ކިޔަންވީ ކީއްވެގެން ހެއްޔެވެ؟ ޙޫރުންނަށް ހޫރުންނޭ ލިޔުނީމާ މާނަ އޮޅެއެވެ. އަޅުގަނޑުމެންނަކީ ދިވެހި މުސްލިމުންނަށް ވާތީ ރަމަޟާނަށް ރަމަލޯން ކިޔާކަށް ވެސް ލިޔާކަށް ވެސް ނުވާނެއެވެ. ނޭނގެންޏާ އޮތީ ދަސްކުރުމެވެ.

 

ބައެއް މީހުން ﷲ ގެ އިސްމުފުޅު ވެސް ތާނައިން ލިޔަން ހިފައިގަނެގެން އެބައުޅޭ ނޫންހެއްޔެވެ؟ މިކިޔާ އެއްޗަކާއި އެ ކިޔާ އެއްޗެއް އެނގޭ ހެއްޔެވެ؟

 

ޙަޤީޤަތުގައި ވެސް ނަޢީމްބެ އެ ވިދާޅުވާ ވާހަކައެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަޢީމްބެ ދެއްވަނީ ކުރުދޮށިންނެވެ. ގަނޑެއްގައި ލިޔެ ދައްކަވަމުންނެވެ. ފޯރިއާ ޖޯޝާއެކުގައެވެ.

 

ތިކިޖެހި ތާނައިގެ ހަމައަކީ އަރަބި އަކުރުގައި ނުކުތާ މަތީގައިވާނަމަ ތާނަ އަކުރުގައިވެސް މަތީގައި ތިކި ޖެހުމެވެ. ތިން ނުކުތާ އިން އަކުރެއް ނަމަ ތިން ތިއްކެވެ. އެެހެންނޫނީ އެއް ތިއްކެވެ. ޢަރަބި އަކުރުގައި ނުކުތާއެއް ނެތްނަމަ ތާނަ އަކުރުގައި ތިކި ޖަހާނީ ތިރީގައެވެ.

 

(ح) އަށް ޙ، (خ) އަށް ޚ، (ع) އަށް ޢ، ''(غ) އަށް ޣ، ''(ذ) އަށް ޛ، (ط) އަށް ޠ، (ظ) އަށް ޡ، (ث) އަށް ޘ، (ق) އަށް ޤ، (ش) އަށް ޝ، (ص) އަށް ޞ، (ض) އަށް ޟ އެވެ.

 

 

 

އަރަބި ލަފުޒެއް ވެސް ދިވެހި ލަފުޒެއްގެ ގޮތުގައި ބަލައިގެންފިނަމަ ކޮންމެހެން ތިކި ޖެހި ތާނަ ބޭނުންކޮށްގެން އެ ލަފުޒެއް ލިޔަން އުޅޭނެ ކަމެއް ނެތެވެ. އެކަމަކު އަޅުގަނޑުމެންނަކީ ދިވެހި މުސްލިމުން ކަމަށް ވާތީ އެގޮތަށް ބަލައިނުގަނެވޭނެ ލަފުޒުތައް ހުންނާނެ ކަމަށް ނަޢީމްބެ ވިދާޅުވިއެވެ.

 

ޢަރަބިން ލަފުޒު އޮންނަގޮތް ނޭނގި ތިކި ޖަހަން އުޅުމަށްވުރެ ރަނގަޅުވާނީ ނުޖެހިއްޔާއެވެ. ތިކި ނުޖެހުމަށްވުރެ ނުބައިކޮށް ތިކި ޖެހުން މާ ގޯހެވެ.

 

ތިކިޖެހި ތާނައިގެ ލިސްޓުގައި ޜ، އާއި ޥ ވެސް ހިމެނެއެވެ. ބަހުގެ ބައެއް ޢިލްމުވެރިން ދެކެވަޑައި ގަންނަވާ ގޮތުގައި ޥ އާއި ޜ ގައި ތިކި ޖަހައިގެން ބޭނުންކުރުމުގެ ބޭނުމެއް ނެތެވެ. އެ ދެ އަޑަކީ ދިވެހިބަހުގައި އޮތް ދެ އަޑެވެ.

 

ނަޢީމްބެ ވިދާޅުވި "ދިވެހި މުސްލިމުން" ނާ މެދު އަޅުގަނޑަށް އެދުވަހުގެ ފަހުން ވަރަށް ވިސްނުނެވެ. އެކަމަކު އޭރު އެ ވިދާޅުވި އެއްޗެއް އެހާ ބޮޑަކަށް ނަގައެއް ނުގަނެވުނެވެ. އެހެނަސް އާ ޤާނޫނު އަސާސީގައި މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް ލިޔުނު ހިސާބުން އެ މަފްހޫމް ބޮލަށް ވަނެއެވެ. އެއީ އިއްޔެއަކު މިއަދަކު އުފަންވެގެން އުޅޭ ވިސްނުމެއް ނޫނެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީނެވެ. ބަހާއި ދެން ހުރި ހުރިހާ ކަމަކަށް ވުރެވެސް ދީން އިސްވާނެއެވެ. ނަޢީމްބެ އެހެން ވިދާޅުވިއިރު އަދި ޤާނޫނު އަސާސީ ވުޖޫދަކަށް ނާދެއެވެ.

No comments: