Thursday, December 26, 2019

ކަލާފާނު ޒިޔާރަތް އެޅުމަށް ހޭދަކުރެއްވި ބޭފުޅުންގެ ލިސްޓުގައި މަނަދޫ ޢަލީގެ ފުތް ޙަސަން

ލިޔުނީ: ޢަބްދުﷲ ސަޢީދު 


އައްސުލްޠާން އިބްރާހީމް (ތިންވަނަ) ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުން ނުވަތަ ކަލާފާނު ރަދުންނަކީ މީލާދީން 1585 ން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. ކަލާފާނު ރަސްގެފާނު ބައްޕާފުޅަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނެވެ. މަންމާފުޅަކީ ބާރަށު ފާތިމާ ދިޔޯ އެވެ. 

ކަލާފާނުގެ ރަސްކަމުގައި އިންނަވަނިކޮށް ހޮޅިންގެ ބަޔަކު ރާއްޖެއާ ދެކޮޅަށް އައެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރަކަށް ހުންނެވި މުޙައްމަދު ފަނޑިޔާރު ކަލޭގެފާނު އެއްކުރައްވައި ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ. ފަނޑިޔާރު މަނިކުފާނު މަޝްވަރާ އެރުވީ ހަނގުރާމަ ކުޅައުމަށްވުރެ މާލެ ދޫކުރައްވައި ފިލާވަޑައިގެންނެވުމަކީ މޮޅު އިތުރު ކަމެއް ކަމުގައެވެ. އެ ލަފާގެ މަތިން އަނބިއަނބި ކަބަލުންނާއި ބައެއް ވަޒީރުން ގޮވައިގެން ގުރާބެއްގައި ރާއްޖޭގެ ދެކުނަށް ދަތުރުފެށްޓެވިއެވެ. މިކަން ދުޝްމަނުންނަށް އެނގިގެން ދުޝްމިނުންގެ ގުރާބުތަކުން ރަދުންގެ ގުރާބުތަކާ ދިމާކުރިއެވެ. ކަނޑުމަތިން ދެ ލަޝްކަރު ބައްދަލުވުމުން ރަސްގެފާނު ގުރާބުގައި ތިބި މީސްތަކުން ކަނޑަށް ފުންމާލައިގެން ގޮސް ފަތާފައި ކައިރީގައި އޮތް ފަޅުރަށަކަށް އެރީ އެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރަމުން ގެންދެންވީ ކަލާފާނާއި، ރަދުންގެ އަރިހުގައި ހުންނެވި ޖަމާލު ކަލޯ ކިޔާ ބޭފުޅެކެވެ. އެ ދެކަލުން ވެސް ޝަހީދުވީއެވެ. ކަލާފާނު ޝަހީދުވީ ދުޝްމަނުންގެ ލޮންސި ހަމަލާއަކުންނެވެ. ކަލާފާނު ޝަހީދުވީ 04 ފެބުރުވަރީ 1609 ވީ ބުދަ ދުވަހުއެވެ. ރަދުން ޝަހީދުވުމުން ދުޝްމިނުން ގުރާބަށް އަރައި އޭގެހުރި ހަތިޔާރުތައް ނެގުމަށްފަހު ގުރާބު ދޫކޮށްލުމުން ގުރާބު ގޮސް ލައްވީ ހަންޏާމީދޫ އަށެވެ. ހަންޏާމީދު މީހުންނަށް އެދެކަލުން ޝަހީދުވެފައި ތިބިތަން ފެނުމުން ގެންގޮސް ހަންޏާމީދޫ މިސްކިތްދޮށުގައި ފަސްދާނު ލެއްވީ އެވެ.


ކަލާފާނުގެ ޒިޔާރަތްހެދުމަށް ޚަރަދުކުރި ފަރާތްތަކުގެ ވާހަކަތައް ބަޔާންވެފައި ވަނީ ކަލާފާނާބެހޭ މައި ފަތްކޮޅު (1609މ.)ގެ ނަމުން މަޝްހޫރުވެފައިވާ ފަތްކޮޅުގައެވެ. މި ފަތްކޮޅު ލިޔެވުނު ތާރީޚެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް މިއީ 20 ވަނަ ޤަރުނުގެ ކުރީކޮޅު ލިޔެފައިވާ ފަތްކޮޅެއްކަމަށް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ.މިއީ  78.7ސެންޓިމީޓަރު ދިގު، 31.8 ސެންޓިމީޓަރު ފުޅާ ފަތްކޮޅެކެވެ. 

ފަތްކޮޅު ލިޔަންފަށާފައިވަނީ ޙަމްދު ސަނާއާއެކު ޢަރަބިންނެވެ. ޢަރަބިން ލިޔެފައިވާ ބައިގެ ފަހަތުގައި ކީރިތި ރަސޫލާއަށް ޞަލަވާތުގެ އިބާރާތްތަކެއް ބަޔާންކުރުމަށްފަހު ލިޔެފައިވަނީ ކަލާފާނު ރަދުން ޝަހީދުވެވަޑައިގެންނެވިގޮތެވެ. "ހިޖުރައިން އެކުސާސްތުރަ ސަތާރަވަނަ އަވެރުދު ސައްވާލުމަހުގެ ބުދަ އަށާވީސް ދުވަހު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނުގެ ފުތް އަލްޣާޒީ އިބްރާހީމް ފާށިނާއިކިނަގެފައިވާނާއި ހަސަވެރިކަމު ހޮޅީންގެ ދޮޅަސްދެ ގުރާބު އައިސް މިކިނަގެފައިވާނާއި މިއުރެން ހަނގުރާމަކޮށް މިއުރެން އެއްލި ލޮންސިއަކުން މިކިނަގެ ގައިކޮޅު ގެހި ޝަހީދު ވެއްޖަހިދު މިކިނަގެ ޒިޔާރަތާއިގެން ހަންޏާމީދުވަށް ގޮސް ޒިޔާރަތް މިރަށު މިސްކިތްދޮށު ބިންކޮށް ކިޔައްވައި މިކިނަގެ ޒިޔާރަތް ގައުގައްސަވައި މިކަންކަމާކެމި ހިމެން ކުރައްވައިފައި ތިބެ،" މިފަދައިންނެވެ. މި ތަނުގައި ކަލާފާނު ޝަހީދުވި ތާރީޚު ކަމަށް އެ ވަނީ ހިޖުރައިން 1017 ވަނަ އަހަރުގެ ޝައްވާލުމަހުގެ 28 ވީ ބުދަ ދުވަސްކަމަށެވެ. ދޮޅަސް ދެ ގުރާބު ކަމަށް އެ ބުނާބުނުމުގެ މާނައަކީ 14 ގުރާބެވެ. ދޮޅަހަކީ 12 އެވެ.

އެއަށްފަހު އެ ފަތްކޮޅުގައިވަނީ ކަލާފާނުގެ އަނބިއަނބި ކަނބަލުންނާއި ބޮޑުން ނުވަތަ މުސްކުޅި ބޭކަލުންނާއި ހަނގުބޭކަލުން އެއްބަސްވި އެއްބަސްވުމެއްގެ ވާހަކައެވެ. އެ ވާހަކައަކީ ކަލާފާނުގެ ޒިޔާރަތް އިމާރާތް ނުކޮށްފިނަމަ ފަހުން އެކަމެއް ނުވާނެ ކަމަށް ބުނި ވާހަކައެވެ. ދެން އެއަށްފަހު އޮތީ އެކަމަށް އެއްބާރުލުން ދެއްވައި ހޭދަކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތަކެވެ. އޭގެތެރެއިން ލިސްޓުގެ އެންމެކުރިން ދެވަނައަށް ވަނީ މަނަދޫ ޢަލީގެ ފުތް ޙަސަނުގެ ނަމެވެ. އާދެ! މަނަދޫ ޙަސަން ޢަލީއެވެ. ނުވަތަ މަނަދޫ ޢަލީގެ ދަރިކަލުން ޙަސަންގެ ނަންފުޅެވެ.
"ޒިޔާރަތް އިމާރަތްވެ ހުންނާޅޭ ފަދައެއް ނުކުރެއްވިނަމަ ފަހަށް އިމާރަތެއް ނުވާހުއްޓެވެ ބުނެ އެކަށައަޅައިގެން ޒިޔާރަތް އިމާރަތް ކުރެއްވުމަށް މިކިނަގެފައިވާނުންވައް ދެއްވި މާކަޑޫދޫ ވާތިއައްލާއި މަނަދޫ ޢަލީގެ ފުތް ޙަސަނާއި ލަންދޫ ދަރުވޭހުގެ ދެބަފައިނާއި ހިމަންދޫ ޢަލ ީރާވެރިއާއި މަހެބަދޫ ހިކައާއި ކިރަޑީއައްލާއި އުކުޅޮހު ރަމުދާނާއި ކައްދޫ މޫސާއިގެ ތިންބަފައިނާއި ދި(އަ) މިގިލީ ހުންނަ ޙުސައިނާއި އެއި އަތްމަތީ ތިބި ހައި ރުކަކާއި ކޮޅުމަޑުލު ކަޑޫދޫ މުޙައްމަދުގެ ފުތް އައްލާއި އުމަރާއި މިއުރެން އަތުހުށި ރުއްގަހާއި ބަރެސްދޫ އުމަރާއި މުންޑޫ ޙަސަނާއި މަޑިފުށީ މަރުދުރުހެއިވާގެ ފުތް މުޙައްމަދާއި އެއިގެ މަލާއި މިއުރެން އަތްމަތީހުށި ބަންޑާރަރުކާއި މީން ކޮންމެ ރާވެރިއަކު ހަށިމަތި ރާއާއި އަތްމަތީ ރުއްހުށި ރާވެރިއަކު ރުކުރާއާއި މާލޭ ފުނަދޫ މިކިނަގެ ފައިވާނުން އިންދެވި ރުކުން ދަޑުމުޑުވައްކޮށް މިކިނަގެފައިވާނަށް ވެއްޖެހައި ރުކާއި، ......." ފަތްކޮޅުގައި ލިޔެފައިވެއެވެ. މީގެއިތުރުން އެހެން ބޭފުޅުންތަކެއް ވެސް  ޒިޔާރަތާއި މިސްކިތް އިމާރާތްކުރުމަށް ރުއްގަހާއި ބިންބިން ދެއްވާފައިވާކަން ފަތްކޮޅުން އެނގެއެވެ.

އެތަކެތީގެ މަންފާ ކައިބައިހަދައި، އެ ފަތުގައި އެދިވަޑައިގެންފައިވަނީ ކަލާފާނަށް ދަރުމަ ދެއްވުން އެދި ކޮންމެ މީހަކު ކޮންމެ ދުވަހަކު އެއްފަހަރު ސޫރަތުލްފާތިޙާއާއި އިޚްލާޞް ސޫރަތާއި، މުޢައްވިޛަތައިން ސޫރަތް ކިޔަވައި ދުޢާ ކޮށްދިނުމަށެވެ. އެއަށްފަހު އޮތީ އަހަރުމަތިފުޅު ފާހަގަކުރާނެގޮތުގެ އިރުޝާދެވެ. ދެން އޮތީ ފަތުގައި ކުރަން ހުރި ކަންތައްތައް ކުރުމަށް ކަނޑައެޅުއްވި ބޭފުޅުންނާއި އެ ބޭފުޅުން އަޅުއްވައި މަތިކުރެއްވި ވާހަކައެވެ. އެއަށްފަހު އޮތީ ކަލާފާނު ޒިޔާރަތް އިމާރާތްކުރުމަށް ކުރި ވަގުފު އުވާނުލުމަށް ކޮށްފައިވާ ވަރުގަދަ އިންޒާރެވެ. އެފަދަ މީހުން ވާނީ ގެފުޅު މުގުރައި، ބުދަށް ސަޖިދަކޮށް އުޅޭ މުޝްރިކުންނާއެކު ނަރަކައަށް ވަންނަ މީހުންނާއެކުގައި ކަމަށް ލިޔުއްވާފައިވެއެވެ. އެއަށްފަހު ވަނީ ފަތުގައި އޮތް މަގަށް ކަންކުރުމުން ހުންނާނެ ދަރުމައިގެ ވާހަކައެވެ. "މިކަން މި މަހަށްމެ ލައިތިއްބިއިން ނިއަތްކުޅަ ކޮންމެ މުސްލިމަކު އެސުވާމީންގެ ރަޙުމަތްލެއްވި ވަލީވެރި ބޭކަލުނާއިއެކު ސުވަރުގެ ވަދުނަ ހުށިކަމާއި" ފަތުގައި ބުނެފައިއޮތީ އެފަދަ މީހުން ވަލީވެރި ބޭކަލުންނާއެކު ސުވަރުގެ ވައްދަވާނެ ކަމަށެވެ.

No comments: