Wednesday, April 29, 2020

ރޯދައަށް އޭރު ތައްޔާރުވާގޮތް

 


ޢަބްދުﷲ ސަޢީދު

 

އެއްފުރާގެ ކުދިންނާއެކު މޫދަށް އެރި ކުޅެ މަޖާކޮށް އުޅުނު ދުވަހެކެވެ. ފަޅުމަތީގައި އަޅާފައި ހުންނަ ދޯނިތައް ދަށުން ދަނީއެވެ. ދޯނިތަކުގަޔާއި ފައްތިޔާތަކުގައި އެލި ހެދުމަކީ އޮޑިވެރިން ވަރަށް ރުޅިއަންނަ ކަމެކެވެ. ބައެއް ފަހަރަށް ބައެއް މީހުން އަތިރިއަށް ފައިބާ ހަޅޭއްލަވާ ދޯނިތަކުގައި އެލުން މަނާކޮށްހަދައެވެ. އެ ވަގުތުކޮޅު ދޯނިތަކާ ތަންކޮޅެއް ދުރަށް ޖެހިލެވެއެވެ. އިރުކޮޅަކުން އޮންނަނީ ކުޅިވަރު އަނެއްކާ ވެސް ފެށިފައެވެ.

 

މަހެއްހާ ދުވަސްކުރިން އޭރު ރޯދައަށް ތައްޔާރުވާން ފަށައެވެ. ރޯދަ ކައިރިކައިރިވިހެން ފޯރިވާނީ އިތުރެވެ. ރޯދައަށް ތައްޔާރުވާއިރު މުޅި ދިގު އަތިރިމަތީގައި އޮންނާނީ ބައިބަޔަށް މީހުންނެވެ. ގިނަ ވާނީ އަންހެންވެރިންނާއި ކުޑަކުދިންނެވެ. އެއީ ރޯދައަށް ދުމަށިމަތީގައި ހުންނަ އޮށިތަކާއި ދަނޑިތަކާއި ފިޔަންތަކާއި ސަރަފޯސްތަކާއި ތެލިތާސްތައް ދޮންނަ މީހުންނާއި ކުދިންނެވެ. އެތަކެތި ދޮންނަނީ ކަށިވެލިވެއްޔާ އަޅިޔާ ލައިގެންނެވެ. ވަޅިންނާއި ފުޅިތޮށްޓާއި ތަށިމުށިން ގެދަބުޅިތައް ފުރަތަމަ ކަހަނީއެވެ. މުޅި ދިގު އަތިރިމަތީގެ ރާޅުފެންފަށް އޭރު އޮންނާނީ ކަޅުކުލައިގައެވެ. މާމައާއެކު އަޅުގަނޑު އެ މަސައްކަތުގައި އުޅުނީމެވެ. އެކަން ނިންމާލީމާ މޫދަށް އެރިލުމުގެ ވަރަށް ބޮޑު މިނިވަންކަމެއް އެ ދުވަހު ލިބޭނެއެވެ. ސޯޓުބުރީގައި ހުސްގަޔާ މޫދުގައި އުޅެއުޅެ ހަންގަނޑު ހުންނާނީ އަނދާފައެވެ.

 

ދޯނިތައް ދޮށުގައި "ލޯމެރިނައްކަ" ކުޅެން ދެ ޖިންސުގެ ކުދިން އުޅެއެވެ. ކުޑަކުދިންނާއި ޒުވާނުންނެވެ. އެންމެ ނޭވާދިގު މީހަކު ބެލުމާއި ދޯނީގެ ދިގުފަށަން ދޮށުން ދެވޭތޯ ބެލުމަކީ އޮންނަ ވާދަ ނުވަތަ ޗެލެންޖު ތަކެވެ.

 

އެހެން ކުޅެން ތިއްބާ ފަހަރަކު ދޯންޏެއް އައިސް ފަޅަށް ވަދެ ރިޔާ ދޫކޮށްލައެވެ. އެއީ އެއްދުއްފަރުންނާއި ދިގުރަށުން ރޯދައަށް ދަރު ހޮވައިގެން އަންނަ ދޯނިފަހަރެވެ. އޭރަކީ ތެޔޮ އުނދުނެއް ގޭސް އުނދުނެއް އަދި ކަރަންޓް އުނދުނެއް ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. ރަށުގެ ވަލުތެރެއިންނާއި ފަޅުރަށްރަށުން ދަރުގެނެސް ޖަމާކޮށް ދަރު ފިޔަފާޅިތައް ފުރާލައެވެ. ރޯދައަށް ތިބެގެން ވަލަށް ވަންނަން ނުޖެހޭ ވަރަށެވެ.

 

ދޯނިތައް ލެފީމާ ދަރުތައް އެއްގަމަށް ބާލައިދާން އަޅުގަނޑުމެންނަށް ގޮވާނެއެވެ. އެކަމުގައި އެކުވެރިންނާއެކު ބައިވެރިވެ ލުމަކީ މަޖާކަމެކެވެ. އެކި މީހުން ކޮށާފައިހުރަ ދަރު އެއްގަމުގައި ފުނި ޖަހަނީ ވަކިވަކިންނެވެ. އެ މަސައްކަތުގެ އުޖޫރައަކީ އެ ދުވަހު ދަރަށްދާ މީހުން ކައިފައި ބާކީ ހުންނަ މީރު މަސްބަތްގަނޑެވެ. މޫދުގައި އުޅެއުޅެ އޭރުތިބޭނީ ހާންތިވެފައެވެ. އެ މަސްބަތްގަނޑު ވަރަށް މީރުވާނެއެވެ.

 

އަތިރިމަތީގައި ހުންނަ ހޮޅުއަށިތަކުގެ އަޅޯތައް އާކުރުމާއި ޖޯލިފަތިތައް އާކޮށް އާބާތުރަ ފިލުވުން އިޖުތިމާޢީ ގޮތުން ކުރެވޭއިރު، ރޯދައަށް ކޮންމެ ގެއެއްގައި ވެސް ހެޔޮވަރުގެ ކަށިވެލިގަނޑެއް ވެސް އޮންނަން ޖެހެއެވެ. ކަށިވެލި ގެންނަނީ ކޮށިމަގުކޮޅު އަތިރިންނެވެ. ވެލިގަނޑުގެ ހަތަރު ފަރާތުގައި ކަށިކެޔޮމޫ ޖައްސައި ވެލިގަނޑު ނުފެތުރޭގޮތަށް އޮންނަ އޮންނަނީ ހަދާފައެވެ. އެގޮތަށް އޮންނައިރު ސިފަވާނީ ވެލި ބެޑަކާއެވެ. އެ ވެލިގަނޑަކީ އޮއްވަޅު ކުޅުމަށާއި ފަސްކޮށް ކުޅުމަށްލާ ވެލިގަނޑެކެވެ. ވެލިގަނޑުގައި ތާސް ބަންޑުން ބާއްވައިގެން ތާސް ވެސް ކުޅެއެވެ.

 

ގޯތިތެރެއަށް ވެލި ލުމަކީ ވެސް ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެކެވެ. އެކަން ފެށޭނީ ގޭތެރެއަށް ވެލިލާ ހިސާބުންނެވެ. ކޮންމެ ގެއެއްގައި ވެސް އެތެރިގޭގައި އުތުރުއެނދުހުންނަ ސަރަހައްދުގައި އޮންނާނީ ވެއްޔެވެ. އުތުރުއެނދަކީ އާންމުކޮށް މީހުން ވިހަށް ބޭނުންކުރާ ރޯނުފުރި އެނދެކެވެ. ބައެއް ފަހަރަށް މީހުން ހިނަވަން ވެސް ބޭނުންކުރެއެވެ. އެ އެނދު ދޮށުގައި އޮންނަ ވެލިގަނޑު ކަހައި ތެލިތަށްޓަށް އަޅައިގެން ނެރެއެވެ. އެ ވެލިތައް އަޅަނީ މަގުމަތީގައި ހުން އަޑިގަނޑުތަކަށެވެ.

 

އަޅުގަނޑުމެންނަށްވީރު ގިނަ ގެތަކުގައި އޮންނަނީ ތަޅުންއަޅާފައެވެ. ފަހުން މި ދެންނެވި އުތުރު އެނދުދޮށްވެސް ބައެއް ގޭގޭގައި ހުންނަނީ ތަޅުންއަޅައި ފެންގަނޑު ގެއިން ބޭރަށް ދާހެން ބުރުލާނު ކަނޑާފައިއެވެ. މީހުން ވިއްސައި ހިނަވައި ހަދަންވީމާ ބުރުނާލާ ދިމާއިން އުދަލިން ކުޑަ ވަޅުގަނޑެއް ކޮނެލައި ފިލާގަނޑަކުން ނޫނީ ބާ ޓިނުގަނޑަކުން ބުރުނާލު ހުންނަނީ ނިވާކޮށްފައެވެ. އެކަމެއް ނިމުނީމާ ވަޅުގަނޑަށް ފަސްލަނީއެވެ.

 

ގޭތެރޭގައި ވެލިލަން ތަނެއް އޮތްނަމަ ވެލިލުމަށްފަހު ދެން ވެލިލަނީ ގޭގެ ފާރުކައިރިއަށާއި ގޭ ދޮރުމައްޗަށެވެ. ބަރޯއާއި ގާޑިޔާ ނުހުންނައިރު ވެލި ގެންނަނީ ގޯނިގޯނީގައި ކޮނޑުގައެވެ. މާމަމެން މަންމަމެން ވެލި ގެންނަނީ ތެއްޔަށް އަޅައިގެން ބޯމަތީގައި ބަހައްޓައިގެންނެވެ.

 

ރޯދައަށް ކޮންމެހެން ވެސް ވަޅުތައް ދިޔަހިއްކަން ޖެހޭނެއެވެ. ނިކަން ރީތިކޮށް ބޮނބިފިހިން އުނގުޅާ ވަޅުތައް ހުންނާނީ ހުދުކޮށްލާފައެވެ.

 

އަޅުގަނޑުމެންނަށް ކަންކަން ކުރެވޭވަރު ވީމާ އަޅުގަނޑުމެންގޭގެ ވަޅު ދިޔަހިއްކަނީ އަޅުގަނޑާއި ޢަލީ ކޮއްކޮއާ ދެ މީހުންނެވެ. އޭރު އުމުރުންވާނީ ދިހަބާރަ އަހަރެވެ. ވަޅު އުނގުޅުމަކީ ވަރަށް ބޮޑު ކަމެކެވެ. އެހެންވެ އަޅުގަނޑު ދަނީ ގެއާ ކައިރީގައި ހުންނަ ރަށު އޮފީހަށެވެ. ބޮޑު ކަތީބަކީ އަޅުގަނޑުގެ ހާރޫނުބެއެވެ. ކުޑަކަތީބަކީ އާދަމް މަނިކުބެއެވެ. ކާތިބަކީ އީސަބޭގެ އިބުރާހީމްބެއެވެ. މަސައްކަތު މީހަކީ ސަންގު ދޮންބެއެވެ. އޮފީހުގެ އެއްކޮޅުގައި ކޯޓެވެ. ކޯޓުގައި އުޅޭނީ ޝާކިރުބެއާއި މުޙައްމަދުބެވެ. އަދުނާނުބޭ ވެސް އުޅުނެވެ. އެއީ ކާތިބާއި މަސައްކަތު މީހާއެވެ. ގާޒީ ޢަބްދުﷲބެ، އަތޮޅު އޮފީހަށް ބަދަލުވުމުން އެއީ ސެކެއްޓެރީ ޢަބްދުﷲބެއެވެ. އޭގެފަހުން ގާޒީއެއް ހަރެއް ނުވެއެވެ.

 

އޮފީހު ތަޅުންގަނޑު މައްޗަށް އަރަން ވެސް ބިރުގަނެއެވެ. އެތަޅުންގަނޑުގެ ހުޅަނގު ކޮޅުގައި ވާރޭފެންއަޅާ ރީނދޫކުލައިގެ ފައިބަރު ތާނގީއެއް ހުރެއެވެ. އޮފީހުގެ ބިއްލޫރި ކުދި ދޮރުތައް ހުންނަނީ ހުޅުވާފައެވެ. އަތުގައި އޮންނަ ކޮތަޅު ފެންނައިރަށް އޮފީހުގައި އުޅޭ މީހުންނަށް އަޅުގަނޑު އައީ ކޮލޮރިން ބަލައިކަން އެނގޭނެއެވެ.

 

ކޮލޮރިން ފާޓާ ހުންނަނީ ގުދަނުގައެވެ. ދޮންބެ ގެގޮސް އަޅައިދޭނީ ގެއަކަށް ނާޓެކެވެ. ކޮލޮރިން އަޅަން ދާއިރު ދޮންބެ ސަމާސާ ވެސް ކުރާނެއެވެ. "ވަޅުދޮށް އުނގުޅަންދޯ ތި ގެންދަނީ" ދޮންބެ އެހެން ބުނަނީ ވަޅުދިޔަހިއްކަން ކޮލޮރިން ދޫނުކުރާތީ އަޅުގަނޑު ބިރު ގަންނުވާލާށެވެ. އަޅުގަނޑު އެއްޗެކޭ ނުބުނަމެވެ. "ދާނަން ބަލަން" ކަތީބުންނަށް އިވޭ ވަރަށް ދޮންބެ ބުނެލާނެއެވެ. ދޮންބެއަކީ އެކަހަލަ މީހެކެވެ. ހަމަ ބަލަން ހިގައިވެސްދާނެއެވެ.

 

ކޮލޮރިން ލައިގެން ވަޅާއި ވަޅުދޮށާ ރީތިކޮށް އުނގުޅާ ސާފުކޮށްލީމާ ވަރަށް ރީތިވާނެއެވެ. އެކަމަކު ދޮންބެ ބަލަން އައިސްފާނެތީ އެކަމުގެ ބިރު އޮވެއެވެ. އެހެންވެ އެއްކޮށް ހުސްކޮށްނުލާ ކޮތަޅުގައި އެތިކޮޅެއް ބަހައްޓަން ޖެހެއެވެ.

 

ރޯދައަށް ތައްޔާރުވުމަށް މި ނޫނަސް ވަރަށް ގިނަ ކަންތައްތައް ކުރެއެވެ. އަޅުގަނޑަށް އެންމެ ޚާއްޞަ ކަމަކީ ބޯކޮށުމެވެ. ކުޑައިރު ބޯކޮށައިދެނީ މަންމައެވެ. ފަހުން އެންމެ ހިތްހަމަ ޖެހެނީ އާޓޭ ބޮޑުބެ ކޮށާގޮތެވެ. ކައްޗަށް ކަންހުޅި ކަޑާތީއެވެ. އަތިރި މަތީގައި ކޯޅިކޯޅިއަށް މީހުން ބޯކޮށަން ތިއްބާ ފެންނާނެއެވެ. މަންމަމެން ބަދިގޭގައި ރޯދައަށް ހަވާދު ހަދައި އުޅޭނެއެވެ. މާމަ އެންމެ ފަރުވާތެރިވާނީ ރޯދައަށް ވާއިރަށް ނަމާދުކުރާ ދޮޅިއާއި މުސައްލައާ ކުނާ ދޮވެ ގަދަ އަވިން ހިއްކުމަށެވެ. ކާފަގެ ކަމަކީ ކުޑަ ދޯނި އެހެލާ ފެހިކަހާ ތެޔޮލައި ހެދުމެވެ. މާލެ ފައިބާ ހުންނަވާ އަޅުގަނޑުގެ ބައްޕަ ވެސް މާލެ ފައިބާތިބޭ އެހެން މީހުންހެން ރޯދައަށް ރަށަށް އަންނާނެ ނަމައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެކަމަކު އެ ނަސީބެއް ކޮންމެ ރޯދަމަހަކު ނުލިބެއެވެ. ރަށުން ބޭރުގައި މަސައްކަތްކުރާ މީހުން ރޯދައަށް ރަށަށް އައުމަކީ އޭރު އޮންނަ ސަގާފަތެކެވެ.

 

ނޯޓު: މި ފޮޓޯއަކީ ކޮން ރަށެއްގެ ފޮޓޯއެއްކަމެއް ނޭނގެއެވެ. ކޮންމެ ރަށެއްގެ ފޮޓޯއެއް ކަމަށް ވިޔަސް މި ފޮޓޯއިން އެ ޒަމާން މި ފޮޓޯއިން ތަސައްވުރު ކޮށްދެއެވެ.

 

ފޮަޓޯ ކުރެޑިޓް: ހައްގުވެރިފަރާތަށް.

No comments: