Monday, April 13, 2020

އަޅުގަނޑުގެ ލޮބުވެތި މިލަދޫ ޓީޗަރު

ޢަބްދުﷲ ސަޢީދު 


އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު  ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ.  އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަށް ދާކަށް ނިކުމެވަޑައެއް ނުގެންނެވިއެވެ. އިރުގަނޑެއް ވީ ފަހުން ކުއްޖަކު އެގެއަށް ވަނެއެވެ. ޓީޗަރު ގެއަކު ނޫޅުއްވައެވެ. އެ ދުވަހު ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން މޫދަށް އެރުން ކެންސަލްވީކަން އެނގިއްޖެއެވެ.  ދެރަވެ މާޔޫސްވިއެވެ. އެއަށްވުރެ ބޮޑަށް އެ ހާދިސާގެ ޚަބަރުން ހުރީ މާބޮޑަށް ބިރުގަންފައެވެ.




އެ ދުވަހަކީ އަލިބެ ރުކުންވެއްޓުނު ދުވަހެވެ. މަނަދޫ މަންޒިލްގޭ އަލީ ޙުސައިނަކީ އަޅުގަނޑުގެ ބައްޕަގެ ވަރަށް ގާތް އެކުވެރިއެކެވެ. އެންމެންނާ ވެސް ގުޅޭ ވަރަށް މަޖާ ސަމާސާ ބޭކަލެކެވެ. ޢަލިބެގެ އަނބިކަނބަލުންނަކީ ދޮންމަރީ ދައިތައެވެ. ދޮންމަރީ ދައިތަގެ މަންމަ އާއި އަޅުގަނޑުގެ މަންމަ ފަރާތު ކާފައާ އެއީ ދެބެންނެވެ. އަލިބެގެ ގެ ހުންނަނީ އަޅުގަނޑުމެންގެއާ އެއް އިންވެގެން ދެކުނު ފަރާތުގައެވެ. އޭރު ދެގެދޭތެރޭގައި އިންފާރެއް ނުހުރެއެވެ. ގޭގެ ދެކުނު ފަރާތަށް ނިކުމެ ބަލާލިއިރު އަލިބެމެންގޭ ދޮށަށް ހީވަނީ ރައްޔިތުން އެއްވެފައި އޮތް ހެންނެވެ. އޭރު މިލަދޫ ޓީޗަކީ ފައްކާ މަނަދޫ މީހެކެވެ. ބޭރުން އަރާ މީހުންނަކަށް އެއީ އެހެން ރަށެއްގެ މީހެއް ކަމެއް ނޭނގޭނެއެވެ.

ޢަލިބެ އެރީ އަޅުގަނޑުގެ ތިމާގެ މީހެއްގެ ގޯތިތެރޭގައި ހުރި ރުކަކަށެވެ. ރުކުން ފައިބަމުން ސޮއްސާލެވުނު ފޮތަކުން އައިސް ފައިވިދި ފައިގެ ކުޑަހުޅުން ނެއްޓި  ކަށިގަނޑު އޮތީ ފަޅާލާފައި ބޭރަށް ނުކުމެފައެވެ. އަލިބެ ނިޔާވީ އެކަމަށް މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ރަޙުމަތް މިންވަރު ކުރައްވާށިއެވެ.  މި ހާދިސާ ހިނގިގޮތް އަޅުގަނޑަށް ފުރަތަމަ އެނގުނީ ޖެހިގެން އައި ދުވަހު ކުލާހުގައި މިލަދޫ ޓީޗަރު ވިދާޅުވެ ދެއްވުމުންނެވެ.

މިލަދޫ ޓީޗަކީ ކުލާސް ގަޑީގައި ވަރަށް ގިނަ މިސާލުތައް ދައްކަވައި އެކިއެކި ވާހަކަތައް ވިދާޅުވެ ދެއްވާ ވަރަށް ދަރިވަރުންނާ ގާތްކަން ބެހެއްޓެވި މުދައްރިސެކެވެ. އެއް ދުވަހަކު ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި ކަންފަތުގެ ވޮށީގެ ބޭރުގައި އިސްތަށި ފަޅާފައި ހުންނަ މީހުންގެ ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. މީހުން ތުންތުންމަތިން ދައްކާ ފުލޯކު ވާހައެކޭ ވިދާޅުވިއެވެ. އެގޮތަށް ހުންނަނީ ނޫޙުގެފާނު ބާގައިގެ މީހުންނޯލައެވެ. އެއިން މީހަކު ދޯންޏެއްގެ ހުންގާނުގައި ހުއްޓާ ދޯންޏެއް ބަންޑުން ޖަހައެއް ނުލާނެޔޭ މީހުން ކިޔަޔޯލައެވެ . މިލަދޫ ޓީޗަރަކީ އެގޮތަށް އިސްތަށި ފަޅާފައި ހުންނަ ބޭފުޅެކެވެ. އެ ދުވަހު އަޅުގަނޑު ހިތަށް އެރިއެވެ. މިލަދޫ ޓީޗަރު ދޯނި ދުއްވާ ކެޔޮޅުކަމުގޮސް ހައްދަވާ ކަނޑުމައްޗަށް އެހާ ކުޅަދާނައީ އެހެންވެތާއެވެ. އަޅުގަނޑުގެ ކަންފަތުގައި ވެސް އެ ގޮތަށް އިސްތަށި ފަޅާނެ ނަމައެވެ.  އެ ވާހަކަ ވިދާޅުވެ ދެއްވިތާ މާގިނަ ދުވަހެއް ނުވެއެވެ. އިރުވައިގެ ހަޅައިގެ ތެރޭގައި ވަދާގޮސް އުޅެފައި މަނަދޫ ކަނޑިމައިން ވަންނަން އުޅެނިކޮށް ހުސެންމަނިކުބޭގެ ދޯނި ބަންޑުން ޖަހާލިއެވެ. އެ ދޯނިން އެ ދުވަހު މިލަދޫ ޓީޗަރު ވަދާ ދުރުވިއެވެ. އެކަމާ އަނެއް ދުވަހު ސުވާލުކުރުމުން ހީލާފައި ވިދާޅުވިއެވެ. ޓީޗަރުހުރީ ހުންގާނަކު ނޫނެވެ.  ދޯނި ރާޅާ އޮޅިނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ބޭނި އެންމެ މަހެއް ވެސް ނުގެއްލެއެވެ. ދޯނިން އެންމެ މަޅުގަނޑެއް ވެސް މަދެއް ނުވެއެވެ. ފަޅަށް ވަންނަން ދިމާކުރި އިރު ވެސް ބަންޑުން ޖަހާލަފާނެކަމަށް ޓީޗަރު ހުރީ ވިސްނައިގެންނެވެ. އެކަމަށް ތައްޔާރު ވެގެންނެވެ.

އެއީ ދުނިޔޭގެ އާޖުފާޖު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރާއްޖޭގެ މޫސުމާއި އޮޔާއި ދިޔަވަރާއި ދިވެހިވަންތަ ދިރިއުޅުމަށް ފަރިތަ ބޭފުޅެކެވެ. ކުލާހުގެ ކުދިން ގޮވައިގެން އެއް ދުވަހަކު އެއްދުއްފަރަށް ދަތުރަކު ވަޑައިގަތެވެ.  ބޮޑު މީހަކަށް ހުރީ މިލަދޫ ޓީޗަރު އެކަންޏެވެ. ދިޔައީ ރިޔަލު ދޯންޏެއްގައެވެ. އެއްދުއްފަރުގެ ތޮށިގަނޑުކޮޅަށް ކުރި އެ ދަތުރަކީ ވެސް ތަފާތު ތަޖުތިބާއެކެވެ. އެ ދުވަހު މިލަދޫ ޓީޗަރު ކައްކާލި ކުޅި ރިހަގަނޑުގެ ރަހަ އަދިވެސް އަރުތެރޭގައި ހުންނަ ކަހަލައެވެ. އެ ދުވަހު ރަށަށް އައި މަގުމަތީގައި ދޯނި މަޑުކޮށްފައި ކަނޑަށް ފުންމާލަން ކެރޭނީ ކޮން ކުދިންނަކަށްތޯ ސުވާލު ކުރެއްވިއެވެ. ދެތިން ކުދިން ކަނޑަށް ފުންމާލިއެވެ. އަޅުގަނޑަކަށް ނުކެރުނެވެ. މިހިރަމިހިރަ ވާހަކަ މި ޒަމާނުގައި އަޑުއަހާ މީހުން، ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުން ބަލައިފައި ތުރުތުރު އަޅައިގަންނާނެއެވެ. އެކަމަކު އެ ޒަމާނުގެ ކުދިންގެ ކިބައިގައި މޫދަށާއި އޮޑިދޯނި ފަހަރަށް ފަރިތަކަން ހުންނަ މިންވަރު  އެނގޭ ނަމަ އެ ތުރުތުރެއް ނާޅާނެއެވެ.

އެހެން ހަނދާނެކެވެ. ކުލާހުގައި ހަދާ ފިލާވަޅުތައް މާކުކުރައްވާފައި ފޮތުގައި ވަރަށް ރީތި ސޮޔެއް ކުރައްވައެވެ. އަރަބީގެ އަލިފެއް އަޅުއްވާފައި މަތީގައި ކުޑަ އަލިފެއް ވަކިން އަޅުއްވައެވެ. ދެން ބާޔަކާއި ވާވެއް އަޅުއްވާގޮތަށް ގެންދަވައި މަތިން ވައްބޮޅެއްހެން ވަށާޖައްސަވައި ތިރިއަށް ނިންމަވާލައްވަނީ ޒިގުޒެގު ރޮނގަކުންނެވެ. އެ ވެސް ނުފިލާ ހުންނަ ހަނދާނެކެވެ. އަޅުގަނޑުމެން އެގޮތަށް އެތައް ގަނޑެއްގައި ސޮއިކޮށް ހަދަމެވެ.

އަޅުގަނޑުމެން ނުހަނު ލޯބިވި އަދި އަޅުގަނޑުމެން ތަރުބިއްޔަތު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެ ލޮބުވެތި މުދައްރިސާ ވަކިވާން ޖެހުނީ ކުއްލިއަކަށެވެ. ބޮޑުބެރާއި ސަގާފީ ކުޅިވަރުތަކާއި އިތުރު ހަރަކާތްތަކުގައި  ނުހަނު ގާތުން މަސައްކަތްކުރެއްވި މިލަދޫ ޓީޗަރާ ވަކިވާން ޖެހުނީ އަތޮޅު ފުޓްބޯޅައިގެ ވާދަވެރި ރޫޙުގެ ތެރެއިން އުފެދިގެން ދިޔަ ފިތުނަގަނޑެއްގައެވެ. މިލަދޫ ޓީޗަރުގެ އުފަން ރަށް މިލަދޫއާއި މަނަދޫ ޓީމަކީ ވަރަށް ވާދަވެރި ދެޓީމެވެ. އެއްބަޔަކު ވެސް އަނެއް ބަޔަކު އަތުން ބަލިވުމަކީ ގަބޫލުކުރާ ކަމެއްނޫނެވެ. އެއީ "ބޫގަލަށް" ނުހަނު ބޮޑަށް ބަރޯސާ ވެފައި އޮތް ޒަމާނެކެވެ. އެ ނޫނަސް އެތައްކަމެއް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ކުރި ހޯދުމަށް ވަރަށް ސިއްރުސިއްރުން ކުރަމުން ދިޔަ ދުވަސްވަރެކެވެ. އެ ފޯރިގަނޑުގެ ތެރޭގައި ކުޅުނު މެޗެއްގައި މިލަދޫ ޓީމު އަތުން މަނަދޫ ޓީމު ބަލިވުމުގެ ޒިންމާ އުފުލަން  އެފަހަރު ޖެހުނީ މިލަދޫ ޓީޗަރަށެވެ. އަޅުގަނޑު ހުނަނު ލޯބިވާ މުދައްރިސް އަބޫބަކުރު މުޙައްމަދާ ވަކިވާން ޖެހުނީއެވެ. އޭގެ ފަހުން މިލަދޫ ގިނަ މީހުން ކިޔާ އަޑުއިވެނީ "ދޮންބެ" އެވެ. އެކަމަކު އެއީ އަޅުގަނޑުގެ މިލަދޫ ޓީޗަރެވެ. އެއީ އަޅުގަނޑު، އަޅުގަނޑަށް ވުމުގައި ވަރަށް އަގުހުރި އަދި އެހާމެ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. 

އަޅުގަނޑުގެ ހިތުގައި އަބަދުވެސް މިލަދޫ ޓީޗަރަށް ޚާއްޞަ ލޯތްބެއް އޮވެއެވެ. ޝުކުރުގެ ޝުޢޫރުތައް ހިނގައެވެ. ޅައިރުގެ އެތައް ހާދިސާއަކާ އެ ނަންފުޅާ ގުޅެއެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ ޒަމާނާއި މި ޒަމާން އަޅާ ކިޔާލެވެއެވެ. އަމިއްލަ އުފަން ރަށް ދޫކުރައްވައި އަޅުގަނޑުމެން ރަށުގައި އެ ހޭދަކުރެއްވި ދަތި ދުވަސް ތަކުގައި މިލަދޫ ޓީޗަރާ މެދު ހިތްހަމަ ނުޖެހިގެން މީހަކު ވާހަކަ ދެއްކި އަޑެއް އަޅުގަނޑު ނާހަމެވެ. އެންމެންގެ ލޯތްބާއި އިޙުތިރާމު ހޯއްދެވިއެވެ. އެހެން އުޅުއްވަނިކޮށް ލައްވާލީ ފުޓްބޯޅައިގެ ފޯރިއާއެވެ. އެއީ އެއް ރަށުގެ މީހުން އަނެއްރަށަށް ނޭރޭވަރަށް ފޯރިވާދަ ގަދަވި ފަހަރެކެވެ. އެ ވަގުތާއި ހާލަތަށް ބައްލަވައި ރަށު ސްކޫލަށް ބަދަލުވެވަޑައިގަތުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި  މަނަދޫގެ ރައްޔިތުންނަށް މިލަދޫ ޓީޗަރު ކުރެއްވި އަގުހުރި އިޙުތިރާމެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮ ދުޢާއަކީ މިލަދޫ ޓީޗަރަށް ފުރިހަމަ ޞިއްޙަތަކާއި ބާއްޖަވެރި ހަޔާތެއް މިންވަރުކޮށް ދެއްވުމެވެ. ޝުކުރިއްޔާއެވެ.

.

No comments: