Friday, April 24, 2020

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

 


ޢަބްދުﷲ ސަޢީދު

 

ސްކޫލަށް "އިސްކޫލު" ކިޔަނީ އިނގިރޭސި ބަސް ނުދަންނަ، ޒަމާނަށް ލޯނުހުޅުވޭ ދުވަސްވީ މީހުންނެވެ. އެ މީހުންނަށް ސްކޫލު ކިޔަން ނޭނގެނީއެވެ. ދިވެހި ބަހަކީ އެއްވެސް ފެންވަރެއްނެތް ފަގީރު ބަހެކެވެ. ރަނގަޅު އެއްވެސް ހަމައެއް ގަވާއިދެއް ދިވެހި ބަހުގައި ނެތެވެ. ދިވެހި ބަސް ކިޔެވުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ވެސް ނެތެވެ. ދިވެހި ބަހުގެ ބަހުރުވަތަކަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ކޮންހާ ގިނަ ބަހުރުވަ ތަކެއް ހެއްޔެވެ. ކިޔާ ނުކިޔާއެއް ނޭނގެއެވެ. ދިވެހި ލަވައެއް ކަމަކު ނުދެއެވެ. ދިވެހި ލަވަ ކިޔަނީ އިނގިރޭސި ލަވަ ކިޔަން ނޭނގޭ މީހުންނެވެ. ޅެމާއި ރައިވަރާއެއީ މާ ކުރީ ޒަމާނެއްގެ ބޯދާ އެއްޗެއްސެވެ. މިހާރު ކީއްކުރާނެ އެއްޗެއްސެއް ހެއްޔެވެ.

 

މޮޅު މީހުން ކަމަށް ހީވަނީ ދިވެހިން ވާހަކަ ދައްކާއިރު ދޭތެރެ ދޭތެރެއިން އިނގިރޭސި ލަފުޒުތައް ބޭނުންކޮށްލާ މީހުންނެވެ. އިނގިރޭސި ލަފުޒުތައް ވާހަކަ ދައްލާއިރު ގިނައިން ބޭނުންކުރި ވަރަކަށް އެއީ މޮޅު މީހެކެވެ. އިނގިރޭސި ނުދަންނަންޏާ އެއީ އެއްޗެއް ދަންނަ މީހެއް ނޫނެވެ. ކިޔަވައިގެންހުރި މީހެއް ނޫނެވެ. ގަމާރެކެވެ. ޖާހިލެކެވެ.

 

ދިވެހި ފޮތް ކިޔަންވީ ކީއްކުރަން ހެއްޔެވެ. އެއަކު އޮއްޓަރުހުރި ރަނގަޅު މަޢުލޫމާތެއް ނުހުންނާނެއެވެ. ދިވެހި ވާހަކަ ފޮތް ކިޔަނީ އިނގިރޭސި ވާހަކަ ކިޔަން ނޭނގޭތީއެވެ. ބޮޑެތި ދިގު ވާހަކަތައް ތަރުޖަމާ ކޮށްފައި ދިވެހިބަހުން ލިޔެފައި އެ ހުންނަނީ މުސްކުޅިވެރިން ކިޔާށެވެ.

 

ފޮތްފޮތުގައި ޖަހާ ނަމުންފެށިގެން ކުރާ ސޮޔާއި ލިޔާ ލިޔުންތަކާއި ކުރާ ނޯޓުތަކާއި ފޮނުވާ މެސެޖުތައް ވެސް ލިޔަންވާނީ އިނގިރޭސިންނެވެ. ނޫނީ ލެޓިނުންނެވެ. އެގޮތް މާ ފަސޭހައެވެ. އެއީ މީހާގެ ޝަޚްޞިއްޔަތު ދައްކައިދޭ ކަމެކެވެ.

 

ކިޔަންވާނީ އިނގިރޭސި ނަންނަމެވެ. ޖަމުޢިއްޔާއަކަސް ފިހާރައަކަސް ދޯންޏަކަސް މަގަކަސް ގެއަކަސް ރީތީ އިނގިރޭސިން ނަން ކީމައެވެ. ދިވެހި ނަންނަމެއް ޒަމާނަކަށް ނުފެތެއެވެ. މީހުންގެ ނަންނަން ވެސް އިނގިރޭސި ކޮށްލީމާ ސަޅިއެވެ. މުޙައްމަދަށް މޯޑެވެ. އަޙުމަދަށް އަންމަޑޭއެވެ. ނޫނީ އަންޑޭއެވެ. ހަމިއްޓޭއާއި ސައިއްޓޭއެވެ. ދިގުކުރަން ކިޔާނެކަމެއް ނެތެވެ. ތިކިޖެހި ތާނަ ދެކެވެސް އެ އަންނަ ރުޅިއަކާ ފޫސެއްގެ ވާހަކަ ދަންނަވާކަށް ނޭނގެއެވެ. ކޮންހާ ގިނަ ދަރަޖަތަކެއް ހެއްޔެވެ. އެއީ ބޭފުޅިޒަމެވެ. އެ ހުރިހާ ދަޖަރައެއް ބޭނުމެއް ނޫނެވެ.

 

ދިވެހިބަހާމެދު މިފަދަ އެތައް ހީތަކެއް އަޅުގަނޑުގެ ހިތަށް އެރިއެވެ. އުމުރުގެ އެކި ދުވަސްވަރު ބޮޑަށް އުނދަގޫކުރީ އެކި ކަންކަމެވެ. އަޅުގަނޑު ވެސް އައީ ބޮޑުވެ ތަސައްރަފު ފުދެމުންނެވެ.

 

އަޅުގަނޑުމެން ގެއަށް މާލްރޯޑް ކިޔާތީ އޭރު އުފާވެއެވެ. ދިވެހި ނަމަކަށް ނުވެފައި އާންމުކޮށް ގެތަކަށް އޭރުކިޔާ ނަންނަމާ ތަފާތުވީމައެވެ. އޭރު ގޭގެ ނަމުގެ ފަހަތަށް "ގެ" ނުލައި ނަންކިޔާފައި ރަށުގައި ހުންނަނީ ވަރަށް މަދު ގެއަކަށެވެ. ކަރަންކާވިލާ، ޑޯރެންސީވިލާ، ވާރޭވިލާ، ސޯސަންވިލާ އެވެ. ކުންނަމަލަ، ޓްވެލްރީ، ޒޭވަރު، ޖައުޒާ، އައްސޭރި، ފްލާވަރ، ހިޖުރަ، ޕޫލްވާރީ، ލިލީ، ވީނަސް، ވައިޓްރޯސް، ޕިންކް ފްލާވަރ، ސަންގަމެވެ. ފަހުން މުޅިން ވެސް ގޭގެއަށް ނަންކިޔަންފެށީ ގެ ނުލައެވެ. ނޫވިލު، ރެޑްރޯސް، ވައިޓްރޯސް، އިތާ، ދޮންވެލި، މާރިނދަ، ސަބުނަމް ފަދަ ނަންނަމެވެ. ރީތި ދިވެހި ނަންތަކާއެކު އިނގިރޭސި ނަންތަކެވެ.

 

އަޅުގަނޑުމެން ގޭގައި ހުންނަ ފިހާރައަށް "އާފިހާރަ" ކިޔާތީ އަޅުގަނޑު ފޫހިވެއެވެ. އެ ފިހާރައަށް "ނިއު ޝޮޕް" ނުކީ ކީއްވެގެންތޯ ބައްޕައާ ސުވާލުކުރާ ހަނދާން ވެއެވެ. ފަހުން ހުޅުވި ގިނަ ފިހާރަތަކަށް ކީ ވަރަށް ރީތި ޒަމާނީ ނަންނަމެވެ. އަޅުގަނޑަށް އެއްއިރެއްގައި އެންމެ ރީތީ "މަތިސްޓާރ"އެވެ. އިނގިރޭސި ގޮތެއް ހުންނާތީއެވެ. އިނގިރޭސި ބަހަށް އެ ކުރެވޭ އިހުތިރާމަކާއި ހިތުގައި އޮންނަ ލޯތްބެއްގެ ވާހަކަ ދައްކަން ނުވާނެއެވެ.

 

އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހާމެދު މިފަދަ ދަށު ދަރަޖައެއްގެ ވިސްނުމެއް އަޅުގަނޑުމެންނަށް ގެންގުޅެވުނީ ކީއްވެބާއެވެ. މިހާރުގެ ކުދިން ވެސް މި ވިސްނުން ގެންގުޅޭ ބާވައެވެ. ގައިމު ވެސް މި ވިސްނުންތަކެއްގެ ތެރެއަށް އަޅުގަނޑުގެ ޅަހިތް ގެނބުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި އެ ނާމާން ކަނޑުން ސަލާމަތްވީ ކިހިނެތް ކަމެއް ވެސް ސީދާ ދަންނަވާކަށް ނޭނގެއެވެ.

 

މުޙައްމަދު އަމީނަކީ އެ ޒަމާނާއަޅާ ބަލާއިރު ޒަމާނީ ބޭފުޅެކެވެ. ފައްކާ އިނގިރޭސިއެކެވެ. އެކަމަކު ދިވެހިން ލިޔުއްވާފައި ހުއްޓާ ފެންނަނީ އިސްކޫލެވެ. އެއީ އިސްކުރާއި އިސްޓާކީނު ފަދަ ލަފުޒުތައް ދިވެހި ވެގެން ދިޔަގޮތަށެވެ. އެ މަނިކުފާނަށް އިނގިރޭސިން ވިދާޅުވާން ނޭނގޭތީއެއް ނޫނެވެ. ދިވެހިން ގިނަ ފޮތްތަކެއް ލިޔުއްވާފައި ހުރިއިރު ކޮންމެހެން ބޭރުބަހެއް ލައްވަން ޖެހޭ ތަނަކަށް ނޫނީ ބޭރުބަހެއް ނުލައްވައެވެ. ބޭރު ބަސްބަސް ސުމާރެއްނެތް ވަރަށް މަސްހުން ކުރެވެނީ އަމިއްލަ މާދަރީ ބަސް ރަނގަޅަށް ނޭނގޭތީކަން މިހާރު އެބައެނގެއެވެ. ދިވެހި ބަހާމެދު ކުރެވޭ ގިނަ ކުށްހީތައް ކުރެވެނީ ދިވެހި ބަހާބެހޭ ގޮތުން ނޭނގޭތީއެވެ. ނުވަތަ މާދަރީ ބަހުގެ އަގު ވަޒަން ނުކުރެވޭތީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ވެސް ނޭނގެނީއެވެ. މިއީ ދިވެހިންނެވެ. އިނގިރޭސިއެއް ނޫނެވެ. ކާޅެއްގެ ތުންގަނޑުގައި ކޮންމެ ކުލައެއްގެ ދަވާދެއް ލިޔަސް ވާނީ ކާޅަކަށެވެ. ދިވެއްސަކު ދިވެހިބަސް ފާރުބުޑަށް ޖެއްސަސް ވާނީ ދިވެއްސަކަށެވެ.

No comments: