Monday, April 13, 2020

ކޯވިޑުގެ އިމުތިހާނުގައި

ޢަބްދުﷲ ސަޢީދު


އަޅުގަނޑުމެން މި ތިބީ ކޯވިޑުގެ އިމުތިހާނުގެ ކަރުދާސް ހިފައިގެން އިމުތިހާނުގެ ހޯލުގައެވެ. މި އިމުތިހާނުން ފާސްވުމާއި ނުވުމުގެ އިޚުތިޔާއި ފުރުސަތު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވިއެވެ.

މިއީ ފަސޭހަ އިމުތިހާނެއް ނޫންކަން ދުނިޔެ ހެކިދެއެވެ. ފުދުންތެރި އަދި ކުރިއަރާފައިވާ އެތައް ޤައުމެއް ފޭލި ވެއްޖެއެވެ. މި ބަލި ޖެހޭ މީހުން މިލިއަނުން ގުނަން ފަށާފައިވާއިރު މަރުވާ މީހުން ލައްކައެއް ގިރާކޮށްފިއެވެ. ހީވަނީ އަރާފައިބާ ވަރުގަދަ ތޫފާނެއް ހެންނެވެ. އެހެރަ ބިޔަ ބޮޑެތި ޤައުމުތައް އެދަނީ ގޮތް ހުސްވަމުންނެވެ.


ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޤައުމު ކަމަށްވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް އައިސީޔޫގައި އާލާސްކަންފުޅަށް ފަރުވާ ދޭންޖެހުނެވެ. އެ ޤައުމުގެ ރަސްކަމުގެ ތަޚުތުގެ ވަލީއަހުދު ވެސް ވަނީ މި ނުރައްކާތެރި ބައްޔަށް ފައްސިވެފައެވެ. ދުނިޔޭގެ ސުޕަޕަވަރުގެ ރައީސާއި އެތައް ލީޑަރުންނެއް މި ބައްޔަށް ޝައްކުވެގެން ޓެސްޓްކުރަން ޖެހުނެވެ. ފަރުވާ ދެވޭނެ ގޮތެއް ނެތިގެން އެ ޤައުމުތަކުގެ ރައްޔިތުން އެ ޤައުމުތަކުން މަރުވާން ދޫކޮށްލައިފިއެވެ. މަރުވާ މީހުން އަންދަނީއެވެ. ކައިރިވާނެ މީހަކުނުވެ ކުނިވެ މުޅަވަނީއެވެ. ޚިދުމަތްތެރި އެތައް ސަތޭކަ ޑޮކްޓަރުންނަކާއި ނަރުހުންނަކަށް ބަލިޖެހި މަރުވެގެން ދަނީއެވެ. ރައްކާތެރި މާސްކާއި ހެދުން ނުލިބި މަސައްކަތަށް ނިކުންނަން ޖެހިގެންނެވެ. އެމެރިކާގެ އެންމެ ވަރުގަދަ އަދި އެންމެ ކުޅަދާނަ ސްޕެޝަލް ފޯސަސްގެ ހުނަރުވެރި އެއަރބޯން ސިފައިން އެތިބީ ހަތިޔާރުތައް ދޫކޮށް މާސްކު ފަހަން ފަހާފޮށިތައް ދޮށުގައެވެ. ވިސްނާ ބަޔަކަށް އިބުރަތަކަށް ނުފުދޭ ހެއްޔެވެ.

އެބައެއްގެ ހަށިފާރަވެރިން އަބަދު ވަށަވަށައިން ހަތިޔާރު އަޅައިގެން ތިއްބާ ސިޔާސީ އެތައް ލީޑަރުންނެއް ކޮރޯނާވައިރަސްގެ ހަމަލާގައި އެނދުމަތިކޮށްފިއެވެ. ދުނިޔޭގެ ގިނަ ބަޔަކު ދަންނަ އެތައް ބަޔަކު މި ބަލީގައި މަރުވެއްޖެއެވެ. ދިވެހިންގެ ގިނަ ބަޔަކު ދަންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު(ސީއެޗްއެސްއީ)ގެ ފުރަތަމަ ޕްރިންސިޕަލް ވެސް މި ބަލީގައި އަވަހާރަވެއްޖެއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި މި ބަލި ޖެހިފައިވާ ދިވެހިން އެބަތިއްބެވެ.

ެައަޅުގަނޑުމެންގެ ލޮލަށް މިހިތްދަތި މަންޒަރު އެބަފެނެއެވެ. އެ އަޑުތައް އެބަ އިވެއެވެ. އެކަމަކު އެ ހިތްދަތި މަންޒަރުތަކުން ކުރާ އަސަރެއް ފެނޭހެއްޔެވެ. ދުނިޔޭއާއި ރާއްޖޭގެ ޞިއްޙީ މާހިރުންނާއި ޑޮކުޓަރުން ކުރާ އާދޭހަކުން، ސަރުކާރުން ދޭ ނަސޭހަތަކުން ކުރާ އިލްތިމާސަކުން އަޅުގަނޑުމެންނަށް ކަހެރިވަކެކޭ ވެސް ހީވޭ ބާވައެވެ.

މިއީ ދިވެހިންނަށް ޖެހޭނެ ބައްޔެއް ނޫނޭ ހީވެގެން އުޅުނު ދުވަސްކޮޅެއް ވެސް ފާއިތުވެއްޖެއެވެ. ހުރިހާކަމެއްގެ އެންމެ ރަނގަޅުގޮތާއި މޮޅުގޮތް އެނގެނީ ފަންނީ މާހިރުންނަށްވުރެ ވެސް އަޅުގަނޑުމެންނަށެވެ. ދުނިޔޭގެ ބައެއް ޤައުމުތައް ލޮކްޑައުންކުރަން ފެށުމުން ރާއްޖެ ލޮކްޑައުން ކުރުން ލަސްވެގެން އުޅުނީމުއެވެ. ފުރަބަންދު މި އާ ލަފުޒާއެކު ލޮކްޑައުން ކުރުމުން އެކަން ބަލައިގަންނަން ދަތީ އަޅުގަނޑުމެންނަށެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ހުރިހާ ސާމާނެއް ރާއްޖޭން ބޭރުން ގެންނަ ބައެއްކަން މި އެނގެނީ މިހާރުއެވެ. ގޭގޭގައި ކާޑު ގުދަންކުރިއެވެ. ސަރުކާރުން ދެއްވާ ޔަގީންކަމާއި ފަންނީ ބޭފުޅުންގެ ވާހަކަފުޅުތަކަށްވުރެ އިތުބާރު ކުރެވެނީ ތޯތޯ ވާހަކައަށެވެ. ރާއްޖޭން ބޭރުގައި ތިބި އާއިލާ މީހުން މަތިން ވެސް ހަނދާންވާން މިފެށީ މިހާރުއެވެ. މި ޤައުމަށްވުރެ އެ ޤައުމުތަކުގެ ހާލު ގޯހީއެވެ. ރާއްޖޭން ބޭރުގައި ތިބި އާއިލާ މީހުން ވީ އެންމެ އަވަހަކަށް ގެންނަން އެބަ ޖެހެއެވެ. ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާބޯތަކެތި ފޮނުވަން ބޭނުންވެއްޖެއެވެ. އެހެން އެއްވެސް ޤައުމަކުން ނުކުރާ އާ ތަޖުރިބާ ތަކަކާއި ތަކުލީފުތަކެއް ސަރުކާރުން އުފުލަން ފަށައިފިއެވެ. އެކަމަކު ވެސް ޝައްކާއި ވަހުމުގެ އަޑުތައް އުބަ އުފައްދައެވެ. މިވަރުން މި ކޯވިޑު އިމުތިހާނުން އަޅުގަނޑުމެން ފާސްވާނެ ހެއްޔެވެ.

ެައަޅުގަނޑުމެން އެދުނު ގޮތަށް ރާއްޖޭގެ މައި ދޮރާށި ހުރީ ބަންދުކުރެވިފައެވެ. އެކަމުގެ ސަބަބުން ރިސޯޓްތަކާއި ގެސްޓްހައުސްތައް ބަންދުކުރަން ޖެހި އަތްމަތި ދަތިވެ ވަޒީފާގެ ބިރުވެރިކަން އުފެދިއްޖެއެވެ. އިގުތިސާދީ ފުން ވަޅުގަނޑެއް ފެންނަން ފަށައިފިއެވެ. އެއްކޮށް ޤައުމު ބަންދުކޮށް ދިވެހިންނަށް ތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދެނީ މިހާރުއެވެ. ރާއްޖޭން އިޢުލާންކުރި އިގުތިސާދީ ޕެކޭޖާއި އެމެރިކާގެ ޕެކޭޖާ ވެސް އަޅާ ކިޔައެވެ. ފަސްމަންޒަރުގައި އަޅުގަނޑުމެން ދެއްކި ވާހަކަތައް މިހާރު ހަނދާނެއްނެތް ކަހަލައެވެ. މިވަރުން މި އިމުތިހާނުން ފާސްވާނެތޯއެވެ.

ފަސްމަންޒަރަށް ބަލާއިރު މި ރޯގާބަލިމަޑުކަމާއެކު ބަންދުކުރަން އަޅުގަނޑުމެން އެންމެ ފުރަތަމަ ގޮވާލީ އިސްކޫލުތަކެވެ. އިސްކޫލުތައް ބަންދުކޮށް ޓެލިކިލާސްތައް ފެށިއެވެ. އިސްކޫލުތައް ބަންދުކޮށްފައި ސަރުކާރު ބަންދު ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ފެށިއެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް ހެއްދެވިއެވެ. މި ބައްޔަށް ހައިރިސްކް މީހުންނަށް މުސާރައާއެކު ޗުއްޓީ ވެސް ދެއްވިއެވެ. ދެ ޙަރަމްފުޅު ބަންދުކޮށް އިސްލާމީ ގިނަ ޤައުމުތަކުގައި މިސްކިތްތައް ބަންދުކުރަން ފެށުމުން އަޑު އިވެންފެށިއެވެ. އެކަމެއް މި ރާއްޖެއަކު ނުކުރެވޭނެއެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިން އަތްއަތަށް ދުވެ ބޮޑު ކަންތައް ގަނޑަކަށް ހަދާލާނެއެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ޖަމާޢަތުގައި މިސްކިތްތަކުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލެއްވިއެވެ. ހުރިހާ ދީނީ ޢިލްމުވެރިން އެއް އަޑަކުން އެއް ވިސްނުމަކުން ރައްޔިތުންނަށް ވިސްނައިދީ ދީނުގައި ކަން އޮތްގޮތް ބަޔާންކޮށް ދޭންފެށްޓެވިއެވެ. ސަރުކާރަށް ހެޔޮހިތުން އެއްބާރުލުން ދެއްވިއެވެ. އެ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް ދެއްވުމަށެވެ. އެކަމަކު އޭރު ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުނުކުރާތީ މީހުން ތަރަތަރަ ޖަހަނީ އެތަންތަނުގައެވެ. އެތަންތަނުގައި ތިބެގެން މީސްމީޑިއާގައި ގޮވާލަމުން ދިޔައީ އެތަންތަން ބަންދުކުރުމަށެވެ. ޑެލިވަރީ ކުރެވޭގޮތަށް އެތަންތަން ބަންދުކުރެއްވުމުން މަގުމަތީގައި ކައިފައި، މަގުމައްޗަށް ކާތަކެއްޗާއި ތަށިތައް އުކަންފެށިއެވެ. އެ ތުޚުމަތުކުރެވުނީ ބިދޭސީންނަށެވެ. މިކަން ހައްލުވާނީ ކާފިއު ހިންގައިގެންނޭ ލިޔަންފެށިއެވެ. ދުވާލަކު ތިންގަޑިއިރަށް ކާފިއު ހިންގަންފެށުމުން އެންމެން ވެސް ހީކުރީ މަގުތައް މައްޗަށް ގަވާއިދާ ޚިލާފަށް ނިކުމެ އުޅޭނީ މާލޭގައި ދިރިއުޅޭ "ނިކަމެތި" ބިދޭސީން ކަމަށެވެ. އެކަމަކު ބިދޭސީންނަށްވުރެ އެތައް ގުނައެއް ގިނައީ އަޅުގަނޑުމެން ދިވެހިންނެވެ. ކާފިއު ވަކި ގަޑިތަކެއްގައި ހިންގަން ފެށުމުން ކުރަންފެށީ މަލާމާތެވެ. ކޯވިޑް ފެތުރޭ ގަޑި ދިވެހިން ހޯދައިފިއެވެ. އެއީ ހަވީރު ފަހަކުން ރޭގަނޑު އަށަކަށެވެ. އެ ގަޑީގައި ކާފިއު ހިންގަނީ އެހެންވެތާއެވެ. ފާޑުފާޑުގެ ޕޯސްޓްތައް ހަދަހައިގެން ޝެއާ ކުރަމުން ދިޔައެވެ. ކާފިއުގެ ގަޑި އަށެއް ޖަހާއިރަށް ނިމުމާއެކު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ފިނިބުރު ޖެހުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި ގްރޫޕް ހަދައިގެން ކައި މަޖާނެގުން އާންމުވީއެވެ. ހަގީގަތުގައި ކޯވިޑް ޖެހޭނެ ގަޑި މި އެނގުނީ އެ ގަޑި ކަނޑައެޅި ފަރާތްތަކަކަށް ނޫނެވެ. ހަމަ އަޅުގަނޑުމެންނަށެވެ. ކާފިއުގެ ބޭނުމެއް ނެތޭ ބުނާކަހަލައެވެ. ކާފިއު އުވާލައްވައިފިއެވެ. ދެން އޮތީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެވެ. ހާލަތު އަދިވެސް ކިތަންމެ ހާވެސް ނުރައްކަލެވެ. ކޮމިއުނިޓީ ސްޕްރިޑެއް ނުވަތަ ރަށުތެރެއަށް މި ރޯގާ ނުފެތުރި މިއޮތީ ބަޔަކު ރެއާއި ދުވާލު ނިންޖެއް އަރާމެއްނެތި ކުރި ބުރަ މިންނަތް މަސައްކަތާއެކު ﷲގެ ހެޔޮ ރަޙުމަތް ފުޅުންނެވެ. މުޖުތަމަޢުގެ ތެރެއިން މި ރަތްބޮކި ދެންމެދެންމެ ދިއްލިދާނެޔޭ ހީވި އެތައް ހިނދުކޮޅުތަކެއް އަތުވެއްޖެއެވެ. ހެދިފައިވާ ހަރުދަނާ އުސޫލުތައް މަދު ބަޔަކު ނަމަވެސް މުގުރާލައިފިއެވެ. ނުވަތަ މުގުރާލާން އުޅެފިއެވެ. ބަޔަކު ހައްޔަރުކޮށް އަދަބުދޭ ހިސާބަށް ވެސް ހިގައްޖެއެވެ. މުޅި ދިވެހި އުންމަތުގެ އެންމެންގެ ސަލާމަތަށްޓަކައި ކެތްތެރިނުވެވުނު މީހުން އަޅުގަނޑުމެންގެ ތެރެއިން ފެނިއްޖެއެވެ. މިވަރުން މި އިމުތިހާނުން އަޅުގަނޑުމެން ފާސްވާނެތޯއެވެ.

No comments: