Monday, April 13, 2020

މާސްކެއްގެ ޝަކުވާ

ޢަބްދުﷲ ސަޢީދު


އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ.



ކުއްލިއަކަށް ހަނދާނަށް މިއައީ ކީރިތި ރަސޫލާގެ ސީރަތުން ހާދިސާއެކެވެ. ސުލްހަލް ހުދައިބިއްޔާގެ އެއްބަސްވުން އާކުރަން މައްކާގެ މުޝްރިކުން ބޭނުންވީއެވެ. އެ މީހުންގެ ލީޑަކީ އޭރު އަބޫ ސުފިޔާނެވެ. އެ މަނިކުފާނު އޭރު އަދި އިސްލާމްވެ ވަޑައެއް ނުގަންނަވައެވެ. ހުދައިބިއްޔާގައި މުސްލިމުންނާއި މުޝްރިކުންވީ އެއްބަސްވުމާ މުޝްރިކުން އޭރުވަނީ އެތައް ފަހަރަކު ޚިލާފުވެފައެވެ.

އެއްބަސްވުން އާކުރެވޭތޯ މަދީނާއަށް ވަޑައިގަތީ ސީދާ އަބޫ ސުފިޔާނެވެ. އެ ދަތުރުފުޅުގައި ދަރިކަނބަލުން ސައްޔިދުނާ އުންމު ޙަބީބާގެ ގަނޑުވަރަށް ވަޑައިގެންނެވެ. އެއީ ކީރިތި ނަބިއްޔާގެ ލޮބުވެތި އަނބިކަނބަލެކެވެ. އެ ގަނޑުބަރަށް ވަޑައިގެން ކީރިތި ނަބިއްޔާގެ ދާންމަތި ކޮޅުގައި އިށީންދެ ވަށައިގަތުމަށް އަބޫ ސުފިޔާނު އުޅުއްވިތަނުން ދަރިކަނބަލުން އެ ދާންމަތިކޮޅު އަވަސް އަވަހަށް އެއްފަރާތް ކުރެއްވިއެވެ. އަބޫ ސުފިޔާނު ވިދާޅުވިއެވެ. ދަރިކަނބަލުންނޭވެއެވެ. ތިޔަގޮތަށް ތިޔަ ކަންކުރެއްވީ ކީއްވެގެން ތޯއެވެ. ބައްޕައާ ދާންމަތިކޮޅާ އެކަށީގެން ނުވަނީ ތޯއެވެ. ނުވަތަ ދާންމަތިކޮޅާ ބައްޕަ އެކަށީގެން ނުވަނީ ތޯއެވެ.

އުންމު ޙަބީބާ ކީރިތި ނަބިއްޔާގެ ދާންމަތިކޮޅު ބައްޕާފުޅަށް އެފަރާތް ކުރެއްވީ އޭރު ބައްޕާފުޅު ހުންނެވީ ކާފަރުކަން މަތީގައިކަމަށް ވެފައި ކީރިތި ނަބިއްޔާގެ ޠާހިރު ދާންމަތިކޮޅު ރައްކާތެރިކުރެއްވުމުގެ ގޮތުންނެވެ. އެއީ އަބޫ ސުފިޔާނަށް ވަރަށް އަސަރުކުރެއްވި ހާދިސާއެކެވެ. އަބޫ ސުފިޔާނަކީ ފަހުން އިސްލާމްވެ ގަޑައިގެން ދީނަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރެކެވެ.

މިއަދު އަހަރެންނަށް ދިމާވެފައިވާ ހާލަތު ތަފާތެވެ. އެކަމަކު އަހަރެންގެ ހިތުގައި ވެސް މި އޮތީ އެ ދުވަހު އަބޫ ސުފިޔާނު ކުރެއްވި ފަދަ ސުވާލެކެވެ. ކޯވިޑް-19 ފަދަ ވައިރަސް ތަކުން އިންސާނާ ރައްކާތެރި ކުރުމަށް އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުންކުރާހާ ކެރި ފޯރުންތެރިކަން އިންސާނާގެ ކިބައިގައި ނެތީހެއްޔެވެ.

ފުރަތަމަ އިވެންފެށި އަޑުތައް

ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެންމެ ގިނަ ބަޔަކު ދުނިޔޭގައި ދުއްވައިގަތީ އަހަރެން ހޯދާށެވެ. ދިގު ކިޔުތައް މީހުން ހަދަންފެށިއެވެ. ފިހާރަތަކުގައި ނުވި އެތެރޭގެ ގުދަންތަކުގައި ބާކީވެފައިހުރި މާސްކުތައް ވެސް ނަގާ ބޮޑު އަގުގައި ވިއްކަން ފެށިއެވެ. ތިން ހަތަރުގުނަ އިތުރަށް ފައިދާ ލައިފައެވެ. ސަރުކާރުތަކުން ވިއްކުން ކޮންޓްރޯލް ކުރިއެވެ. ޤައުމުތަކުން ބޭރުކުރުން މަނާކުރުއެވެ. ހީވީ އަލަށް ރަންވަޅެއް ފެނިގެން އުޅޭހެންނެވެ. ގަންނަން ނުލިބުނު މީހުން އަމިއްލައަށް ފޮތިން މާސްކު ފަހައިގެން ވެސް ބޭނުން ކުރަންފެށިއެވެ.

ޑަބްލިޔުއެޗްއޯ ވަނުން

މި ހާސްގަނޑުގެ ތެރެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ވެސް ވަދެއްޖެއެވެ. ނުވަތަ ވަންނަން މަޖުބޫރުވީއެވެ. އެންމެން އަހަރެން ބޭނުން ކުރަން ފަށައިފިނަމަ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން އަހަރެންނަށް ޖެހޭނެއެވެ. އަނެއްކޮޅުން ބޮޑަށް ބަލި ފެތުރެމުންދާ ސަރަހައްދު ތަކުގެ މީހުންނަށް އަހަރެން ނުލިބި އެ މީހުން ބިކަވެދާނެއެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯގެ އާދޭހަކަށްވީ އާންމުކޮށް އަހަރެން ބޭނުން ނުކުރުމެވެ. ފަރުވާދޭ ފަރާތްތަކާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން އަހަރެންގެ ބޭނުން ހިފުމެވެ.

ވިސްނުން އެހެން ގޮތަކަށް

ފާއިތުވިތާ އަހަރެން ހީކޮށްގެން މިހިރީ އިންސާނުން އަހަރެން ބޭނުން ކުރަމުން ދަނީ ބޭނުންކުރާ މީހާގެ ރައްކަލަކަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް މި ކަންތައްގަނޑުގެ ތެރޭގައި މި އެނގުނީ އެއީ އަހަރެން ބޭނުންކުރާ މީހާއަށްވުރެ އެހެން މީހުންގެ ރައްކަލަކަށް ކުރާ ކަމެއްކަމެވެ. އިންސާނުންގެ މާތް އަޚްލާޤު ފެނިފައި މި ފަހަރު އަހަރެން ވެސް ފެންކަޅިވެއްޖެއެވެ.

ތަފާތު ނަސްލުތައް

އަހަރެންގެ ޑިމާންޑް ބޮޑުވުމުން ޤައުމުތަކުގެ ވެރިން ވެސް އަހަރެން ގިނައިން އުފެއްދުމަށް ގޮވާލިއެވެ. އޭގެ އެއް ބޭފުޅަކީ ދުނިޔޭގެ ސުޕަޕަވަރުގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ އަހަރެން ވަރަށް އުފާވި ކަމެކެވެ.

ކޯވިޑް-19 އާ ގުޅިގެން އެހެން ކަންކަމަށް ހަދާފައިހުރި ކާރުޚާނާތަކުން ވެސް އަހަރެން އުފައްދަން ފެށިއެވެ. އާންމުކޮށް އުފައްދަމުން ދިޔައީ އަހަރެންގެ ސާޖިކަލް ދަރިކޮޅެވެ. އެ ދަރިކޮޅުގެ މާސްކު ހުންނަނީ ދެތިން ފަށަލައެއްގެ މައްޗަށް ވައި ފުރޭނޭ ގޮތަށެވެ. އަނގަޔާއި ނޭފަތް ކަވަރުވާ ގޮތަށެވެ.

އެންމެ ފުރަތަމަ ސާޖިކަލް މާސްކް އުފެއްދީ، މީލާދީން 18 ވަނަ ގަރުނުގެ ތެރޭގައި ހަމަ އެކަނި ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ. އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މާސްކް އުފައްދަން ފެށީ 1919 ވަނަ އަހަރު ދުނިޔެ އަށް އާންމުވި ބޮޑު ރޯގާ (ސްޕެނިޝް ފްލޫ) އިން ރައްކާތެރި ވުމަށެވެ. މިހާރު ތަފާތު ނަސްލުތައް އެބަ އުފައްދައެވެ. މިހާރު އެންމެ އިތުބާރު ކުރަނީ އެން95 ގެ މާސްކަށެވެ. މ ވައްތަރުގެ މާސްކަކީ ސާޖިކަލް މާސްކަށްވުރެ ސްޓޮކް ނުވަތަ ދަރިފަސްކޮޅު މަދު އެއްޗެކެވެ. ކަމާބެހޭ ފަރާތްތައް ބުނަނީ މި މާސްކު އަޅާނީ ހަމައެކަނި ކަނޑައެޅިގެން ބަލި މީހެއްކަން ކަށަވަރުވާ ބަލި މީހުންނަށް ގާތުން ފަރުވާދޭ ފަރާތްތައް ކަމަށެވެ.

އަހަރެންގެ ނަސޭހަތް

އަހަރެންނަކީ ކިހާ މުހިންމު މީހެއްކަން ކަނޑައަޅާނީ އިންސާނާއެވެ. ކަމާބެހޭ ފަރާތްތަކެވެ. އެ ބައެއް ހާލަތާއި ކެރިފޯރުންތެރި ކަމަށް ބަލާފައެވެ. އެކަމަކު އަހަރެންނަކީ ބޭކާރު މީހެއް ނޫނެވެ. ވައިރަސް އަކީ ވަރަށް ކުޑަ އެއްޗެއްކަން އެނގެއެވެ. ކޮންމެކޮންމެ މާސްކަކުން އެ ސޮރެއް ނުހިފެހެއްޓެއެވެ. ނޫނީ ހިފެހެއްޓޭ މިންވަރު ތަފާތުވެއެވެ. އާދައިގެ ފޮތިން ފަހާލައިގެން މާސްކެއް ބޭނުން ކުރިޔަސް އަގަޔާއި ނޭފަތުގައި ސީދާ އަތްލެވޭ މިންވަރު މަދުވާނެއެވެ. ވައިގެތެރޭގައި މި ވައިރަސް ދަތުރުކުރާނަމަ ކޮންމެވެސް ވަރެއްގެ ހުރަހަކަށް ވާނެއެވެ. ސައިންސްގެ ހޯދުންތަކުން ވައިރަސް ނުހިފެހެއްޓޭނެކަމަށް ބުނާ މާސްކުތައް ޞިއްޙީ ޚިދުމަތްތެރިން ވެސް ބޭނުންކުރެއެވެ. މައްސަލައަކީ އަހަރެން ބޭނުންކުރުމެއް ނޫނެވެ. އަހަރެން ބޭނުންކުރުމަށްފަހު މަގުތަކަށް އުކުމާއި ރައްކާތެރި ކަމާއެކު ނައްތާނުލުމެވެ. އަދި ބޭނުންކުރަންވީ ރަނގަޅު ގޮތުގައި ބޭނުން ނުކުރުމެވެ. އަޅައަޅާފައި ނަގަނަގާފައި އެއް މާސްކެއް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މި ސަބަބުތަކަކީ އިތުރަށް ބަލިމަޑުކަން ފެތުރިގެންދާނެ ކަމެކެވެ. މިއީ ވެސް އަހަރެންގެ ޝަކުވާއެކެވެ. ނަސޭހަތެއް ވެސް މެއެވެ. (ނިމުނީ)

No comments: