Wednesday, April 1, 2020

ބިރުވެރި އެކަމަކު...ހާދިސާއެއް





ކޯވިޑް-19 އާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން އެކުލަވާލެއްވި ކޮމިޓީއެއްގައި އަޅުގަނޑުގެ އެކުވެރިޔަކު ވަރަށް މުހިންމު ޚިޔާލެއް ހުށަހެޅުއްވިއެވެ. އެއީ މިފަދަ ހިއުމެނިޓޭރިއަން އޮޕަރޭޝަނެއް ހިނގަމުންދާއިރު ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު އެއްކަންތަކެވެ. ސިފައިންގެ ތެރޭގައި ތިބި ކަށުކަމާކެމީގެ ކަންތައް ދަންނަ މީހުން ދެނެގަނެ ރިފްރެޝަރކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އެފަދަ މީހުން އިތުރަށް ތަމްރީނު ކުރުމުގެ ވާހަކައެވެ. އެއް ފަހަރަކު ނޫނެވެ. ދެ ތިން ފަހަރު އެ ވާހަކަ ދެއްކެވިއެވެ. ވަކިންވަކިން ވެސް އެކަމުގެ މުހިންމުކަން ހިއްސާ ކުރެއްވިއެވެ. މިހާރުން މިހާރަށް ވެސް ކުރަން ވެއްޖެ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ކޮންމެ ވެސް އާދަޔާ ޚިލާފު ތަޖުރިބާއެއް މި ކަމުގައި އޮންނާނެއެވެ. ވާނީ އެކަން ސާފުކޮށްލާށެވެ. 



ވީހަމަ އެހެންނެވެ. ކުއްލިއަކަށް މައްޔިތެއް ހިނަވާ ކަފުންކޮށް ވަޅުލަން ޖެހުނީއެވެ. އެއީ ސުނާމީ ކާރިސާގެ ދުވަސްވަރެވެ. އެ ދުވަސްވަރު އެއް ދުވަހާ ސާޅީހަކަށް މީހުން ވެސް ސިފައިންގެ ބައެއް ޓީމުތަކުން ވަޅުލާފައިވެއެވެ. އޭގެތެރޭގައި ގިނައީ ބޭރުން އައިސް ލެއްގި ގަބުރުތަކެވެ. ދިވެހިން ވެސް ހިމެނެއެވެ.

 އެ ހާލަތުގައި ސިފައިން ޢަމަލުކުރީ ރަށްރަށުގެ ވެރިންގެ އިރުޝާދުގެ މަތިން ލިބިފައިހުރި ވަސީލަތްތަކާއި ކަށުކަމާކެމީގެ މަސައްކަތްކުރާ މީހުން ލިބުނު ވަރަކުން އެ މީހުންގެ އެހީ ހޯދައިގެން ވީ އެންމެ ރަނގަޅަކަށެވެ.

ސުނާމީ ކާރިސާގެ ބޮޑު ރާޅުގެ ބަނޑުދަށަށް ރާއްޖެ ވައްޓާލީ 2004 ޑިސެންބަރު 26 ވަނަ ދުވަހުގެ ހެނދުނުއެވެ. ރާއްޖޭގެ އެތައް ބަޔަކު މަރުވެ އަނެއް ބަޔަކު ގެއްލުނެވެ. ގެދޮރު ގެއްލި ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުނެވެ. އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ހާލުއަހުވާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެއިން އަތޮޅުތަކަށް ދިޔަ ސިފައިންގެ އެއް ޓީމުގައި އަޅުގަނޑުގެ މި ދެންނެވި އެކުވެރިޔާ ދުރުވިއެވެ. އެއީ ވެސް އަމިއްލައަށް ވޮލަންޓިއަރ ކުރައްވައިގެންނެވެ. މަސައްކުރެއްވީ ދ. އަތޮޅުގައެވެ. އެ ޓީމު ސްޓޭޝަން ކުރީ ދ. ކުޑަހުވަދޫގައެވެ.

ދުވަހަކީ ސުނާމީ އެރިތާ ހަވަނަ ދުވަހެވެ. 2005 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ. ފަޅުރަށެއްގެ ގޮނޑުދޮށުގައި މަރުވެފައިވާ މީހަކު އޮތް ޚަބަރު ލިބިގެން ސިފައިންގެ ޓީމު އެ ރަށަށް ދިޔައެވެ. އެ މަސައްކަތުގައި އޭރު ހަރަކާތްތެރިވި ކުޑަހުވަދޫގެ ހިތްވަރުގަދަ ދަރުވެރިންގެ ދެތިން މީހަކާއި މުދިމަކާ އެކުގައެވެ. ސަންދޯކެއް ނެތެވެ. އޮތީ ތިން ކަފުނެވެ. މަރުވެފައި އޮތް މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ހަލާވެފައެވެ. ބޮލުގެ ނާށިގަނޑު ވެސް އޮތީ ފެންނާށެވެ. ބޮލުގެ އިސްތަށިގަނޑެއް ނެތެވެ. އެކަމަކު ހެދުމުން އެއީ ދިވެހި އަންހެނެއް ކަމަށް ޤަބޫލުކުރެވުނެވެ. ފޮރެންސިކް ބޭނުމަށް މަރުވެފައިއޮތް މީހާގެ ހެދުމުންސާމްޕަލް ނެގީ އަޅުގަނޑުގެ ރަހުމަތްތެރިޔާއެވެ.

އެ ދުވަސްވަރަކީ ސިފައިންނަށް އެފަދަ އެތައް ބަޔަކު އެގޮތަށް ވަޅުލަން ޖެހުނު ދުވަސްވަރެކެވެ. އެފަދަ މަންޒަރު ބަލައި އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހެދުމަކީ ކޮންމެކޮންމެ މީހެއްގެ ކިބައިގައި ހުންނާނެ ހިތްވަރެއް ނޫނެވެ. އަމުދުން އެ ދުވަސްވަރު އެ ހާލަތުގައެވެ.  މުދިންބެއާ ވާހަކަ ދެއްކުމުން ނިންމީ ކަށުކަމާކެމީގެ ކަންތައް އަވަހަށް ކުރިއަށް ގެންދާށެވެ.

ވެލިގަނޑުން މައްޔިތާ ނަގައި ފިލައެއް މަތީގައި ބާއްވައިގެން މުދިންބެ ކިޔައިދިން ގޮތަށް ފެންއަޅާ ހިނެވީއެވެ. އެއީ ސިފައިން އެ ރަށަށް ދިޔައިރު ގެންދިޔަ ބަނބުކެޔޮ ފިލައެކެވެ. ހިނެވުމަށްފަހު ކަފުންކުރީއެވެ. ގެންދިޔަ ތިން ކަފުން ލުމަށްފަހު ކަފުނަށް ދެން ބޭނުންކުރީ ގެންދިޔަ ބެޑުޝީޓެކެވެ. އެއަށްފަހު ކަށު ނަމާދުކުރީއެވެ.

 އޭރު ކައްވަޅުކޮންނަން އުޅުނު ސިފައިން އެކަން ނިންމާލައިފިއެވެ. ވަޅުކޮނުނީ ކުޑަހުވަދޫން ދިޔަ ބޭކަލަކު ދެއްކި ހިސާބުގައެވެ. ރަށުގެ އަތިރިމަތިން ވަދެ ހޭޅިފަށުން ބިއްދޮށުގައެވެ. ފުރަތަމަ ވަޅުކޮންނަންވީ ހިސާބުގައި ފާހަގަޖަހައި އަކައެއް ކުރަހައި ތިން ތަނަކުން ވެލިކޮޅެއް ނެގިއެވެ. އެއަށް ފަހުން ކޮންނަން ބުނުމުން  ވަޅުކޮނުނީ ސިފައިންއެވެ.

މައްޔިތާ ވަޅުލުމަށް ވަޅުކައިރިއަށް ގެންދިޔައީ ފިލާމަތީގައި ބާއްވައިގެންނެވެ. ވަޅުކައިރިއަށް ގެންގޮސް  ވަޅަށް ތިރިކުރަން އުޅެނިކޮށް ކުއްލިއަކަށް ބުޅަލެއް ގޮވަން ފަށައިފިއެވެ. ސިފައިން އެކަމަކާ ފުރަތަމަ އަޅައެއް ނުލައެވެ. އެކަމަކު ދެންތިބި މީހުން އެކަކު އަނެކެއްގެ މޫނަން ބަލަން ފެށިއެވެ. ހައިރާންކަމާއެކުގައެވެ. އެ ރަށަކީ ފަޅު ރަށެއްކަމުން އެރަށުގައި ބުޅާ ނޫޅޭނެކަން އެ މީހުންނަށް އެނގެއެވެ. އެ ފަހަރު މައްޔިތާ ވަޅަށް ތިރިނުކޮށް ބޭއްވީއެވެ.

ކޮންމެ ވެސް ކަމެއް ގޯސްވީކަން ސިފައިންނަށް ވެސް އެނގުނެވެ.  ދެވަނަ ފަހަރަށް  ވަޅަށް ތިރިކުރަން ހަމަ އުފުލާލިތަނާ ބުޅާ ގޮވަންފެށިއެވެ. އެންމެންގެ މެދުގައި ވަރަށް ބޮޑު ބިރުވެރިކަމެއް އެވަގުތު އުފެދުނެވެ.  އެންމެ ފަހުން އެތަނުގައިހުރި  އާންމުންގެ މީހަކަށް އެ ނުހުރެވިގެން އަހައިފިއެވެ. އެއިވެނީ ކޮން އަޑެއް ހެއްޔެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނެއެވެ. ވަށައިގެން އެކަކު އަނެކަކަށް ބަލަނީއެވެ. ވެރިވެފައި އޮތީ ހިމޭންކަމެވެ. ބިރުގެ މައްޗަށް ބިރެވެ.  ބުޅާގޮވާ އަޑު  ކެނޑުމުން މައްޔިތާ ވަޅަށް ތިރިކޮށްފިއެވެ. ތުރުތުރު އެޅިވަރުން ފިލާމަތިން މައްޔިތާ ނުވެއްޓނީ ވެސް ހަމަ ކިރިޔާއެވެ. ވަޅުގަެި މައްޔިތާ ބާއްވާ މަތިން ފިލާ އަޅާ ފަސްލީއެވެ.  އެއަށްފަހު މައްޔިތާގެ މައްޗަށް ބިރުން ތިބެވެސް އެތާ ތިބި މީހުން ހެޔޮ ދުޢާކުރިއެވެ.

އެއްބަޔަކު ބޭނުންވީ އަވަސް އަވަހަށް އެ ނާމާންކަމުން ސަލާމަތް ވެގެން ރަށުން ފައިބާށެވެ.
އެއް ބަޔަކު  އަވަސް އަވަހަށް ހިނގައިގަންފިއެވެ. އެ ވަގުތު ތަންކޮޅެއް ފުރުގައި ހުރި ސިފައިންގެ ކުއްޖަކު މުދިންބެ ކައިރިއަށް ގޮސް ބުންޏެވެ. އަޅުގަނޑުގެ ފޯނު ދެއްވާށެވެ. އެ ފޯނު އޮތީ އެ ކުއްޖާ މަސައްކަތުގައި އުޅެން ވެގެން މުދިންބެއަށް ދިނުމުން މުދިންބެ ޖީބުގައެވެ.

ބިރުން ފިއްކެނޑިފައިތިބި މީހުންނަށް ވީގޮތް އެނގިއްޖެއެވެ. އެ ފޯނުގެ ރިންގުޓޯނަކަށް ލާފައި އޮތީ ބުޅާ ގޮވާ އަޑެވެ. މުދިންބެ ޖީބުގައި އޮތް ފޯނު ރިންގުވާކަން މުދިންބެއަށް ވެސް ނޭންގުނީއެވެ. ނޫނީ ބުޅާ ގޮވާ އަޑު ކަހަލަ އަޑެއް ރިންގު ޓޯނަކަށް ލައިފައި އޮވެދާނެ ކަމަށް ހީނުވީއެވެ. ފޯނުގެ ވެރިފަރާތް ތަންކޮޅެއް ދުރުގައި ހުރީމާ އެތަނުގައި ވީ ކީއްކަމެއް އޭނާ ނުދެނެހުއްޓެވެ.

No comments: