Friday, May 1, 2020

ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ

 


ޢަބްދުﷲ ސަޢީދު

 

މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ.

 

އެ ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. "އަޅުގަނޑު ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެއެވެ. އިސްލާމުދީނާއި މި ލޮބުވެތި ވަޠަނުގެ ޙައްޤުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް މާތްﷲގެ ވާގިފުޅާއެކު ކެރި ހުރެގެންނެވެ. އިންޝާﷲ"

 

މި ޢިބާރާތްކޮޅު އެހެނިހެން ބައެއް ސިފައިންގެ ބޭކަލުން ވެސް ލިޔެ މީސް މީޑިއާގައި ޕޯސްޓްކޮށްފައި ހުއްޓާ އަޅުގަނޑު ދެކެމެވެ. އެކަމަކު މިހާ އަސަރެއް ނުކުރެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. އަޅުގަނޑު ވެސް މި ނުރައްކާތެރި ބައްޔަށް ޓެސްޓްކުރެވުނެވެ. ﷲގެ ހެޔޮ ރަޙުމަތް ފުޅުން މި ފަހަރު ސަލާމަތް ވީއެވެ. އަލްޙަމްދުﷲ އެވެ. އެހެން ނަމަވެސް އަދިވެސް މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އެނބުރި ނިކުންނަން އޮތީ ޚިދުމަތަށެވެ. މިއީ މި ރާއްޖެ މި ބަލިން ސަލާމަތްވެގެން ނޫނީ ސިފައިންނަށް އަމިއްލަ ގެއަށް އަނބިދަރިން ކައިރިއަށް ދެވެން އޮތް ހާލަތެއް ނޫނެވެ. މި ބަލީގައި ދުނިޔެއިން އެތައް ހާސް ބަޔަކު ނިޔާވެއްޖެއެވެ. އެ ފުރޮޅު އަދިވެސް ހުއްޓުމެއްނެތި ދަނީ އެނބުރެމުންނެވެ. ފަރުވާއެއް ނެތެވެ.

 

ރަހުމަތްތެރިޔާގެ ޕޯސްޓަކީ ސިފައިންގެ ގިނަ ބަޔަކު މި ނުރައްކާތެރި ބައްޔަށް ފައްސިވެފައިވާ ވަގުތެއްގައި ސިފައިންގެ ހިތްވަރާ ޢަޒުމު ދައްކައިދިން ޕޯސްޓަރެކެވެ. މި ނުރައްކާތެރި ބައްޔަށް ފައްސިވެފައިވާ ހާލުގައި ވެސް ޤައުމަށް އެ ސާބިތުކޮށްދިނީ ސިފައިންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. އީމާންތެރިކަމާއި ސާބިތުކަމެވެ. ވަފާތެރިކަމާއި ހިތްވަރާއި ޢަޒުމެވެ. މިއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް މި ހިނދުލިބޭނެ ފިނި ކަމެކެވެ. ޚިދުމަތުގައި ތިބި ސިފައިންނަށް ލިބިގެންދާނެ އާ ރޫޙަކާއި ޖޯޝެކެވެ. އަދި މި ބައްޔަށް ފައްސިވެފައިވާ އެހެނިހެން ސިފައިންނާއި އާންމު ރައްޔިތުންގެ ރޫޙަށް ވެސް ލިބޭނެ ހިތްވަރަކާއި ތަސައްލީއެކެވެ.

 

ރަޙުމަތްތެރިޔާ އުފަންވީ ޝަހީދީ ފަސްގަނޑަކަށެވެ. ޝަހީދީ ބިމަކަށެވެ. އެތައް ބަޔަކު ދީނާއި ޤައުމަށްޓަކައި ޖާނުދީފައިވާ ވަޠަނަކަށެވެ. އެތައް ސިފައިންނެއްގެ ފިދާއީ ލެއިން ޖަރީ ކޮށްދިން ޤައުމަކަށެވެ. ބައްޔަށް ހުށަހެޅުނު ނަމަވެސް އޭނާއަށް ﷲ ކެތްތެރިކަން ދެއްވިއެވެ. ސާބިތުކަން ދެއްވިއެވެ. އޭނާއަށް އޭނާގެ ވެރި ރަސްކަލާނގެ ފުދެއެވެ. އެހެންކަމުން އޭނާގެ އީމާންތެރިކަމާއި އަޤީދާއަށް ލޮޅުމެއް ނާރައެވެ. ހިތްވަރާއި ޢަޒުމަށް ބަދަލެއް ނާދެއެވެ.

 

އޭނާ ދަނެއެވެ. އެއީ މި ޤައުމުގެ ފަޚުރުވެރި ސިފައިންގެ ބޭކަލެކެވެ. ދިވެހި އަސްކަރިއްޔާގެ މައިބަދައިން އެއްބަދައެވެ. އޭނާގެ ކުރިމަތީގައި އަބަދުވެސް އޮންނަނީ ﷲ ގަންދީ ކޮށްފައިވާ ހުވައެވެ. އެއީ އޭނާގެ ފުރާނަ ވެސް މި ލޮބުވެތި ވަޠަނުގެ ޙައްޤުގައި ދޫކޮށްލަން ކޮށްފައިވާފައި ހުވައެވެ. އަޅުގަނޑަށް ރޮވުނީ އެހެންވެއެވެ. އުފަލުންނެވެ. ދުނިޔެ އެފުށް މިފުށަށް ޖެހުނުއިރުވެސް ދިވެހި ސިފައިންގެ ސާބިތުކަމަށް ކުޑަނަމަވެސް ހަލަލެއް އައިސްފައި ނުވާކަން ޔަޤީންވުމުންނެވެ. ޖޫނިއަރ ރޭންކެއްގައި ހުއްޓަސް ރަހުމަތްތެރިޔާ އެކަން މުޅި ދުނިޔެއަށް ސާބިތުކޮށް ދިނުމުންނެވެ. ނޮވެންބަރު ތިނެއްގައި ޝަހީދުވި ޝަހީދުންނާއި މުޖާހިދުން ދައްކުވައިދިން ހިތްވަރާއި ފަންވަރު އަދުގެ ސިފައިން ވެސް ދައްކައިދޭނެކަން ޢަމަލާއި ބަހުން ސާބިތުކޮށްދިނީތީއެވެ. މިއީ ހުރިހާ ސިފައިންގެ ވެސް ޢަޒުމެވެ. އައްސަރިބަހާ ސާބަހެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

 

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މި ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ވަބާއިން މި ޤައުމާއި މުޅި ދުނިޔެ ވެސް ސަލާމަތްކޮށް ރައްކާތެރިކޮށް ދެއްވުމެވެ. އަދި މި ބައްޔަށް ފައްސިވެފައިވާ ހިތްވަރުގަދަ ކެރޭ ހުރިހާ ސިފައިންނަށާއި އާންމު ރައްޔިތުންނަށާއި ބިދޭސީންނަށް ވެސް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުމެވެ. އާމީން.

 

ތިޔަ ބޭފުޅުން ވެސް ހެޔޮ ދުޢާ ކުރައްވާށެވެ. ހެޔޮ ދުޢާ ކޮށްދެއްވާށެވެ.

No comments: