Monday, April 13, 2020

ކޯވިޑަށް ފަހު....ރާއްޖެ

ޢަބްދުﷲ ސަޢީދު




ކޯވިޑް-19 ރޯގާއަށް ބޭހާއި ވެކްސިން ހޯދިއްޖެއެވެ. ރޯގާ މުޅީން ކޮންޓްރޯލްވެ ދުނިޔެ ހަމައަކަށް އެޅިއްޖެއެވެ. ފުރަބަންދުން އިންސާނުން ސަލާމަތްވެއްޖެއެވެ. ދުނިޔެ ވެއްޓުނު އިޤްދިޞާދީ ފުންވަޅުގަނޑުން މަޑުމަޑުން ދަނީ އަރައިގަންނަމުންނެވެ. ކޯވިޑުގައި މަރުވި މީހުންގެ ހަނދާނީ ބިނާތައް ހަދާ ހުޅުވެނީއެވެ. ބަލި މީހުންނަށް ފަރުވާކުރުމުގައި އުޅެނިކޮށް ނިޔާވި ޑޮކްޓަރުންގެ ހަނދާނަށް ހޮސްޕިޓަލްތަކުގެ ނަންތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ނަންތައް ބަދަލުކުރަނީއެވެ. ހަމައެއާއެކު ޤައުމުތަކުގައި ކޯވިޑު އޮޕަރޭޝަންގެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރެވެމުން ދަނީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު ފެންނަނީ އަޖައިބެއް ފަދަ މަންޒަރުތަކެކެވެ. ވަރަށް ބޮޑު ބަދަލެކެވެ.

ހީވަނީ އިންސާނުންނަށް އެބައިމީހުންގެ ސައިޒު އެނގިއްޖެހެންނެވެ. އެތައް ބަޔަކު އިސްލާމްވެއްޖެއެވެ. އިސްލާމް ދީނާމެދު ދުނިޔެ ދެކެމުންދިޔަގޮތް މުޅިން ބަދަލުވެއްޖެއެވެ. ދުނިޔޭގައި ބަންގީގެ މޫރިތި ކަލިމަތައް ނުގޮވޭ އެއްވެސް ޤައުމެއް ރަށެއް ނެތެވެ.



އެންމެ ބޮޑު ބަދަލެއް ފެންނަނީ ދިވެހިރާއްޖެއިންނެވެ. އަންޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަން އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. މީހުންގެ އީމާންކަން އިތުރުވި މިންވަރު އެންމެ ބޮޑަށް ފެންނަނީ މިސްކިތްތަކުންނެވެ. ކުރިން ޖަމާޢަތުގައި ދެތިން ސަފު ފެންނަ މިސްކިތްތައް ވެސް އޮންނަނީ ފުރިފައެވެ. ސަލާންކޮށް ހެދުމާ ދުރުވެލި ދުވަސްކޮޅަށްފަހު ސަލާމަށް އަތް ދިއްކޮށް ނުލާ މީހަކާ ދިމާލެއް ނުވެއެވެ. ގެތަކުގައި ގިނަ ވަގުތު ހޭދަކުރުމުން އާއިލީ ގުޅުންތައް ވަނީ ބަދަހިވެފައެވެ. ރާއްޖެއިން ދަމަހައްޓަމުން އައި ދުނިޔޭގެ ވަރީގެ ރެކޯޑަށް ނިމުން އަތުވެއްޖެއެވެ. ވަރި މަދުވެއްޖެއެވެ. ކިރިޔަކިރިޔާ ނުނިވިހުރި ޒަވާޖީހަޔާތުގެ ބައްތިތަކުގެ އަލިގަދަވެއްޖެއެވެ. އަލަށް ލިބުނު ތުއްތު ދަރިންގެ ސަބަބުންނެވެ. ޑްރަގުގެ ވަބާ ވެސް ކުޑަވެއްޖެއެވެ. ދަރިން ކުރިމަތީގައި ސިގިރެޓް ނުބޯން ތިބި އެންމެން ސިގިރެޓް ބުއިން ހުއްޓާލައިފިއެވެ. އެކަމުން ޞިއްޙީ ދުޅަހެޔޮކަން އިތުރުވެއްޖެއެވެ.

ދުވަސްވީ މައިންބަފައިންނާއެކު ގިނަ ވަގުތު ހޭދަކޮށްލަން ދަރިންނަށް ލިބުމުން އުފެދިގެން ދިޔަ ގުޅުމުގެ ސަބަބުން އިޖުތިމާޢީ ރައްކާތެރިކަން އިސް ރަށްވެހިންނަށް ވެސް ލިބިއްޖެއެވެ. ނަމާދުކުރަން ނޭނގޭ ޒުވާނުން ނަމާދުކުރަން ދަސްކޮށްފިއެވެ. އެކިއެކި ޗެލެންޖު ތަކުގައި ކީރިތި ޤުރުއާން ކިޔަވަން ފެށި މީހުން ޤުރުއާނުގެ ޢިލްމުގެ ތެރެއަށް ވަދެއްޖެއެވެ. ތަޖުވީދު އުނގެނި ރީތިކޮށް ފަރިތަކޮށް ކިޔަވަން ފަށައިފިއެވެ. އަލަށް ވަށްކޮށް ރޮށި ދަމަން ދަސްކުރި ކުދިން ވެސް މަދެއްނޫނެވެ. ޓެލިކިލާސްތައް ބަލައިގެން ގޭގައި ތިބެގެން މާމަމެންނާއި ކާފަމެން ވެސް ކިޔަވަނީއެވެ. އޮންލައިން ކޮށް ކިޔަވުމާއި ކޯސްތައް ހެދުން އާންމުވެއްޖެއެވެ. ގިނަ ޚިދުމަތަކެއް އޮންލައިންކޮށް ލިބެން އެބަހުއްޓެވެ. ބިލުދައްކަންދާ ކައުންޓަރުތަކާއި ފޯމު ހުށަހަޅަންދާ ކޮށިގަނޑުތަކެއް މިހާރަކު އޮފީސްއޮފީހަކު ނުހުރެއެވެ.

ދިވެހިންގެ މެދުން އާންމު އަރިދަފުސް ރޯގާފަދަ ރޯގާތައް ވަރަށް މަދުވެއްޖެއެވެ. މައިގަނޑު ސަބަބަކީ ދިވެހިންގެ ދިރިއުޅުގެ ވައްޓަފާޅިއަށް އައިސްފައިވާ ޞިއްޙީ ހެޔޮ ބަދަލުތަކެވެ. ގިނަގިނައިން އަތް ދޮވުމާއި އަތް ސާފުކުރުމުގެ އާދަ ވަނީ ހަރުލާފައެވެ. އޮފީސްތަކާއި ސްކޫލުތަކާއި އާންމު ތަންތަނުގައި ވެސް އަތް ދޮވުމުގެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފައެވެ. ްސްކޫލުތަކާއި ކުޑަކުދިންގެ ޕާކުތަކާއި މާރުކޭޓްތަކާއި އާންމު ދަތުރުތައް ކުރާ ފެރީތަކާއި ބަސްތައް ވެސް ގަވާއިދުން ދަނީ ޑިސްއިންފެކްޓް ކުރަމުންނެވެ. ފިހާރަތަކާއި މިސްކިތްތަކުގައި ވެސް ސެނިޓައިޒަރ ނޫނީ އަތްދޮވޭގޮތް ވަނީ ޤާއިމުކޮށްފައެވެ. އަންހެންކުދިން ގެންގުޅޭ ދަބަސްތަކުގައި ވެސް ކުޑަކުޑަ ސެނިޓައިޒަރ ފުޅިއެއް އޮވެއެވެ.
މަގުތަކަށް ކުޅުޖެހުމަކީ ރާއްޖޭގައި އުޅޭ އެއްވެސް މީހަކު ކުރާ ކަމެއް ނޫނެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން އުޅުނު ޒަމާން ފާއިތުވެއްޖެއެވެ. އެ އެންމެން ކޯވިޑަށްފަހު އެ މީހެއްގެ ޤައުމަށް ދިޔައީއެވެ.

ރާއްޖޭގެ އިޤްތިޞާދީ ލޭނާރަށް ވަނީ އާ ރޫޙެއް ލިބިފައެވެ. ދަނޑުވެރިކަމަށް ނިކުތް ޒުވާނުން އިޤްތިޞާދުގެ މޫނުމަތި ބަދަލުކޮށްފިއެވެ. ސަރުކާރުގެ ކުންފުނިތަކުން ތަރުކާރީއާއި މޭވާ ގަނެ ވިއްކަން ފަށައިފިއެވެ. ބައެއް ބާވަތްތައް ދަޅާއި ޕަކެޓުގައި ބަންދު ކުރަން ވެސް ފަށައިފިއެވެ.
ބޮޑެތި ފަޅު ރަށްރަށުގައި ހަނޑޫ ހައްދައެވެ. ޒުވާރިއާއި ދޮނަޅައާއި ބިންބި ފުށަކީ މިހާރު ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެއްޗެއް ނޫނެވެ. ދިވެހިރުކުގެ ކާށިކިރު ޕަކެޓްތައް އަތުފަތުނުޖެހި ވިކެމުން ދަނީއެވެ.

ޓޫރިސްޓުން ރާއްޖެ އައިސް ރިސޯޓްތަކާއި ގެސްޓް ހައުސްތައް އޮތީ ފުރާލާފައެވެ. ކޯވިޑް-19 އާގުޅިގެން ތާށިވެފައިތިބި ޓޫރިސްޓުން ދުނިޔެއަށް ފެތުރިގަތްއިރު އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއެވެ. ކޯވިޑުގެ ދުވަސްވަރު ރިސޯޓްތަކުގެ ކެތްތެރި ޚިދުމަތްތެރި މުވައްޒަފުން ދައްކައިދިން ނަމޫނާ ދުނިޔޭގައި މަޝްހޫރެވެ. ކޯވިޑުގެ ސަބަބުން ރާއްޖެ ކުރިއަށްވުރެ ބޮޑަށް ވިދާލައިފިއެވެ.

އަޅުގަނޑަށް މި އޮވެވުނީ ވަރަށް ފުން ޚިޔާލެއްގައެވެ. ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ފޯނުން ގަޑި ބަލާލީމެވެ. މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އެކަމަކު މި އުޅެނީ އަދި ނިދި ނައިސްގެންނެވެ. މިގޮތަށް ފޯނުން ލިޔެހެދުމަށް މިހިރީ ފާޑެއްގެ ދެއްވެއްހިފާފައި ތޯއްޗެކެވެ. ލިޔެ ނުނިމެނީހެއް ނިންޖެއް ނާންނާނެއެވެ. މި އޮތީ މި ލިޔުން ލިޔެ ނިމިފައެވެ. ދެން ނިދަންވީއެވެ. (ނިމުނީ)

No comments: