Monday, April 13, 2020

ޣަފޫރުބެއާއި އަޅުގަނޑު

ޢަބްދުﷲ ސަޢީދު 


އެންމެ ދުރު ހަނދާން


އަޅުގަނޑާއި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޢަލީ އާ ދެބެން ތިބީ ގޭގެ ބަދިގެކައިރީގައި ކާށެވެ. އެއީ ރޯދަ މަހެއްގެ އެއްދުވަހުގެ ހެނދުނެވެ. ކާންތިބީ މާމަ ހާރަށް ކައްކާފައިހުރި ބަތެވެ. އެހެންވީމާ އަޅުގަނޑުމެން ކާން އެތިބީ ރޭހުރި ބަތެވެ. އޭރު އަޅުގަނޑުމެން ވަރަށް ކުއްޖެވެ. ބައެއް ދުވަސް ދުވަހު ރޯދައަށް ބަހައްޓާ ހަނދާން ވެއެވެ.

 ބަދިގޭގައި މާމަ އުޅެއެވެ. މަންމައާއި ބައްޕައާ ވީ މާލޭގައެވެ. ގޯތީގެ ހުޅަނގު ފަރާތު މަގުން ހިނގާފައިދާ މީހުންނަށް ގޯތީގެ ދެކުނު ފަރާތް ހާމައަށް އޭރު ފެންނަން އޮވެއެވެ. ބޮޑެތި ބިޔަ ބަނބުކެޔޮ ގަސްތަކުގެ ތެރެއިން އެ ކުޑަކުޑަ ފަން ބަދިގެގަނޑު  ރީޗަށް ފެންނާނެއެވެ. އަޅުގަނޑުމެން ދެ މީހުން ކާންތިބިތަން ފެނިފައި އަޅުގަނޑުމެންނާ ގަފޫރުބޭ (ޢަބްދުލްޣަފޫރު ޢަބްދުއްރަޙްމާން) ސަމާސާ ކޮށްލިއެވެ. ސަމާސާ އަމާޒުވީ އަޅުގަނޑު ދޮށީ މީހާއަށެވެ. "ރޯދަނުކުނި މަސްކުނިކުނި. އާޅޭ އާޅޭ އެއޮތް ބޮޑު އަލީ ވެސް ކަނީ" ޔޭ ބުންޏެވެ. ވަގުތުން ދެ މީހުން ބަތްތަށި ފުރަގަހަށް ލީއެވެ. އެކަމަކު އެ ވަގުތު އަޅުގަނޑުމެން ދެ ބެން ކައިރިއަށް ހިނި އަތުވެއްޖެއެވެ. ގަފޫރުބެއަށް އަޅުގަނޑުމެން ދެބެން ވަކިކުރަން ނޭނގޭކަން އެނގުމުންނެވެ. އެ ދުވަސްވަރު ފެންނަތާކުން ގަފޫރުބޭ އެ ސަމާސާ ކުރެއެވެ. އެކަމަކު ގަފޫރުބޭ އަޅުގަނޑަށް ކިޔަނީ އަލީއެވެ. އެހެންވެ އަޅުގަނޑު ކައިރިއަށް އަންނަނީ ހިންޏެވެ. ގަފޫރުބޭ ނޫނަސް އަޅުގަނޑުންމެން ހަތަރު ފިރިހެން ބެއިން ވަރަށް ފަހަކާ ޖެހެންދެން ވެސް މީހުންނަށް އޮޅެވެ. ބޮލުގެ އިސްތަށިކޮޅު ދިޔަފަހުން މިހާރު މި އޮޅެނީ އަޅުގަނޑާއި އަޅުގަނޑުގެ ދޮންބެއާއެވެ.

ގަފޫރުބޭގެ ސޫޖީއާއި ފިހުނު މަސް

ގަފޫރުބޭގެ ވާހަކަ ފަށާފައި ގަފޫރުބޭގެ ސޫޖީގެ ވާހަކައާއި ފިހުނު މަހުގެ ވާހަކަ ނުދައްކާ ކުރުކޮށްލައިފިނަމަ އެއީ އިންސާފެއް ނޫނެވެ.

ގަފޫރުބޭ މަނަދޫއަށް ސޫޖީ ތާރަފުކުރީ އަޅުގަނޑުމެން ކުޑައިރު އެވެ. ސޫޖީ އާއި ފިހުނު މަސް އުލަކީ ޕެކޭޖެކެވެ. އެކަމަކު ވަކިން ވެސް ވިއްކައެވެ. ކޮންމެ ރޯދަ މަހެއްގެ ތަރާސްވީސް ދަމުގައި ގަފޫރުބޭމެން ގެއިން ވިއްކަން ފެށި ސޫޖީގައި މަނަދޫ މީހުން ނިކަން ރީއްޗަށް ޖެއްސިއެވެ. އަޅުގަނޑަށް ސޫޖީ އެއީ ހުންނަ އެއްޗެއްކަން ވެސް އެނގި ދަސްވީ  އެ ހިސާބުންނެވެ. އެއީ ރަހައަކަށް ކޮލިޓީއަކަށް ބަދަލެއް ނައިސް އެތައް އަހަރެއް ވަންދެން މެދުނުކެނޑިދިން ޚިދުމަތެކެވެ. އާދޭހެވެ. ހަމަ ޚިދުމަތެކެވެ. އަތްފޯރާ އަގެއްގައި ވިއްކީތީ އެކަންޏެއް ނޫނެވެ.  އެއްވެސް ސައި ހޮޓަލެއް ރެސްޓޯރެންޓެއް ނެތް ޒަމާނުގައި ބީރައްޓެހިންނާއި ރަށު މީހުންނަށް އެއީ ވަރަށް ބޮޑު ފަސޭހައެވެ. ދެ ޖިންސުގެ ޒުވާނުންނަށް އެއީ ލޯބި އިތުރުކޮށްދިން މެދުވެރިއެކެވެ. ރޯދަ މަހު ފިހުނުމަހާ ނުލައި ހާރު ނުކެވޭ މީހުންނަށް ވަކިން ބޮޑު ހިތްހަމަ ޖެހުމެކެވެ.  މަސް އުލުގެ ރަހަ ވެސް ތަފާތެވެ. ރަށަށް ކިތަންމެ މަދުން މަސް ބޭނިޔަސް ގަފޫރުބޭމެންގޭން ފިހުނު މަސް އޫ ލިބޭނެއެވެ. އެކަމަކު އަގަކަށް ބަދަލެއް ނާންނާނެއެވެ. އެއީ ފުރިޖާއި އައިސް އަލަމާރި ހުންނަ ޒަމާނަކަށް ނުވާތީ ފިހުނު މަސް ތައްޔާރު ކުރަނީ ތާޒާ މަހުގައެވެ.  ކޮންމެ ވައްތަރެއްގެ މަހެއް ނަމަވެސް ގަފޫރުބޭގެ މިރުސްގަނޑާއެކު މަސްއުލަށް ބަދަކުކޮށްލީމާ ރަހައަށް ފާޑެއް ނުކިޔޭނެއެވެ. ގަފޫރުބޭގެ އިތުރުން މީހަކަށް މިކަމުގައި ތަޢުރީފެއް ކުރަންޏާ އެ ތަޢުރީފުގެ ޙައްޤުވެރިޔަކީ އާބިދާ ދައްތައެވެ. އެއީ ގަފޫރުބޭގެ އަންހެނުންނެވެ. ކުޑަކުޑަ ކުދިންކޮޅެއް ބަލަމުން ގަފޫރުބެއަށް އެހީތެރިވާތީ ފެންނަނީ އާބިދާ ދައްތައެވެ. 

ފަހަކަށް އައިސް އެކި ތަންތަނުންނާއި ގޭގޭން ވެސް ސޫޖީ ބޮވިއްޖެއެވެ. އަޅުގަނޑުގެ ކުރިމަތީގައި ގަފޫރުބޭ ވައްޓައެއް ނުލެވުނެވެ. މިހެން އުޅެނިކޮށް މި ދިޔަ ރޯދަމަހު ހުޅުމާލޭގައި ރަށު ކުދިބަޔަކު ހިންގާ ތަނަކަށް ފެމެލީ ރޯދަވީލުމަކަށް ހިގައްޖެއީމެވެ. ގަފޫރުބޭ ރެސިޕީއަށް ހަދާފައިހުރި ސޫޖީ ހުރި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އޯޑަރު ދިނެވެ. އަސްލު ވެސް ވަރަށް މީރެވެ. ގަފޫރުބޭ އަމިއްލަ އަތުން ކެއްކީމާ ހުންނަ ފުން އަސަރު ނެތަސް އާންމުކޮށް މީހުން ކައްކާ ސޫޖީއާއި އެ ފިހުނު މަސް ވެސް ތަފާތެވެ.

ގަފޫރުބޭ ސޫޖީ ހަދަހަދާފައި ހަމައެކަނި ވިއްކީއެއް ނޫނެވެ. ފަހަށް ވެސް ރައްކާކުރިއެވެ. ރޯދަމަހުގެ ކޮންމެ ވެސް އެއް ރެއަކު ރަށުގައި ތަރާވީސްކުރާ ހުރިހާ މިސްކިތަކަށް ސޫޖީ ގެންގޮސް ބަހާހެދިއެވެ. އެކަންކުރީ ސީދާ ގަފޫރުބޭ އަތުންނެވެ. ބައެއް ރޯދަމަސްމަހު ދެފަހަރު ތިންފަހަރު ވެސް މިސްކިތްތަކަށް ގެންދެއެވެ. ސޫޖީ ގެންދާ ރެއަކީ އަޅުގަނޑުމެން ފުރައިގެ ކުޑަ ކުދިން ތަރާވީސް ނަމާދަށް އާދަޔާ ޚިލާފަށް އެ ގެންދާ މިސްކިތަކަށް ގިނަވާ ރެއެކެވެ.

އޭގެ ތެރެއިން އެއް ރެއެވެ. ތަރާވީސް ނަމާދުގައި ހުއްޓާ އެކުވެރިއަކު ކޮއްޓާލިއެވެ. ބަލާލިތަނުން ސިއްރުސިއްރުން ބުނެ ފިއެވެ. މިރޭ އިރުވައިމަތީ މިސްކިތަށް ގަފޫރުބޭ ސޫޖީ ގެންދެއެވެ. ދާން ހިނގާށެވެ. އަޅުގަނޑު ދާންވެގެން ފޭބިއިރު އިބުރަބޭ ވަޅު ދޮށުގައި އުޅެއެވެ. އިބުރަބެއާ އަޅުގަނޑުގެ ބައްޕަ ފަރާތުކާފައަކީ ދެބެންނެވެ. މިސްކިތް ދޮށުގައި ސަކަރާތެއް ގަންފިނަމަ އެކަން ނިކަން ބޮޑުވާނެއެވެ. މަންމައަށް ރިޕޯޓް ގެންދާނެއެވެ. އިބުރަބެއަށް ފެނިދާނެތީ އަލުން މިސްކިތަށް އަރާ ތަރާވީސް ކުރަން ފަށައިފީމެވެ. އިމާމުވެ އެރޭ ތަރާވީސް ކުރެއްވީ ބައްޕައެވެ. އޭރު މަނަދޫ ހުކުރު މިސްކިތުގައި ތަރާވީހަށް ހެދެނީ ސަފަކާއި ބުރިއެކެވެ.  ތަރާވީސް ގަވާއިދުންކުރާ ބޮޑެތި މީހުން ވެސް ގިނައެއް ނޫނެވެ. ގިނަ މީހުން ޢިޝާކޮށްގެން ދަނީއެވެ. ތަރާވީސް ކުރާ ބޮޑެތި މީހުންގެ ތެރޭގައި  ތިބެނީ އިބުރަބެއާއި، ޢަބްދުއްރަޙިންބެއާއި، ބޮނގަރަ ޔޫސުންބެއާއި ވާޙިދުބެއާއި ބީރު މޫސަބެއާއި ދޮންފުތު މުޙައްމަދުބެއާއި މޫސާފުޅުބެއާއި ސެކެއްޓެރީ ޢަބްދުﷲބެއާއި  ނާޒިރު ތުއްތުބޭ ފަދަ މަދު ބައެކެވެ. ދެން ތިބޭނީ ސްކޫލުގެ ދަރިވަރުންކޮޅެވެ.

އެރޭ އަޅުގަނޑަށް އެ މިސްކިތަށް ދެވޭގޮތެއް ނުވިއެވެ. ޖެހިގެން އައި ރެއަކީ އަޅުގަނޑުމެން ތަރާވީސް ކުރާ މިސްކިތަށް ސޫޖީ ގެނައިރެއެވެ. ތަރާވީސްކޮށް ނިމިގެން ފޭބުމާއެކު ގަފޫރުބޭ ސޫޖީ ތަށިތަށީގައި ބަހަން ފަށައިފިއެވެ. ކުރީ ރޭ އަނެތް މިސްކިތަށް ދިޔަ ގްރޫޕު  ފަހަތަށް ޖެހިތިއްބެވެ. ފުރަތަމަ ބޮޑެތި މީހުންނަށެވެ. ދެން އަޅުގަނޑުމެން ކުޑަކުދިންނަށެވެ. އަޅުގަނޑު ގްރޫޕް މީހުންކައިރި ސިއްރުސިއްރުން ބުނެފީމެވެ. ގަފޫރުބެއަށް މިރޭ ފަޅާއަރާނެއެވެ. އެ މީހުންގެ ކުރީގައި ހުރެގެން އަޅުގަނޑު  ސޫޖީ ތަށީގައި ހިފަން ދިޔަތަނުން އިބުރަބޭ ބުނެފިއެވެ. މީ ރޭގައި ތަރާވީސް ކުރަން ތިބެފައި އެ ކޮޅު މިސްކިތަށް ސޫޖީ ބޯން ދިޔަ މީހުންނެވެ. ހުރިހާ އެންމެން އަޅުގަނޑުމެންނަށް ބަލަންފެށިއެވެ. އެއްޗެއް ބުނާކަށް ނުކެރުނެވެ. ކަންނުވިޔަސް ނަންވެއްޖެއެވެ. އަޅުގަނޑުމެންނަށް ބަލާލާފައި ގަފޫރުބޭ ބުންޏެވެ. އެއީ ނަސީބުވެރިންނެވެ. ލައްވާލާނީ ރޯދި އޮތް ބަޔަކަށެވެ. އެކަމަކު ޢަބްދުﷲއެއް ރެއަކު އެކޮޅަކުން ނުދެކެމެވެ. ނަސީބަކުން އަޅުގަނޑު ސަލާމަތް ވެއްޖެއެވެ. އެރޭ އެހެންކަމެއް ވެސް އެނގުނެވެ. ގަފޫރުބެއަށް މިހާރު އަޅުގަނޑާއި ކޮއްކޮއާ ވަކިކުރަން އެނގޭކަމެވެ.

އަޅުގަނޑު މި ލިޔުމުގައި "ގަފޫރުބޭ" ގެ އިތުރުން އެހެން ނަންތައް ވެސް މި ލިޔުނީ އޭރު އާންމުކޮށް އަޅުގަނޑުމެން ކިޔާގޮތަށެވެ. ނ. މަނަދޫ ފެހިވިލާގޭ އަލްމަރުޙޫމް ޢަބްދުލް ޣަފޫރު ޢަބްދުއްރަޙުމާނު ނިޔާވީ 11 އެޕްރީލް 2020 ގައެވެ. ގަފޫރުބެއަކީ މަނަދޫ ޕޮލިސް ސްޓޭޝަންގައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭކަލެކެވެ. ޖަމާޢަތުގެ ނަމާދަށް އިސްކަން ދެއްވި މިސްކިތުގެ އެކުވެރިއެކެވެ. އަމިއްލަ ބުރަ މަސައްކަތުން ދަރިން ބޮޑެތިކުރި ހިންމަތެރި ބައްޕައެކެވެ. ކާފައެކެވެ. މުނިކާފައެއް ވެސް މެއެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރިކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

.ފޮޓޯގެ ހައްގުވެރިކަން : އަޙްމަދު ޢާތިފް

No comments: