Sunday, April 26, 2020

ކޯވިޑް 19: ސިފައިން ކޯވިޑަށް ފައްސިވުން

 


ޢަބްދުﷲ ސަޢީދު

މިއަދުގެ މިހާތަނަށް ކޯވިޑު-19 އަށް ދިވެހި ސިފައިންގެ ފަސް މީހަކު ފައްސިވެއްޖެއެވެ. އެކަން މީޑިއާގައި ދިވެހި އަސްކަރިއްޔާއިން ހާމަކުރައްވައިފިއެވެ. އެ ހިތާމަވެރި ޚަބަރާއެކު ދިވެހި އަސްކަރިއްޔާއިން އުންމީދީ ވާހަކަފުޅެއް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ޙުސައިން ޢަލީ ވިދާޅުވީ މި އޮޕަރޭޝަނާ ސިފައިން ކުރިމަތިލީ މި ބައްޔަށް ސިފައިން ވެސް ހުށަހެޅޭނެކަން އެނގިތިބެއެވެ. ސިފައިންގެ އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން މަސައްކަތް ކުރުމުގެ އަޒުމާއި އުންމީދުގައެވެ. މި ބައްޔާގުޅިގެން ސިފައިންގެ އެއްބަޔަކު އައިސޮލޭޓް ކުރެވިފައިވާއިރު އަނެއް ބަޔަކު ވަނީ ކަރަންޓީނު ކުރެވިފައެވެ. ކަރަންޓީނުކޮށް، އައިސޮލޭޓް ކުރެވުނު އެތައް ބަޔަކު މިހާރު އެނބުރި އައިސް ޚިދުމަތަށް ނުކުމެއްޖެއެވެ. އެހެންވީމާ މިއީ ވަށާޖެހޭނެ ޕްރޮސެސް އެކެވެ. ސިފައިން ޢަޒުމާ ހިތްވަރަށް ﷲގެ ވާގިފުޅާއެކު ބަދަލެއް ނާންނާނެއެވެ. ސިފައިން ތިބޭނީ ސާބިތުކަމުގައެވެ.

 

މި އޮޕަރޭޝަނާ ބެހޭގޮތުން ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އާންމު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޔަގީން ކަމަކީ އެއީއެވެ. ސިފައިންގެ އެންމެ ފަހު މީހާގެ އެންމެ ފަހު ނޭވާއާ ޖެހެން ދެން ވެސް ސިފައިން ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނެކަމެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ ސިފައިންގެ ދުވަހު ދެއްވި ޚިޠާބުގައި ވެސް އެ ޔަގީންކަން ވަނީ ދެއްވާފައެވެ.

 

ސިފައިން ކޯވިޑު -19 ގެ އޮޕަރޭޝަންގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ރާއްޖެއިން ފުރަތަމަ ކޯވިޑަށް ޝައްކުކުރެވުނު މީހާ ފުނަދޫއަށް ގެންގޮސް އައިސޮލޭޓްކުރީ ވެސް ސިފައިންނެވެ. އޭރުންސުރެ "އޮޕަރޭޝަން ކޯވިޑު-19"ގެ ނަމުގައި ސިފައިން ކުރިއަށް ގެންދާ މި ޚާއްޞަ އޮޕަރޭޝަނާ ސިފައިން ކުރިމަތިލަނީ ޒީރޯ ރިސްކަކުނޫނެވެ. ލޯ ރިސްކުގައެވެ. މާނައަކީ ސިފައިން މަސައްކަތް ކުރާނީ ރިސްކާއެކުގައެވެ.

 

ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޓް ފެސިލިޓީތައް ބިނާކޮށް މެނޭޖްކޮށްދެއެވެ. ޤައުމީ މި ބޮޑު ކާރިސާއާ ގުޅިންގެން ހިންގާ ހިއުމެނިޓޭރިއަން މި ބޮޑު އޮޕަރޭޝަންގެ ލޮޖިސްޓިކްސް ހިންގާ ބަލަހައްޓަނީ ސިފައިންނެވެ. ބަލި މީހުންނާއި ބައްޔަށް ޝައްކުކުރެވޭ މީހުން އެއްރަށުން އަނެއް ރަށަށް ގެންގޮަސްދެއެވެ. ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާއެކު ކުރީ ސަފުގައި ހަރަކާތްތެރި ވެއެވެ.

 

ސިފައިންގެ މީހަކު އެއްވެސް ހަނގުރާމައަކަށް ނުކުންނާނީ އަނިޔާއެއް ނުވާނެ ކަމަށް ބަލައިގެންނެއް ނޫނެވެ. އަނިޔާ ލިބޭނެކަމާއި ހަނގުރާމައިގެ ތެރޭގައި މަރު ވެސް ވާނެކަމަށް ބަލައިގެންނެވެ. ކޯވިޑާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ފްރޮންޓް ލައިނުގައި ހަރަކާތްތެރިވާ އެތައް ބަޔަކު މި ބައްޔަށް އެހެން ޤައުމު ތަކުގައި ވެސް ފައްސިވެއްޖެއެވެ. ބައެއް ފަރާތްތައް ދުނިޔެ ވެސް ދޫކޮށްފިއެވެ. އެކަމަކު ވެސް ކޮންމެ ވެސް ބަޔަކު ޚިދުމަތުގައި ތިބެންޖެހެއެވެ. ދީނީ އަދި މި ޤައުމީ ޒިންމާ އުފުލަންޖެހެއެވެ.

 

ކޯވިޑު -19 އާ ގުޅިގެން ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ވެސް މިއަދު މި ޤައުމުގެ ބަޠަލުންނެވެ. އޭގެ ތެރޭގައި ސިފައިން ވެސް ހިމެނެއެވެ.

 

ކޯވިޑު-19 އަށް ފައްސިވި ސިފައިންނަށާއި އެހެނިހެން ބޭފުޅުންނަށް ވެސް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެން މިތިބީ ތިޔަ ބޭފުޅުންނާ އެކުގައެވެ. ތިޔަ ބޭފުޅުންނާއި އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށިއެވެ. އާމީން.

No comments: