Tuesday, March 31, 2020

ގުދު ފަތިކުރުމަކީ މި ބަލިމަޑުކަމަށް އޮތް ހައްލު، ފަރުވާއަކީ ގޭގައި މަޑުކުރުން!

 


ޢަބްދުﷲ ސަޢީދު

 

ކޮރޯނާ ވައިރަސް ޑިސީޒް-2019 (ކޯވިޑް-19) އާބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އާންމުކޮށް ބޭނުންކުރެވޭ ލަފުޒުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ސޯޝަލް ޑިސްޓެންސިންގ އާއި، ފިޒިކަލް ޑިސްޓެންސިންގ އާއި، ކާވް ފްލެޓިންގ ފާހަގަ ކުރެވެއެވެ. މި ތިން ލަފުޒަކީ ތަފާތު ތިން މާނައެއް ދޭހަވާ ތިން ލަފުޒުކަމަށް ވިޔަސް ކޯވިޑު އާލަމީ ވަބާގެ މި ދުވަސްވަރު މިއީ އެއް ލަފުޒާއި އަނެއް ލަފުޒު ވަރަށް ބޮޑަށް ގުޅިފައިވާ ގާތް ތިން ލަފުޒެވެ.

 

ފުރަތަމަ އަޅުގަނޑުމެންނަށް އިވެންފެށީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ އިޖުތިމާޢީ ގައިދުރުކަމުގެ ވާހަކައެވެ. އިޖުތިމާޢީ ގައިދުރުކަން ބެހެއްޓިއްޖެނަމަ ކޯވިޑު-19 ފެތުރުމަށް އޮތް ފުރުސަތު ހަނިވާ ކަމަށް ބުނެ ދެކެވެންފެށި ވާހަކައެކެވެ. މި ރޯގާ އެންމެ ބާރަށް ފެތުރުނު ބައެއް މުޖުތަމަޢުތަކަކީ އިޖުތިމާޢީ ގައިދުރުކަމަށް ފުރަތަމަކޮޅު މާބޮޑު ސަމާލުކަމެއް ނުދެވުނު ތަންތަނެވެ. އަދި އިޖުތިމާޢީ ބައްދަލުވުންތަކާއި މަސްހުނިވުން އިންތިހާއަށް އޮތް މުޖުތަމަޢުތަކެވެ. އެ ތަންތަނުގައި ބަލި ފެތުރިގެން ދިޔައީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މަސްހުނިވުމުންނެވެ. މަޖާނެގުމަށާއި އަޅުކަމާއި އެހެނިހެން އިޖުތިމާޢީ ގުޅުންތަކާއި ހަރަކާތްތަކުގެ ތެރެއިންނެވެ.

 

އިޖުތިމާޢީ ގައިދުރުކަމަށްފަހު ދެން އިވެންފެށީ ފިޒިކަލް ޑިސްޓެންސިންގ (ޖިސްމާނީ ގައިދުރުކަން) ގެންގުމުގެ މުހިންމުކަމުގެ ވާހަކައެވެ. އިޖުތިމާޢީ ހަރަކާތްތައް ހިންގާ ތަންތަނާއި މައިދާންތައް ބަންދުކުރުމާއެކު ޖިސްމާނީ ގައިދުރުކަމުގެ ވާހަކަ ދެއްކެން ފެށީ ދޭދޭ މީހުންގެ މެދުގައި ހުންނަންވީ ގައިދުރުކަމަށް މީހުންގެ ސަމާލުކަމަށް ގެންނާށެވެ. ވަޒީފާގެ މާހައުލުގަޔާއި ޚިދުމަތް ހޯދާ ތަންތަނުގައި ވެސް ދޭދޭ ފަރުދުންގެ މެދުގައި ހުންނަންވީ ގައިދުރުމިން ބެހެއްޓުމުގައި ސަމާލުކަން ދިނުމަށް ބާރު އެޅުމަށެވެ. މި ގޮތުން މި ދުރުމިން ބެހެއްޓުމުގައި އެކި ޤައުމުތަކުން ކަނޑައެޅީ ތަފާތު މިންގަނޑުތަކެއް ނަމަވެސް މައިގަނޑު ވިސްނުމަކީ ޖާގައާއި ތަނާއި ހާލަތު އޮތް މިންވަރަކުން ވީހާ ވެސް ބޮޑަކަށް އެކަކު އަނެއްކަކާ ދުރުގައި ހަރަކާތްތެރިވުމެވެ. ބަލި މީހުން ކެއްސާ، ކިނބިހި އެޅުމުން ބަލި މީހާގެ އަނގައިން ބޭރުވާ ތެއްކަމާއެކު ވައިރަސް ދަތުރުކުރާ ދުރުމިން އެކި ދިރާސާތަކުން އެކި މިންވަރަށް ދެއްކި ނަމަވެސް ޖިސްމާނީ ގައިދުރުކަން މީޓަރަކަށް ވުރެ ކައިރިނުކުރުމަށް ގިނަ ފަރާތްތަކުން ލަފާ ދެއްވައެވެ.

 

ގައިދުރުކަމާއެކު ދެން އިވެންފެށީ ކާވް ފްލެޓެނިންގ (ގުދު ފަތިކުރުން) އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވުނު ވާހަކައެވެ. މި ލަފުޒުގައި މި އޮންނަ ގުދަކީ ކޯވިޑުގެ ވަބާ މުޖުތަމަޢުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ގުރާފުން ދައްކައިދޭ ގުދު މައްޗަށް އަރައިގެން ދާގޮތާއި އެއަށްފަހު ތިރިއަށް ޖެހިގެންދާގޮތް ދައްކައިދޭ ގުދެވެ. މައްޗަށް އަރައިގެންދާ ބާރު މިން އަވަސްވި ވަރަކަށް ނުވަތަ ބަލި ފެތުރޭ މިންވަރު ބާރަށް މަތިވާނަމަ ގުދު ކުއްލިއަކަށް މައްޗަށް އަރައި ގުދު އުސްވެދެއެވެ. އެ ގޮތަށް ގުދު ކުއްލިއަކަށް މައްޗަށް އެރުމުން ނުވަތަ ގުދު ކުއްލިއަކަށް އުސްވުމުން ޞިއްޙީ ނިޒާމަށް އޮބިނޯންނަވަރަށް ބަލި މީހުން އިތުރުވެ އެތައް ބަޔަކު މަރުވުމަށް މެދުވެރިވެއެވެ. އެހެންނަމަވެސް ގުދު ފަތިކުރެވިއްޖެނަމަ ޞިއްޙީ ނިޒާމަށް މާބޮޑު ހާސްކަމެއްނެތި ބަލިވާ މީހުންނަށް ފަރުވާ ދިނުމުގެ ޤާބިލިއްޔަތު ލިއްބައިދެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ގުދުފަތިނުކުރެވުމުގެ ސަބަބުން އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ވެސް އޮތީ އިނދަޖެހިފައެވެ. އެހެންކަމުން ގުދުފަތިކުރުމަކީ މި ބައްޔަށް އޮތް ހައްލެކެވެ. އެކަމަކު ފަރުވާއަކީ ގޭގައި މަޑުކުރުމެވެ.

 

ގުދު ފަތިކުރަން ބޭނުންނަމަ އެކަން ކުރެވެން އޮތީ ސޯޝަލް ޑިސްޓެންސިންގ އާއި ފިޒިކަލް ޑިސްޓެންސިންގެ އިތުރުން އެ މީހަކު އެ ހުރި ތަނެއްގައި ބޭރަށް ނުނިކުމެ އެހެން މީހުންނާ މަސްހުނިނުވެ ހުރުމެވެ. އެކުގައި އެ އުޅޭ ބަޔަކާއެކު ވެސް އިޖުތިމާޢީ ގައިދުރުކަމާއި ޖިސްމާނީ ގައިދުރުކަން ދަމަހައްޓައިގެންނެވެ. އާންމު ރައްޔިތުން އެ މީހުންގެ ގޭގައި ބޭރަށް ނުނިކުމެ ތިގެންނެވެ. މި ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް އެ ތިބި ތަނެއްގައި އެހެން މީހުންނާ މަސްހުނިނުވެ ކޮމިއުނިޓީ ސްޕްރެޑް (ޖަމާޢީ ފެތުރުން) ތައްކަތުވަންދެން ތިބެގެންނެވެ. ރަށްތަކާއި ޤައުމު ވެސް ފުރަބަންދު ކޮށްގެންނެވެ. އެކަމަށް ބޯ ލެނބުމަކީ ޤައުމަށް އެ ފަރާތްތަކަށް މިވަގުތު ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތެވެ.

No comments:

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)

  ޢަބްދުﷲ ސަޢީދު  ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަ...