Thursday, January 16, 2014

މަނަދޫގައި ހުޅުވި ސިފައިންގެ މަރުކަޒު – މިހާރުގެ މަނަދޫ ޕޮލިސް ސްޓޭޝަން

މަނަދޫ ޕޮލިސް ސްޓޭޝަން (2006)

ނ. މަނަދޫގައި ހުޅުވި ސިފައިންގެ މަރުކަޒު "އެންއެސްއެސް ނ. މަނަދޫ" ހުޅުވީ 1999 ޖުލައި 01 ވަނަ ދުވަހުއެވެ. ސިފައިންނާއި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ނ. އަތޮޅުގައި ހުޅުވުނު ފުރަތަމަ މަރުކަޒު ހުޅުވައި ދެއްވީ ސިފައިންގެ އޭރުގެ ލެފްޓިނަންޓް ޙުސައިން ޝާކިރެވެ. ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އޭރު އަޅުގަނޑު ރަށުގައި ހުރީ ޗުއްޓީއެއްގައެވެ.


ނ.އަތޮޅު ކުރިއަރުވާ ކޮމެޓީގެ އިމާރާތެއް ކަމަށްވާ ''އާވެހި'' ގައި ސިފައިންގެ ޚިދުމަތް ފެށުނީ ވަގުތީ ގޮތުންނެވެ. އޭރު މަނަދޫގެ ހުޅަނގު ކޮޅުން ސިފައިންނަށްވަނީ ބިމެއް ސަރުކާރުން ދެއްވާފައެވެ. އެތަނުގައި ޢިމާރާތެއްކޮށް ބޭނުންކުރެވެންދެން ކުށްޔަށް އާވެހީގައި ސިފައިންގެ ޚިދުމަތް ފެށީއެވެ. އެންމެ މުހިންމު ބޭނުމަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އޭރު އެތަނުގައި ހުރީ ކޮމްޕިއުޓަރަކާއި ފެކްސް މެޝިނެކެވެ.

ސިފައިންގެ މި މަރުކަޒަށް ފުރަތަމަ ދިޔައީ 04 ފުލުހުންނެވެ. އޭގެފަހުން ޕޮލިސް މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރައްވައިގެން ސިފައިންގެ އެހެނިހެން ދާއިރާތަކުގެ ސީނިއަރ އެންސީއޯއިންވެސް އިންޗާޖުންގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭރު ސިފައިން ބަލަމުން ދިޔައީ އަތޮޅު އޮފީހުން ހުށަހަޅާ މައްސަލަތެކެވެ. ދަތުރު ހަމަޖައްސަވައި ދެއްވަނީވެސް އަތޮޅު އޮފީހުންނެވެ. އޭރު ސިފައިންގެ އިންޗާޖަކަށް ސްޓޭޝަންގައި ހުންނަވާ ސީނިއަރ އެންސީއޯއަކަށް އަތޮޅުވެރިންގެ އަރިހުގައި ވަރަށް ބޮޑު އިޙްތިރާމެއް ލިބިފައި އޮވެއެވެ. އަދި އަތޮޅު ތެރެއަށް އަތޮޅުވެރިން ކުރައްވާ ޒިޔާރަތްތަކުގައި އެންސީއޯ އިންޗާޖް ބައިވެރި ކުރައްވައެވެ. އެދުވަސްވަރު ސިފައިން ބަލާ މައްސަލަތައް ތަޙްޤީޤުކޮށް ޕޮލިސް ހެޑްކްއޯޓާރޒަށް މާލެ ފޮނުވައެވެ.

2004 ސެޕްޓެމްބަރު 01 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ވަކިވެ، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމުން މަނަދޫގައި ހުރި ސިފައިންގެ މަރުކަޒު ފުލުހުންގެ ސްޓޭޝަނަކަށް ބަދަލު ކުރެއްވިއެވެ. "އެން.އެސް.އެސް ނ.މަނަދޫ"ގެ ނަން "މިލަދުންމަޑުލު ދެކުނުބުރީ ޕޮލިސް ސްޓޭޝަން"ގެ ނަމަށް ބަދަލުވެގެން ދިޔައެވެ.

ފުލުހުންގެ ޚިދުމަތަށް އައި ބޮޑު ބަދަލާއެކު މަނަދޫގައި ހުރި ޕޮލިސް ސްޓޭޝަނުންވެސް ޚިދުމަތުގެ ރޮނގުން އާ ރާސްތާއަކަށް ދަތުރު ފެށިއެވެ. ސްޓޭޝަނަށް ފުލުހުންގެ އަދަދު އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރަން ފެށިއެވެ. ރަށްރަށުގައި ހިނގާ ޖިނާޢީ ހުރިހާ ކުށެއް ބަލައި ތަޙްޤީޤް ކުރަން ފެށިއެވެ. ފުލުހުންގެ ދަތުރުތައް ކުރުމަށް 2005 ވަނަ އަހަރު ދޯންޏެއް ކުއްޔަށް ހިފައިގެން އަތޮޅު ތެރެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރިއެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބުރަ މަސައްކަތުން ރައްޔިތުންނާ ގާތުން ޚިދުމަތްދީ ރައްޔިތުން އިތުބާރުކުރާ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދިއެވެ. ކޮމިއުނިޓީ ޕޮލިސިންގ ފިލޯސަފީ އާ އެއްގޮތަށް ނ.އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޕްލޭންތައް ހަދައި ރައްޔިތުންނާ ގުޅިގެން ކުށްމަދުކުރުމުގެ ޕްރޮގްރާމްތައް ހިންގައި އިޖްތިމާޢީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާން ފެށިއެވެ. ނ. އަތޮޅު ޕޮލިސް ސްޓޭޝަނަކީ ނަމޫނާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންނާއި މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އާންމު މުވައްޒަފުން ގުޅިގެން ވަރުގަދަ އިޖްތިމާޢީ ހަރަކާތްތަކެއް ހިންގިއެވެ. އެގޮތުން މަނަދޫގައި ބޯހިޔާވަހިކަން އެއްގޮތަކަށްވެސް ނެތް ވަރަށް ނިކަމެތި އެކަނިވެރި ދެމީހަކަށް ބޯހިޔާވަހިކަން ހޯދައިދިނެވެ. މިގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ގެވަޅުގައި އެޕާޓްމަންޓެއް ފުލުހުންގެ ބުރަ މަސައްކަތުން ހަދައިދިނެވެ. މިކަންތައްތައް ކުރިއަށްދިޔައިރު މަނަދޫ ޕޮލިސް ސްޓޭޝަންގައި މަނަދޫގެ ދަރިން ދިޔައީ ޚިދުމަތް ކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި އާދަޔާ ޚިލާފު ލީޑަރޝިޕެއް ދައްކުވައިދީ މަނަދޫ ފިތުރޯނުގޭ ޕޮލިސް ސާރޖަންޓް އަޙްމަދު އާތިފް ކުރެއްވި މިންނަތް މަސައްކަތް ފާހަގަ ކޮށްލަން ޖެހެއެވެ.

2012 ފެބްރުއަރީ 08 ވަނަ ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ތިބި ފުލުހުންނަށް ވަރަށް ބިރުވެރި ދުވަހެކެވެ. ބައެއް ތަންތަނުގައި އަލިފާންޖަހާ ރޯކޮށް އަންދާލައި އަޅިއަށް ހަދާލިއެވެ. ފުލުހުންނަށް ބޮޑެތި ގެއްލުންތައް ލިބި ބައެއް ފުލުހުން ވަރަށް ނިކަމެތިކޮށް ރަށްރަށުން ފައިބައިގެން ދާންޖެހުނެވެ. އޭގެތެރޭގައި އަމިއްލަ އުފަން ރަށް ދޫކޮށް ފައިބައިގެން ދާންޖެހުނު ފުލުހުންވެސް ތިއްބެވެ. އެހެންނަމަވެސް މަނަދޫ ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުންނަކަށް އެ ބިރުވެރިކަން ތަޖުރިބާ ކުރާކަށް ނުޖެހުނެވެ. އެއަށްވުރެ މަނަދޫ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އޮތް އިޙްތިރާމާއި ލޯބި ބޮޑެވެ. ނުވަތަ އެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތަކީ ކިހާ މުހިންމު ޚިދުމަތެއްކަން ވިސްނެއެވެ. އެދުވަހަކީ މަނަދޫ ރައްޔިތުންގެ ހޭލުންތެރިކަން ޓެސްޓް ކުރެވުނު ދުވަހެކެވެ.

މިއަދު މަނަދޫގެ އިތުރުން ނ. އަތޮޅު ވެލިދޫގަޔާއި ހޮޅުދޫގައިވެސް ވަނީ ފުލުހުންގެ ސްޓޭޝަންތައް ޤާއިމު ކުރައްވާފައެވެ.

No comments: