Monday, January 13, 2014

ނ. އަތޮޅުގެ ތާރީޚް: މަނަދޫގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުން

މަނަދޫގައި ފާހަގަކުރި ޤައުމީ ދުވަހުގެ ބެޖް


ނ. މަނަދޫގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރީ 1420ހ. (1999 މ.) ވަނަ އަހަރުއެވެ. އަތޮޅުގެ ރަށްރަށުގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ބާއްވަވަން ސަރުކާރުން ނިންމަވާ އޭގެކުރިން ހއ. އުތީމުގަޔާއި ސ. ހިތަދޫގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައިވަނީ ފާހަގަ ކުރައްވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޤައުމީ ދުވަހުގެ ރަސްމިއްޔާތު މާލޭގައި ބޭއްވުމަށްފަހު އަތޮޅުތެރޭގައި އަނެއްކާވެސް ޤައުމީ ފެންވަރުގައި ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތާއި ޕްރޮގްރާމްތައް ބޭއްވުމަށް ނިންމަވައި އެކަމަށް މިލަދުންމަޑުލު ދެކުނުބުރީގައި ވެރިކަންކުރާރަށް މަނަދޫ ހަމަޖެއްސެވިއެވެ.


ޤައުމީ ދުވަސް މަނަދޫގައި ފާހަގަކުރަން ސަރުކާރުން ނިންމެވުމާއެކު އެކަމަށް ނ. އަތޮޅު އޮފީހުންނާއި މަނަދޫ އޮފީހުންނާއި މަނަދޫގެ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ފުރިހަމައަށް ޤައުމީ ދުވަހުގެ ރަސްމިއްޔާތަށް ރަށް ތައްޔާރު ކުރިއެވެ. މި މަސައްކަތުގައި ނ. އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ޙަސަން ކަލޭފާނާއި މަނަދޫ ކަތީބު ސަޢީދު ޤާސިމާއި އަތޮޅު އޮފީހުގެ މުވައްޒަފުންނާއި ރަށްކުރިއަރުވާ ކޮމެޓީއާއި އަންހެނުންގެ ކޮމެޓީއާއި އަދި ޤައުމީ ދުވަހުގެ ކަންތައްތައް ވިލަރެސް ކުރުމަށް ކަނޑައަޅާފައިވާ ކޮމެޓީގެ ހުރިހާ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި ދާއިރާތަކުން ޚާއްޞަ މަނަދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ތަރުހީބަކީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ޤައުމީ ދުވަހުގެ ޝިޢާރަކީ "ޤައުމުގެ އެއްބައިވަންތަކަން – ޤައުމުގެ ކުރިއެރުން" މިއެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމުގައި ކިތަންމެ ރަނގަޅަކަށްވެސް ޝިޢާރާ އެއްގޮތަށް ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެން ދިޔައެވެ. 
މިރަސްމިއްޔާތަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަނަދޫއަށް ވަޑައިގެންނެވިއެވެ. އޭގެތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ދައުވަތު އަރުވައިގެން ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން ކުލަގަދަ ގޮތެއްގައި މަނަދޫގައި ޤައުމީ ދުވަސް ފާހަގަ ކުރާތީ އެކަންތައްތައް ބަލާލުމަށް މަނަދޫއަށް ޒިޔާރަތްކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައި ގަންނަވައެވެ.

ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭފުޅުން ތިއްބެވުމަށް ހަމަޖެއްސެވީ މަނަދޫގައި އެބޭފުޅުން ތިއްބެވުމަށް ހަމަޖައްސަވާފައިވާ ކޮޓަރި ކޮޅުތަކުގަޔާއި ރަށުތެރެއިން ކަނޑައެޅުއްވި ގޭގޭގައެވެ. ޢިއްޒަތްތެރި މެޙްމާނުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ މެޙްމާންދާރީއެއް އަދާކުރުމަށްޓަކައި ބައެއް ގެތަކުގެ ކޮޓަރިތައް މަރާމާތުކޮށް އެގޭގޭގެ ވެރިންގެ ފަރާތުން އެބައެއްގެ ފެންވަރުން ވަރަށް ބޮޑަށް ތައްޔާރުކުރިއެވެ. ކުއްލިއަކަށް އެހާ ގިނަ ބަޔަކު އެއްފަހަރާ މަނަދޫއަށް އަންނަގޮތަށް ހަމަޖެހުމައެކު ހުރިހާ ބޭފުޅުންނަށް އެންމެ ފުރިހަމަ އެކޮމަޑޭޝަން ހަމަޖައްސައިދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެދުވަސްވަރު މަނަދޫގައި ގޯތިގެދޮރުގެ ތަނަވަސްކަން ހުރިގޮތުން ކުރިމަތިވިއެވެ. ޢިއްޒަތްތެރިން ރަށުގެ އާދައިގެ ގެތަކުގައި ތިއްބެވިއިރު އެގޭގޭގެ ފަރާތުން ވަރަށް ފުރިހަމަ މެޙްމާންދާރީއެއް އަދާކޮށް، އެބޭފުޅުންނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޞިއްޙީ ޚިދުމަތް ޤާއިމު ކުރެވިފައިވަނީ "ނ. މަނަދޫ ޞިއްޙީ މަރުކަޒު" އިންނެވެ. ހުރިހާ ބޭފުޅުންގެ ސައިފޮދުތަކާއި ފަރިއްކޮޅުތަކުގެ ކަންތައްތައް ހަމަޖައްސާފައިވަނީ މަނަދޫ އިޖްތިމާޢީ މަރުކަޒުގައެވެ. ކެއްކުމުގެ ކަންތައްތައް ކުރީ މަނަދޫ އަންހެނުންގެ ކޮމެޓީންނެވެ. ހެނދުނު ސައިފޮދު އޮތީ ހެދުނު 07:00 ން 08:00 އަށެވެ. ދިހަގަޑީގެ ސައިފޮދު އޮތީ 10:00 ން 11:00 އަށެވެ. މެންދުރު ފަރިއްކޮޅު އޮތީ 01.30 ން 02:30 އަށެވެ. ހަވީރު ސައިފޮދު އޮތީ 04:00 ން 05:00 އަށެވެ. ރޭގަނޑު ފަރިއްކޮޅު އޮތީ 07:30 ން 08:30 އަށެވެ. ދަންވަރު ސައިފޮދު އޮތީ 10:30 ން 11:30 އަށެވެ.

ޤައުމީ ދުވަހުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ މަނަދޫއަށް ދިޔައީ ސިފައިންނެވެ. އެމީހުން ކޭމްޕް ޖެހީ މަނަދޫ އިރުމަތީ ކޮޅު ބޯށިވާ ކައިރީގައެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމުގައި ރައްޔިތުން ރެއެއް ދުވާލެއް ބެލުމެއްނެތި ކުރަމުންދިޔަ ބުރަ މަސައްކަތުގައި ސިފައިން ޢަމަލީ ގޮތުން ބައިވެރިވިއެވެ. މަގުތަކަށް ވެލިއަޅައި މަގުތައް އެއްވަރުކޮށް ތަންތަން ސާފުކުރުގައިވެސް ސިފައިން ބައިވެރިވިއެވެ. 
މާލެއިން މަނަދޫއަށް ވަޑައިގެންނެވި ޢިއްޒަތްތެރިން މާލެއިން ފުރާވަޑައިގަތީ  1999 ޖޫން 14 ވީ ހޯމަ ދުވަހުގެ ހެނދުނު 08:00 ގައެވެ. އެބޭފުޅުން މަނަދޫއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ނ. އަތޮޅުވެރިޔާ ޙަސަން ކަލޭފާނާއި މަނަދޫ ކަތީބު ސަޢީދު ޤާސިމެވެ. ދަތުރުކުރެއްވީ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑުގެ "ކްރައުން ޕްރިންސަސް" ގައެވެ. ޤައުމީ ދުވަހަކީ 15 ޖޫން 1999 ވީ އަންގާރަ ދުވަހެވެ.

ޤައުމީ ދުވަހުގެ ރަސްމިއްޔާތު ފެށުނީ 15 ޖޫން 1999 ވީ އަންގާރަ ދުވަހު ހެނދުނު 06:00 ގައެވެ. އެދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އެގަޑީގައި ބޭއްވިއެވެ. އެރަށެއްގައި ހުރި އެންމެ އިސް އިމާރާތަކަށް އެރަށެއްގައި ހުންނެވި އެންމެ އިސްވެރިޔަކު ޤައުމީ ދިދަ ނަންގަވައި ދެއްވުމުންނެވެ. އެދުވަހު ހެނދުނު 08:00 ގައި  މާލޭގެ ބޮޑު ކޯއްޓޭއަށް ދިދަ ނަންގަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމެވެ. މަނަދޫގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ އެދުވަހު 11:00 ގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިއޮތީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ބިލެއް މީރުކޮށްލެއްވުމެއް އޮތެވެ.

އެދުވަހުގެ ހަވީރު 04:30 ގައި ޕެރޭޑާއި ކުޅިވަރު އަތޮޅުގޭ ކުރިމަތީގައި ބޭއްވިއެވެ. ގިނަ އައިޓަމްތައް ހުށަހަޅައިދިނީ އަތޮޅުގެ އެކި ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އެދުވަހު ހަވީރު "މަނަދޫ ޒުވާނުންގެ ގުޅުން" ޖަމްޢިއްޔާއިން ތައްޔާރުކުރި ކުޑަކުދިންގެ ޕާކް (ކުޑަކުދިންގެ ބަގީޗާ) ހުޅުވައި ދެއްވިއެވެ. އެ ޕާކް ހުޅުވައި ދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީނެވެ. އެރޭ 09:00 ގައި މަނަދޫ ރައްޔިތުން ދެއްވި ޚާއްޞަ ޖާފަތް ނ. އަތޮޅު މަދަރުސާގައި އޮތެވެ. އަދި އެރޭ 10:00 ގައި ސްޓޭޖް ޝޯ ބޭއްވިއެވެ.

1999 ޖޫން 16 ވީ ބުދަ ދުވަހުގެ ހަރަކާތްތައްވެސް ހެނދުނު ފެށިއްޖެއެވެ. ހެނދުނު 06:00 އިން 11:00 އަށް ކުޅިވަރުތައް އޮތީ މަނަދޫ ބޯޅަ ދަނޑުގައެވެ. ހަވީރު 04:00 ން 04:30 އަށް ދިވެހި ސިފައިންގެ ރޫޓްމާޗް މަނަދޫގެ ބޮޑެތި މަގުތަކުގައި ބޭއްވިއެވެ. އަދި އެދުވަހު 04:30 ން 06:00 އަށް ސިފައިންގެ މޮކްޑްރިލް އާއި ކުޅިވަރު ބޯޅަ ދަނޑުގައި ބޭއްވިއެވެ. ސިފައިންގެ އަސްކަރީ ކުޅަދާނަކަން ދައްކާލުމުގެ ހަރަކާތްތަކަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. އެރޭ މިނިސްޓަރ އޮރް ހޯމް އެރެއާރޒް ހައުސިން އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އިސްމާޢީލް ޝަފީޢު ދެއްވި ފަރިއްކޮޅެއް އޮތެވެ. ރޭގަނޑު ސްޓޭޖް ސްޓޭޖް ޝޯ އޮތީ 10:00 ން ފެށިގެންނެވެ.

ޤައުމީ ދުވަހުގެ ރަސްމިއްޔާތަށް މާލެއިން މަނަދޫއަށް ވަޑައިގެންނެވި ބޭފުޅުން ފުރާވަޑައިގަތީ 17 ޖެނުއަރީ 1999 ބީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. ޤައުމީ ދުވަހުގެ ރަސްމިއްޔާތަށް މަނަދޫއަށް ދިޔަ ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮތީ ވަރަށް ވަރުގަދަ ބަދަހި ގުޅުމެއް އުފެދިފައެވެ. ސިފައިންގެ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސެވުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން އެ ކޭމްޕުން ޑޮކްޓަރަށް ދެއްކިއެވެ. ސިފައިންނާމެދު ރައްޔިތުން ބެހެއްޓި އޯގާތެރި މެޙްމާން ދާރީއަށްޓަކައި ޝުކުރު އަދާކުރުމުގެ ގޮތުން މަނަދޫން ފުރައިގެން ދިޔައިރު ކޯސްޓްގާޑް ޣާޒީ (މިހާރުގެ ކޯސްޓްގާޑް ނޫރައްދީން) ލޯންޗް މަނަދޫ ވަށައިގެން ބާރު ދުވެލީގައި ބުރެއް ޖަހާލިއެވެ.

މަނަދޫގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ ނ. އަތޮޅު މަދަރުސާގައެވެ. އެ ޖަލްސާ ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވިއެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރާއި ނ. އަތޮޅުވެރިޔާއާއި މަނަދޫ ކަތީބު ވާހަކަ ދެއްކެވިއެވެ.

މަނަދޫއަކީ މާލެއާ 95 މޭލް ދުރުގައި އޮތް ރަށެކެވެ. އޭރު މަނަދޫގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް އޮތެވެ. އެ ޚިދުމަތް ދެމުން ދިޔައީ ރައްޔިތުންގެ "ހަދިޔާ" އިންޖީނުގެއިންނެވެ. މަނަދޫގައި ޤައުމީ ދުވަސް ފާހަގަކުރިއިރު ރަށުގެ ބޮޑުމިނަކީ 172879 އަކަފޫޓެވެ. މިހާރު ރަށުގެ ބަދަރުހަދައި ކައިރީގައި އޮތް ބޮޑުހުރާ ރަށާ ގުޅާލުމުން ރަށުގެ ސައިޒުވަނީ ބޮޑުވެފައެވެ. އޭރު އާބާދީއަކީ 1430 މީހުންނެވެ. އެއީ 775 ފިރިހެނުންނާއި 649 އަންހެނުންނެވެ. ރަށުގައި އިންޖީނުއެޅި 15 ދޯންޏާއި އިންޖީނު ނާޅައި 18 ދޯނި އޮތެވެ. ރަށުގައި މީހުން ދިރިއުޅެމުން ދިޔައީ 192 ގޭގައެވެ. އޭރު އެއްގަމުގައި ދުއްވާ ތަކެތީގެ އަދަދަކީ 7 އެވެ.

No comments: