Friday, January 3, 2014

ހުޅުދެލީގައި ހާޖީބަންޑާރައިން

ދ. ހުޅުދެލި ޒިޔާރަތް: 1981 ވަނަ އަހަރު

ބައްތެލި ފަހަރާއި އޮޑިފޯނި ފަހަރުވެސް ޒިޔާރަތްމަގާ އަރާ ހަމަވުމުން ރިޔާތައް ތިރިކުރާނެއެވެ. އެއީ ޒިޔާރަތަށް އިޙްތިރާމު ކުރުމުގެ ގޮތުން ކުރާކަމެކެވެ. އެކިއެކި މުސީބާތްތަކާއި ޖެހިގެން ނަދުރު ބުނާ ފަރާތްތަކުން ޒިޔާރަތާ ދިމާ ގޮޑުދޮށުގައި އޮޑި ދޯނި ފަހަރު ބީއްސާ ހަދައެވެ. ކޮންމެ އަހަރަކު "ޒިޔާރަތްފުޅު މާލޫދު" ކިޔުން އޮންނާނެއެވެ. މި މައުލޫދަށް ތައްޔާރު ކުރެވޭ ކާތަކެއްޗަށް ދައުވަތު އެރުވެނީ ބީރައްޓެހިންނަށެވެ. އެދުވަހަށް ޚާއްޞަ ހަރުގެއެއް އެރަށުގައި އަޅާނެއެވެ. އެއީ މާލޫދު ހަރުގެއެވެ. އެބޭފުޅެއްގެ ނަންފުޅަށް ނިސްބަތްވާ ހާޖީ ބަންޑާރައިންގެ ޒިޔާރަތެއް ކަމަށް ބުނެވޭ ޒިޔާރަތެއް އަދިވެސް ދ. ހުޅުދެލީގައި އެހެރީއެވެ.


މިހާރު އެ ޒިޔާރަތަކަށް މީހުންގެ ސަމާލުކަމެއް މާބޮޑަކަށް ނެތެވެ. ނަމަވެސް އަދިއަދަށް ދާންދެންވެސް ރަބީޢުލްއައްވަލް 6 ވަނަ ދުވަހުގެރޭ ކިޔަމުން އަންނަ މާލޫދު ކިޔުން އޮވެއެވެ. ކޮންމެވެސް ވަރަކަށް ކެއްކުންވެސް އޮވެއެވެ. ތަފާތަކީ މިސްކިތުގައި މައުލޫދު ކިޔުމާއި ކެއުމަށް ތައްޔާރުކުރެވޭ ކޭންތައް މަދުކަމާއި ކާންތިބޭ މީހުން މަދުކަމެވެ. އެކަމަކު އަދިވެސް ކުރިއެކޭވެސް އެއްޗަށް އެ ކޭންތަކުންކަނީ ބީރައްޓެހިން (ރަށުންބޭރު މީހުން) ނެވެ.

ޒިޔާރަތްފުޅު މާލޫދަށް ބީރައްޓެހިން ހުޅުދެއްޔަށް އަންނަ ފަށަނީ ތަބީޢުލްއައްވަލް މަހުގެ 5 ވަނަ ދުވަހުގެ ހަވީރުއެވެ. އެރޭ އޮންނަ ފައްޓާކޭމާއި ހެނދުނު އޮންނަ ދޮލަގާއި، ދަމުކޭމުގެ ނަމުގައި މެންދުރު އޮންނަ ކޭމާއި ރޭގަނޑު އޮންނަ ރިހަބަތާއި ފުރާ ދޮލަނގުގެ ނަމުގައި ދެވޭ ކެއުމަށް އިންސާފުކުރުމަށްފަހު ނޫނީ ބީރައްޓެހިން އެރަށަކުން ފުރުމަކަށް އެރަށުގެ މީހުންނެއް ނުރުހޭނެއެވެ. މި ކުލަގަދަ މާލޫދަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ކުރީ ޒަމާނުގައި ކިޔާ ބޮޑު މާލޫދެއްނޫނެވެ.

ރަންރިހިންނާއި އެންދެރިން ގަހަނާ ހެދުމަށް މަޝްހޫރު ހުޅުދެލީ މީހުންނަކީ ކުރީ ޒަމާނުގައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އެމަސައްކަތް ކުރުމަށް ދަތުރުކުރި ބައެކެވެ. ކުދިކުދި ބައްތެލި ތަކުގައި ރަށްރަށަށްގޮސް ބަޑަހަ ޖަހައިގެން އާމުދަނީ ހޯދަމުން ދިޔަ ބައެކެވެ. ހާޖީ ބަންޑާރައިގެ ވާހަކަ ފެށެނީ އެގޮތަށްކުރި ދަތުރެއް ނިންމާލުމަށްފަހު ރަށަށް އައުމުގައި ކަނޑުމަތިން މީގެ ބައްތެއްޔަކަށް ހާޖީ ބަންޑާރައިންނާ ބައްދަލުވާ ހިސާބުންނެވެ. ބުނެވޭ ގޮތުގައި އެ ބައްތެއްޔަކީ ވަރަށް ދުވަސްވެ ބާވެ، ވަރަށް ބޮޑަށް ދިޔަވާ ބައްތެއްޔެކެވެ. ފުދޭވަރަކަށް ސާމާނުވެސް އަރުވާފައިއޮތް ބައްތެއްޔެކެވެ. ހުޅަނގުން ޖެހެމުންދިޔަ ފަހި ވައިގައި ދުއްވަމުން ދަނިކޮށް ބައްތެލީގެ ކުރިމަތިން ކަނޑުމަތީގައި އޮތް މީހަކު ފެނިއްޖެއެވެ. އެއީ ކާކުކަމެއް އެކަކަށްވެސް ނޭނގެއެވެ. އޭނާ ބައްތެއްޔަށް ނަގައިދިނުމަށް ވަރަށް އާދޭސް ކުރިއެވެ. ނަމަވެސް މީހަކު އަރުވާ ވަރަށްވުރެވެސް ބައްތެލި ބަރާ ކަމަށާއި ދިޔަވާ ކަމަށްބުނެ ދަތުރުވެރިން އެކަމާ ދެކޮޅު ހެދިއެވެ. ވަތުތެރޭގައި ބިއްފަންގިގަނޑެއް މަޅާލާފައި ނަމަވެސް ބާއްވައިދިނުމަށް އެދުމުން އެންމެފަހުން މާސިންގާ ކަނޑުތެރެއަށް އެމީހާ ދޫކޮށްލާފައި ދާން ނުކެރިގެން ބައްތެއްޔަށް އޭނާ ނަގައި ހޭވަތުގައި ފަންގި މަޅާފައި ބާއްވައިފިއެވެ. އެކަމަށް އެމީހާ ވަރަށް ބޮޑަށް އުފާކޮށް ޝުކުރުއަދާކުރިއެވެ. އަދި ތިމަންނަ މަރުވެގެން ގުނަވަނެއް ނަމަވެސް ތިޔަ ރަށަށް ލައްގާނެ ކަމުގައި ބުނިކަމަށްވެއެވެ. ދަތުރުވެރިން އެވާހަކަތަކަކަށް މާކައަޅައެއް ނުލައެވެ. އެމީހުން ރަށަށް ލަފައި ބިއްފަންގެ ނެގިއިރު އެއްވެސް މީހަކު އެތާކު ނެތެވެ. އެމީހުން ހައިރާންވެގެން އެވާހަކަ ދައްކާ އުޅުނެވެ. ފަހުން އެގުނުގޮތުގައި އެއީ ހާޖީ ބަންޑާރައިންނެވެ.

ބުނެވޭ ގޮތުގައި ފުރަތަމަ ހާޖީބަންޑާރައިން ފެނުނީ ހުވަދު އަތޮޅު މަސްދޯނެއްގެ މީހުން އެންދަމަށް (އެމާ ދަނިކޮށް) ނެވެ. އެބައި މީހުން އޭނާއަކާ އަޅައެއް ނުލިއެވެ. ތިމަންނަމެން މިދަނީ އެމާއޭ ބުނެ ދިޔަގޮތަށް ދިޔައީއެވެ. ހާޖީ ބަންޑާރައިން އެކަމާ ކޯފާވެ ވިދާޅުވި ކަމަށްވަނީ "ކަލޭމެން އަބަދުވެސް ދާނީ އެމާ" ކަމަށެވެ. މާނައަކީ ކަލޭމެންނަކަށް އެންވެރިކަމެއް ތިޔާގަތް ނުވާނެއެވެ.

ހުޅުދެލީގައި ކުރީ ޒަމާނުގައި ޒިޔާތް ބެލެހެއްޓުމަށް ޚާއްޞަ މީހަކު ހުރެއެވެ. އެމީހާއަށް އެކަމުގެ އުޖޫރައެއްގެ ގޮތުން މަހައްދާ ކޮންމެ ދޯންޏަކުން ކޮންމެ ދުވަހަކު މަހެއް ދޭނެއެވެ. ޒިޔާރަތުގެ ވަށާފާރު ހުންނަނީ ރާނާފައެވެ. ވަށައިގެން ފާރުގައި ދިދަ ޖެހުމަށްޓަކައި ފާރުމައްޗަށް ތުން ހަމަވާވަރަށް ފާރުތެރޭގައި ފުޅި ވަޅުލާފައި ހުރެއެވެ. އެތެރެއަށް ވަންނަ ދިމާލުގައި އެޒަމާނުގައި ހިރިގަލުން ހަދާފައިހުރި ވަޅެއް ހުންނަކަމަށް ވެއެވެ. ދެން ހުންނަނީ ޒިޔާރަތުގެ ހައިބަތު ދައްކުވައިދޭ ބޮޑު ދިދަ ދަނޑިއެވެ. އަބަދުވެސް މި ދިދަ ދަނޑި ހަދާފައި ހުންނަނީ އެކަތިގަނޑަކުންނެވެ. ގުޅަގުޅައިގެންނެއް ނޫނެވެ. ކޮންމެ ދިދަ ދަނޑިއެއް ފީވެ ހަލާކުވާއިރަށް އެހެން ދިދަ ދަނޑިއެއް ޒިޔާރަތާ ދިމާއަށް ލައްގާކަމަށް ބުނެވެއެވެ. "ތިމަންނަމެން ހަނދާނުގައިވެސް ދިދަ ދަނޑިފީވެގެން އެވާހަކަ ދައްކަނިކޮށް އެގޮތަށް ދިދަ ދަނޑި ހަދާފާޑުގެ ލަކުޑި އެދިމާލަށް ލެއްގި" ކަމަށް ބުނާ މީހުން އެރަށުގައި ބައިވަރެވެ.

ޒިޔާރަތް މާލޫދުފުޅަކީ އެޒަމާނުގައި އެރަށުގައި ބޭއްވޭ ވަރަށް ޚާއްޞަ މުނާސަބަތެކެވެ. ޒިޔާރަތުގެ އާބާތުރަ ފިލުވައި ދިދަތައް އާކުރާނެއެވެ. ޒިޔާރަތުގެ ފާރުތަކުގައި އުވަލައި ހުދުކުރާނެއެވެ. އެތެރެއަށާއި ބޭރަށް ދޮންވެލިލައި ޒީނަތްތެރި ކުރާނެއެވެ. ބޭރުންއަރާ މެހުމާނުންނަށް ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން ކިޔައެވެ. މާލޫދުކިޔާރޭ ކުދިބޮޑު އެންމެން މާލޫދު ހަރުގެއަށް ދާނެއެވެ. މާލޫދު ހަރުގެ ހަދަނީ އޮޑިދޯނިފަހަރުގެ ސާމާނު ބޭނުންކޮށްގެންނެވެ. މަތީގައި ދަމަނީ ރިޔަލެވެ. މުޑިއަށް ޖަހަނީ އޮޑިދޯނިފަހަރުގެ ކުނބެވެ. ދެން ބޭނުން ކުރަނީ ފަރުމާނާއި ރިތެވެ. ރަށުގެ ފުރާވަރު އުމުރުންމަތީގެ ކޮންމެ ފިރިހެނަކު ހަރުގޭގައި ބިއްފަންގި ލުމަށް 16 ރިޔަނުގެ ފަން ދޭނެއެވެ. އެމީހެއްގެ ފަންގަނޑުގައި އޮންނާނީ އެމީހެއްގެ ނަން ޖަހާފައެވެ. މާލޫދުފުޅު ނިމުމުން ހަރުގެ ރޫޅާލައި އެމީހެއްގެ ފަންގަނޑު އެމީހަކަށް ދޭނެއެވެ. ހަރުގެމަތީގައި އޮންނާނީ ސަދުވާ ދަމާފައެވެ.

ކެއުމަށް އިންސާފުކުރުމަށްފަހު މާލޫދު ކިޔަންފަށާނެއެވެ. މާލޫދު ކިޔަމުންދާއިރު ޒިޔާރަތުގައި ހުންނަ ކުޑަކުޑަ އާނގައަކުން އެތެރޭގައި ހުޅުވާލާފައި އޮންނަ ފޮތަކަށް މީހުން ލާރިއަޅާނެއެވެ. އެފޮތަށް ލާރިއަޅާ ފުރުމުން ހުސްކޮށްލުމަށްފަހު އަނެއްކާ ފޮތް ބާއްވާނެއެވެ. އާންމުކޮށް މިގޮތަށް ލާރިއަޅާނީ މާލޫދު ފެއްޓޭއިރާއި މާލޫދު ދެބައިވުމުންނެވެ. އެހޭދައަކީ ޒިޔާރަތުގެ ކަލޭފާނަށްޓަކައި އެމީހުންކުރާ ހޭދައެކެވެ. ކުރީ ޒަމާނުއްސުރެވެސް ފާހަގަ ކުރެވޭ ކަމެއް އެބައޮތެވެ. އަންހެންވެރިންނަކަށް ޒިޔާރަތުގެ އެތެރެއަށް ވަދެހެދުމެއް ހުއްދައެއް ނޫނެވެ. އެރަށުގައި މާލޫދު ކިޔުމަށް ގެންގުޅުނު އާދަޔާ ޚިލާފު ބޮޑުފޮތް އަދިވެސް އެބައޮތެވެ. އެފޮތް މިހާރު އޮންނަނީ އެރަށު އޮފީހުގައެވެ.

ޒިޔާރަތާ ޖެހިގެން ހުންނަނީ ކުޑަ އަށިގެއެވެ. އެ އަށިގެ ކައިރީގައި ޒިޔާރަތާގުޅުންހުރި ކަމަށް ބުނެވޭ ބޮޑު ކާނިގަހެއް ހުރެއެވެ. ޒިޔާރަތަށް ނަދުރު ބުނެގެން އަންނަ މީހުން ކިރުމަށްޓަކައި މިގަސްދޮށް ބޭނުން ކުރެއެވެ. ޞަލަވާތް ފާތިޙާ ކިޔަވަން ބޭނުންކުރަނީ މިދެންނެވި އަށިގެއެވެ. އެގަހަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެންހުރި ގަހެއްކަން އެރަށުގެ މީހުންގެ ފުށުން އެނގުނެވެ. ބިރުވެރި ގަހެއްގެ ގޮތުގައި އެގަސް ސިފަކުރެއެވެ. ނާމާން ގަހެއްގެ ގޮތުގައި ވާހަކަ ދެކެވެއެވެ. އެގަސް ކަނޑާލަން ޖެހުނީ ބުނެވޭ ގޮތުގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަމުރުފުޅަށެވެ. މީ އެރަށުގެ މީހުންނަށް ޤަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން އެ "ހަނގުރާމަ" އަށް ނިކުމެއްޖެއެވެ. އިސާހިތަކު ގަސް ބިމާ ހަމަކޮށްލައިފިއެވެ. މުސްކުޅިވެރިން ވާހަކަ ދެއްކިފަދަ ގޮތަކަށް އެއްވެސް ކަމެއް ނުހިގައެވެ. އެ ހާދިސާ ވެގެން ދިޔައީ ޒިޔާރަތާމެދު މީހުން ދެކޭގޮތް ބަދަލުވެގެންދިޔަ އެންމެ ބޮޑު ހާދިސާ ކަމުގައެވެ. މިހާރަކު އެ އަށިގެއެއްވެސް ނެތެވެ. އެތަންއޮތީ ހުސް ބިމެއްގެ ގޮތުގައެވެ.

ޒަމާނުއްސުރެ އެތައް ބައެއްގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ މި ޒިޔާރަތް މިހާރުވަނީ ވީރާނާވެފައެވެ. ދިދަ ދަނޑިތަކެއްވެސް ފެންނާކަށް ނެތެވެ. ކުރީގައި އަޅާލިފަދަ އަޅާލުންތަކެއް އެތަނަކަށް މިހާރަކު ނުލިބެއެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހާޖީ ބަންޑާރައިންނަށް ނިސްބަތްވާ ޒިޔާރަތްތައް ކަމަށްބުނާ ތަންތަން އަދިވެސް އެބަހުއްޓެވެ. ނ. ފޮއްދޫގައިވެސް ހާޖީ ބަންޑާރައިންގެ ޒިޔާރަތެއް ކަމަށްބުނާ ތަނެއް ވީނާރާވަމުން އެބަދެއެވެ. ހާޖީ ބަންޑާރައިންނަކީ ކާކުތޯ ސުވާލުކުރުމުން އަދިވެސް ދުވަސްވީ ގިނަ މީހުން މޫނު އަބުރާލަނީ އަނެއް ފަރާތަށެވެ. "އެއީ ވަލީވެރި ބޭކަލެއް" ކަމަށް ބުނާ މީހުންވެސް އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. މިފަދަ ޒިޔާރަތްތަކާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކުގައި ތާރީޚީ އެއްވެސް ޙަޤީޤަތެއް ނެތެވެ. ހުޅުދެލީގައި ހުންނަ ޒިޔާރަތުގައިވެސް ތާރީޚީ އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ. ނަމަވެސް ހިތާމައަކީ މަދުބަޔަކު ނަމަވެސް އަދިވެސް މި ޒިޔާރަތަށްވެސް ނަދުރު ބުނަމުން ދާކަމެވެ. އަދިވެސް ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 6 ވަނަ ދުވަހުގެރޭ މާލޫދު ކިޔުން އެރަށުގައި އޮންނަކަމެވެ.

މިލިޔުން ފުރަތަމަ ޝާއިޢުކުރެވުނީ 07 އޯގަސްޓް 2001 ގައި ނެރެވުނު "އުދަރެސް" މަޖައްލާ 38 ވަނަ އަދަދުގައެވެ. 

1 comment:

Anonymous said...

EY hama kandan rangalhu gaheh...