Thursday, January 16, 2014

ރޯދަ ވީއްލުމަށްޓަކައި ސިފައިންޖަހާ "ނާބަ ބަޑި"

އާކޯއްޓޭ މަތިގެ: ސިފައިންގެ ފުރަތަމަ ހެޑްކްއޯޓާރޒް
ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ.  ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. ރަޖަބު، ރަމްޟާން، ޝައްވާލު މި މަސްމަހަށް ހަނދުބަލާރޭރޭ މި ބެރުޖަހައި އުޅުނީ ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެގުނީމައެވެ.


ކުރީ ޒަމާނުގައި ކޮންމެ ރަމަޟާންމަހަކު ރޯދަ ވީއްލުމަށްޓަކައި ނުވަތަ ރޯދަ ވީއްލަންވީކަން އިޢުލާން ކުރުމަށްޓަކައި ސިފައިން އިރު އޮއްސުމުން ބަޑިޖަހަމުން ގެންދިޔައެވެ. މިކަން 1963 ވަނަ އަހަރާ ހަމައަށްވެސް މިގޮތަށް ހިނގަމުން އައެވެ. ރޯދަ ވީއްލުމަށްޓަކައި ބަޑިޖަހަމުން އައީ އެދުވަހެއްގެ އިރު އޮއްސުމުން މުންނާރުން، މުންނާރު ކަލޭގެ ބަންގި ގޮވަން ފެށުމުނެވެ. މިގޮތަށް ބަޑިޖަހަމުން އައިސް ބަޑިޖަހާ ގޮތަށް ދައުލަތުން ބަދަލު ގެންނެވީ 1963 ޖެނުއަރީ 28 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެއީ 1382 ރަމަޟާންމަހުގެ 2 ވަނަ ދުވަހެވެ.

އެދުވަހު މުންނާރުކަލޭގެ އިރުއޮއްސުމުގެ 11 މިނިޓް ކުރިން މަޣުރިބް ނަމާދަށް ބަންގި ގޮވީއެވެ. ބަންގި ގޮވަން ފެށުމުން ސިފައިންވެސް ބަޑިޖެހީއެވެ. ބަޑީގެ އަޑަށް ރޯދަ ވީއްލަން އާދަވެފައި ތިބި މީހުން ރޯދަވެސް ވީލީއެވެ. މި މައްސަލަ މަޙްކަމަތުއް އަމަންއާންމު (މިނިސްޓްރީ އޮފް ޑިފެންސް) އިން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުއްވިއެވެ. އެދުވަހު ބަންގި ގޮވި މުންނާރު ކަލޭގެއަކީ ޢުމަރު ކަލޭގެ ޢަބްދުﷲ އެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ހަމަޖެއްސެވީ ސިފައިން ބަޑިޖަހަންވީ މަޙްކަމަތުލް ޝަރުޢިއްޔާ (މިނިސްޓްރީ އޮފް ޖަސްޓިސް) އިން އަންގަވާ ވަގުތެއްގައި ކަމަށެވެ. މި ބޮޑު މައްސަލައާ ގުޅިގެން ޝަރުޢިއްޔާއިން އަމަންއާންމަށް ނަމާދު ވަގުތުގެ ކަރުދާހެއް ފޮނުއްވިއެވެ. އެ ކަރުދާހާއެކު އެންގެވީ ރޭޑިއޯއިން އަޑުއަހައިގެން ގަޑި ހަމަކުރުމަށްފަހު، އެ ކަރުދާހުގައި އިރު އޮއްސޭނެ ކަމަށް ކަނޑައަޅާފައިވާ ވަގުތުގައި ބަޑި ޖަހަމުން ގެންދިއުމަށެވެ. ގަޑި ހަމަކުރަންވީ މާލޭ މީންޓައިމަށެވެ. މާލޭ މީންޓައިމް ހުންނާނީ ޖީއެމްޓީއަށްވުރެ 5 ގަޑިއިރު އަވަސްކޮށް ކަމަށްވެސް އެންގެވިއެވެ. މި ގޮތަށް ހަމަޖެއްސެވީ 30 ޖެނުއަރީ 1963 (04 ރަމަޟާން 1382) ގައެވެ.

ކޮންމެ ރެއަކު އިއްރުއޮއްސި ބަންގި ގޮވާ ނިމުނީމާ ރަސްކަމުގެ ގަނޑުވަރުތެރޭގައި ހުންނަ ނާބުސްޚާނުން ޖަހަމުންދިޔަ "ނާބަ" ޖެހުން ހުއްޓާލީ 16 މާޗް 1963 ގައެވެ. އެއީ ނާބުސްޚާނާ ރޫޅާލުމާ ގުޅިގެންނެވެ. ނާބުސްޚާނާ ތަޅާލުމާގުޅިގެން  21 އޭޕްރީލް 1963 ގައި ބަޑިޖެހުމަށްފަހު ބަޑިބެރު ޖަހަންޖެހޭ ދުވަސްތަކާއި ރޭތަކުގައި އެ މަސައްކަތް ކުރުން އާކޯއްޓޭ މަތިގޭގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސެވިއެވެ.
ކުރީ ޒަމާނުގައި ކޮންމެ ހަނދުމަހެއްގެ ހަނދު ފެނުމުންނާއި ރޯދަމަހު ހާރު ވަގުތު ފާއިތުވިކަން އެންގުމަށްވެސް ސިފައިން ބަޑިޖަހަމުން ގެންދިޔައެވެ. 2 ނޮވެމްބަރު 1961 ން ފެށިގެން ވަޒީރުންގެ މަޖިލިހުން ފާސްކުރައްވައިގެން ހާރުވަގުތު ފާއިތުވެއްޖެކަން އިޢުލާން ކުރުމަށް ބަޑިޖަހަމުން ގެންދިޔައީ މަޙްކަމަތުލް ޝަރުޢިއްޔާ އިން އަންގަވާ ވަގުތެއްގައެވެ. އަދި ހަމަ އެދުވަހުންފެށިގެން ހަނދު ފެނުމުން ޖަހާބަޑި ހަމައެކަނި އީދު ރޯދައަށް ހަނދު ފެނުމުން ޖަހާގޮތަށް ބަދަލު ކުރެއްވިއެވެ. މިގޮތަށް ބަދަލު ކުރެއްވި ނަމަވެސް ހިޖްރީ އާ އަހަރަށް ހަނދު ފެނުމުން ބަޑިޖަހަމުން ގެންދިޔައެވެ.

No comments: