Friday, January 10, 2014

ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅުގެ ފުރަތަމަ މެމްބަރު

ގަލޮޅުގޭ މުޙައްމަދު ދީދީ
23 ސަޢުބާން 1351 (22 ޑިސެމްބަރު 1932) ގައި އިޢުލާން ކުރެވުނު ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ޤާނޫނު ހަދާ މަޖިލިހަކާއި ރައްޔިތުންގެ މަޖިލިހެއް ވަކިން އޮތް ދެ މަޖިލިހެއްގެ ގޮތުގައި ކަނޑައެޅިފައި އޮތެވެ. މިއަދު އެ ދެމަޖިލިހުން އަދާކުރި ޤާނޫނީ ޒިންމާތައް އަދާކުރަނީ ދިވެހިރާއްޖޭގ ރައްޔިތުންގެ މަޖިލިހުންނެވެ.





އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ)ގެ ރަސްކަމުގައި އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ދަށުން 47 މެމްބަރުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލިހެއް އެކުލަވާލެއްވިއެވެ. އެއީ ބޮޑު ކޮންމެ އަތޮޅަކުން 4 މެމްބަރުންނާއި ކުޑަ ކޮންމެ އަތޮޅަކުން 2 މެމްބަރުންނާއި ފުވައްމުލަކުން 1 މެމްބަރަކާއި މާލޭގެ ހަތަރު އަވަށުން 4 މެމްބަރުންނެވެ. އޭރު ޤާނޫނު ހަދާމަޖިލިސްގެ މެމްބަރުން އިންތިޚާބު ކުރަނީ ރައްޔިތުންގެ މަޖިލިހުންނެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އިންތިޚާބުވަނީ ކޮންމެ އަހަރަކު އެއްފަހަރު މާލޭގައި ބާއްވާ އިންތިޚާބެއްގައެވެ.



މި ނިޒާމުގައި "ދައުލަތް ހިނގާގޮތް" ނުވަތަ ދައުލަތުގެ ބާރުތައް ބެހިފައިއޮތީ 4 ބަޔަކަށެވެ. އެއީ ކީރިތި މަހާރަދުން، ވަޒީރުންގެ މަޖިލިސް، ޤާނޫނު ހަދާ މަޖިލިސް، އަދި ރައްޔިތުންގެ މަޖިލިހެވެ.



ފުރަތަމަ ޤާނޫނު އަސާސީގައި ވަކިން ކަނޑައަޅާފައިވާ ޤާނޫނު ހަދާ މަޖިލިހުގެ 28 މެމްބަރުން  ކީރިތި މަހާރަދުން ޢައްޔަން ކުރެއްވީ 11 ރަޖަބު 1351 (10 ނޮވެމްބަރު 1932) ގައެވެ. 26 ރަޖަބު 1351 (25 ނޮވެމްބަރު 1932) ގައި ރަދުންގެ 7 މެމްބަރުންގެ ގޮތުގައި 7 ބޭފުޅުން ކަނޑައަޅުއްވައި އިދާރީ ދާއިރާތަކަށް ބޭފުޅުން ކީރިތި މަހާރަދުން ކަނޑައެޅުއްވިއެވެ. އެ ކަނޑައެޅުއްވި ކަނޑައެޅުއްވުމުގައި މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު) ގެ މެމްބަރަކު ކަމުގައި ރަދުން ކަނޑައެޅުއްވީ ގަލޮޅުގޭ މުޙައްމަދު ދީދީއެވެ.



ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވުނު ފުރަތަމަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބޭއްވީ 01 ރަޖަބު 1352 (21 އޮކްޓޯބަރު 1933) ގައެވެ. މަޖިލިހުގެ ރައީސަކަށް އިންތިޚާބުވީ ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ. މި މަޖިލިހަށް އިންތިޚާބު ވެގެން މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު) ތަމްސީލު ކުރެއްވި 2 މެމްބަރުންނަކީ ހޮޅުދޫ ޙަސަން ކަލޭގެ މޫސާކޮޔާއި ވެލިދޫ  ޚަތީބުގެ މުޙައްމަދުފުޅެވެ. މޮޓަރު ބޯޓުގެ ނަމުން މަޝްހޫރުވެފައިވާ ގަޑުބަޑުގައި ޤާނޫނު އަސާސީ އުވާލުމާ ހަމައަށް 15 ޖަލްސާ ރައްޔިތުންގެ މަޖިލިހުން ބާއްވާފައިވެއެވެ. މޮޓަރު ބޯޓް ގަޑުބަޑުގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ރައްޔިތުން ނުކުމެ ގުޅަކުޅޭ ފަސްގަނޑުގައި އުވާލީ (ޤާނޫނު އަސާސީ ވީދާލީ) 20 ރަޖަބު 1352 (09 ނޮވެމްބަރު 1933) ވީ ބުރާފަސްތި ދުވަހުއެވެ. އެހިސާބުން ރައްޔިތުންގެ މަޖިލިސް އުވިގެން ދިޔައެވެ. އެހެންނަމަވެސް މާލޭގެ 4 އަވަށުގެ ރައްޔިތުންގެ ނަމުގައި 68 ބޭކަލުންގެ މައްޗަށް އެކުލެވޭ މަޖިލިހެއް އެކުލަވާލިއެވެ. އަދި ޤާނޫނު އަސާސީއެއް ނެތި 3 ވަޒީރުން (މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި މުޙައްމަދު އަމީން) ތިއްބަވައިގެން ސަރުކާރު ހިންގަވަމުން ގެންދެވިއެވެ.

No comments: