Wednesday, January 1, 2014

އަޅުގަނޑު ރާއްޖޭގެ ފުރަތަމަ ސުކައުޓް ޖަމްބޮރީގައި

ދިވެހިރާއްޖޭގައި ސްކައުޓްގެ ޙަރަކާތް އަތޮޅުތެރެއަށް ފުޅާވެގެން ދިޔައީ 1986 ވަނަ އަހަރުއެވެ. އޭރު އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޝައުވެރިކަންކުރި ޕްރައިމަރީ ޓީޗަރުންނަށް ބޭސިކް ސްކައުޓް ލީޑަރ ޓްރޭނިންގ ދެއްވުމަށްފަހު އެއަހަރުގެ ތެރޭގައި އަތޮޅުތަކުގައި 400 އަށްވުރެ ގިނަ ސްކައުޓުން އުފެއްދިއެވެ. އޭރު އަޅުގަނޑު ތަޢުލީމް ހާސިލު ކުރަމުން ދިޔައީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ.

ސްކޫލުގައި ސްކައުޓުން އުފައްދަން އުޅޭ ވާހަކައާއި ސްކައުޓުންނަކީ ކޮބައިކަން އެއްދުވަހަކު ސްކޫލުން ބޭއްވި ޕޭރެންޓް މީޓިންގ އަކުން ދުރުވެ މަންމަ ކިޔައި ދެއްވިއެވެ. ސްކޫލުގައި ސްކައުޓުން އުފައްދަން އުޅޭކަމަށާއި ކޮންމެހެންވެސް ސްކައުޓްގައި ބައިވެރިވާން ވާނެ ކަމަށް މަންމަ ބުނުއްވިއެވެ. މަންމައަށް އެންމެ ބައްދަލުވުމަކުންވެސް ސްކައުޓުގެ މުހިންމުކަން ވިސްނިލެއްވިއެވެ. އޭރު ބައްޕަ ހުންނަވަނީ މާލޭގައެވެ.

އަޅުގަނޑު ސްކައުޓަކަށް ވެއްޖެއެވެ. ވަރަށް ކުލަގަދަ ހަފްލާއެއްގައި ސްކައުޓް ހުވާ ކޮށް ސެޓްފިކެޓް ދެއްވައިފިއެވެ. އެރޭ ބޭޑުންޕަވަލް ކަހަލަ "ހެޔޮލަފާ ރަނގަޅު މީހަކަށް" ވުމަށް އަޅުގަނޑު ޢަޒުމް ކަނޑައަޅައިފީމެވެ. ސްކައުޓަކަށްވުމަކީ އަޅުގަނޑަށް ވަރަށް ބޮޑު ކަމަކަށް ފުރަތަމަކޮޅު ވިއެވެ. ރަށުގެ އެންމެންނަށްވެސް އަޅުގަނޑަކީ ސްކައުޓެއްކަން އެނގެއެވެ. ފަހުން އަޅުގަނޑަކީ ސްކައުޓް ޕެޓްރޯލް ލީޑަރެއްކަންވެސް ގިނަ ބަޔަކު ދަނެއެވެ. އެހެންވީމާ ސްކައުޓެއްގެ އަޚްލާޤާއި ސުލޫކު ހިފަހައްޓަން މަޖުބޫރު ވިއެވެ. ވާހަކަ ދައްކަން ޖެހެނީ ރީތިބަހުންނެވެ. ހުންނަންޖެހެނީ ސާފު ތާހިރުކޮށެވެ. ބަރާބަރަށް ނަމާދަށް ދާންޖެހެއެވެ. މަގުމަތީގައި ބޯޅަ ކުޅުން ހުއްޓާލަން ޖެހިއްޖެއެވެ. އެހެން މީހުންނަށް އުދަގޫވާނެތީއެވެ. އާދޭހެވެ. އަޅުގަނޑަކީ ސުކައުޓް ލީޑަރެކެވެ. އެހެން މީހުން އެވާހަކަ ދައްކާތީއެވެ. އެވާހަކަ ދިމާލަށް ބުނާތީއެވެ. މަންމަވެސް "ބަރާބަރު" ސްކައުޓެއްގެ ގޮތުގައި އަޅުގަނޑު ތަރުބިއްޔަތު ކުރައްވަން ބޭނުންވެ ލައްވާތީއެވެ. މަންމަ ބޭނުންވެލައްވަނީ އަޅުގަނޑު ސްކައުޓުގައިވެސް މޮޅު ކުއްޖަކަށްވާށެވެ. ނަމޫނާ ލީޑަރަކަށް ވާށެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ހިތްވަރު ދެއްވީ މަންމައެވެ.

އޭރު ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ސްކައުޓަށް ވެއްދުމަށް ފަސްޖެހުނެވެ. އެމީހުން ޤަބޫލު ކުރެވުނު ގޮތުގައި ދީނީ ގޮތުން އެއީ އެހާ ރަނގަޅު ކަމެއްނޫނެވެ. ބޭޑުންޕަވަލަކީ އިސްލާމެއްތޯ ބައެއް މީހުން ސުވާލު ކުރިއެވެ. އަދި އެކަމުގެ ވާހަކަތައް މަނަދޫ ރަސްމީ ހޮޅުއަށި (ރުއްމަގު) ގައިވެސް ފޯރީގައި ދެއްކިއެވެ. ޚިޔާލު ތަފާތު ބޮޑު މައްސަލައެއްގެ ގޮތުގައެވެ.  

ނ. އަތޮޅު މަދަރުސާގައި ސްކައުޓް އުފެއްދެވިއިރު ލީޑަރަކަށް ހުންނެވީ މަނަދޫ ފިނޮޅު އަލްމަރުޙޫމް ޢަބްދުލް ވައްހާބު ޢަބްދުލް ޤާދިރު (ހާބުބޭ) އެވެ. ހާބުބޭގެ ލީޑަރޝިޕް ފަލްސަފާއަކީ ގުޅިގެން މަސައްކަތް ކުރުމެވެ. ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލު މެނޭޖްމަންޓް ސާމިލުވެގެން ސްކައުޓް ހަރަކާތް ހިންގުމެވެ. ނ. އަތޮޅު މަދަރުސާއަކީ ރާއްޖޭގައި 12 ވަނައަށް ސްކައުޓް ހަރަކާތް ފެށި ސްކޫލެވެ. ކޮންމެ ބުރާސްފަތި ދުވަހަކު ސްކައުޓް ހަރަކާތްތައް އޮވެއެވެ. އޭރު ބުރާސްފަތި ދުވަހަކީ ސްކޫލް ބަންދު ދުވަހެކެވެ. ކްލާހުގައި ބައިތިއްބައިގެން ފިލާވަޅުތައް ފޮތްތަކަށް ނަގައި ސުކައުޓުގެ ގޮއްތަށް ޖަހަން ދަސްކޮށް ދިޔައީ ހަމަދަމުންނެވެ. އޭރު ގްރޫޕްތައް ބަހައި ލީޑަރުން ކަނޑައަޅައިފިއެވެ. އަޅުގަނޑު ލީޑް ކުރަމުން ދިޔައީ "ބްލޫ ފިޝް ޕެޓްރޯލް" އެވެ. ގްރޫޕްގެ ދިދަ ފަދަ ތަކެތި ހެދީ އަމިއްލަ އަށެވެ. ޚިޔާލު ދެއްވަނީ ހާބުބެއެވެ. އެހިސާބަށް ސްކައުޓްގެ ހަރަކާތްތައް ދިޔައިރު ޚިޔާލު ތަފާތުވެފައިވާ ބެލެނިވެރިންނަށްވެސް ސުކައުޓް ހަރަކާތަކީ ވަރަށް ރަނގަޅު ބޭނުންތެރި މުހިންމު ކަމަކަށް ވެއްޖެއެވެ. ރަށުތެރޭގައި ބޭކާރު ގޮތުގައި އުޅެމުން ސަރަކާތް ގަންނަމުން ދިޔަ އެތައް ކުދިންނެއް އަޚްލާޤީ ޓައިމު ލައިނެއްގެ ތެރެއަށް ފެތެމުންދާތަން ބެލެނިވެރިންނަށް ފެންނަމުންދިޔައެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ޤައުމީ ސްކައުޓް ޖަމްބޮރީ (ނޭޝަނަލް ސްކައުޓް ޖަމްބޮރީ)ގައި ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. ޖަމްބޮރީގައި ބައިވެރިވާ ދަރިވަރުންނާ އޭރުގެ ނ. އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު އާދަމް ބައްދަލު ކުރެއްވިއެވެ. އަތޮޅުގޭގައި ބޭއްވި އެއްބަދަލުވުމުގައި ޖަމްބޮރީގައި ބައިވެރިވާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމަންޓުގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލު ކޮށްލުމުގައި މުޙައްމަދު އާދަމް ދެއްކެވި ވާހަކަފުޅުގައި ހުރިހާ ކުދިންނަށްވެސް މަރުޙަބާ ވިދާޅުވިއެވެ. އަދި އަޚްލާޤު އެންމެ މަތީ ފެންވަރުގައި ބަހައްޓައިގެން ނަމޫނާ ދަރިވަރުން ތަކެއްގެ ގޮތުގައި ޖަމްބޮރީގައި މަސައްކަތް ކުރުމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރ ޢަބްދުލް ޢަޒީޒް ޤާސިމް (ނާޒިރު ތުއްތުބޭ) ވެސް ވާހަކަ ދެއްކެވިއެވެ. ތުއްތުބޭގެ ވާހަކައިގައި ނަމާދުކޮށް ރީތިބަހުން ވާހަކަ ދައްކައި ސްކޫލަށް ރީތިނަން ހޯދައިދިނުމަށް އެދިވަޑައި ގެންނެވިއެވެ. އަދި ސްކައުޓް ޖަމްބޮރީގައި ކުދިން ބައިވެރިވަނީ ޔުނީފޯމްވެސް ހަމަނުޖެހެނީސް ކަމަށްވާތީ އެކަމަށް ސްކޫލުން މަސައްކަތް ކުރަމުންދާ ކަމަށާއި ސްކައުޓް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސްކައުޓް ލީޑަރ ޢަބްދުލް ވައްހާބު ޢަބްދުލް ޤާދިރު އަމިއްލަ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ.

މާލެއައިސް ދަރިވަރުން ތިބީ އެކުއްޖަކު ހުންނަން އާއިލާއިން ހަމަޖައްސާފައިވާ ގެއެއްގައެވެ. ޖަމްބޮރީއަށް ފުރަން ހަމަޖެހިފައިވާރޭ ހުރިހާ ކުދިންވެސް ނިދީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައެވެ. އޭރު ޖަމްބޮރީއަށް ގެންދަންޖެހޭ ތަކެތީގެ ލިސްޓަށް ހުރިހާ ސާމާނެއްވެސް ހަމަކޮށް ތައްޔާރުކޮށްގެން އެތަނަށްވަނީ ގެންގޮސްފައެވެ. އެންމެ ބޮޑު މަސައްކަތަކަށްވީ ކީސްކުޑި ގެންދިމެވެ. އެއީ ކެއްކުމަށް ކުޑިއުނދުން ހެދުމަށެވެ.

ޖަމްބޮރީ ފެށުގެ އެއްދުވަސް ކުރިން ދަރުވަރުން ކުޑަބަޑޮހަށް ދިޔައެވެ. ފަތިހު ހޭލައިގެން ޕިކަޕެއްގައި ހުރިހާ ސާމާނު ހިފައިގެން ދިޔައީ ނަސަންދުރަ ކައިރިއަށެވެ. "ކްއީން އޮފް ދަ ނައިޓް" ހޮޓަލުން ސައިބޮއިގެން ދަތުރަށް ފުރީއެވެ. ކުޑަ ބަޑޮހަށް ފައިބާ އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ސަރަހައްދަށް ދިޔައިރު އެތަނަކީ ބޮޑު ޗަސް ބިމެކެވެ. ޓެންޓްތައް ޖަހައި އޭރިއާ ވަކިކޮށް ބިންގަނޑަށް ވެލިއަޅާ ހެދީއެވެ.  

ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ސްކައުޓް ޖަމްބޮރީ އޮތީ  1986 ސެޕްޓެމްބަރު 20 އިން 23 އަށް ކުޑަ ބަޑޮހުގައެވެ. އެ ޖަމްބޮރީގައި 300 ސްކައުޓުން ބައިވެރިވިއެވެ. އޭގެއިތުރުން 250 ކަބު ސްކައުޓުންނާއި 300 ބްރައުނީސް އަދި ގާލްގައިޑުން ޖަމްބޮރީއަށް ޒިއާރަތް ކުރިއެވެ. ޖަމްބޮރީ ހުޅުވައިދެއްވީ ޝަރަފުވެރި މެޙްމާނު އެޑިއުކޭޝަން މިނިސްޓަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އޭރު ސްކައުޓް ޗީފް ކޮމިޝަނަރަކަށް ހުންނެވީ އައްޝައިޚް އަޙްމަދު ޝާތިރެވެ. ޖަމްބޮރީ ހުޅުވައި ދެއްވުމަށްފަހު ހުރިހާ ކޭމްޕަކަށް އެޑިއުކޭޝަން މިނިސްޓަރ ޒިއާރަތް ކުރެއްވިއެވެ. އަޅުގަނޑުމެންގެ ކޭމްޕަށް ވަޑައިގެންނެވިއިރު އަޅުގަނޑުމެން ލައިގެން ތިބީ ޔުނީފޯމްގެ ބަދަލުގައި ޓީޝާޓް ކަމުގައިވާތީ ޔުނީފޯމްގެ ކަންތައްތައް ވީހާވެސް އަވަހަކަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ޔުނީފޯމްގެ ކަންތައްތައް ހަމަނުޖެހުނު ނަމަވެސް ޖަމްބޮރީގައި ބައިވެރިވީތީ އެކަމާ ވަރަށް އުފާ ކުރައްވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ޗީފް ސްކައުޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ސެޕްޓެމްބަރު 23 ވަނަ ދުވަހު ކުޑަބަނޑޮހަށް ވަޑައިގެން ހުރިހާ ސްކައުޓުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ޖަމްބޮރީގައި ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ކޮންމެ ދުވަހަކުވެސް އެދުވަހަކަށް ކަނޑައެޅޭ ޓީމަކުން އެބަޔަކާ ހަވާލުވާ ކަންތައްތަކެއް ކޮށް ނިންމަމުން ދިޔައެވެ. އެންމެ ބޮޑު ކަމަކަށްވީ ކައްކާ ކެއުމެވެ. ވިއްސާރަ މޫސުމަކަށްވާތީ ކުޑި އުދުނުގައި ކައްކާ ކެއުމުގެ ކަންތައްތައް ކުރަން ފަސޭހައެއް ނޫނެވެ. އަދި ކޮންމެ ދުވަހަކު ކޭމްޕް ތެރޭގައި ފެން ހިލޭތީ ވެލިއެޅުމަކީވެސް ކުޑަ މަސައްކަތެއް ނޫނެވެ.

ޖަމްބޮރީގެ ކޭމްޕް ފަޔަރ ބޭއްވި ދެރޭގެ ތެރެއިން އެއްރޭ އަޅުގަނޑުމެންނަށް ދެ ވަނަ ލިބުނެވެ. އަޅުގަނޑުމެން ހުށަހެޅި މިއުޒިކަލް ޑްރާމާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މީގެ އިތުރުން ކެއްކުމުގެ ހަރަގަނޑު އެންމެ ރަނގަޅު އެއް ކޭމްޕަށް އަޅުގަނޑުމެންގެ ކޭމްޕް ވިއެވެ. ޖަމްބޮރީގައި ކުރެވުނު ބޮޑެތި މަސައްކަތްތަކުގައި މާލޭގެ ބޮޑެތި ސްކޫލުތަކުގެ ދަރިވަރުންނާއެކު މަޖާ މާހައުލެއްގައި މަސައްކަތް ކުރެވުނެވެ. ބައެއް ރަށްރަށުން ގޮސްތިބި ދަރިވަރުން "ބީރައްޓެހިންގެ" ގޮތުގައި ތިއްބަސް އަޅުގަނޑުމެން ތިބީ އެގޮތަކަށް ނޫނެވެ. ޖަމްބޮރީގައި އެންމެ ވާދަކުރި މަޖީދިއްޔާއާއި އީޕީއެސްއެސްގެ ލީޑަރުންނާއި ދަރިވަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންނަށް ލިބުނެވެ. އަޅުގަނޑުމެން ކޭމްޕްގައި ކަންތައްތައް ކުރީ އެހެން މީހުން ކަންތައްތައް ކުރާގޮތް ބަލައި އަހައި އޮޅުންފިލުވައި ދަސްކޮށްގެންނެވެ. ކައްކާ އުނދުނުން ފެށިގެން އެއްޗެތި ހިއްކަންއަޅާ ރޯނާއި، އެއްޗެތި ބަހައްޓާއި ހަރުތަކާއި ގަމީސް އަޅުވާ ކޮނޑުތަކާއި ރެސްޓް އޭރިއާ ހެދުމުގައިވެސް އަޅުގަނޑުމެން ބުރަ މަސައްކަތްތަކެއްކޮށް ކަންތައްތައް ތަޢުރީފު ލިބޭ މިންވަރަށް ފުރިހަމަ ކުރީމެވެ.
ކޭމްޕް ނިމިގެން ދިޔައީ ވަރަށް ފުރިހަމަ ގޮތެއްގައެވެ. މާލެ ދިއުމާއެކު ޔުނީފޯމް ފޮތީގެ ކަންތައްތައް މިނިސްޓްރީން ހަމަޖައްސަވައި ދެއްވިއެވެ. ކޮންމެ ކުއްޖަކު 200 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ރަށަށް ފޮތި ގެންގޮސް ޔުނީފޯމް ފެހީއެވެ. ރަށުގައި ސްކައުޓް ހަރަކާތްތައް ދައްކާލުމަށް ބޭއްވި ނައިޓްފަޔަރ ބޭއްވީ އަތޮޅުގެއާ ދިމާ އަތިރިމަތީގައެވެ. ޖަމްބޮރީން ދަސްވި ކަންތައްތައް ޕެޓްރޯލްތަކުގެ ކުދިންނަށް ދަސްކޮށްދީގެން ފޯރިގަދަ މަޖާ އަދި އިބްރަތްތެރި އެތައް ފިލާވަޅުތަކެއް ހިމެނޭގޮތަށް ބޭއްވި ސްކައުޓް ނައިޓަށް ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

No comments: