Friday, March 21, 2014

"ސިފަވަރު"ގެ ނަން ހުށަހެޅީ އަޅުގަނޑު

ސިފަވަރުގެ ދިދަ ޕޯސްޓް
  ދިވެހިރާއްޖޭގެއަށް އަލަށް މިއަދު އިތުރުވެގެންދިޔަ ރަށަކީ "ސިފަވަރު" އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މާލެއަތޮޅު އުތުރު ތިލަފަޅުގައި ހިއްކި ރަށެކެވެ. އެރަށް ހިއްކައި އެތަނަށް މިއަދު (21 މާޗް 2014 ވީ ހުކުރު ދުވަހު) ނަންދެއްވައި އެރަށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއަށް އިތުރު ކުރައްވައިފިއެވެ. މި މުހިންމު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ރަށުގެ ނަން އިޢުލާންކޮށް ދެއްވީ ނުވަތަ ރަށުގެ ނަން ކަޝްފު ކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. 


"ސިފަވަރު" މިނަމަކީ ސިފައިން ހިންގާ މެގަ ޕްރޮޖެކްޓާއެކު ބިނާކުރާ "ސަހަރަށް" އަޅުގަނޑު ހުށަހެޅި ނަމެކެވެ. މިނަން މިރަށަށް ކިޔާގޮތަށް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށް ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި މާލޭ އޭރިއާގެ ކޮމާންޑަރ އަދި ސިފައިންގެ ވެލްފެއަރ ކޮމްޕެނީ (ސިވެކް)ގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ ނަންފުޅު ފާހަގަ ކުރަމެވެ. މިއީ އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް ދެއްވި ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދަންނަވަމެވެ. 

އުތުރު ތިލަފަޅުގައި އެއްވެސް ހިކި ތަންކޮޅެއް ނެތިސް އެތަން ހިއްކަންފަށައި، އެތަނަށް ނަމެއް ކިޔުމަށް ބޭނުންފުޅުވެގެން އެތަނަށް ކިޔަންފެންނަ ނަމެއް ހުށަހެޅުމަށް ފުރަތަމަ އަޅުގަނޑުގެ ގާތުގައި ފޯނުކުރައްވައި ވިދާޅުވީ ސިވެކްގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ. އަޅުގަނޑު ނަމެއް ދެންނެވީމެވެ. އެމަނިކުފާނު ވިދާޅުވީ ނަމެއްގެ ކަންތަކުގައި ވޮރަންޓް އޮފިސަރ 3 ޖަޢުފަރު ޢަބްދުއްރަޙްމާނާވެސް ވާނީ ވާހަކަ ދައްކަވާފައި ކަމަށާއި ދެ މީހުންވެގެން ނަންތަކެއް ހުށަހެޅުމަށެވެ. ދެ ތަނަކަށް ނަން ކިޔަން އޮތީ ބޭނުންވެފައެވެ. އެއް ތަނަކީ އަލަށް ހިއްކާ މާސިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ސަހަރެވެ. ދެވަނަ ތަނަކީ ކޯސްޓްގާޑް ލޯންޗް ފަހަރުތައް އެޅުމަށް އެތަނުގައި ހަދާ ބަނދަރެވެ.

އުތުރު ތިލަފަޅުގައި ހިއްކި ރަށަށް ސިފަވަރުގެ ނަން ދެއްވި ރަސްމިއްޔާތުގައި
އަޅުގަނޑާއި ޖަޢުފަރާ ދެ މީހުންވެގެން މިކަމާމެދު މަޝްވަރާކޮށް ދެތަނަށް ކިޔަން ފެންނަ ނަންތަކެއް ތައްޔާރު ކުރީމެވެ. އުތުރު ތިލަފަޅުގައި އަލަށް ހެދިގެންދާ ރަށަށް ކިޔުމަށް އަޅުގަނޑު ފުރަތަމަ ހުށަހެޅި ނަމަކީ "ސިފަދޫ" އެވެ. މާނައެއްގެ ގޮތަށް އަޅުގަނޑު ހުށަހެޅީ ސިފައިންގެ ރަށެވެ. މިނަން ހުށަހެޅީ ރާއްޖޭގެ ގިނަ ރަށްރަށަށް "ދޫ" ލައިގެން ނަން ކިޔާފައި ހުންނާތީއެވެ. ދުލުގެ މާނައިގެ ތެރޭގައި "ރަށް" ހިމެނޭތީއެވެ. ކޯސްޓްގާޑް ބަނދަރަށް ކިޔަން އަޅުގަނޑު ހުށަހެޅި ނަމަކީ "ކަޅުއޮށްފުންމި ބަނދަރު" ނުވަތަ "ޕޯޓް ކަޅުއޮށްފުންމި" އެވެ. ކަޅުއޮށްފުންމި އަކީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި "އަސްކަރީ" އުޅަނދެވެ. ޖިހާދުގެ އުޅަނދެވެ. ކޯސްޓްގާޑް ބެޖުގައި ޖަހާފައިވާ ނިޝާނެވެ. ވޮރަންޓް އޮފިސަރ ޖަޢުފަރު ޢަބްދުއްރަޙްމާނުވެސް ނަންތަކެއް ހުށަހެޅުއްވިއެވެ.

ހުށަހެޅިފައިވާ ނަންތަކުގެ ތެރެއިން ނަމެއް ލީޑަރޝިޕަށް ހުށަހެޅުމުގެ ކުރިން ބްގޭޑިއަރ ޢަލީ ޒުހައިރު ބޭނުންފުޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއެކު މަޝްވަރާ ކޮށްލުމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވީ ވައިސް ޗީފާއި ބްރިގޭޑިއަރ ޖެނެރަލް ޒުހައިރު އާއި ވޮރަންޓް އޮފިސަރ ޖަޢުފަރާއި އަޅުގަނޑެވެ. އަޅުގަނޑުމެން ތައްޔާރުކުރި ނަންތަކާއި އެނަންތަކުގެ މާނަތައް ދެންނެވީ އަޅުގަނޑެވެ. އެ ނަންތަކާމެދު ކުރެވުނު މަޝްވަރާ ތަކުގައި "ކަޅުއޮށްފުންމި ބަނދަރު" މިނަމަކީ އުތުރު ތިލަފަޅުގައި ހެދޭ އިންޓަރނޭޝަނަލް ޕޯޓަށް ކިޔަން އެންމެ ކަމުދާ ނަން ކަމުގައި އިއްތިފާޤު ވެވުނެވެ. އެހެންނަމަވެސް އުތުރު ތިލަފަޅުގައި ފުރަތަމަ ހެދިގެންދާ ކުޑަ ބަނދަރަށް އެނަން ކިޔުމާމެދު ބަހުސް ކުރެވުނެވެ. 

އުތުރު ތިލަފަޅުގައި ހިއްކާ ރަށަށް ކިޔަން އަޅުގަނޑުމެން ހުށަހެޅި ނަންތަކުގެ ތެރެއިން އެއްވެސް ނަމެއް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަކަށް ކަމަކު ނުދިޔައެވެ. އަޅުގަނޑު ހުށަހެޅި "ސިފަދޫ" މި ނަމާއިމެދު ވިދާޅުވީ އެއީ އެނަން ރަށަކަށް ކިޔަން ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ވަރަށް ގިނަ ކުދިކުދި ރަށްތައް އެކުލެވިގެން ދާގޮތަށް ކުރިއަށްދާނެ މެގަ ޕްރޮޖްކްޓަކަށްވާތީ ސިފަދޫ ކިޔުމުން "ހައިބަތު" ކުޑަކަމަށް ފެނިވަޑައި ގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވި ތަނުން ކުއްލިއަކަށް އަޅުގަނޑަށް އައި ޚިޔާލަކީ "ސިފަވަރު" އެވެ. އަޅުގަނޑު އެނަން ހުށަހެޅީމެވެ. 

"ސިފަވަރު" ނެގީ ދެ ބަހަކުންނެވެ. އެ ދެބަހަކީ "ސިފައިން" އާއި "ހަވަރު" އެވެ. ސިފައިން މިބަހުން "ސިފަ" ވަކި ބަހެއްގެ ގޮތުގައި ސިފައިންނަށް ނިސްބަތްކޮށް ސިފައިން ބޭނުން ކުރަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. 1942 ވަނަ އަހަރު 2 ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ސިލޯނުގައި އޮތް ޕަންޖާބު ރެޖިމެންޓަށް އަސްކަރީ ތަމްރީނު ހޯދުމަށް ފޮނުވި ސިފައިން އަލްއަމީރު ޙަސަން ފަރީދުގެ އަރިހުގައި ވަޑައިގެންނެވީ "ސިފަކަން" ދަސްކުރަންކަމަށް އޭރުގެ ތާރީޚީ ލިޔުންތަކުގައި ލިޔެފައިވެއެވެ. އަދި 1992 ވަނަ އަހަރު ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާގުޅިގެން ބޭއްވި ފުރަތަމަ "ސިފައުފާ" ޝޯވ އާ ހަމައިން "ސިފަ" މި ބަސް ސިފައިންނަށް ނިސްބަތްކޮށް ބޭނުންކުރުން އާންމުވެގެން ދިޔައެވެ. މީގެ ތެރެއިން "ސިފަވަންތަ" ފަދަ ބަސްތައް އަލަށް އުފެދިގެން ސިފައިންގެ ރަސްމީ ލިޔެކިޔުންތަކުގައި ލިޔެވެންފެށިއެވެ. އެހެންނަމަވެސް ދިވެހި ބަސްފޮތުގައި "ސިފަކަން" އަދި "ސިފަވަންތަ" މި ބަސްބަހެއް އަދި ހިމަނާފައެއް ނެތެވެ. އަދި "ސިފަ" މި ބަހުގެ މާނަތަކުގެ ތެރޭގައި ސިފައިންނާ ގުޅޭ އެއްވެސް މާނައެއް މިހާތަނަށް ހިމަނާފައެއް ނުވެއެވެ. 

ހަވަރަކީ ކުރީ ޒަމާނުގައި ސިފައިން އުފެދުމުގެ ކުރިއްސުރެ ރާއްޖޭގައި އޮތް ދިފާޢީ ލަޝްކަރު ބެހިފައިއޮތް ހަބައެވެ. ނުވަތަ ހަގުބޭކަލުން ބެހިފައިއޮތް ހަބައެވެ. ނުވަތަ ރަދުންގެ ލަޝްކަރެވެ. މިބަހުގެ ތެރެއިން "ވަރު" ވަކިކޮށްލާއިރު "ހަވަރުގެ ބައެއް" މި މާނަ ލިޔެފައި އޮވެއެވެ. 

އެހެންކަމުން ސިފަ އާއި ވަރު އެއްކޮށްލައިގެން "ސިފަވަރު" މިބަސް އުފެއްދުމުން އެއީ ވަރަށް މާނަސާފު އަދި ސިފައިންގެ ޚިދުމަތާ ގުޅުންހުރި ނަމަކަށް ވެގެން ދިޔައެވެ. އަދި ހަމަ އެހެންމެ އުތުރު ތިލަފަޅު ކައިރީގައިއޮތް ގިރާވަރާއާއި މާލެ އަތޮޅުގައި އޮތް ވިލިގިލިވަރާއި މަޑިވަރުފަދަ ރަށްރަށާ ގުޅޭ ނަމަކަށް މިކަން ވެގެން ދިޔައެވެ. އަދި ސިފަވަރަކީ ރާއްޖޭގައި ރަށްރަށަށް ނަންކިޔުމުގައި ޒަމާނުއްސުރެ ބޭނުންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކިޔުނު ދުލަށް ފަސޭހަ ރީތި ނަމަކަށްވީތީ ލިބުނު ހިތްހަމަޖެހުން ބޮޑެވެ.



No comments: