Wednesday, January 1, 2014

ނ. އަތޮޅުގެ ތާރީޚް: ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލުކުރުން


ނ. ކެދިކުުޅުދޫގައި ބޭއްވި ތޮޅެންދޫ މީހުން ބަދަލުކުރުމުގެ ރަސްމިއްޔާތު

ދިވެހިރާއްޖޭގައި ރަށްރަށް ފަޅުކޮށް، އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އަންޒަމާނުއްސުރެ ހިގަމުންދާ ކަމެކެވެ. އެހެންނަމަވެސް ދިރިއުޅެން ދަތި އުދަނގޫ ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުން ސަރުކާރުން ދިރިއުޅުން ފަސޭހަ ރަށްރަށް ބަދަލުކޮށް "އެއްފަސް" ކުރުމުގެ ސިޔާސަތު އުފަންވެގެންއައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެ މަސައްކަތްތ ފެށިގެން އައިދުވަސްވަރު އެއީ ވަރަށް މަޑުމަޑުން ކުރިއަށްދާ ގިނަ ދުވަސްތަކެއް ނަގާ "ބޮޑު" މަސައްކަތެކެވެ. އެގޮތަށް އެއްފަސް ކުރުމުގެ މަސައްކަތްތައް ހިނގަމުން ދަނިކޮށް ނ. އަތޮޅުގައި އޮތް އާބާދީގެ ގޮތުން އެންމެ ކުޑަރަށް ކަމުގައިވާ ނ. ތޮޅެންދޫ ރައްޔިތުން ނ. ކެނދިކުޅުދޫއަށް ބަދަލުވާން އެއްބަސްވިއެވެ.


ސަރުކާރާއި ތޮޅެއްދޫ ރައްޔިތުންނާ ދެމެދު މިކަމުގައި ދެކެވުނު ވާހަކަތައް ކުރިއަށްދިޔައިރު ތޮޅެންދޫގެ ބޮޑު ކަތީބަކަށް ހުންނެވީ ތޮޅެންދޫ ޙަސަން ޤާސިމެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އިސް ބޭފުޅެއްގެ ގޮތުގައި ކަނޑައެޅުއްވީ ކުރިން ނ. އަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާ ދިވެހި ދައުލަތުން ނުހަނު އިތުބާރު ކުރައްވާ ނ. ހޮޅުދޫ ޙަސަން ކަލޭފާނެވެ. މި މަޝްރޫޢު ފެށުމާއެކު އެމަނިކުފާނު ވަޑައިގެން ހުންނެވީ ކެނދިކުޅުދޫގައެވެ. އޭރު ރާއްޖެތެރެއާބެހޭ ވަޒީރަކީ އޮނަރަބަލް އިލްޔާސް އިބްރާހީމެވެ. ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލު ކުރުމުގެ މަޝްރޫޢު ކުރިއަށް ދަނިކޮށް ނ. އަތޮޅުވެރިޔާގެ ބަދަލުގެ މަޤާމަށް ނ. ތޮޅެންދޫ ޙަސަން ޤާސިމް ސަރުކާރުން ހަމަޖެއްސެވިއެވެ. މި ބަދަލާއެކު ތޮޅެންދޫގެ ކަތީބު ކަމަށް ތޮޅެއްދޫ އަޙްމަދު ވަޙީދު ހަމަޖެއްސެވިއެވެ.  

ތޮޅެންދޫ ރައްޔިތުންގެ ތެރެއިން ހުރިހާ ރައްޔިތުންވެސް ބަދަލުކުރީ ކެނދިކުޅުދޫއަށެވެ. އޭގެ ތެރެއިން އެއްބަޔަކު ކެނދިކުޅުދޫ ކުޅުދޫ އަވަށުގައި އަނެއްބަޔަކު ކެނދިކޮޅު އަވަށުގައި އާބާދުވިއެވެ. ގިނަ ބަޔަކުއާބާދުވީ ކެނދިކޮޅު އަވަށާއި ޖެހިގެން އަލަށް ހެދުނު "ތޮޅެންދޫ އަވަށު" ގައެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގި މި މަޝްރޫޢުގައި ކޮންޓްރެކްޓަރެއްގެ ގޮތުން އަޅުގަނޑުމެންނަށް ފެންނަމުން ދިޔައީ ކުޑަފަރީ އާދަމް ނަސީމެވެ. ގެތައް ޢިމާރާތް ކޮށްދެމުން ދިޔައީ ތޮޅެންދޫގައި ހުރި ގެތައް ހުރިގޮތަށެވެ. އެކަމަކު މާބޮޑަށް ޚަރަދު ބޮޑުނުވާނެ ގޮތުގެ މަތިން ކުދިކުދި ބަދަލުތައް ގެތަކުގެ ވެރިފަރާތުގެ އެދުމުގެ މަތިން ގެނެވުނެވެ. އާދައިގެ ގޮތަކަށް ދަޑިފަނުން ހުރި ގެތައް ސަރުކާރުން ރާނައި ދެއްވައި ހުރިހާ ގެއެއްގެ ވަށާފާރު ރާނައި ދެއްވިއެވެ.

މަސައްކަތްތައް ހިނގަމުން ދިޔައިރު އެ މަސައްކަތްތައް ހިނގަމުންދިޔަގޮތް ވަރަށް ގާތުން ނ. އަތޮޅު އޮފީހުން މޮނީޓަރ ކުރަމުން އެ މަޝްރޫޢު ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައި ހުންނެވި ހޮޅުދޫ ޙަސަން ކަލޭފާނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދެވިއެވެ. މިގޮތުން މި މަޝްރޫޢު ނިމެމުން ދިޔައިރު އަބަދުވެސް އެރަށުގައި ނ. އަތޮޅު އޮފީހުން ކޮންމެވެސް ބޭފުޅަކު ނެތް ވަގުތެއް ދަނީ ވަރަށް މަދުންނެވެ. މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް ނިމި ރައްޔިތުން ކެނދިކުޅުދޫއަށް ބަދަލުވުމުގެ ވަގުތު އަންނަނީ ކުޑަތަން ވަމުންނެވެ. ނަސީބު ކަންދިމާކުރި ގޮތުން އޭރު އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ ނ. އަތޮޅު އޮފީހުގައެވެ. ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ފަހު ދުވަސްކޮޅު ކެނދިކުޅުދޫގައި ހުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ނިދުމުގެ ކަންތައްތައް ހަމަޖެހިފައިހުރީ ކުޅުދޫ އަވަށު އޮފީހާއެކު ހުންނަ ރަށްވެހިގޭގައެވެ. ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ ހޮޅުދޫ ޙަސަން ކަލޭފާނު ނިދިކުރައްވަނީ އަޅުގަނޑާއެކު އެތަނުގައި ހުންނަ ފަތްޖެހި އެނދެއްގައެވެ. އެއީ ނިދިކުރައްވަން ފަހުން އޮށޯންނަވާފައި ކުރިން ހޭފުޅުލައްވާ މުރާލި ބޭފުޅެކެވެ. ސީރިއަސް ވަގުތު ތަކުގައި ސީރިއަސް ބޭފުޅެކެވެ. އެކަމަކު މަޖާ ވާހަކަދައްކަވާ ސަމާސާ ކުރައްވާ އެންމެގެ އިހުތިރާމުވެސް އޮންނަ ގަދަރުވެރި އިޚްލާޞްތެރި ވަފާދާރެކެވެ.

އަޅުގަނޑުގެ ޒުވާން އުމުރުގައި މިފަދަ ޝަޚްސިއްޔަތަކާ ޖެހުމުން ވަރަށް ބޮޑަށް އުޅެންޖެހުނީ ވިސްނައިގެންނެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑުގެ ބައްޕައާއި އެމަނިކުފާނާ އޮންނަ ރަޙުމަތްތެރި ގާތް ގުޅުން އަބަދުވެސް ހަނދާނުގައި ހުރެއެވެ. އަތޮޅު އޮފީހުން ވަޑައިގަންނަވާ ސީނިއަރ ބޭފުޅުންވެސް އެމަނިކުފާނަށް އެބަހައްޓަވާ އިޙްތިރާމެއްގެ ސަބަބުން އަޅުގަނޑުމެން ޅަ ކުދިންނަށްވެސް އެމަނިކުފާނަށް އެ އިޙްތިރާމު އަރުވަންވަނީ ދަސްވެފައެވެ. ތޮޅެންދޫ ރައްޔިތުން ކެނދިކުޅުދޫއަށް ބަދަލު ކުރުމުގެ މަސައްކަތް އެޓޯލްސް މިނިސްޓްރީންވެސް ކުރައްވަމުން ގެންދެވީ ކަނޑައެޅިފައިވާ ތާރީޚަށް ނިންމެވުމުގެ ވަރުގަދަ އަޒުމުގައެވެ. އެކަން އެގެނީ އެހެން މައްސަލަތަކާ ގުޅިގެން ކަންކަން ނިމެމުންދާ ދުވެއްޔާއި މި މައްސަލައިގައި ކަންތައްތައް މިނިސްޓްރީން ފައިސަލާ ކުރައްވާލެއް އަވަސްކަމުންނެވެ. ހީވަނީ 1992 ވަނަ އަހަރު ނިމުމުގެ ކުރިން ކޮންމެ ގޮތެއް ހަދާފައިވެސް ތޮޅެންދޫ ރައްޔިތުން ކެނދިކުޅުދޫގައި އާބާދުކޮށް ނިންމަވާނެ ހެންނެވެ.

ކަންތައްތައް ހިނގާދިޔައީވެސް އެހެންނެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ތޮޅެންދޫ ރައްޔިތުންގެ އުންމީދު ތަކަށް ނިމުން އަތުވެއްޖެއެވެ. 1992 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ތޮޅެންދޫ ރައްޔިތުން ކެނދިކުޅުދޫއަށް ރަސްމީކޮށް ބަދަލުކޮށް ގެތަކުގެ ތަޅުދަނޑިތައް އެފަރާތްތަކާ ހަވާލު ކުރެއްވިއެވެ. އޭގެ ދެދުވަހެއް ކުރިން ތޮޅެންދޫ ރައްޔިތުން ކެނދިކުޅުދޫއަށް ބަދަލުވާ ފަށައިފިއެވެ. އެމީހުން ހިފާގެންގުޅޭ ސާމާނާއެކު އާގެތަކަށް އަންނަން ފަށައިފިއެވެ. އެދުވަހު ކެނދިކުޅުދޫ ރައްޔިތުން އެރަށުގެ އާ ރަށްވެހިންނަށް ހޫނު މަރުޙަބާއެއް ކިޔެއެވެ.

ތޮޅެންދޫ ރައްޔިތުން ކެނދިކުޅުދޫއަށް ބަދަލުކުރުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިއޮތީ ހެލިކޮޕްޓަރުގައެވެ. ހުރިހާކަމެއްވެސް އެންމެމަތީ ފެންވަރުގައި ދިޔައީ އިންތިޒާމު ކުރެވެމުންނެވެ. ދައުވަތުގެ ކަންތައްތަކުން ފެށިގެން މަރުޙަބާގެ ފިނިހިއްޕެވުމާއި ޖަލްސާގެ ކަންތައްތަކެވެ. ސްޓޭޖާއި ސައުންޑާއި ޒީނަތްތެރިކަމުގެ މަސައްކަތްތަކެވެ. އެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ކުއްލިއަކަށް ރާއްޖެތެރެއާބެހޭ ވަޒީރު އޮނަރަބަލް އިލްޔާސް އިބްރާހީމް އެއްދުވަސް ކުރިން ކެނދިކުޅުދޫއަށް ވަޑައިގެންފިއެވެ. ވެރިންނާ ބައްދަލު ކުރައްވައި ރަށުތެރޭގައި ހިންގަވާ ރައްޔިތުންނާ ވާހަކަ ދައްކަވައި ހައްދަވަމުން ގެންދެވިއެވެ. ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފާހަގަ ކުރައްވައި ކުރިއަށްއޮތް ދުވަހުގެ ރަސްމިއްޔާތު ވީހާވެސް ފުރިހަމައެއްކޮށް ކުލަގަދައެއްކޮށް ކުރިއަށް ގެންދިއުމަށް ލަފާ ދެއްވަމުން ގެންދެވިއެވެ. ކުއްލިއަކަށް އެމަނިކުފާނުގެ ނަޒަރުފުޅުގައި އަޅައިގަތީ ސީދާ ތެދަށް އޮތް މަގަކަށް ގޯއްޗެއްގެ މަގުފާރުން ނުކުމެފައިވާ ދެތިން ފޫޓެއްހާ ތަނެވެ. އެކަމުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މަގަށް އިތުރަށް ނުކުމެފައިވާ ބައި ތަޅާލައި ފާރު ތެދުކުރުމަށް ވަގުތުން އަމުރު ނެރުއްވިއެވެ. އެއީ ތޮޅެންދޫން ލިބިފައިވާ ގޯއްޗަށްވުރެ ކުޑަނުވާ ގޮތަށް ކެނދިކުޅުދޫން ގޯތި ދިނުމަށް ނިންމަވާ ސިޔާސަތާ އެގޮތަށް ޢަމަލު ކުރަމުން ވެފައިހުރި ގޮތެކެވެ. ކޮންމެއަކަސް މަގު ތެދުކޮށް ރަސްމިއްޔާތުގެ ކުރިން ފާރު ރާނާ ނިންމައިފިއެވެ.

ރަސްމިއްޔާތު އޮތް ދުވަހު އަޅުގަނޑަކީ އެޓޯލްސް މިނިސްޓްރީގެ "ޚާއްޞަ ކެމެރާމަން" އެވެ. ރައީސް ވަޑައިގެންނެވީ ހަމަޖެހިފައިވާގޮތަށް ހެލިކޮޕްޓަރުގައެވެ. ތޮޅެންދޫ އޮފީހުގެ ދިދަ ތިރިކޮށް ދެއްވުމަށް އެރަށަށް ވަޑައިގެންނެވީވެސް ހެލިކޮޕްޓަރުގައެވެ. 1992 ޑިސެމްބަރު 30 ވަނަ ދުވަހު ނ. އަތޮޅު ތޮޅެންދޫއަކީ ފަޅުރަށެއް ކަމުގައި ހަމަޖައްސަވައި އެރަށުގެ މީހުން ކެނދިކުޅުދޫއަށް ބަދަލުކުރެއްވިއެވެ. އެކަމަށްޓަކައި ބޭއްވި ޖަލްސާ އޮތީ ކެނދިކުޅުދޫ ބޮޑު މަގުގައި އެދުވަހުގެ މެންދުރު ވަގުތުއެވެ. ގެތަކުގެ ތަޅުދަނޑިތައް ރައްޔިތުންނާ ހަވާލުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ތަޅުދަނޑިތައް ގެތަކުގެ ވެރިފަރާތްތަކާ ހަވާލުކޮށް ދެއްވުމަށް ތޮޅެންދޫ ރައްކުރިއަރުވާ ކޮމެޓީގެ ރައީސަށާއި އެކޮމެޓީގެ ދެ މެމްބަރަކަށް ހަވާލު ކޮށްދެއްވިއެވެ.

No comments: