Wednesday, January 1, 2014

މަނަދޫ ސޭކުބޭ ވާހަކަ

ކުރީ ޒަމާނުގައި ހުކުރު، ހޯމަ ވިލޭރޭ ތަކުގައި އެބޭކަލަކު އެ އެނދު ދާންމަތިކޮޅުގައި އަވަހާރަފުޅު ލައްޕަވަން ވަޑައިގަންނަވާ ކަމަށް ބުނެވެއެވެ. އެރޭތަކުގައި އެ ގޭގައި އުޅޭ އެންމެން ނިދަން ތިބޭނީ އެތެރިގެބައިގައި، ދޮރުލައްޕާ ތަންޑުއަޅައިގެންނެވެ. އެބޭކަލެއްގެ މަރަވަޅި ކޮޅުގެ "ޓޮއްޓޮއް" އަޑު އިވެން ފެށުމާއެކު މުޅި ގޭތެރޭގައި މީރު ހުނވަދެއްގެވަސް ފެތުރިގެންދެއެވެ. އަނެއް ދުވަހު ބަލާއިރު އެނދު ދާންމަތިކޮޅުގައި އެބޭކަލަކު އަވަހާރަ ލެއްޕެވިކަމުގެ ނިޝާންތައް ފެންނަން ހުރެއެވެ. ބެޓްޝީޓަށް ހުންނަނީ ރޫޖެހިފައެވެ. ބާލީސްތަކާއި ކަންނެތޮތަކުގެ ތަރުތީބު ހުންނަނީ ގެއްލިފައެވެ. އެރޭރޭގައި ދިއްލާފައިހުންނަ ބައްތި ރީތިކޮށް ފޮހެ، ސާފުކޮށްފައިނެތިއްޔާ ބައްތި ނިވާލައްވާނެއެވެ. އަދި ތަންމަތިކޮޅު ރީތިކޮށް އަޅާފައި ނެތިއްޔާ ބެޑްޝީޓް އޮންނާނީ ބިންމައްޗަށް އެއްލާލާފައެވެ. ބުނެވޭގޮތުގައި އެރޭރޭ ރަށުގެ އެކި ހިސާބުތަކުގައި އެބޭކަލަކު ހިންގެވި އަޑު އިވުނު އެތައް ބަޔަކު ތިބެއެވެ.


މިއީ " މަނަދޫ ސޭކުބޭ " ވާހަކައެވެ. ތުންތުންމަތިން ކިޔެމުންއައި " ސޭކުބޭ ވާހަކަ " ގައި މިހާތަނަށް އައިއިރު ކިޔުމުގައި ޚިލާފުތަކެއް ހުރިނަމަވެސް މައިގަނޑު ވާހަކައަކީ އެއް ވާހަކައެކެވެ. ހާދިސާތައް ދާދިއެއްގޮތެވެ. ބުނެވޭ ގޮތުގައި ސޭކުބޭ ތުއްޕުޅުއިރު އެދުރުގެ ތަކަށް ފޮނުވައިގެން އުޅެވެސް ކިޔަވާ ވިދާޅުވާގޮތެއް ނުވިއެވެ. އާދަވެގެން ބޮޑެތިވަމުން އަންނަ ކުދިންނާއެކު މޫދަށް އެރިވަޑައިގެން ކުޅިވަރު ކުޅުއްވާ ހެއްދެވުމުގެ ބަދަލުގައި ސޭކުބޭ ވެވަޑައިގަތީ ބަސްމަދު، ގިނަ ވަގުތު އެކަނިވެރިކޮށް ވަގުތުތައް ހޭދަކުރައްވާ ބޭކަލެކެވެ. ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ވަލުތެރޭގައެވެ. ސޭކުބޭގެ މި އާދަޔާ ޚިލާފު މަޑުމައިރި މިޒާޖުފުޅުގެ ސަބަބުން އެހެން މީހުން ދެކެންފެށީ އެބޭފުޅާއަކީ "ސޭކު ކުއްޖެއް" ކަމަށެވެ. އާދެ! މޮޔަ ކުއްޖެއް ކަމަށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެއްރެއަކު އަވަހާރަފުޅުގައި ސޭކުބޭ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އިވިއްޖެއެވެ. މިކަންތައް ތަކުރާރުވާން ފެށުމުން އެކަމަކީ ބޮޑު އަޖައިބަކަށް ވެއްޖެއެވެ. ޤުރުއާނުގެ އަލިފެއްހާ މިންވަރުވެސް އެދުރުގެއަކުން އުނގެނިވަޑައިގެންފައި ނުވާތީ އާއި އެހާ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާތީއެވެ.

އެއްދުވަހަކު ސޭކުބޭ ގޭގައި ވަޑައިގެން ނެތިސް އޭނާގެ ފޮށިކޮޅު ބަޔަކު ހުޅުވާ ބެލިއިރު އެފޮށިކޮޅުން ފެނުނު ކަމަށްވަނީ ޤުރުއާން ޚަތިމެކެވެ. އެ ޚަލިމް ލިޔެފައިއޮތީ މަގޫފަތްތަކެއްގައެވެ. އެދުވަހަށްފަހު ސޭކުބޭ އާއިމެދު މީހުން ދެކެމުން އައިގޮތް މުޅީން ބަދަލުވީ ކަމަށް ބުނެއެވެ.

ރަބީޢުލްއައްވަލު މަހެއްގެ ބާރަވަނަ ދުވަހެވެ. ގޭގޭގައި ދުޢާ އާއި ޞަލަވާތް ފާތިހާ ކިޔަމުން ގެންދިޔައެވެ. މިގޮތުން ގެއެއްގައި ޞަލަވާތް ކިޔަވާ ވިދާޅުވާން ސޭކުބޭ ވަޑައިގެންނެވިއެވެ. އިތުރު ދެމީހަކާއެކު ޞަލަވާތް ކިޔަވާ ވިދާޅުވަން އިންނަވާފައި ކުއްލިއަކަށް ޞަލަވާތް ކިޔަވަން އަރާތިއްބެވި ބޮޑު އައްޓާއި ފާރާ ދޭތެރެއަށް އަތްޕުޅު ލައްވައިފިއެވެ. އިރުކޮޅެއް ފަހުން އަތްޕުޅު ނެންގެވިއިރު ފެންތިކި ޖަހައެވެ. ތިޔަ ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރުމުން ވިދާޅުވިކަމަށްވަނީ ކާށިދޫ ބޮޑު ކަނޑުގައި ދަތުރުކުރަމުންދިޔަ ބަޔަކު ކަނޑުވެގެން އެބައިމީހުން ސަލާމަތް ކުރެއްވީ ކަމުގައެވެ. އެހެން ވިދާޅުވުމުން މީހުންތައް އެވާހަކަ ޔަޤީން ކުރުމަށް އަތްޕުޅުގައިލަނީ ލޮނު ރަހަތޯ ބަލާ ހެދިކަމަށްވެއެވެ. ބުނެވޭ ގޮތުގައި އެފެންތިކިތަކުން ލީ ސޭކުބޭ ވިދާޅުވި ފަދައިން ހަމަ ލޮނު ރަހައެވެ.

އެހެން ހާދިސާއެކެވެ. މާލެ އަންނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ދޯންޏެއް މަނަދޫގައި ބަނދަރު ޖަހައިފިއެވެ. މި މީހުން ފައިބާ ބޯފެންލާ ހެދިއިރު މޫސުން ރަނގަޅުވެ، އުޑުމަތި ސާފުވެއްޖެއެވެ. މިބައި މީހުން ފުރަން އުޅެނިކޮށް ސޭކުބޭ ވަޑައިގެން މާލެ ގެންގޮސް ދިނުމަށް އެދިވަޑައިގަތެވެ. އެމީހުންނަށް އެއީ ކޮންބޭކަލެއްކަން ނޭނގުމުގެ ސަބަބުން ކޮންމެވެސް ބަހަނާއެއް ދައްކާފައި މާލެ ގެންގޮސް ދޭކަށް އެއްބަހެއް ނުވިއެވެ. މި ދޯނިމީހުން ފުރަންވެގެން ލޮތާރި (ނަގިލި) ނަގަން އުޅެއުޅެ އެކަންވާގޮތެއް ނުވިއެވެ. މޫދުގެ އަޑީގައި ދޮންވެލިގަނޑު މަތީގައި ރީތިކޮށް ނަގިލި ފެންނަން އޮވެ، ނަގިލި ހިލޭގޮތް ނުވުމުން އެބައިމީހުން ވަރަށް ބިރުގަނެގެން އެއްގަމަށް ފައިބާ މިވާހަކަ ދައްކަން ފަށައިފިއެވެ. ރަށުގެ މީހުންގެ ފުށުން އެނގުނުގޮތުގައި އެގޮތަށް އެދިމާވީ ސޭކުބޭ އެއޮޑިން މާލެ ގެންދާން އެބައިމީހުން އެއްބަސް ނުވުމުންނެވެ. އަވަސް އަވަހަށް އެބައިމީހުން ސޭކުބޭ އަރިހަށްގޮސް މާފަށްއެދި، މާލެ ގެންގޮސް ދިނުމަށް އެބަސްވެ ހިތްހަލާލު ހޯދައިފިއެވެ. ނަމަވެސް އެއޮޑިން މާލެ ވަޑައިގެންނެވުމަކަށް ސޭކުބޭ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. ވަރަށް ނިޔާމަ ދަތުރަކަށްފަހު އެދޯނި މާލެ ގޮސްފިއެވެ. އެމީހުން މާލެ އައިއިރު ސޭކުބޭ ވަޑައިގެން ހުންނެވީ މާލޭ އަތިރިމަތީގައެވެ. ބުނެވޭގޮތުގައި ސޭކުބޭ މާލެ ވަޑައިގެންނެވީ ކަޅުހިލަ ދައެއްގައެވެ.

ހުކުރުވިލޭރެއެއްގައި ދެނަމާދު ދޭތެރެ ވަގުތު (ޢިޝާނަމާދާއި ނަޣުރިބް ނަމާދާއި ދެމެދު) ގައި އެއް ފުރައެއްގެ ކުދިންތަކަކާއެކު ރުޤިއްޔާވެސް ދިޔައީ މަޣުރިބް ނަމާދުކޮށްގެން ގެއަށް ޔާސީން ކިޔަވާށެވެ. އެވަގުތަކީ އާންމުކޮށް ގޭގޭގައި ކުޑަކުދިން ޔާސީން ސޫރަތް ކިޔަވާ ވަގުތުކަމަށްވާތީ ރަށުގެ އެކި ހިސާބުތަކުން ކީރިތި ޤުރުއާންގެ އަޑު އިވިއިވި ހުއްޓެވެ. ކުއްލިއަކަށް ސޭކުބޭމެންގެ އަސްކަނި ދޮށުގައި ހުދުހެދުމެއްގައި ހުންނެވި ބޭކަލަކު ރުޤިއްޔާއަށް ފެނިއްޖެއެވެ. އޭރު ރުޤިއްޔާގެ ޢުމުރުންވާނީ ދިހަވަރަކަށް އަހަރުކަމަށްވާތީ ކުއްލިއަކަށް ބިރުގަންނަ ގޮތްވެގެން އަޅާ އިތިކޮށް ދުވެއްޖެއެވެ. ބުނެވޭގޮތުގައި ސޭކުބޭ އަރިހަށް އައުމަށް ރުޤިއްޔާއަށް އިޝާރާތް ކުރެއްވީ ޤުރުއާން ކިޔަވާ ވިދާޅުވެ ދެއްވާށެވެ. ނަމަވެސް ބިރުގަންލެއް ބޮޑޫކަމުން އެކުޑަ ކުއްޖާ ފިލީއެވެ. ބުނެވޭ ގޮތުގައި އެކުއްޖާ ބިރު ނުގަނެ ސޭކުބޭ އަރިހަށް ދިޔަނަމަ އެކުއްޖާވީހީ ޤުރުއާން ހިތުދަސް ކުއްޖަކަށެވެ. ނަމަވެސް މިހެން ކަންތައް ދިމާވުމުން އެކުއްޖާވީ ވަރަށް ބޮޑަށް މަސައްކަތް ކޮށްވެސް އުމުރު ދުވަހަށްވެސް ޤުރުއާން ޚަތިމް ނުކުރެވުނު މީހަކަށެވެ. ފަހުން މި ރުޤިއްޔާއަށް ކިޔުނީ ރުގީދައިތަ ކަމަށް ބުނެވެއެވެ.

ސޭކުބޭގެ ދާންމަތިކޮޅު ނުވަތަ މަގާންކޮޅު ކަމަށް ބުނެވޭ އެނދެއް ދާދި ފަހަކާ ޖެހެންދެންވެސް ނ. މަނަދޫ ކިހިފިނިފެންމާގޭގައި ހުއްޓެވެ. އެ މަގާމުކޮޅު ޒީނަތްތެރި ކޮށްފައިހުރީ ވަށައިގެން ގާތްގާތުގއި ކޮޅަށް ޖަހާފައިހުރި ސާފު ހުދުކުލައިގެ ފޮތި ދިދަތަކަކުންނެވެ. އެނދުގެ ވަޑައިގެން ޖަހާފައިހުރި މިދެންނެވި ދިދަ ތަކުގެ އިތުރުން ތަންމަތި އަޅާފައި ހުންނަނީވެސް ހުދު ކުލައިގެ ބެޑްޝީޓުންނެވެ. ތުނި ނަރު ގޮދަނޑިއެއް ދާންމަތި ކޮޅުގައި އޮވެއެވެ. ބާލީސްތަކުގެ އުރަތަކުގެ ކުލައަކީވެސް ސާފު ހުދުކުލައެވެ. އަބަދުވެސް ދާންމަތި ކޮޅުގައި ޚަތިމެއް ބާއްވާފައި އޮވެއެވެ. އަދި ނަދުރުބުނެގެން ނަދުރުފުއްދުމަށް ގެނެސް ބަހައްޓާފައިހުންނަ ގަހަނާގެ ބާވަތްތައް ނެތްއިރެއް ނުދެއެވެ. އެދާންމަތި ކޮޅުގައި އެއްވެސް މީހަކު އޮށޯވެ، އިށީނދެ ހެދުމަކީ މުޅިން މަނާކަމަކެވެ. އެދާންމަތިކޮޅު އެބޭކަލަކަށް ނިސްބަތްވާ ވަލީވެރި ބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބޭ ފަސްދާނު ވެޑުވިފައިވަނީ ބުނެވޭގޮތުގައި މާލޭ ހުކުރު މިސްކިތް ދޮށުގައެވެ.

ސޭކުބޭ އާއި ބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކަށް ބަލާއިރު ކުރީ ޒަމާނުގައި ރާއްޖޭގައި މިފަދަ "ވަލީވެރިން ބޭކަލުން "ނޭ ކިޔައިގެން ފެތުރިފައިވާ ވާހަކަތަކާ ވަރަށް އެއްގޮތްކަން ފާހަގަކުރެވެއެވެ. މިފަދަ ވާހަކަތަކުގައި ޚުރާފާތުގެބައި ބޮޑުކަމުން މިހާރަކު މިފަދަ ވާހަކަތައް ޤަބޫލުކުރާ ބަޔަކު މަނަދޫއަކުންވެސް ނުފެނެއެވެ. ތުންތުންމަތިން ދެކެވެމުންއައި މި ވާހަކައަކީ މިހާވަރެއްގެ ހަގީގަތެއްހުރި ވާހަކައެއް ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

1989
 ވަނަ އަހަރުގެ ތެރޭގައި މިދެންނެވި ސޭކުބޭގެ "މަގާންކޮޅު" ނަގާ ތަންސާފު ކުރެވުނެވެ. އެމަގާންކޮޅު ނުވަތަ އެނދުދާންމަތިކޮޅު ހަދާފައިހުރި އެނދު، މަނަދޫ ހިކިފިނިފެންމާގެއިން ނެރެގެން ގެންދެވުނީ މަނަދޫ ލިލީމާގެއަށެވެ. ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މުޙަންމަދު ތަކުރުފާނުގެ ވާހަކައަށް ތަމްސީލެއް ކުޅުމަށް ކުރީ ޒަމާނުގެ އެނދެއް ނުލިބިގެން މި އެނދު ބޭނުން ކުރިއެވެ. އެ ތަމްސީލުގައި އެ އެނދުގައި އިށީނުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ.

މިއީ ފޯކްލޯރެއް ކަމުން މި ވާހަކައިގައި ތާރީޚީ ހަގީގަތްތަކެއް ކޮންމެވެސް ވަރަކަށް ހުރުމަކީ ވެދާނެ ކަމެކެވެ. މި ވާހަކަ އަޅުގަނޑު ލިޔެފައި މިވަނީ މަނަދޫގައި ތިބި ދުވަސްވީ މީހުންގެ ކައިރިން އަހާ އޮޅުންފިލުވައިގެން އެމީހުންގެ ވާހަކަތަކުގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ. ވާހަކައިގައި ރުޤިއްޔާއެއްގެ ވާހަކަ އާދެއެވެ. އެއީ ކޮން ރުޤިއްޔާއެއް ކަމެއް ނޭނގެއެވެ. މީގެ އިތުރުން މި ވާހަކަ ލިޔުމުގައި މީހުން ސޭކުބޭގެ ސިފައާއިމެދު ދައްކާ ވާހަކަތައް ވާނީ އުނިކޮށްފައެވެ. ސޭކުބޭ ސިފަކަމަށް ގިނަ މީހުން ކިޔައދޭ ސިފައަކީ އާދައިގެ އާދަމުގެ ދަރިއަކަށް ނިސްބަތްކުރާވަރަށްވުރެ މާބޮޑު މީހެއްގެ ސިފަކަމަށް ބެލެވެއެވެ. މިގޮތުން ސޭކުބޭގެ ދަތްޕިލާގެ ދަތެއް މާޅިސްކެޔޮ ވަކެއްވަރު ވާކަމަށްވެސް ބުނެވެއެވެ. މިހސާބުން ސޭކުބޭގެ ވާހަކަ ނިމުނީ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކަމަކު މިލިޔުމުގައި އަޅުގަނޑަށް ސޭކުބޭގެ ޙަޔާތްޕުޅާބެހޭ ގޮތުން ހޯދުނު މަޢުލޫމާތެއް ހުރިހަމަ މިވަނީ ހިމަނާފައެވެ. (ނިމުނީ)

ނޯޓް: މި ވާހަކަ ލިޔެ ފުރަތަމަ ޝާއިޢުކުރެވުނީ އުދަރެސް މަޖައްލާގެ 35 ވަނަ އަދަދުގައި ( 17 ޖުލައި 2001 ) ގައެވެ. މަނަދޫ ހިކިފިނިފެންމާގޭ އަލްފާޟިލް އިބްރާހިމް ޢަބްދުޞަމަދަށް މިހާރު ބައެއް މީހުން "ސޭކުބޭ" ކިޔަސް މަނަދޫގައި އުޅުއްވި ވަލީވެރިބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބެއަކީ އޭނާއެއްނޫނެވެ

No comments: