Tuesday, January 7, 2014

އެންމެފަހުން ހަވަރުބެރު ޖެހީ ޝައިޚް ރުޝްދީ އަވަހާރަވެގެން


އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ

ހަވަރަކީ ހަގުބޭކަލުން ބެހިފައި އޮންނަ ހަ ބައެވެ. ނުވަތަ ރަދުންގެ ލަޝްކަރެވެ. ހަވަރު އެއްވުމަކީ ނުވަތަ ހަވަރު ހުއްޓި ލެއްވުމަކީ ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު އެއްޗެއް ދެންނެވުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުމެވެ. މި އެއްވުން ގިނަ ފަހަރަށް އެއްވަނީ ހުކުރު ދުވަހު ހުކުރުން ފޭބުމަށް ފަހުގައެވެ. ހަވަރަށް ދެއްވުމަކީ ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ޚާއްޞަ ގޮތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެމީހަކަށް ހަދައިލުމަށް ރަދުން އެމީހަކު އެބޭކަލުންނަށް ދެއްވުމެވެ. ހަވަރަށް ދިނުމަކީވެސް މިއީއެވެ. ހަވަރު ބެރަކީ ހަވަރު އެއްކުރާންޖަހާ ބެރެވެ.


ހަވަރު އެއްވުމަށް ގުޅަކުޅޭ ފަސްގަނޑަށް އާންމު ރައްޔިތުން އެއްވުމަށްވެސް ކިޔާއުޅެއެވެ. ޙަޤީޤަތުގައި އާންމު ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވަނީ ކުރިން ދެންނެވިހެން ހަވަރު ހުއްޓިލެއްވުމަށް ފަހުގައެވެ. ހަވަރަކީ، ހަނގުބޭކަލުން ބެހިފައި އޮންނަ ހަބަޔަށް ކިޔާ ނަމެކެވެ. މި ހަބަޔަކީ، ބަނޑުހަނޑޫ ދެއްވާފައިވާ ރަދުންގެ ލަޝްކަރެވެ. މިލަޝްކަރު އޮންނަނީ، ހަވަރުގެ މައްޗަށް ބެހިފައެވެ. މިއިން ކޮންމެބަޔަކީ، ވަރެކެވެ. މިވަރުތަކަކީ:
1. ދޮށިމޭނާވަރު (އިސްވަރު) ހަވަރުގެތެރެއިން އެންމެ އިސް ބައި 
2. ހަކުރާވަރު 
3. ވެލާނާވަރު 
4. މާފަތްވަރު 
5. ދަހަރާވަރު 
6. ފާމުލަދޭރިވަރު، މިއެވެ. 
އިހުގައި މިއިން ކޮންމެ ވަރަކަށް ބޮޑުބޭކަލަކު ހުންނަވާނެ އެވެ. އެއީ އެ ވަރުތަކުގެ ވެރީން ނެވެ. މި ބޭކަލުންނަންކީ، ކޮލިލައްވާ އަސާ ދެއްވާފައިވާ ބޭކަލުންނެވެ.

ވަރުތަކުގައި އިސްވެރިންގެ ގޮތުގައި ތިއްބަވަނީ އިސްވަރުގައި ދޮށިމޭނާ ބޭކަލަކު، ހަކުރާވަރުގައި ހަކުރާބޭކަލަކު، ވެލާނާވަރުގައި ވެލާނާ ބޭކަލަކު، މާފަތްވަރުގައި މާފަތް ބޭކަލަކު، ދަހަރާވަރުގައި ދަހަރާ ބޭކަލަކު، ފާމުލަދޭރި ވަރުގައި ފާމުލަދޭރި ބޭކަލަކު މިގޮތަ ށެވެ. ނަމަވެސް ޖުމްލަގޮތެއްގައި ހަވަރުގެ ވެރިއަކީ، ދޮށިމޭނާ ބޭކަލެކެވެ. މި ބޭކަލުންގެ ދަށުން ތިއްބަވާނީ، އަސްކަރު މުސްޅީން ނެވެ. ދެން ތިއްބަވާނީ، މަޖިލީހަށްއަރާ ބޭކަލުންނެވެ.

ދިވެހިތާރީޚުގައި އެންމެ ފަހުން ހަވަރު ބެރު ޖެއްސެވީ ދިވެހި ދައުލަތުގެ ވަޒީރުލް އައުޤާފް ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވުމާ ގުޅިގެން ޖެހިގެންނެވެ.  އެމަނިކުފާނު އަވަހާރަވީ 1961 އޮކްޓޯބަރު 29 ވީ އާދިއްތަ ދުވަހުގެ ހަވީރު 04:15 ގައެވެ. ހަވަރުބެރު ޖެހީ ހޯމަ ދުވަހުގެ ހެނދުނު 07:00 ގައެވެ. ބެރު ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ އަލްފާޟިލް ކުއްޅަވަށް ޢަލީދީދީއާއި އަލްމުޙްތަރަމް ބެރު ދޮހުއްތުއެވެ. ހަވަރުބެރު ޖެހިއިރު މަޙްކަމަތުލް އަމަންއާންމުގެ ވެރިޔާ އަލްފާޟިލް އިބްރާހިމް ނާޞިރާއި މަޙްކަމަތުލް އަމަންއާންމުގެ ނާއިބުގެ ބަދަލު އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް އެތަނުގައި ވަޑައިގެން ހުންނެވިއެވެ. އެދުވަހު ހަވަރު ބެރު ޖެހީމާ ނުކުންނެވީ ދެތިން ހަތަރު މީހެކެވެ. އެދުވަހު ދިވެހި ދައުލަތުގެ ދިދަ ހުރީ ބައިދަޑިއަށް ތިރިކޮށްފައެވެ. އަދި އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ހަވަރުބެރު ޖެހުން ހުއްޓާލުމަށް ވަޒީރުންގެ މަޖިލިހުން ފާސްކޮށް އެކަން އެންގެވީ 13 ނޮވެމްބަރު 1961 ގައެވެ. އެހެންނަމަވެސް އާންމު ރައްޔިތުންނަށް ހަވަރު ބެރުޖެހުން ހުއްޓާލިކަން އެންގުމުގެ ގޮތުން އިޢުލާންކުރީ 20 ނޮވެމްބަރު 1961 ވީ ހޯމަ ދުވަހުއެވެ. އެދުވަހު "ވިޔަފާރި މިއަދު" އާއި "ފަތިސް" ނޫހުގައި އެކަން އިޢުލާން ކުރެއްވިއެވެ.

No comments: