Monday, December 30, 2013

ނ. އަތޮޅުގެ ތާރީޚް: ލަންދޫން މާބަދިގެއާއި އެރަށުން ފެނުނު އާސާރީ ގައު

ލަންދޫ ގައު: މިއީ ރާއްޖޭގެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުން ހިމެނޭގައު
 ލަންދޫން ފެނުނު ގަލަކީ މީލާދީން 6 ވަނަ ގަރުނުގެ ލިޔުމެކެވެ. މިއީ ރާއްޖޭގައި ފެންނަންއޮތް އެންމެ ދުވަސްވީ ލިޔުމެވެ. މިއީ ރާއްޖޭގައި ލިޔަންކިޔަން ފެށުނު ދުވަސްވަރު ބުނެދޭ ތާރީޚީ ގަލެވެ. ދިވެހިރާއްޖޭގެ ތާރީޚީ އެންމެ ގިނަދުވަސްވީ ލިޔުމުގައި ބޭނުންކޮށްފައިވާ އަކުރަކީ މީލާދީން 6 ވަނަ ޤަރުނުގައި ބޭނުންކޮށްފައިވާ ދެކުނު ބްރަހުމީ ނުވަތަ "ފަހުގެ ބްރަހުމީ" އަކުރެވެ.  މި އަކުރަކީ ދެކުނު އިންޑިޔާ އާއި ސްރީލަންކާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ރަށްރަށުގައި، މީލާދީ ފަސް ވަނަ ޤަރުނާއި ހަތް ވަނަ ޤަރުނާ ދެމެދުގައި ބޭނުންކޮށް އުޅުނު "ބުރަހުމީ" އަކުރުން އުފެދިފައިވާ އަކުރެކެވެ. މި ދެންނެވި ޒަމާނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން މި އުންމަތަށް ލިބުމުގެ ކުރިއެވެ. 


ކުރީގެ ދާރުލްއާސާރުގައި "ލަންދޫގައު" ކައިރީގައި
ލަންދޫން ފެނުނު ގަލުގައި ލިޔެފައިވާ ބްރަހުމީ އަކުރުން ލިޔެފައިވާ ދެވަނަ ލިޔުމެއް ރާއްޖެއަކުން އަދި ފެނިފައެއް ނުވެއެވެ. މިލިޔުމުގެ ފަހުގެ  ލިޔުންތަކުގެ ތެރެއިން ދެން އެންމެދޮށީ އަކުރަކަށް ފެނިފައިވަނީ މި ސަރަޙައްދުގައި މީލާދީން 8 ވަނަ ގަރުނާއި 9 ވަނަ ގަރުނުހާތަނުގައި ބޭނުންކުރި "ޕްރޯޓޯ-ނާގަރީ" އަކުރެވެ. މިލިޔުން ފެނިފައިވާ ތަރިކައަކީ އއ. މާޅޮހުން ފެނިފައިވާ ހިރިގަލު ފޮއްޓެއްގެ މަތިގަޑެވެ.

ލަންދޫން ފެނުނު ހިރިގާ ބޭރުގެ ފަންނީ ދެ މާހިރުންގެ އެހީގައި ސަރުކާރުން ދިރާސާ ކުރެއްވިއެވެ. އޭގެ ތެރެއިން ޖަރުމަނުވިލާތުގެ ޕްރޮފެސަރު ގިޕާޓް ވިދާޅުވެފައިވާ ގޮތުގައި، ލަންދޫން ފެނުނު ގަލުގައި ލިޔެފައިވަނީ ބުޑިސްޓް ދީނުގެ ވަޖުރަޔާނަ ބުޑިޒަމްގެ ފަންޑިތައެއް ކަމަށެވެ. އެ ޒަމާނަކީ ބުޑިސްޓު ދީނުގެ ވަޖުރަޔާނަ މަޒުހަބު އުފެދިގެން އައި ޒަމާންކަން ދުނިޔޭގެ ތާރީޚުން އެގެއެވެ. އެ ދީނުގެ ބައެއް އާސާރުތައް ރާއްޖޭގެ ބިމުގައި ވަޅުލެވިފައިހުއްޓާ ފެނިފައިވެސް ވެއެވެ.

ލަންދޫން މި އާސާރީ ގައު ފެނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ހުރި އެންމެ ގަދީމީ އެއް ބިނާގެ އަސަރުތައް ހުރި ރަށެވެ. މިދެންނެވި އާސާރީ ސަރަހައްދަކީ ލަންދޫގައި ހުންނަ "މާބަދިގެ" އެވެ. ބައެއް މީހުން "ލަންދޫ މާބުދުގެ" އޭވެސް ކިޔައެވެ. ކުރީ ޒަމާނުގައި އެތަނަށް އެ ރަށުގެ މީހުން " ހަތްކަ " ނުވަތަ "ހައިކަ" އޭވެސް ކިޔެވެ. އަދި "މާބަދިގެ ހަތްކެއި ހައިތަ" ވެސް މިތަނަށް ކިޔައެވެ.  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ލަންދޫ މާބަދިގޭގެ ބޮޑުމިން ރެކޯޑްކޮށްފައިވަނީ  292 ފޫޓުގެ ތަނެއްގެ ގޮތުގައެވެ.  އުސްމިނަކީ 28 ފޫޓެވެ. އެކަމަކު މިހާރު މިތަނުގެ ސައިޒު ކުޑަވެފައި އުސްމިން ކުރިއަށްވުރެ ތިރިއެވެ.

ނ. ލަންދޫން 2012 ޖޫން 10 ވަނަ ދުވަހު ފެނިފައިވާ ދެވަނަ ގަލެއް.
ލަންދޫ މާބަދިގެ  މީލާދީން 1900 ވަނައަހަރު މިސްޓަރ ޖޭ ސްޓެންލީ ގާރޑްނަރ ކިޔާ ބޭފުޅަކު ބެއްލެވިއެވެ. އެ ދިރާސާގައި ފެނުނު ވަޅެއްގެ ތެރެއިން ރަނާއި އަދި ރަންވަން ލޮއިން ހަދާފައިވާ ވަށް ފޮތިތަކެއް ފެނިފައިވާކަމަށް އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގައި ލިޔެފައިވެއެވެ. ބެލް ވިދާޅުވާގޮތުގައި އެ ތަކެތި ވަނީ އެދުވަސްވަރު ވިރުވައި ހަލާކު ކޮށްލާފައެވެ. ލަންދޫ މާބުދުގެ އަކީ އެ ސަރަޙައްދުގައި ހަދާފައިވާ އެކުވެނީގެ އެންމެ ބޮޑުތަންކަމަށެވެ.  މީގެ އިތުރުން އެތަނުގައި ފައްޅިއަކާއި އިތުރު ކުޑަ ފަސް އިސްތޫޕާވެސް ހުންނާނެ ކަމަށް ބެލް ވިދާޅުވެއެވެ. "އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ" އިން ރާއްޖެ ފޮނުއްވި ޓީމަކުން 1987 ވަނައަހަރު ސާރވޭ ކޮށްބެލުމަށްފަހު ލަންދޫ މާބަދިގެއަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް (މޮނާސްޓްރީއެއް) ކަމަށް އެމީހުންވެސް ވަނީ ބުނެފައެވެ.

އިންސާނީ މުޖްތަމަޢެއް ތަހުޒީބު ހަޟާރަތަކަށް ބަދަލުވުމުގެ އަސްލަކީ އެ ބައެއްގެ ތެރޭގައި ލިޔަންކިޔަން ފެށުމެވެ. މި މިންގަނޑު މިނާއިރު ރާއްޖޭގައި އެންމެ ޤަދީމީ ޙަޞާރަތެއް ލިބިފައިވަނީ ނ. އަތޮޅަށެވެ. ޚާއްޞަކޮށް ލަންދޫގެ ރައްޔިތުންނަށްކަން ޤަބޫލުކުރަން ޖެހެއެވެ. މީލާދީން ހަވަނަ ޤަރުނުގައި ލަންދޫވަނީ ތަޙުޒީބު ވެފައެވެ. މިއީ ދިވެހިރާއްޖެ ތަހުޒީބުވީ އަހަރު ކަމަށް ތާރީޚީ ލިޔުންތެރިން ވިދާޅުވާ ގަރުނެވެ. އެގޮތަށް ކަނޑައަޅަނީ ލަންދޫން ފެނުނު ތަރީޚީ އަދި އާސާރީ ލިޔުމަށް ބުރަވެއެވެ. 


No comments: