Friday, December 27, 2013

ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅުގައި ތަޢުލީމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން


ނ. ވެލިދޫ ހިލިހިލާގޭ މުޙައްމަދު އަބޫބަކުރު 

މުޙައްމަދު އަބޫބަކުރަކީ އަމިއްލައަށް އިސްނަންގަވައިގެން އެކި ޢުމުރުގެ ކުދިންނަށް ކިޔަވައި ދެއްވި ޚިދުމަތްތެރި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ވެލިދޫ ރައްޔިތުންގެ މަދަރުސާގައެވެ. އެ މަދަރުސާ އުވުމުން އޭރު އެ މަދަރުސާގައި ކިޔަވަމުން ދިޔަ ދަރިވަރުން މުޙައްމަދު އަބޫބަކުރުގެ ގެއަށް ގެންނަވައިގެން ކިޔަވައި ދެއްވަމުން ގެންދެވިއެވެ. އޭގެފަހުން 1989 ގައި "ރޯޝަނީ މަކްތަބު" ރަޖިސްޓްރީ ކުރައްވައި ހިންގަވަން ފެއްޓެވިއެވެ.
ކީރިތި ޤުރުއާނާއި ތަޖުވީދާއި ޢަރަބި ތާނަ ލިޔަން ދަސްކޮދެއްވަމުން ގެންދެވި މި ޚިދުމަތްތެރިޔާއަކީ ފަގީރު ނިކަމެތި ކުދިންނަށް ހިލޭ ކިޔަވައި ދެއްވި ބޭފުޅެކެވެ.

ހޮޅުދޫ އޯކިޑްވިލާ މުޙައްމަދު ޙަސަން 

މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރައްވައިގެން ނ. ހޮޅުދުއަށް ވަޑައިގެން ތަޢުލީމް ދެއްވުމުގައި މަސައްކަތް ކުރެއްވިއެވެ. އޭރު ހޮޅުދޫ މޭނާ ސްކޫލުގެ ކިޔެވުން ފެށިގެން ކުރިއަށްދަނީއެވެ. އެއީ ރާއްޖެތެރޭގައި އެންމެ ގިނަ ދުވަސްވީ ދެވަނަ ސްކޫލެވެ. އެ ސްކޫލަކީ ސަރުކާރުން ޚަރަދު ކުރައްވައިގެން ހިންގަވާ ސްކޫލެއްގެ ގޮތުގައި ހަމަޖެހެންދެން މުޙައްމަދު ޙަސަން އެ ސްކޫލުގައި ކިޔަވައި ދެއްވަމުން ގެންދެވިއެވެ. 1975 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގެ ނާޒިރުގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް އުފުއްލަވަމުން ގެންދެވިއެވެ. 

މަނަދޫ ކަރަންކާވިލާ ހާރޫނު މޫސާ 

ދާރުލްއިޤާމާ ބޯޑިންގ ގައި ހުންނަވައިގެން މަދަރުސަތުލް ސަނިއްޔާ (ފަހުން މަޖީދިއްޔާ ސްކޫލް) އިން ތަޢުލީމް ހާސިލު ކުރައްވައިގެން މަނަދޫއަށް ވަޑައިގެން ރަށުގެ ތަޢުލީމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. މަނަދޫގައި އަތޮޅު މަދަރުސާއެއް ހިންގެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ އެކަން ކާމިޔާބު ކުރެއްވިއެވެ. އަދި އެމަދަރުސާގައި ކިޔަވައި ދެއްވިއެވެ. 1978 ވަނަ އަހަރު ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އުތުރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މަނަދޫގައި ހުޅުވައި ދެއްވި މަނަދޫ ޕްރައިމަރީ ސްކޫލަކީ ހާރޫނު މޫސާ ދެކެވަޑައިގެންނެވި ފޮނި ހުވަފެންފުޅެއްގައި ކުލަޖެހިގެން ދިޔަ ދުވަހެކެވެ. އެ ސްކޫލުގެ ނާޒިރުކަން އެންމެ ގިނަ ދުވަސްވަންދެން ކުރެއްވި ބޭފުޅަކީ އެއީއެވެ.  (ނިނިމޭ)


No comments: