Friday, December 13, 2013

ހަނދާނުގެ ފަތްފުށުން: ފުރަތަމަ ދާގަނޑުޖެހި ގޯލް


އޭރު އަހަރެންގެ އުމުރުންވާނީ 13، 14 ވަރަކަށް އަހަރެވެ. ކުޑަކަމުން ފުލްޓީމަށް އަރާވަރެއް ނުވެއެވެ. އޭރު ހުންނަނީ ބޯޅަ ހޮވާށެވެ. އެދުވަސްވަރަކީ ރަށުގައި ވަރަށް ފޯރީގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރެކެވެ. ސްކޫލުގެ ބޮޑެތި ކުދިންނާއި ޒުވާނުންނެވެ. ސްކޫލު ކުދިންގ ފުޓްބޯޅަ ދަނޑު އޮންނަނީ އޭރު މަނަދޫގެ ސޯސަންމަގުގެ އެންމެ ހުޅަނގުން އެމަގުގެ ކޮޅުގައެވެ. މިހާރު އެމަގު ހުޅަނގަށް ގެންގޮސް ފޫދުއްވާލާފައި އެވަނީ އެ ދަނޑުގެ ތެރެއިންނެވެ. 


އެއީ ވަރަށް އެއްވަރު ވިނަ ދަނޑެކެވެ. ވަށައިގެން ގަސް ހެދިފައި އޮތަސް ދަނޑު އޮންނަނީ ވަރަށް ރީތިކޮށެވެ. ދެކުނު ފަރާތުގައި އޭރު އޮންނަނީ ބޮޑު ރުއްގަޑެކެވެ. އުތުރު ފަރާތުގައި އޮންނަނީ ހޭޅިފަށެއް އޮވެފައި މޫދެވެ. ދަނޑު އޮތީ އިރުން ހުޅަނގަށެވެ. އެ ދަނޑަކީ ހެދުނާއި ހަވީރު އަދި އިރުއޮއްސި މޫނު އަދިރިވަންދެން ފުޓްބޯޅަ ކުޅުނު ދަނޑެވެ. ވަރުބަލިވެ ފެން ބޮވައިގަތީމާ ގޮސްވަންނަނީ ކައިރި ގޭގެއަށެވެ. ގިނަ ދުވަސް ދުވަހު އެގޭގޭގެ ފެންބަޑިޔާ ހުންނާނީ ހުސްވެފައެވެ. އެއީ ތަށި ގަންބައިގެން ބަޑިޔަލުން ފެންބުއި ޒަމާނެވެ. ބޯޅަ ކުޅެނީ ހުސްފައިފައެވެ. ބައެއް ކުދިން އެއްފަޔަށް އިސްޓާކީނެއް ލާފައި ހުރެއެވެ. 

1987 ވަނަ އަހަރުހާ ތަނުގައި ގޯލްދާގަނޑު މަނަދޫއަށް ތަޢާރަފު ވިއެވެ. ފުރަތަމަ ދާގަނޑު ޖެހީ ކުރިން މިބުނި ދަނޑުގެ ދެ ގޯލްގައެވެ. މި މަސައްކަތް ކުރީ މާލެއިން ގޮސްހުރި ބޭކަލެއްގެ އިރުޝާދާ އެކުގައި ސްކޫލުގެ ބޮޑަށްޗަށް ތިބި ދަރިވަރުންނާއި ޒުވާނުންނެވެ. އަހަރެންނަށް ދަނޑަށް ދެވުނީ ދާގަނޑު ޖަހައިގެން ބޯޅަ ދަނޑު ހަދައިގެން ކުޅެންފެށިތާ  ދެތިން ދުވަސްފަހުންނެވެ. ގޯލްގެ ދެފޯސްޓް ހުރީ ދަނޑުގެ އެތެރޭގައެވެ. ގޯލާވީކޮޅުން ބޯޅަ ބޭރުވާ ރޮނގަށް ތެދުކޮށްފައިވަނީ ގޯލް ދާގަނޑުގެ ބޭރު ކައިރިއެވެ. އެހެންވީމާ ދެގޯލުވެސް ހަގީގަތުގައި މިހިރީ ދަނޑުގެ އެތެރޭގައެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ ހަމަ ހުންނަ ގޮތް ހެއްޔެވެ؟ ކޯނަރު ނަގާށާއި ގޯލް ޖަހަންވެސް ހާދަ އުދަގޫވާނެއެވެ. ކުޅެމުންދިޔަ މެޗް ބަލަން އަހަރެން ހުރީމެވެ. ބައެއް ފަހަރު ގޯލްގެ އަރިމަތީ ދާގަނޑު ކައިރި މީހުންތައް ބޮޑިވެގެން އުޅެއެވެ. މިއީ ހަމަ ދާގަނޑު ޖަހާފައިހުންނަ ގޯލް ހުންނަ ގޮތްތޯ ކުރެވެނީ ސުވާލެވެ. އެކަން ރަނގަޅަށް އެނގޭ އެއްވެސް މީހަކު ނެތެވެ. މާލެއިން ދުރުވެ ހުންނެވި "ކޯޗް"ވެސް ބުނީ އެއީ ހުންނަ ގޮތް ކަމަށެވެ. މިކަމާބެހޭ ގޮތުން މާގިނަ ސުވާލުތައްކޮށް ވާހަކަ ދައްކައިގެން އެހެންނާ ކުޅެލަން އަރުވާ ވަރަށްވެސް ކުޅެލާކަށް ޗާންސެއް ނުލިބެއެވެ. ބޭރަށްދާ ބޯޅަ ހޮވައިގެން ގެނެސް ޖަހާލީމާވެސް ހިތްހަމަޖެހުން ލިބެއެވެ. 

މިހެން އުޅެނިކޮށް އެއް ދުވަހަކު ކުޅެން އަރުވައިފިއެވެ. ކޮންމެ ކޮޅަކަށްވެސް ބޯޅަ ގޯލް ކައިރިއަށްގޮސް ގިނަ ބޯޅަތައް ދިމާވަނީ ގޯލްގެ އަރިމަތީ ދާގަޑާއެވެ. އޭރު އާންމުކޮށް ހުރިހާ އެންމެންވެސް ކުޅޭނީ މުޅި ދަނޑުގައެވެ. ކީޕަރާއި "ބެކާ" ނޫނީ ދެތިބޭނީ ހުރިހާ ތަނަކަށް ކުޅޭ މީހުންނެވެ. މޮޅަށް ކުޅެވޭނީ ބުންވަރު ހުރެގެންނެވެ. އޭރު ހުރިހާ ކުދިންވެސް ވަރަށް ބުންވަރު ގަދަވާނެއެވެ. މާބޮޑަށް މީހުން ބޮޑިވެ ގޯލުގެ އަރިމަތީ ދާގަނޑުގައި އެލި އެތަނަށް ބޮޑިވުމުން ކޯޗް ކަށިގަނޑު ފުމެފައި ބެކުން ޖަހަނީއެވެ. އަހަރެންނަށް މިއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ ކަމަކަށް ނުވިއެވެ. އެކަމަކު ރަނގަޅު ގޮތެއްވެސް ނޭނގެއެވެ. މިގޮތުގައި ވަރަށް ފޯރީގައި ކުޅެމުންދަނިކޮށް ކޮންމެ ގޮތަކުން ގޯލް ހުންނަންވީ ރަނގަޅުގޮތް އެކަމުގައި އިސްކޮށް އުޅޭ މީހުންނަށް ޤަބޫލު ކުރެވޭ ވަރަށް އެނގިއްޖެއެވެ. ވަގުތުން ގޯލް އުފުރާލައިގެން ބޭރަށް ނެރެފިއެވެ.

No comments: