Saturday, December 14, 2013

ނ. އަތޮޅުގެ ތާރީޚް ކުޑިގޭ ޢަބްދުއްލަޠީފުގެ ކުއްލި އަވަހާރަވުން

މުޙައްމަދު ޢަބްދުއްލަޠީފް (ކުޑި ޢަބްދުއްލަޠީފް)
27 ނޮވެމްބަރު 1959 (26 ޖުމާދިލް އައްވަލް 1379) ހުކުރު ދުވަހުގެރޭ ނ. ހޮޅުދޫ މަދަރުސަތުލް ޘަޤާފާގައި ނ. އަތޮޅު އަތޮޅުވެރިޔާ ކުޑިގޭ ޢަބްދުއްލަޠީފް ހުންނެވީ ދަރިވަރުންނާ ވާހަކަ ދައްކަވާށެވެ. އެތަނުން ދެން ވަޑައިގަތީ ހޮޅުދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާށެވެ. އެއަށްފަހު ވަޑައިގެންނެވީ އަތޮޅުގެއަށެވެ. ހޮޅުދޫ ޗާނދަނީވިލާ އަށެވެ. 

އެދުވަސްވަރަކީ ނ. އަތޮޅުގެ އަތޮޅުވެރިކަން މަނަދޫން ހޮޅުދޫއަށް ބަދަލު ކުރައްވައި ހޮޅުދޫގައި ހުންނަވައިގެން ކުޑިގޭ ޢަބްދުއްލަޠީފް ނ. އަތޮޅުގެ އަތޮޅުވެރިކަން ކުރައްވަމުން ގެންދެވި ދުވަސްވަރެވެ. އެރޭ 10:30 ހާއިރު އިސްތަށިފުޅުގައި ރިހިވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ. އެއީ އާދައިމަތިން ދޭތެރެ ދޭތެރެއިން އޭނާއަށް ދިމާވާ އާލާސްކަންފުޅެކެވެ. އެހެންވުމުން އެއްވެސް ކަންބޮޑުވުމެއްނެތި ރޭގަނޑުގެ އަވަހާރަފުޅަށް އޮށޮންނަވައިފިއެވެ. އެހެންނަމަވެސް ޖެހިގެން އައި ހޮނިހިރު ދުވަހު ކޮޓަރިކޮޅުން ނިކުމެވަޑައެއް ނުގަންނަވައެވެ. މޭފުޅަށް ހިސާބަކަށް ތަދުފުޅުވަނީއެވެ. އެ އާލާސްކަންފުޅުގައި މެންދުރުވަންދެން ކޮޓރިކޮޅުގައި އޮންނެވީއެވެ. މީހުންނާ ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. ކުއްލިއަކަށް ޢަބްދުއްލަޠީފުގެ މޫނުފުޅުގެ ކުލަ ބަދަލުވެއްޖެއެވެ. އެދުވަހުގެ 12:34 ގައި އޭނާގެ ހަށިކޮޅު ދޫކޮށް ފުރާނަފުޅު ހިގައްޖެއެވެ. ކުއްލި އަވަހާރަފުޅަކުން މިދުނިޔެއާ އަލްވަދާޢު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މެންދުރުވަމުން އައިއިރު ހޮޅުދޫ ޗާނދަނީވިލާ ގެ ތެރެއިން ފެންނަމުން ދިޔައީ ހާސްކަމެވެ. ރަސްމީ ބޭނުންތަކަށް އައި މީހުންވެސް ފަހުން އައުމަށްދިޔައީ ފޮނުވާލަމުންނެވެ. އަތޮޅުގޭ ތެރެއިން ކެރަފާ އިސްމާޢީލްފުޅު ދުވެފައި ނިކުންތަން ފެނުނެވެ. އޭނާ އައީ ކުޑަކަތީބު ގޮވައިގެންނެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އިސްމާޢީލްފުޅު ދުވެފައިގޮސް ކުޑަ މުޙައްމަދު ކިޔާ މީހަކު ގެނައެވެ. ވެގެންއުޅޭ ގޮތެއް މަންޒަރު ފެންނަ މީހުންނަކަށް ނޭގެއެވެ. ދެން ކުއްލިއަކަށް ރަށު ތެރެއަށް ފެތުރިގެން ދިޔައީ އަތޮޅުވެރިން އަވަހާރަވީ ޚަބަރެވެ. 

ކުޑިގޭ މުޙައްމަދު ޢަބްދުއްލަޠީފަކީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.  ދިވެހިރާއްޖޭގެ ދާޚިލީ މަޙްކަމާގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ހުންނަވައިގެން އެ މަޙްކަމާ ހިންގެވި ދުވަސްވަރު (1945 ވަނަ އަހަރު) ކުޑިގޭ ޢަބްދުއްލަތީފަކީ މުޒާރަތުއް ދާޚިއްޔާގެ ސެކްރެޓަރީއެވެ. އަމީންދީދީގެ އަރިހުގައި ޚިދުމަތްތެރި މަސައްކަތްޕުޅުތަކެއް ޢަބްދުއްލަތީފް އަދާކުރެއްވިއެވެ. އޭނާއަކީ މ.ރ ގެ ދައުރަށްފަހު މަދަރުސަތުލް މަޖީދިއްޔާގެ މަޝްހޫރު ފުނަ މުރުޝިދުގެ ތާރީޚީ ރަނުގެ ނަންފުޅު ލިބިވަޑައިގެންފައިވާ އެއް މުރުޝިދެވެ. އޭގެފަހުން މަދަރުސަތުލް މަޖީދިއްޔާގެ ތަޢުލީމީ މުރުޝިދެއްގެ ގޮތުންވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. އޭނާވަނީ މަދަރުސަތުލް މަޖީދިއްޔާގެ ނާޒިރުގެ ނާއިބުގެ މަޤާމާއި ނާޒިރުގެ ބަދަލުގެ މަޤާމުވެސް ފުރުއްވާފައެވެ. ތަޢުލީމީ ދާއިރާގައި ރަސްމީ މަޤާމެއްގެ ގޮތުން ޚިދުމަތް ކުރައްވަން ފެއްޓެވީ 1946 ވަނަ އަހަރު މަދުރަސަތުއްސަނިއްޔާގެ މުދައްރިސް ކަމުގެ މަޤާމާއެކުގައެވެ. ވުޒާރަތުލް މަޢާރިފުގެ ވަކީލުކަމާއި ނާއިބުކަންވެސްވަނީ ޢަބްދުއްލަޠީފް ކުރައްވާފައެވެ.  އެ ވުޒާރާގެ ނާއިބުކަން ލިބިވަޑައިގެންނެވީ 31 މެއި 1956 ގައެވެ. މީގެއިތުރުން މ.މ.ދ ޖަމްޢިއްޔާގެ ސެކްރެޓަރީއެއްގެ ގޮތުންވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭނާވަނީ 1957 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ ބ. އަތޮޅު މެމްބަރުކަންވެސް ކުރައްވާފައެވެ.

ނ. އަތޮޅުގެ އަތޮޅުވެރިކަން މުޙައްމަދު ޢަބްދުއްލަޠީފަށް ލިބިވަޑައިގެންނެވީ 06 ޑިސެމްބަރު 1958 (23 ޖުމާދިލްއައްވަލް 1378) ވީ ހޮނިހިރު ދުވަހުއެވެ. އެއީ ފުންނާބު އުސް އަދީބެކެވެ. ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. އެއީ އަންޖަމަން އަމީނުގެ މެމްބަރެކެވެ. ނާދީ ތަމަންދުން އާއި މަޖީދީ ކުތުބުޚާނާގެވެސް މެމްބަރެކެވެ. ނ. އަތޮޅުން ނިކުން "ޚިޔާލު" ނޫހުގެ މުޙައްރިކެވެ. އެނޫސް ދުނިޔޭގެ އަލިކަން ދެކުނު އެންމެ އިސް ސަބަބެވެ.  

"ފަރިވެއްޖެ ކޮންމެ މަލަކީ އެއްދުވަހަކުން މިލާނޭ، 
އަދިވެއްޓި ބިންމަތީގައި މޮޑެވޭނެ އެއްޗެކޭ" 

މަތީގައިވާ ޅެން ބައިތަކީ 1959 ޑިސެމްބަރު 1 ވަނަ ދުވަހު ނެރުނު ވިޔަފާރި މިއަދުގައި އަންޖަމަން އަމީންގެ ފަރާތުން ޝާއިޢުކުރި ތައުޒިޔާގެ ބަޔާނުގައި ލިޔެފައިވާ ބައިތެކެވެ. ކުޑިގޭ މުޙައްމަދު ޢަބްދުއްލަޠީފް އަވަހަރާވީ އުމުރުފުޅުން 45 އަހަރުގައި ނ. ހޮޅުދޫގައެވެ. ކުޑިގޭ ޢަބްދުއްލަޠީފުގެ ކުއްލި އަވަހާރަފުޅާބެހޭ ގޮތުން ތަފާތު ގޮތްގޮތަށް އެވާހަކަތައް ދެކެވެއެވެ.  އޭނާ އަވަހާރަވީ އަމިއްލަފުޅަށް ޒަޚަރު ހިއްޕަވައިގެން ކަމަށް ބައެއް މީހުން ތުޚުމަތު ކުރެއެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ތުޚުތަމެއް ނުކުރެއެވެ. 
ކުޑިގޭ ޢަބްދުއްލަޠީފް އަވަހާރަވީ ވަރަށް ބޮޑު މައްސަލަ ގަޑެއްގެ ތެރޭގައެވެ. އަތޮޅުވެރިކަމުގައި ނ. އަތޮޅު މަނަދޫގައި ހުންނަވަނިކޮށް ދިމާވި ބޮޑު "ހައިޖާނު ގަނޑެއް" ގެ ތެރޭގައެވެ. މަނަދޫގައި އަތޮޅުވެރިކަން ކުރެއްވެން ނެތިގެން ސަރުކާރުގައި ދަންނަވައިގެން ހޮޅުދޫއަށް އަތޮޅުވެރިކަން ބަދަލު ކުރައްވައިގެން ހުންނަވަނިކޮށެވެ. އަތޮޅުވެރިންނާ ދެކޮޅަށް މަނަދޫ ރައްޔިތުން ކުރި އިހްތިޖާޖާ ގުޅިގެން އެތައް ބަޔަކު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް އަރުވާލެވިފައިވާ ދުވަސް ވަރެއްގައެވެ. މަނަދޫ ރައްޔިތުން "ކުޑިބެ" އާ ދެކޮޅަށް ކުރި އިހްތިޖާޖަކީ އަސްލެއް އޮވެގެން ޙަޤީޤަތްތަކެއް މައްޗަށް ފާޅުކުރި ޙައްޤު ދެކޮޅުވެރިކަމެއްކަން ސަރުކާރަށް ޤަބޫލުކުރެވޭ ވަރަށް އެ ރައްޔިތުން މަސައްކަތް ކުރިއެވެ. އެހެން ފަހަރަކުން އަދި އެ ހަމަނުޖެހުންގަނޑުގެ ތަފްސީލު އިރާދަކުރެއްވިޔާ ލިޔާނަމެވެ. ކުޑިގޭ ޢަބްދުއްލަޠީފް އަވަހާރަވީ ޑީޑީޓީ ކިޔާ ވިހައެއް ބޭނުން ކުރައްވައިގެން ކަމަށްވެސް ވާހަކަ ދެކެވެއެވެ.

No comments: