Saturday, December 14, 2013

ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓާއި، ފަނޑިޔާރުކަން ކުރައްވާފައިވާ ބޭބޭ ފުޅުން


ދިވެހިރާއްޖޭގައި ވަކި އިދާރާއެއްގެ ގޮތުގައި ކޯޓުތައް އުފެދި އެތަންތަނުން ޢަދުލް އިންޞާފުގެ މުހިންމު ޚިދުމަތް ރައްޔިތުންނަށް ދެވެންފެށިފައިވަނީ ހިޖްރީ ސަނަތުން 1327 ވަނަ އަހަރުގައި ކަމަށްވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލު ކުރުމާއެކުއެކީގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަސައްކަތަށް ވެރިކަމުގެ ފަރާތުން ބޭފުޅުން ޢައްޔަންކުރެވި އެކަން ވަނީ އޭރުގެ ޙާލަތާ އެކަށޭނަ ގޮތަކަށް ހިނގަން ފަށާފައެވެ.



ރާއްޖޭގެ ވެރިކަމާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޙަވާލުވެ ވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ޝަރުޢީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޢަދުލު އިންޞާފު ލިބިދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދަވައި ކޯޓުތަކުން ކަނޑައެޅޭ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި 1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި ޖެހިގެން އައި ދުވަހު ހައކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭބޭފުޅުން:.
1980 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު ހައިކޯޓުގައި ތަފާތު ބޭބޭ ފުޅުން ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބަލައިލާއިރު އަންނަނިވި ބޭބޭފުޅުން ހިމެނެވެ.

އުއްތަމަފަނޑިޔާރު ފަޟީލަތުލްއުސްތާޛުއްޝައިޚް އަލްމަރުޙޫމް މޫސާ ފަތުހީ ޤާސިމްFathy.jpg
5 އޮކްޓޯބަރ 1980 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓް އުފެއްދެވުމާ ގުޅިގެން، 6 އޮކްޓޯބަރ 1980 ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އިސްކުރެއްވި ބޭފުޅަކީ ފަޟީލަތުލްއުސްތާޛުއްޝައިޚް މޫސާ ފަތުޙީ ޤާސިމް އެވެ.
އެމަނިކު ފާނަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ.
އެމަނިކުފާނު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމަށް އިސްކުރެވުނު ދުވަހުން ފެށިގެން 6 ނޮވެމްބަރ 1996 ގައި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރު ކަމުގެ މަޤާމަށް ބަދަލުކުރެއްވުމާ ހަމަޔަށް ހުންނެވީ އުއްތަމަފަނޑިޔާރު ކަމުގެ މަޤާމުގައެވެ.

އަލްއުސްތާޛު ޙުސައިން ޔޫސުފު
އަލްއުސްތާޛު ޙުސައިން ޔޫސުފަކީ އަލްމަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރަކަށް އިސްކުރެއްވީ 6 އޮކްޓޯބަރ 1980 ދުވަހުއެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ފަނޑިޔާރުކަމުން ވަކިކުރެއްވީ 25 ޑިސެމްބަރ 1980 ދުވަހުއެވެ.

އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާންHusainARahman.jpg
އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނު އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރަކަށް އިސްކުރެއްވީ 06 އޮކްޓޯބަރ 1980 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވަނީ އެޓަރނީޖެނެރަލްގެ ނާއިބަކަށް އިސްކުރެއްވުމާއި ގުޅިގެން 11 އޮގަސްޓް 1981 ވަނަ ދުވަހުއެވެ.

އައްޝައިޚް އަޙްމަދު އާދަމް
އައްޝައިޚް އަޙްމަދު އާދަމް އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ.
އެމަނިކުފާނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 10 ޑިސެމްބަރ 1980 ގައެވެ. 09 ޖުލައި 1983 ވަނަ ދުވަހާއި ހަމަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ.

އައްޝައިޚް އިބްރާހީމް ރަމީޒުRameez.gif
އައްޝައިޚް އިބްރާހީމް ރަމީޒު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވީ 11 އޯގަސްޓް 1981 ވަނަ ދުވަހުއެވެ. އެމަނިކުފާނު 18 ޖުލައި 1983 ވަނަ ދުވަހާއި ހަމަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ.




އަލްއުސްތާޛު ޢަބްދުﷲ އާދަމްAbudullaAdam.JPG
އަލްއުސްތާޛު ޢަބްދުﷲ އާދަމް އަކީ 1989 މާރޗް 12 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން އެމަނިކުފާނު ވަކިވެފައިވަނީ އެންޓި-ކޮރަޕްޝަން ބޯޑުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންގެ މަޤާމަށް ބަދަލުކުރެއްވުމާއި ގުޅިގެން 21 އޭޕްރީލް 1991 ގައެވެ.



އަލްފާޟިލް ޔޫސުފް މޫސާYoosufMoosa.JPG
އަލްފާޟިލް ޔޫސުފް މޫސާއަކީ 26 އޯގަސްޓް 1992 ން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ ދެވަނަ ޕެންޝަން ލިބިލެއްވުމާ ގުޅިގެން 14 ޖޫން 1996 ގައެވެ.




އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދު
އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ 1995 ޖޫން 01 ވަނަ ދުވަހު އެވެ. ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވަނީ، 27 އޮކްޓޯބަރ 1997 ގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމަކަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ.


އަލްއުސްތާޛު އިބްރާހީމް ނަޞީރު
އަލްއުސްތާޛު އިބްރާހީމް ނަޞީރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ 21 ޖުލައި 1983 ގައެވެ. އަދި 02 ފެބްރުއަރީ 2000 ގައި ދެވަނަ ޕެންޝަން ލިބިލައްވާފައިވާއިރު، 30 ޖުލައި 2003 ގައި އިސްފަނޑިޔާރެއްގެ މަޤާމަށް ބަދަލުކުރެވުނެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮން 2004 ޖެނުއަރީ 23 ވަނަ ދުވަހު ވަނީ ދެމިއޮތުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ.


އަލްފާޟިލް އަޙްމަދު ޙަމީދު ފަހްމީ
އަލްފާޟިލް އަޙްމަދު ޙަމީދު ފަހްމީ އަކީ 1983 ޖުލައި 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ބޭފުޅެކެވެ. 30 ޖުލައި 2003 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރެއްގެ މަޤާމަށް ވަނީ ބަދަލުކުރައްވާފައެވެ. ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވަނީ، 2004 ޖުލައި 15 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަޤާމަކަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ.

ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްseikhrasheed.gif
ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީއާއި ޖެނެރަލް ޑިޕްލޮމާ އޮފް އެޑިޔުކޭޝަން ސަޓިފިކެޓް ޙާޟިލް ކުރައްވާފައިވާ ބޭފުޅެކެވެ އަދި ޢުމުރުން ބާރައަހަރުއްސުރެ ކީރިތި ޤުރްއާނު ހިތުދަސްކުރައްވައިގެން ހުންނެވި ޙާފިޒެއްވެސްމެއެވެ. އެމަނިކުފާނު ސަޢޫދީ ޢަރަބިއްޔާގެ ދަންމާމުގައި ތިންއަހަރު ދުވަހު މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އިމާމް މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީގައި، ތިންއަހަރު ކަލްޗަރަލް ސުޕަވައިޒަރެއްގެ މަޤާމާއި، އެޔުނިވަރސިޓީގެ ކުއްލިޔަތުއް ޝަރީޢާގައި ފަސްއަހަރުގެ މުއްދަތަކަށް ލެކްޗަރެއްގެ ވަޒީފާ އަދާ ކުރައްވާފައިވެއެވެ. އެއީ 1974 ން ފެށިގެން 1985 އަށެވެ.

މީގެ އިތުރަށް ދިވެހި ސަރުކާރުގައި އެ މަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުސްތަޝާރުކަމާއި އެއޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ޖަސްޓިސްގެ ނާއިބުކަމުގެ މަޤާމާއި މިނިސްޓަރ އޮފް ޖަސްޓިސް ކަމާއި މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒް ކަމުގެ މަޤާމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ހިމެނެއެވެ.
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމުގެ މަޤާމަށް އެމަނިކުފާނު އިސްކުރެއްވީ 6 ނޮވެމްބަރ 1996 ދުވަހުއެވެ. އެދުވަހުން ފެށިގެން މިހާރު ޢަމަލު ކުރެވެމުން މިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، 2008 އޯގަސްޓް 07 ގައި ތަޞްދީޤު ކުރެއްވުމާއި ހަމަޔަށް ހުންނެވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައެވެ.

އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންfaizhussain.gif
އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން އަކީ ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 ގެ 282 ވަނަ މާއްދާގެ ދަށުން 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިއްތިޤާލީ ސުޕްރީމްކޯޓު އުފައްދަވާ އެކޯޓަށް ޢައްޔަނު ކުރެވުނު 5 ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގެންނެވުމާއި ހަމަޔަށް އެމަނިކުފާނު ހުންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގައެވެ.
އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީކޯޓުގެ ޤާޟީކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 ތަސްދީޤު ކުރެވުނު ދުވަހުން ފެށިގެން އިންތިޤާލީ ސުޕްރީމްކޯޓު އުފެދެންދެން ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތުގެ މަޤާމު އަދާކުރައްވާފައިވެއެވެ.
2010 އޮގަސްޓް 10 ގައި ދާއިމީ ސުޕްރީމްކޯޓު އުފެދުމަށްފަހު މިހާރު ޢަމަލު ކުރެވެމުންދާ މިދާ ޤާނޫނުއަސާސީގެ ދަށުން ޢައްޔަނު ކުރެވުނު ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ ވެސް އެމަނިކުފާނެއެވެ.

އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުalihameed.gif
އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އަކީ މައްކަތުލް މުކައްރަމާގެ އުއްމުލްޤުރާ ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއަރޒްގެ ޤާޟީ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ.

އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރަކަށް އިސްކުރެއްވީ 1996 ވަނައަހަރުގެ ނޮވެމްބަރ މަހުގެ 19 ވަނަދުވަހުއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެޑައިގަންނަވާފައިވަނީ 2010 އޮގަސްޓް 10 ގައި ދާއިމީ ސުޕްރީމްކޯޓު އުފެދި އެކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.



އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲadmmohamed.gif
އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދައްރިސްކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުގެ އެހީތެރިކަމާއި ހައިކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2003 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 02 ވަނަދުވަހުއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެޑައިގަންނަވާފައިވަނީ 2010 އޮގަސްޓް 10 ގައި ދާއިމީ ސުޕްރީމްކޯޓު އުފެދި އެކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.

މަސްދަރު: ހައިކޯޓް ވެބްސައިޓް

No comments: