Thursday, December 26, 2013

ނ. އަތޮޅުގެ ތާރީޚް: ފުރަތަމަ ބޯޑިންގ އަށް ދިޔަ ނ. އަތޮޅުގެ 2 ދަރިވަރުން


 
އަލްމަރުޙޫމް ހާރޫނު މޫސާ
އޭރު ދިވެހިރާއްޖެ އޮތީ ޖަހާލަތުގެ އަދިރީގެ ތެރޭގައެވެ. ޚާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅެމުންދިޔަ ނިކަމެތި ރައްޔިތުންނަކީ ތަޢުލީމުގެ ހިޔާވަހިކަމެއް ލިބިފައިއޮތް ބައެއް ނޫނެވެ. ކާބަފައިންގެ އެދުރުގެ ސިސްޓަމުގެ ތެރެއިން ތަޢުލީމީ ހަޔާތް ގިނަ ދަރިވަރުންނަށް ނިންމާލަން ޖެހެއެވެ. މައިގަނޑު ތަޢުލީމަކީ ކީރިތި ޤުރުއާނާއި އިސްލާމު ދީނުގެ ރުކުންތަކެވެ. ފަރުޟުތައް އަދާކުޅައުމަށާއި ހިމޭ ޠާހިރުވުމަށް ދަސްކޮށްދިނުމެވެ. އޭރު އިތުރު ތަޢުލީމަކަށް އޮތީ ފަންޑިތަވެރިކަމާއި ބޭސްވެރިކަމެވެ. ފިލާއަޅައިގެން ނިޔަމިކަން ކުރަން ދަންނަ މީހުންނަކީ މަދުބައެކެވެ. 1921 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުގައި އޭރު ނ. އަތޮޅުގައި 54 ޤުރުއާން ކިޔަވައިދޭ މަކްތަބު (އެދުރުގެ) ހުއްޓެވެ. އަދި ނިޔަމިކަން ދަސްކޮށްދޭ 2 މަރުކަޒު (ދެމީހުން) އުޅުނެވެ. 



ޢިލްމު އުގެނެމުންއައީ މީހުންގެ ކައިރިން އެމީހަކު ދަސްކޮށްދިން ގޮތަކަށެވެ. އޭރުވެސް 21 ޖޫން 1933 ގައި އައްޝައިޚް ޢަބްދުﷲ ފަޙްމީ ދީދީ އުފެއްދެވި ނައިފަރު މަދަރުސަތުލް އިފްތިތާޙް ހިނގަމުން އައެވެ. 

ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަޢުލީމް ފެތުރުއްވުމުގެ ސިޔާސަތު ފެއްޓެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ދައުލަތް ހިންގެވުމުގެ ބާރުތައް ލިބިވަޑައިގެންނެވި ހިސާބުންނެވެ. އޭރު އަމީން ދީދީ ހުންނެވީ ރާއްޖޭގެ ވަޒީރުލް އަޢުޡަމް (ބޮޑުވަޒީރު) ގެ މަޤާމުގައެވެ. މިގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ކިޔެވުމަށް މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު 2 ކުދިން ގެންނަވައި މަދްރަސަތުލް ސަނިއްޔާގައި (މިހާރު މަޖީދިއްޔާ ސްކޫލުގައި) ސަރުކާރުގެ ޚަރަދުގައި ކިޔަވައި ދެއްވުމަށް ހަމަޖެއްސެވިއެވެ. މިގޮތުން ގެންނެވި ކޮންމެ ކުއްޖަކަށް އަހަރަކު 6 ހެދުމާއި ކެއުމުގެ ޚަރަދު ދެއްވިއެވެ. ކެއުމުގެ ޚަރަދަށް މަހަކު ދެއްވީ 12 ރުފިޔާއެވެ. 

މިދެންނެވި ގޮތަށް ކުދިން ހޮއްވަވައި މާލެ ފޮނުއްވުމަށް މަޙްކަމަތުލް ދާޚިލިއްޔާއިން އަތޮޅުތަކުގެ ވެރިންނަށް ދެންނެވީ 18 ނޮވެމްބަރު 1944 ގައެވެ. އެއީ ހިޖުރައިން 2 ޛުލްޙައްޖު 1363 އެވެ. މި ދެންނެވި ދެންނެވުމާ ގުޅިގެން އަތޮޅުތަކުން މާލެ އައީ ޖުމުލަ 36 ދަރިވަރުންނެވެ. އެނަސީބު ނ. އަތޮޅުން ލިބިވަޑައިގެންނެވީ ނ. މަނަދޫ ހާރޫނު މޫސާ / ކަރަންކާވިލާ އާއި ނ. ވެލިދޫ ޢަބްދުއްލަޠީފް ޢަލީ އަށެވެ. 

މިކުދިން މާލެ ގެންނަވައި ދާރުލްއިޤާމާ ބޯޑިންގ 17 ޖޫން 1945 ގައި (7 ރަޖަބު 1364ގައި) ވަޒީރުލް އަޢުޡަމް މުޙައްމަދު އަމީން ހުޅުއްވިއެވެ. މިއީ ރާއްޖޭގެ ފުރަތަމަ ބޯޑިންގ އެވެ. މި ބޯޑިންގ ހުޅުވައި ދެއްވީ އަލްފާޟިލް އިބްރާހީމް ޢަލީދީދީ އެވެ. މި ދާރުލްއިޤާމާގެ މުދީރަކަށް ހަމަޖެއްސެވީ އައްޝައިޚް މުހައްމަދު ނަޞީރު މަނިކެވެ. މިތަންހުރީ ފަންޑިޔާގެ ހުރި ގޯތީގެ ހުޅަގު ދެކުނުންއޮތް ކަޅުސީދީގެ ގޯއްޗާ އިންވެގެން އޮތް ކަތީބު މަނިކުފާނުގެ ގެއޭކިޔާ ގޯތީގައެވެ. 

ދާރުލް އިޤާމާއަށް ކުދީން ގެނެސް ތަޢުލީމް އުގަންނައިދޭން ފެއްޓެވުމަށްފަހު ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެތެރެއިން ޚާއްޞަ ކުދިންގެ ގޮތުގައި ބަޔަކު ގެންނެނވިއެވެ. މިކުދިންނަށް ހިނގާ ޚަރަދުގެ ދެބައިކުޅަ އެއްބަޔަކީ ސަރުކާރުން ދެއްވާ ޚަރަދުކަމުގައި ހަމަޖެއްސެވިއެވެ. މިކަން ހަމަޖެއްސެވީ މީލާދީން 26 ޖުލައި 1948 ގައެވެ. މިގޮތުން ގެންނެވި ކުދިންގެ ތެރޭގައި ނ. މަނަދޫ ކުންނަމަލަ ޢަބްދުލްރަޙީމް އަބޫބަކުރު ހިމެނިވަޑައި ގެންނެވިއެވެ. 

މަދަރުސަތުލް ސަނިއްޔާގެ ނަން "މަދަރުސަތުލް މަޖީދިއްޔާ" އަށް ބަދަލުކުރައްވައި، 1947 ވަނަ އަހަރު މާލޭގެ އަވަށު މަދަރުސާތައް އުފެއްދެވިއެވެ. އަދި ކޮންމެ ރަށެއްގައިވެސް އެރަަށަކަށް ބާނާ މަހުން ކޮންމެ ދޯންޏަކުން ބަސްބައެއް އަޅައިގެން އެރަށެއްގެ މަދަރުސާ ހިންގުމަށް ހަމަޖެއްސެވިއެވެ. ސަރުކާރުގެ މި ނިންމެވުންތަކާ ގުޅިގެން 01 ޖޫން 1947 (13 ރަޖަބު 1366) ގައި ނ. ހޮޅުދޫގައި އެރަށު ރައްޔިތުންގެ ސްކޫލު (ހޮޅުދޫ މޭނާ ސްކޫލް) ޢަލީ ޙުސައިން ނައިފަރީގެ ބެއްލެވުމުގެ ދަށުން ހުޅުވާ ހިންގަން ފެއްޓެވިއެވެ. 
 

No comments: