Wednesday, December 25, 2013

ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅު ކުރެދިވަރާއި ބޮމަސްދޫ ފަޅުވުން



ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސްކަމާ ގުޅުންއޮތް ރަށެކެވެ. އެހެނަސް އެއީ މިހާރު ފަޅުރަށެކެވެ. ކުރެދިވަރަކީ ދިވެހިންގެ ތެރެއިން ދިވެހި ތާރީޚު ފުރަތަމަ ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެކެވެ. ނަމަވެސް އެއީ ކޮން ނަމެއްކިޔާ އަނބިކަނބަލެއް ކަމެއް ނޭނގެއެވެ.


 ތާޖުއްދީންގެ ކާފަ ދަރިކަލުން އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ އެރަށުގައެވެ. މާހާނަ ގަލުގައި އޮތީ "...ނިޔައުވީ 1182ހ ވަނައަހަރު ރަބީއުލްއާޚިރު މަހުގެ 04 ވީ ބުރާސްފަތި ވިލޭރޭ" ގައެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު) 

ހޮޅިގެން އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަށްފަހު ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގައި ފަނޑިޔާރުކަން ކުރެއްވި އިބްރާހީމް ބަހާއުއްދީން ފަނޑިޔާރުމަނިކުފާނަކީ ކުރެދިވަރު ބޭފުޅެކެވެ. މަޝްހޫރު ނަންފުޅަކީ ކުރެދިވަރު ފަނޑިޔާރުމަނިކުފާނެއެވެ. ޣިޔާސުއްދީން ރަދުން ނުވަތަ ހާޖީ ބަންޑާރައިން ރަސްކަންކުރެއްވީ މީލާދީން 19 ޖެނުއަރީ 1767 ން 12 ޑިސެމްބަރު 1773 އަށެވެ. ކުރެދިވަރު ފަނޑިޔާރު މަނިކުފާނު އަވަހާރަވީ ހިޖުރައިން 1182 ވަނަ އަހަރު ހާޖީ ބަންޑާރައިގެ ރަސްކަމުގައެވެ. ޣިޔާސުއްދީން ރަދުން ނުވަތަ ހާޖީ ބަންޑާރައިން ރަސްކަންކުރެއްވީ މީލާދީން 19 ޖެނުއަރީ 1767 ން 12 ޑިސެމްބަރު 1773 އަށެވެ. ކުރެދިވަރު ފަނޑިޔާރު މަނިކުފާނު އަވަހާރަވީ ހިޖުރައިން 1182 ވަނަ އަހަރު ހާޖީ ބަންޑާރައިގެ ރަސްކަމުގައެވެ. މިބޭފުޅަކީ ރަދުންގެ ދައިތާފުޅު  މަރިޔަމް ކަނބާފާނުގެ ފިރިކަލުންނެވެ.
 
ބުނެވާގޮތުގައި ކުރެދިވަރަކީ ވަރަށް ފުދުންތެރި ރައްޔިތަކު އުޅުނު ރަށެކެވެ. ދައުލަތުގެ މަތީ ބޭފުޅުން އުޅުއްވަމުން ވަޑައިގެންނެވި ރަސްކަމުގެ ގަނޑުވަރާ ގުޅުންތަކެއް ހުރި ރަށެކެވެ. ގަނޑުވަރުގެ ބޮޑުނާކޮޅު ބަދަރުކުރާ އެއް މަންޒިލެވެ. ބޮޑުނާކޮޅު ފަޅަށް ވެއްދުމަށްޓަކައި އެރަށުގައި ބޮޑު ނެރެއް ރައްޔިތުން ކެނޑިއެވެ. އެ ނެރު ރައްޔިތުން ކެނޑީ ބޮޑެތި އާނުގަނޑުތަކާއި ބޮޑެތި މުޑުގާތައް ނަގައިގެންނެވެ. ބުނެވޭގޮތުގައި އެތަކެތި އެބައިމީހުން ނެގީ ދިޔަވަރު ހިކިއިރަށް ބޮޑެތި ކިހި ބަބުކެޔޮގުޅިފަދަ ތަކެތި ގަލުގައި އައްސައިގެން ދިޔަވަރު ބޮޑުވުމުން އެތަކެތި އުފުރިގެން އައުމުންނެވެ. މިއީ އެޒަމާނަށް ބަލާއިރު ރަށެއްގެ ރައްޔިތުން ކުރަން ވަރަށް ބުރަ އަދި ވަރަށް ބޮޑު މަސައްކަތެކެވެ. ކުރެދިވަރުގައި އޮންނަނީ ދެނެރެއެވެ. އެއީ އަކިރިގަނޑުނެރާއި މާނެރެވެ. އަކިރިގަނޑު ނެރަކީ ކުރެދިވަރުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުންއައި ނެރެއެވެ. މާ ނެރަކީ ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރާ ނެރެވެ. 

ކުރެދިވަރުގެ ތާރީޚަކީ ޤަދީމީ ތާރީޚެއްކަން ދައްކައިދޭ އާސާރީ ބިނާއަކީ އެރަށުގެ މިސްކިތެވެ. ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި 1121ހ، (1709މ.) ވަނަ އަހަރުގައެވެ. (ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަން/ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު) 

ކުރެދިވަރު މީހުން އެރަށުން ފޭބީ އެރަށް ގިރަމުންގޮސް  ހުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ ގައެވެ. އެރަށު މީހުން ބަދަލުވީ ނ. އަތޮޅު ބޮމަސްދޫ އަށެވެ. ފަހުން ބޮމަސްދޫވެސް ގިރަންފެށުމާއެކު އެރަށުގައިވެސް ދިރިނޫޅެވިގެން ށ. ފަރުކޮޅުފުނަދޫ (މިހާރު ށ. ފުނަދޫ) އަށް މީހުން ބަދަލުވީއެވެ. ބޮމަސްދޫ މީހުން ށ. ފަރުކޮޅުފުނަދޫ އަށް ބަދަލު ކުރެއްވީ އެރަށް އާބާދުކުރުމުގެ ގޮތުން 26 ސެޕްޓެމްބަރ 1970މ. ގައެވެ. އެއީ ހިޖުރައިން 25 ރަޖަބު 1390 އެވެ. އެދުވަހަކީ ހޮނިހިރު ދުވަހެކެވެ. 

ނ. ކުރެދިވަރު ފަޅުވިކަމަށްބުނެވެނީ އެރަށުގައި ވަރަށް ބޮޑު ފިތުނަގަޑެއް އުފެދިގެންނެވެ. މި ފިތުނަގަނޑުގެ ދެފަރާތުގައި ތިބީ ވާދަވެރިން އެއްބަޔަކު އަނެއްބަޔަކު ނެތިކޮށްލައި ނައްތާލުމަށް ކުޅަ ހަނގުރާމައަކީ ސިހުރު ހާހޫރައިގެ ހަނގުރާމަ އެކެވެ. އެއްބަޔަކަށްވުރެ އަނެއް ބަޔަކު ކުރިއަރާ މޮޅުވުމަށް ހަދަމުންދިޔަ ސިހުރުތައް ރަށުގެ އެތަން މިތަނުގައި ވަޅުލައި ހަދަމުން ދިޔައެވެ. އަދި އެއްބަޔަކު ހަދަމުންދާ ސިހުރުތައް އަނެއްބަޔަކު ބާތިލު ކުޅައުމަށް އެއަށްވުރެ ވަރުގަދަ ސިހުރުތަކެއް ހަދަމުން ދިޔައެވެ. މި ފިތުނަގަނޑު ހައްދުން ނެއްޓި، ކުރެދިވަރު ގިރަންފެށީއެވެ. ފުރަތަމަ ގިރަންފެށީ ސިހުރުތައް ހަދާވަޅުލަމުންދިޔަ ސަރަޙައްދުތަކެވެ. އެތަންތަން ކަނޑަށްވެގެން ދިޔައީއެވެ. 

ކުރެދިވަރުގެ މީހުންނަކީ ޙަޤީޤަތުގައި އެކުޅިވަރުގެ މީހުންނެވެ. އެކުޅިވަރަކީވެސް ނ. އަތޮޅުގެ ފަޅުރަށެކެވެ. އެކުޅިވަރު ގިރަން ފެށުމުން އެރަށުގައި ނޫޅެވިގެން އައިސް ބިންއޮތް ރަނގަޅު ހިތްފަސޭހަ ރަށަކަށްވެގެން ކުރެދިވަރުގައި މީހުން ވަޒަންވެރިވީއެވެ. "އެކުޅިވަރު މީހުން ދާކޮންމެރަށަކުން މީހުންފައިބަންޖެހެނީ ރަށްގިރާތީ" އެވެ. މިއީ އެރަށުގެ މީހުންވެސް ދައްކާއުޅޭ ވާހަކައެކެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކެނުކޮޅުގައި ފިނޮޅެއް ހެދުނެވެ. އަދި ރަށާއިއެކު ވޮޑި މިހާރު އަސްލު ކުރެދިވަރު ވަރުގެ ރަށެއްވަނީ އުފެދިފައެވެ. އެރަށުގައި ރުއްގަސް ހެދި މިހާރު އެއީ އަނެއްކާވެސް ކުރެދިވަރެވެ. އަސްލު ކުރެދިވަރުން ނުގިރާއޮތީ ވަރަށް ކުޑަތަންކޮޅެކެވެ. 

އައްސުލްތާން މުޙައްމަދު މުއީނުއްދީން (1 ވަނަ) ގެ ރަސްކަމުގައި ކުރެދިވަރުމީހުން ރަށްދޫކޮށްގޮސް އެހެން ރަށްރަށުގައި އުޅެންފެށްޓުމުން އެރަށް ފަޅުވެދާނެތީވެ ރަށުގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ކީރިތި މަހާރަދުންނަށް އެވާހަކަ ދެންނެވިއެވެ. އެކަމާ ގުޅިގެން ރަދުން ދެއްވި ފަތްކޮޅެއްގައި ވަނީ "ކުރެދިވަރު އުފަން ބަތާނުކާ ކޮންމެ އަޅަކު (މީހަކު) ކޮންމެރަށަކު ތިއްބަސް ކުރެދިވަރަށް ގެންނަނީ ކޮށު" މިފަދައިން ނެވެ. އައްސުލްތާން މުޙައްމަދު މުއީނުއްދީން ރަސްކަންކުރެއްވީ މީލާދީން 03 ޖޫން 1799ން 22 ޖެނުއަރީ 1835 އަށެވެ. މިކަމުންވެސް ކުރެދިވަރުމީހުންނަކީ އެބައިމީހުންގެ ފަހަތުގައި ވަރަށްބޮޑު ހަމަނުޖެހުމެއް އޮތް ބައެއްކަން އެގެއެވެ.

No comments: