Monday, February 3, 2020

އެންމެ ބޮޑު ތަބީއީ އަތޮޅަކީ ބޮޑު ތިލަދުންމަތި

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ "ނާޖިޙު ދީދީ"އެވެ. އާދޭހެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙެވެ.

މިގޮތުން މީސްމީޑިއާ މެދުވެރޮކޮށް ނާޖިޙު ގެނެސްދެއްވާ މަޢުލޫމާތުގެ ތެރޭގައި ހިމެނެނީ ޚާއްޞަކޮށް ތާރީޚީ ބައެއް ކަންކަމާއި ބައެއް ފަރާތްކުން ލިޔެފައި ހުންނަ ތާރީޚީ ބައެއް ކުށްތަކެވެ. ޒަމާނުއްސުރެ ކިޔާކިޔާ ނުވަތަ އިވިއިވި ދޫމައްޗަށާއި ހިތްމައްޗަށް އާދަވެފައިވާ ހަގީގަތާ ޚިލާފު ބައެއް ބުނުންތަކެވެ. މަޢުލޫމާތުގެ ބައެއް އޮޅުންތަކާއި އެކަމުގެ ހަގީގަތްތަކެވެ.

 

ނާޖިޙު ވިދާޅުވެއެވެ. ގިނަ ދިވެހީންނަށް ހީވެފައި އޮންނަނީ ދިވެހިރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ތަބީއީ އަތޮޅަކީ ހުވަދުއަތޮޅު ކަމަށެވެ. ތެދެކެވެ. އެ ވާހަކަ އެގޮތަށް އެތައް ފޮތެއްގައި ލިޔެފައިވެއެވެ. އެތައް ބޭފުޅުންނެއްގެ ތަގުރީރުތަކުގައި ވިދާޅުވަމުން ގެންދަވާ ވެސް މެއެވެ. އެކަމުގެ ހަގީގަތަކީ ކޮބައިކަމެއް އެއްވެސް ބޭފުޅަކު ނުބައްލަވާމެއެވެ. ބަލާކަށް ވެސް ބޭނުންފުޅެއް ނުވެއެވެ. ރާއްޖެއަށް ލިބިފައި އޮންނަ ބޮޑު ފަޚުރަކަށް ވާތީކަން ނޭނގެއެވެ. އެކަމަކު ނާޖިޙު ވިދާޅުވަނީ އެއީ މަޢުލޫމާތުގެ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އެއީ ހަގީގަތެއް ނޫން ކަމަށެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ތަބީއީ އަތޮޅަކީ "ބޮޑު ތިލަދުންމަތި" ކަމަށެވެ.

 

އެ ވިދާޅުވާ ބޮޑު ތިލަދުން މައްޗަކީ ތިލަދުންމަތީ ދެބުރިން އިހަވަންދިއްޕޮޅާއި މާމަކުނުދޫ ނުލައި، މިލަދުންމަޑުލުގެ ދެބުރި އާއެކު ހިމެނޭ ބޮޑުތިލަދުންމައްޗެވެ. ބޮޑުތިލަދުންމައްޗަށް ރާއްޖެއިންނާއި ދުނިޔެއިން ވެސް ލިބެންޖެހޭ "ރެކޯޑެއް" ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތް ކުރެވެނީ ކީއްވެގެން ހެއްޔެވެ. މި ހަގީގަތް ގިނަ ބަޔަކަށް އޮޅުފައި މިވަނީ ކީއްވެގެންތޯއެވެ؟

 

އައްޑުސިޓީ މަރަދޫއަށް އުފަން، އަޅުގަނޑުގެ އެކުވެރި އަލްއުސްތާޛު ނާޖިޙު ވިދާޅުވެއެވެ.

 

    "ޒަމާނުއްސުރެން "ބޮޑުތިލަދުންމަތި" އިދާރީގޮތުން ބައިބައި ކޮށްފައި އޮތުމުންނާއި އަދި މުޅި އަތޮޅަށް ވަކި ނަމެއް ކިޔާފައި ނުވުމުން ގިނަ ބަޔަކަށް މި ހަގީގަތް އޮތީ އޮޅިފަ"


ކުރިން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި އަދި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ އެކުވެރިޔާ މިކަމާގުޅޭ ވަރަށް ހެއްވާ އެހެން ކަމެއް ފާހަގަ ކުރައްވާފައި ވެއެވެ. އެކަމަކީ ބޮޑުތިލަދުންމައްޗާއި ހުވަދު އަތޮޅަށްވުރެ މާ ކުޑަ އަތޮޅެއް ދުނިޔޭގެ އެންމެ ބޮޑު ތަބީއީ އަތޮޅުގެ ގޮތުގައި ގިނެސް ވޯލްޑް ރެކޯޑް ފޮތުގައި އޮތް އޮތުމެވެ. އެ އަތޮޅަކީ މާޝަލް އައިލެންޑްސްގެ ކުވާޖަލެއިން އަތޮޅެވެ.

 

މާޝަލް އައިލެންޑްސްގެ ކުވާޖަލެއިންގެ ބޮޑު މިނަކީ 2304 އަކަ ކިލޯމީޓަރެވެ. ހުވަދު އަތޮޅުގެ ބޮޑުމިނަކީ 3152 އަކަ ކިލޯ މީޓަރެވެ. ބޮޑުތިލަދުންމަތީގެ ބޮޑު މިނަކީ 3850 އަކަ ކިލޯ މީޓަރެވެ.

 

މި ހަގީގަތްތަކީ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ބަލާލެވެން އޮތް ކަމެކެވެ. ތެދުދޮގު ބަލާލައި ސާފުކޮށްލެވެން އޮތް ކަމެކެވެ. ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ބަދަލުކުރަން ޖެހޭ ކަމެކެވެ. ދުނިޔޭގެ އެކިއެކި ރެކޯޑުތައް ރާއްޖޭން އަލަށް ހަދަމުން ދާއިރު މި މުހިންމު ރެކޯޑު ދޫކޮށްލާނެ ކަމެއް ނެތެއް ނޫންތޯއެވެ.

 

އަޅުގަނޑަށް ވެސް އެނގެއެވެ. ހުވަދު އަތޮޅަކީ ޤުދުރަތީ ވަރަށް ރީތި އަޖައިބެކެވެ. ފަޚުރުވެރި ތާރީޚަކާއި މާޒީއެއް ވެސް އެބައޮތެވެ. އަތޮޅެއްގެ ގޮތުގައި އަތޮޅު ދުނީގައި ގާތްގާތުގައި ރަށްތައް އެމުނިފައި އޮތް ރީތި ހާރެއް ފަދައެވެ. އެހެން ނަމަވެސް ޤުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުން އަތޮޅަކަށް ލިބިފައިވާ ސިފަތަކާއެކު ކޮންމެ ބައްޓަމަކަށް އުފެދިފައި ވިޔަސް އެވާނީ ހަމަ ތަބީއީ ގޮތުން އަތޮޅަކަށެވެ. މާޝަލް އައިލެންޑްސްގެ ކުވާޖަލެއިންއަށް ބަލާލިއަސް މި ހަގީގަތް ހާމަވެއެވެ.

 

މި ލިޔުމުގައި އަޅުގަނޑުގެ އެކުވެރި، ނާޖިޙު ދީދީއާ ބެހޭ ބައެއް މަޢުލޫމާތު ވަރަށް ކުރުކޮށް ގެނެސްދީފައި ވާނެއެވެ. އެއީ ދެ މަގުސަދެއް ގައެވެ. ފުރަތަމައަކީ މި ހަގީގަތް ހާމަކުރެއްވުމުގައި އެކުވެރިޔާގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނުވަތަ ޒާތީ ތައައްސުބެއް ނެތްކަން ބަޔާންކޮށް ދިނުމެވެ. އެހެންނާ، އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅަކާއި ބޮޑު ތިލަދުންމައްޗަކާ ކީއްކީއް ތޯއެވެ. ދެވަނަ ކަމަކީ ނާޖިޙު ދީދީގެ އިޚްލާޞްތެރި ޢިލްމީ އަދި ޤައުމީ ޚިދުމަތަށް އިއުތިރާފު ވުމާއެކު ތައުރީފުކޮށް އެކަމުގެ އަގު ވަޒަންކުޅައުމެވެ.

 

ނޯޓު: މި ފޮޓޯއަކީ އަލްއުސްތާޛު މުޙައްމަދު ނާޖިޙު Naajih Didi މީސްމީޑިއާގައި ޝާއިޢުކުރެއްވި ޕޯސްޓުން ނަގާފައިވާ ބައެކެވެ.

 

No comments: