Sunday, February 16, 2020

މަނަދޫ ކޮށިމަގު ފެންވަޅު

 


ޢަބްދުﷲ ސަޢީދު

ކޮށިމަގަކީ މަނަދޫގެ އެންމެ އިރުމަތީގައި ރަށް ހުރަހަށް އޮންނަ މަގެވެ. އެ މަގު އޮންނަނީ ރަށުގެ އިރުމަތީ އަވަށުގެ ގަމުތެރެއިން އުތުރުން ދެކުނަށް ގޮސް ދެކުނު ފަރާތު މޫދަށް ފޫގޮސްފައެވެ. އެ މަގުގެ ދެކުނު ކޮޅުގެ އިރުމަތީ ފަރާތުގައި އޮންނަނީ މަނަދޫއާ ގުޅިފައިއޮންނަ ބޯހުރާ އެވެ. ހުޅަނގު ފަރާތުގައި އޮންނަ ސަރަހައްދަކީ ހިންނައެވެ.

 

ކޮށިމަގު ފެންވަޅު ހުރީ ކޮށިމަގުގެ ހުޅަނގު ފަރާތުގައި ހިންނަ ކިޔާ ސަރަހައްދުގެ އިރުމަތީގައެވެ. އެއީ މަނަދޫ ފުޓްބޯޅަ ދަނޑުގެ ދެކުނެވެ. ކޮށިމަގުން އައިސް ކޮށިމަގު ފެންވަޅު ދޮށަށް ދަނީ ހަނި މަގަކުންނެވެ. މަނަދޫގައި ވަޅުފެން ބޮއި ހެދި ޒަމާނުގައި ކޮށިމަގު ފެންވަޅަކީ ފެން މީރު ވަޅެކެވެ. ކޮށިމަގާއި ފެންވަޅު ދޮށަށް ވަންނަން އޮންނަ މަގު އޮންނަނީ ރައްޔިތު އަންހެނުން ހަފުތާއަކު ދެ ދުވަހު އިލޮށިފަތިން ކުނިކަހާ އޮމާން ކޮށްފައެވެ.

 

އަޅުގަނޑު ކުޑައިރު އެ ދަނޑުގައި ފުޓްބޯޅަ ކުޅެއުޅެމެވެ. އެއީ މިހާރުގެ ވެސް މަނަދޫ ރަސްމީ ފުޓްބޯޅަ ދަނޑެވެ. ފެން ބޮވައިގަތީމާ ދުވެފައިދަނީ އެ ވަޅު ދޮށަށެވެ. އޭރު ފުޓްބޯޅަ ދަނޑުގެ ދެކުނުކޮޅު ގޯލާ ދިމާލުން ފެންވަޅު ކައިރިއަށް ދިއުމަށް ވާގަނޑު ތެރެއިން ހަނި މަގުވަރެއް އޮވެއެވެ. މިރިހި ވާގަނޑުތެރެއިން ދިޔައިމާ ގައިކަހާތީ ބައެއް ކުދިން ފެންބޯން ދަނީ ކޮށިމަގަށް ނިކުމެގެންނެވެ. ދާނީގެ ފުލުން ފެންގަނޑުގައި މަޑުމަޑުން ޖަހާލީމާ ވަޅަށް ވަޔާއެކު ވެރިފައި ހުންނަ ފަތްކުނިތައް ދުރަށްދާނެއެވެ. އެ ވަގުތު ދާނި ގަންބާލައިފައި ނަގާ ފެން ފުރާނާކަށް ނުޖެހެއެވެ. ދާނީގައި އަނގަޖަހައިގެން ބަޑު ބޮޔަކަށް ވަންދެން ފެން ބޮނީއެވެ. ދާނީގެ ފުލުގެ އަރިމަތި ހަލާކުވެގެން ބައެއް ފަހަރު ފެން ފައިބާނެއެވެ. ފެން ނަގާފައި ދެތިން މީހުން އެއް ފަހަރާ ވެސް އެތަންތަނާ އަނގަ ދިމާކޮށްގެން ތިބެ ފެން ބޮއެވެ. އޭރު އެ ފެން ވަރަށް މީރެވެ. ބައެއް ދުވަސްދުވަހު ކުޑަކޮށް ގަރަނބު ވެލައިފައި ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އެ ވަޅުން ކިތަންމެ ވަރަކަށް ފެން ބުޔަސް ޔާޔަބޭގެ އައްޔަބޭގެ ބަނޑިޔަލުން ފެން ބޯންޖެހޭ ބަޔަކު ވެސް އުޅެއެވެ. އެކަމަކު ހުންނާނީ ހަމަ އެ ވަޅުފެނެވެ.

 

ކޮށިމަގު ފެން ވަޅުދޮށަށް ހަވީރު އަންހެން ކުދިން ފެންބަލައި ދެއެވެ. ފުޓްބޯޅަ ކުޅެންތިބޭ ފިރިހެން ކުދިންގެ ތެރޭގައި އެވަގުތު ކޮޅު ފޯރި ގަދަވުމަކީ ޠަބީޢަތް ނޫން ތޯއެވެ. އަދި އެ ގަޑިގަޑިއަށް ބައެއް ކުދިން ފެންބޯން ދާންޖެހުމަކީ ނުވެނުދާނެ ކަމެއް ނޫންތޯއެވެ. އަޅުގަނޑުމެން ކުޑަވީމާ ތަނެއްދޮރެއް އޭރަކު ނޭނގެއެވެ. ރަނގަޅަށް ވިއްޔާ އެތައް ލޯތްބެއްގެ ބިންގާ އެ ވަޅުދޮށުގައި އޮންނާނީ އަޅާފައެވެ.

 

މި ފޮޓޯގައި މިތިބީ (ކަނާތުން ވާތަށް) ފަޅޯމާގޭ ޒުލޭޚާ ޢަލީ، ޖަނަވަރީމާގޭ ފަތުހިއްޔާ ޢަބްދުﷲ ، ފަރިމާގޭ ފާތުމަތު ރަޝީދާ، ކަރަންކާވިލާ އަލްމަރުޙޫމާ ފާތުމަތު އަޙްމަދު. (ފޮޓޯ ކްރެޑިޓް: އިސްމާޢީލް ޢަބްދުﷲ)

 

No comments: