Wednesday, February 19, 2020

ދުނިޔޭގެ ޖަވާބު: އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.

 


ޢަބްދުﷲ ސަޢީދު

 

ދުނިޔެޔާއެވެ. އަހުރެމެން ގޮވައިގެން އައިސް ތިޔަ ވަނީ ކޮންފަދަ ބިރުވެރިކަމެއްގެ ތެރެއަށް ހެއްޔެވެ. ކަނޑުގެ އެންމެ ބިޔަ ރާޅުތަކާއި ތޫފާނުތަކަށްވުރެ މި ތޫފާން މާބިރުވެރިއެވެ. ދަތުރުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނެއެވެ. ރައްކާތެރިކަމުގެ ބަނދަރެއް ނެތެވެ. މާލިމީންނާއި ކަލާސީނުން ގޮތް ހުސްވެއްޖެއެވެ. އިންސާނީ ނައު މިހިރަ ޣަރަޤު ވަނީއެވެ. ބާރުވަޔާ ނަގޫރޯޅިތައް އެރުމަށްވުރެ އަދުގެ ހާލަތު މާ ގޯހެވެ. ލިބެމުންދާ ގެއްލުންތައް މާބޮޑެވެ. މި މުސީބާތުގެ އަސަރު ކުރާ މީހުންނާއި މަރުވާ މީހުން ވެސް މާގިނައެވެ.

 

މިއީ ކޮންފަދަ ކަމެއް ހެއްޔެވެ. މި ނުރައްކަލަށް އައިސް ތިޔަ ހުށަހެޅުނީ ކީއްވެހެއްޔެވެ. މިކަމުގެ ގެއްލުން ނޭނގެނީހެއްޔެވެ. ނޫނީ ހަމަ އެނގިހުރެ އިންސާނީ ނައު ޣަރަޤުކޮށްލަނީ ހެއްޔެވެ.

 

ދުނިޔެ ބުންޏެވެ. މާދަމާ މޫސުން ބަދަލުވެދާނެއެވެ. ބިޔަ ބިލާދަރު ރާޅު ބާނިތަކުގެ ހޮޅިދަށުން ސަލާމަތް ވާނެއެވެ. އެހެން އެކަން ވާނެކަން ކުރިން ވަނީ ބަޔާންކޮށް ދެއްވާފައެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. މިއަދު ތިބާގެ ހާލަތު މާދަމާ ހަނދާނެއް ނުހުންނާނެއެވެ.

 

ކުރިން ނައު ދަތުރުކުރަމުން އައީ ފައްސިޔައިގައެވެ. ވައިރޯޅި ހެވެވެ. ކަނޑު އޮމާން ސާލެއްފަދައެވެ. އޭރު ތިބާ ހަނދާން ނައްތާލީ އަހުރެން މަތިން އެކަންޏެއް ނޫނެވެ. ތިބާ ތިބާގެ މަތިން ވެސް ވަނީ ހަނދާން ނައްތާލައިފައެވެ. ތިބާ ހީކުޅައީމުއެވެ. މިއީ ކުޅިވަރާއި މަޖަލެވެ. ދުވަހަކީ މިއީއެވެ. މިތާ ކަންކަން ހިނގަމުންދަނީ އަމިއްލައަށެވެ. އޮޓަމެޓިކުންނެވެ. ތިބާގެ ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެކެވެ. ތިބާގެ މަގުސަދަކީ އުފަލާ އަރާމެވެ. ހިތްހަމަ ޖެއްސުމާ ލައްޒަތެވެ. ސުވާލު ކުރާ މީހާއެވެ. ތިބާއަށް އަހަރެން އޮޅުނީއެވެ. އެއީ އަހަރެންގެ ކުށެއްހެއްޔެވެ؟

.

ނާ ތެދެއްހެއްޔެވެ. މި ނޫން ދުވަހެއް އެބަ އޮތްހެއްޔެވެ. ތަނަކީ މިއެއް ނޫން ހެއްޔެވެ. އަހުރެމެން މީ ކީއްކުރަން ފޮނުއްވުނު ބައެއްހެއްޔެވެ. އަހުރެމެން ހީކުރަމުއެވެ. ތިބާ ވެސް އޮންނާނީ އަހުރެމެންގެ ކިޔަމަނުގެ ދަށުގައެވެ. ބާރަކީ ހަތިޔާރެވެ. ހަތިޔާރަކީ އަމާންކަމެވެ. ސިލްމާ ސަލާމަތެވެ. އެއްވެސް ބާރަކަށް އަހުރެމެން ޖަހައިލައިފައެއް ނޭރޭނެއެވެ. އުޑަށް ގާއުކުމެކޭ އަހުރެމެންނާ ވާދަކުރުމެކޭ އެއްގޮތެވެ. އަހުރެމެން ހާސްކޮށް ފިކުރު ބޮޑުވާވަރުގެ ކަމެއް އެހެން ބަޔަކަށް ނުކުރެވޭނެއެވެ. އެކަމަކު ހަމަލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެކެވެ. އައިނައިތަނެއް ނޭނގި އެތައް ބަޔަކު މަރާ ތިރިކޮށްފިއެވެ. މި ހަނގުރާމައިގައި އަހުރެމެން ބަލި ވެއްޖެއެވެ.

 

ދުނިޔެ ބުންޏެވެ. މިއީ ޙައްޤު ތެދެވެ. ތިބާއާއި އަހުރެންގެ ވެސް ވެރި ރައްބެއް ވެއެވެ. އެއީ ތިބުނާ ކޮރޯނާ ވައިރަހުގެ ވެސް ރައްބެވެ. ތިބާ ފޮނުއްވީ އެ ކަލާނގެއަށް އަޅުކަންކުރުމަށެވެ. މިއީ އިމްތިހާނުގެ ގޯއްޗެކެވެ. ބިރުވެރިކަމާއި ބަނޑުހައި ހޫނުކަން ތިބާ ދެކޭނެއެވެ. ދަތި އުނދަގޫ ދުވަސްތަކާއި ބިރުވެރި ނާންމާކަން ފެންނާނެއެވެ. ފުރާނަތައް ވެސް ހިފެވޭ ހުއްޓެވެ. ހީވެސް ނުކުރެވޭ ފަދަ ގޮތްގޮތަށެވެ.

 

ބަދަލުވެގެންދާ ކޮންމެ ހާލަތަކީ އިމްތިހާނެކެވެ. ހަނދާންކޮށް ދިނުމެކެވެ. އީމާންވެ ޙައްޤު މަގަށް ގޮވާލެވޭ ދައުވަތެކެވެ. ޢަމަލުތައް އިސްލާހު ކުރުމަށް ލިބޭ ފުރުސަތެކެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން ކަށަވަރުކޮށް ގަންނަން ބުއްދިއަށް ލިބޭ ދަލީލެކެވެ. އެކަމަކު ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

No comments: