Tuesday, February 25, 2020

ސަރަޙައްދީ އިމެއްނެތި ބަސްބަސް

 


ޢަބްދުﷲ ސަޢީދު

ބަސްބަހުގައި ވެސް ވަށާ ފާރުތަކާއި ފުޅަށްތަކާއި އިންތައް އޮންނަނީތާއެވެ. ޔުނެސްކޯއިން މި އަހަރު (2020 ވަނަ އަހަރު) ގެ މާދަރީބަހުގެ ދުވަހަށް ކަނޑައެޅި ޝިއާރު "ލޭންގްއޭޖާސް ވިތުއައުޓް ބޯޑާސް" އިން އެކަން ކަށަވަރު ވެއްޖެއެވެ. މި ޝިއާރުގެ ދިވެހި ތަރުޖަމާ އަކީ “ސަރަހައްދީ އިމެއް ނެތި ބަސްބަސް” އެވެ. ބަސްބަހުގައި އިމެއް ނޯންނަ ނަމަ މި ޝިއާރުގެ ބޭނުމެއްނެތެވެ.

 

ދިވެހި ބަހަކީ އެއް ވިސްނުމެއްގައި އެއްވެސް ސަރަހައްދީ އިމެއް، ހިމާޔަތެއް ނެތް ބަހެކެވެ. ބޭރުގެ އެހެން ބަސްބަހުގެ ނުފޫޒުގައި ދިވެހި ބަސް ދަނީ ގައިދުވަމުންނެވެ. ދިވެހިންގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކަން ލަދުގަންނަ މީހުން އެބަ އުޅެއެވެ. މުއްސަނދި ކަމެއްނެތަތީ މަލާމާތާއި އާޑަ ފުރައްސާރަ މި ބަހަށް ކުރާ ދިވެހިން ދަނީ ގިނަވަމުންނެވެ. އަމުދުން، ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭ މީހުން ވެސް އުޅެން ފަށައިފިއެވެ. ބައެއް ފަހަރު ހީވެއެވެ. އެއްބަޔަކު ދިވެހިބަސް ހިމާޔަތްކުރަން އުޅޭއިރު އަނެއް ބަޔަކު ހަމަ ގަސްތުގައި ބަހަށް އެނގިތިބެ ފާޅުގައި ހަމަލާދެނީއެވެ.

 

އެހެން ނަޒަރަކުން ވިސްނާއިރު ދިވެހި ބަހާމެދު އަޅުގަނޑުމެންގެ ސިކުނޑީގައި ލެވިފައިވާ ސަރަހައްދީ ވަރުގަދަ ފާރު ވައްޓާލަން އެބަ ޖެހެއެވެ. އޮބި އަޅައިގެން ބަނދެގެން ގެންގުޅޭ ގެންގުޅުން ދޫކޮށްލަން ވެއްޖެއެވެ. ޒަމާނީ ވަސީލަތްތަކަށް ފައްސިޔަ ބަހަކަށް ދިވެހި ބަސް ހަދަން ވެއްޖެއެވެ. ލިޔަމުން ދާއިރު އިމުލާ ކުށްތައް ވެސް ދައްކައިދީ ރަނގަޅު ކުރަން ފަސޭހަ ވާންވީތާ އެތައް ދުވަހެކެވެ. ނުބައިކޮށް ސުކުނެއް ކުރެވުނަސް ލިޔާމީހާގެ ސަމާލުކަމަށް އަންނަވަރަށް ޓެކްނޮލޮޖީ ކުރިއަރައިފިއެވެ. އަޅުގަނޑުމެން މިތިބީ އެ ރޮނގުން ފަހަތުގައެވެ. ލަފުޒު ދުރުކޮށް ލިޔުމުގެ ގަވާއިދާ ޚިލާފަށް ލިޔެވޭނަމަ ކޮމްޕިއުޓަރުން ފެހި ރޮނގާއި ރަތްރޮނގު ދައްކާނަމަ ލިޔާ މީހުން އެ ރޮނގުތަކެއް ހުރަހެއް ނުކުރާނެއެވެ.

 

ބަހެއް ބަހަކަށް ވަނީ އެ ބަހެއްގެ ބަހުރުވަތަކާއެކުގައެވެ. ބަހުރުވަތައް ގިނަވެފައި ފުރިހަކަން ދަލީލުކޮށްދެނީ އެ ބަހެއްގެ މުއްސަނދި ކަމެވެ. ދިވެހި ބަހުގެ ތެރޭގައި ހިމެނޭ އެންމެ ބަހުރުވައެއް ނުވަތަ ރާގެއް ނުވަތަ ވައްޓަފާޅިއެއް ނެތުމަކީ ވެސް ދިވެހިބަހަށް ލިބޭ އުނިކަމަކަށެވެ. ބަހެއް ބަހަކަށްވާ ސަބަބުތަކަށް ލިބޭ އުނިކަމެކެވެ. އެހެންކަމުން ދިވެހިބަހުގައި ހިމެނޭ ހުރިހާ ބަހުރުވައެއް ވެސް ހިމާޔަތްކުރެވި ރައްކާތެރި ކުރެވެން އެބަޖެހެއެވެ. ދިވެހިބަހަށް އިމެއްނެތި ފުރުސަތު އޮންނަން ވަކާލާތު ކުރެވޭ ފަދައިން ދިވެހި ބަހުގެ ބަހުރުވަތަކަށް ވެސް އިމެންނެތި ފެތުރިގަންނާނެ ފުރުސަތު ދޭންޖެހެއެވެ. ޤައުމުތަކުގެ ރަސްމީ ބަސްތަކުގެ ފައިދަށުގައި އެހެން ބަސްތައް ޗިސްޗިސް ކޮށްލި ފަދައިން ދިވެހި ބަހުގެ އާންމު ނުވަތަ ރަސްމީ ބަހުރުވައިގެ ދަށުގައި އެހެން ބަހުރުވަތައް ޗިސްޗިސް ކޮށްލުމަކީ ދިވެހި ބަހަށާއި ދިވެހި ޤައުމިއްޔަަށް ދެވޭނެ އެންމެ ބޮޑު އެއް ގެއްލުމެވެ.

 

ބަހަވީ އަދި ސަގާފީ ސިންދަފާތު ބަލަގަންނަން ޖެހެއެވެ. އެއީ ދަސްކުރަންޖެހޭ ކަމެކެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމަށްޓަކައި ވެސް ކުރަންޖެހޭ ކަމެކެވެ. މުޖުތަމަޢުގައި އަދި މުޖުތަމަޢުތަކުގެ މެދުގައި ވެސް ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައެވެ. ސުލުޙަވެރި މަޝްވަރާތަކަށް ވެސް މިއީ މުހިންމު ކަމެކެވެ. އެހެން މީސްމީހުންގެ ބަހުރުވަތަކަށާއި ބަސްބަހަށާއި އެ ފަރާތްތަކުގެ ސަގާފަތަށާއި އާދަކާދައަށް އިޙްރިތާމު ކުރުމަކީ އެ ފަރާތްތަކުގެ އިޙްތިރާމު އަޅުގަނޑުމެންގެ ބަހުރުވައަށާއި ބަހަށާއި ސަގާފަތަށާއި އާދަކާދައަށް ވެސް ލިބޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ބަހާއި ސަގާފަތާއި ތަރިކައާ އަވަށްޓެރި ޤައުމުތަކާ ގުޅުން ހުންނާނެއެވެ. އެބަހުރި ވެސް މެއެވެ. އަޅުގަނޑުމެން ރަށު މީހުން ވާހަކަ ދައްކާ ރާގު އެހެން މީހުންނަށް ފާހަގަ ކުރެވޭނެއެވެ. އެހެން މީހުން ރަށު ރާގުން ވާހަކަ ދެއްކީމާ އަޅުގަނޑުމެންނަށް ފާހަގަވާ ގޮތަށެވެ. މިއީ އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް، ފުރައްސާރަކުރަންޖެހޭ ސަބަބެއް ނޫނެވެ.

 

ބަހުރުވަތަކުގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ވާހަކަދައްކާ ޚާއްޞަ ރާގުތަކެއް ގެންގުޅެއެވެ. އެ ރާގުގައި ވާހަކަ ދެއްކުމުން އެއީ ކޮން ރަށެއްގެ މީހެއްކަން އެނގެއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަފާތު ރާގުތައް ވާހަކަ ދެއްކުމުގައި ބޭނުން ކުރަމުން އައެވެ. ފަރަގު ފާހަގަވާވަރަށް ހުއްޓެވެ. އެހެންނަމަވެސް މިހާރު ނައިފަރާއި ކުޅުދުއްފުށި ފަދަ މަދު ދެތިން ރަށެއް ފިޔަވައި އެ ރަށްރަށަށް ޚާއްޞަ ސިފައެއް ކަމުގައިވި ރާގުތައް ދޫކޮށްލައިފިއެވެ. މީހުންގެ މަލާމާތާއި ފުރައްސާރައަށް ދީލާލައިފިއެވެ. "ރަސްމީ" ރާގުގައި ހިފައިފިއެވެ. އަންޒަމާނުއްސުރެ އެ ރަށްރަށުގެ ކާބަފައިން ގެންގުޅެމުން އައި އަމިއްލަ އެބޮޑު މުއްސަނދިކަން ދޫކޮށްލައިފިއެވެ.

 

ޝައްކެއްނެތް ގޮތުގައި ސަރަޙައްދީ އިންތައް އޭގެ ޒާތުގައި ބަސްބަހާއި ބަހުރުވަތަކަކު ނެތެވެ. އެ އިންތަކާއި ފުޅަށްތައް މިހިރީ އިންސާނުންގެ ސިކުނޑިތަކުގައެވެ. ވިސްނާ ވިސްނުމުގައެވެ. އުނގެނުމުގައްޔާއި ދިރިއުޅުމުގެ އެކިކަންކަމުގައި ބޭނުންކުރުމުގައެވެ. އަމިއްލަ މާދަރީ ބަހުންނާއި ބަހުރުވައިން ވާހަކަ ދައްކައި މުއާމަލާތްކުރުމުގައި ބިރެއް ޖެހިލުމެއް ނެތި ބައިވެރިވެވޭނޭ ފުރުޞަތު ދިނުމުގައެވެ. އަދި ފުރުސަތު ހޯދުމުގައާއި ފުރުސަތުގެ ބޭނުން ހިފުމުގައެވެ.

 

މި އަހަރު ޔުނެސްކޯ އިން ކަނޑައަޅާފައި މިވަނީ އަވަށްޓެރި ބަސްބަހުގެ އަހަރުގެ ގޮތުގައެވެ. ބޭނުމަކީ ބަހަވީ އަދި ސަގާފީ ސިންދަފާތުތައް ބަލައިގަނެ އިޙުތިރާމު ކުރުމަށް ބާރުއެޅުމެވެ. ކޮންމެ މުޖުތަމަޢުއަކަށް ނުވަތަ ސަރަޙައްދަކަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާނެއެވެ. ރާއްޖެއަށް ވިސްނާއިރު ބައެއް ރަށްރަށް މަޝްހޫރުވެފައިވާ މަސައްކަތްތެރިކަމާއި ސަގާފީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ވެހި ކަންކަން އެބަހުއްޓެވެ. މި ކަންކަމަށް އެ ރަށްރަށުގެ ދަރިން ފަޚުރުވެރިވާން ޖެހެއެވެ. އަދި އެކަންކަމަށް އެހެން ރަށްރަށުގެ މީހުން އިޙްތިރާމުކުރަން ޖެހެއެވެ.

 

ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެތެރެއިން ދިވެއްސެއްކަން ބަޔާންކޮށްދޭ އެންމެ މުހިންމު ރުކުނެވެ. ދިވެހިންނަކީ ކޮންބައެއްކަން އަންގައިދޭ ރުކުނެވެ. ބަހުރުވަތަކުން އެއީ ރާއްޖޭގެ ކޮން ސަރަޙައްދަކަށް ނިސްބަތްވާ މީހެއްކަން ބުނެއެވެ. ބައެއް ވާހަކަ ދެއްކުމުގެ ރާގާއި ބަހުރުވައިން އެއީ ކޮން ރަށެއްގެ މީހެއްކަން ވެސް ބުނެދެއެވެ. ދިވެއްސެއްކަމުގައި ވާނަމަ ދިވެހި ބަހަށް އިޙްތިރާމުކުރުމާއެކު ދިވެހި ބަހުގެ ވަހުރުވަތަކަށް އިޙްތިރާމުކުރަން ޖެހެއެވެ. ދިވެހި ބަސް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ދިވެހިބަހުގެ އަކުރު ކަމަށްވާ ތާނަ އަކުރަށް ވެސް އިހްތިރާމު ކުރުމެވެ. ބަހުގެ ގަވާއިދަށް ތަބާވުމެވެ. ރަސްމީ އިދާރާއިން ނެރޭ ދިވެހި އާ ލަފުޒުތައް ވެސް ބަލައިގަތުމެވެ. ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސަކު އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއްކަން ޤަބޫލުކުރުމެވެ. (ނިމުނީ)

No comments: