Tuesday, February 25, 2020

މިއަދު ޤައުމަށް ކޮށްދެވިދާނެ ބައެއް ކަންތައްތައް!

 


ޢަބްދުﷲ ސަޢީދު

 

ކަންކަމުގައި ބިރުގަންނާށާއި ބިރުވެތިވާން ދަސްކުރަންޖެހެއެވެ. ބިރުވެތިކަމަކީ ރައްކާތެރިވުން ނުވަތަ ތަޤުވާވެރިވުމެވެ. ބިރުގަތުމަކީ ކަމެއްގެ ނުރައްކާތެރިކަމުގެ ސަބަބުން ހިތަށް އަންނަ ސިހުމެކެވެ. އަޅުގަނޑުމެންނަށް ބިރުވެރިކަންކަމާއި ނުރައްކާތެރި ކަންކަމާ އަދި އެ ނޫން ކަންކަން ވަކިކޮށް އެނގެން ޖެހެއެވެ. ބިރުވެތިވެވޭނީ ބިރުދައްކައިގެންނެއްނޫނެވެ. ބިރު ގަންނުވައިގެންނެއް ވެސް ނޫނެވެ. އެކަމަކު ހަގީގަތް ހާމަކޮށްދީ ވިސްނައިދެވިގެންނެވެ. ކަންކަމުގައި އެ މީހެއްގެ ސަލާމަތް ބުއްދި އިސްކޮށް، ބޭނުންގެންނެވެ. މިއީ މިއަދު ޤައުމަށްޓަކައި ވެސް ކުރަންޖެހޭ ކަމެކެވެ.

 

ބިރުގެންނުވީމާ މީހުން ބިރާސް (ޕެނިކު) ވެއެވެ. ހަގީގަތާ އެއްގޮތަށް ބިރު ގަންނަން ނުވަތަ ބިރުވެތިވާން ނޭނގުނީމާ އަޅަންވީ ރަނގަޅު ފިޔަވަޅު އޮންނަނީ ނޭޅިފައެވެ. ބިރުވެތިވުމާއި ކަންބޮޑުވެގެން ހާސްވުމާ ތަފާތެވެ. ގިނަ ފަހަރަށް ހާސްވާ ހިސާބަށް ކަންބޮޑުވަނީ ބިރު މެނޭޖުކުރަން ނޭނގުމުންނެވެ. ބިރު ގަތުމަކީ އެކަމެއްގެ ބިރުވެރިކަން އޮތް ދަރަޖަ އެނގިހުރެ އެ ބިރުވެރި ކަމާ ކުރިމަތިލުމެވެ. ބިރުގަންނަ ކަމުގެ އަލާމާތަކީ ބިރުކަމާ އެއްވަރަށް ނުވަތަ އެ ބިރުވެރިކަމުން ސަލާމަތްވެވޭ މިންވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ކަމާބެހޭ ފަންނީ ޢިލްމުވެރިންގެ އިރުޝާދުގައި ހިފުމެވެ. ފަރުދީ ޒިންމާ އަދާކުރުމެވެ. ވަގުތު ނަގާ ނުލުމެވެ. ވަގުތުގެ ބޭނުން ހިފުމެވެ. ގޯސްތައް ތަކުރާރު ނުކުރުމެވެ.

 

ކޯވިޑް 19 ގެ ބިރުވެރިކަމުގެ ބޮޑުކަމާ ނުރައްކާތެރިކަމަކީ ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ސުރުޚީއެވެ. ބަލި ފެތުރެމުންދާ ހަލުވިކަމާއި މަރުވަމުންދާ މީހުންގެ ގިނަކަން ވަގުތުންވަގުތަށް ފެންނަން އެހެރީއެވެ. ރަނގަޅުވާ މީހުންގެ އަދަދާއި އެ ބައްޔަށް ބޭހާއި ވެކްސިން ހަދަން ކުރެވޭ އުންމީދީ މަސައްކަތްތައް ވެސް ސާފެވެ. މިހާރު ދެވޭ ފަރުވާތަކާއި ބަލިޖެހޭ މީހުންގެ އަމިއްލަ ތަޖުރިބާތައް ވެސް އިވެމުން ފެންނަމުން އެބަދެއެވެ. ރާއްޖޭގައި ވެސް ފަރުވާކޮށް ތިން މީހަކު ބަލިން ސަލާމަތް ވެއްޖެއެވެ. ކޮންޓްރޯލް ނުވެ ބައެއް ޤައުމުތައް ހާސްކަމުގެ ތެރެއަށް ވެއްޓިފައިވާއިރު އަނެއްބައި ޤައުމުތަކުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ އެދެވޭ ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެވެ. ރާއްޖެއަކީ މިސާލެކެވެ. ޤައުމަށްޓަކައި ބަޔަކު ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ކުރަމުންދާ ހަނގުރާމައިގެ ނަތީޖާއެވެ.

 

ދުނިޔޭގައި އާލަމީ ވަބާއެއް ނުވަތަ ޕެންޑަމިކެއްގެ ގޮތުގައި ކޯވިޑް 19 ކަނޑައަޅާފައިވާއިރު މި ކަމުގައި އެންމެ ބޮޑު ގުރުބާނީއެއް ވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި ކުރީ ސަފުގައި ހަރަކާތްރިވާ ފަރާތްތަކެވެ. އެ ފަރާތްތަކުން މި ހާލަތުގައި ކުރާ އާދޭހަކީ ރައްޔިތުން ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކޮށް ދެއްވުމެވެ. އެކަހެރި ކުރެވޭ ފަރާތްތަކުން ވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުމެވެ. ހަމަޖެހިފައިވާ އުސޫލުތަކަށް ތަބާވުމެވެ. ގިނަގިނައިން އަތް ދޮވެ އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމެވެ. ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމެވެ. ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނިވާކޮށްލުމެވެ. މިއަދު މި ޤައުމަށް އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ މުހިންމުކަންކަމަކީ މިއީއެވެ.

 


މިއަދު ދުނިޔެއަށް ކުރިމަތިވެގެން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން އެނގެން އެބަޖެހެއެވެ. އެންމެ މުގައްދަސް ދެ ހަރަމްފުޅަށް މީހުން ވަދެހެދުން މަނާކޮށް، ތަޅުލާން ޖެހިއްޖެއެވެ. ރާއްޖޭގައި ވެސް މާލެ ހިމެނޭ ސަރަޙައްދާއި ރިސޯޓްތަކުގައި ޖަމާޢަތުގެ ނަމާދު މަނާކޮށް، ހުކުރުކުރުން ވެސް ހުއްޓާލަން ޖެހިއްޖެއެވެ. ބިރުވެތިވާކަށް ނުވޭތޯއެވެ. ބިރުގަންނާކަށް ނުޖެހޭ ތޯއެވެ. ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެގެން އުޅޭކަށް ނުވޭތޯއެވެ. ޤައުމަށްޓަކައެވެ. އާއިލާއަށް ޓަކައެވެ. އަމިއްލަ ނަފުސަށް ޓަކައެވެ.

No comments: