Thursday, February 27, 2020

ޕޯޗްގީޒުން ރާއްޖެއަށް

 


ޢަބްދުﷲ ސަޢީދު

ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައީ މީލާދީން 1488 ވަނަ އަހަރު ކޭޕް އޮފް ގުޑްހޯޕް ވަށާލާފައި ކުރި ތާރީޚީ ދަތުރުގައެވެ. އެއީ ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިން ދަތުރެވެ. ޕޯޗްގީޒުން އިންޑިއާއަށް ފައިބާ މި ސަރަޙައްދުގެ އެކިއެކި ރަށްތަކާއި ޤައުމުތަކާބެހޭ މަޢުލޫމާތު ހޯދައި ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުވިއެވެ. އެ މީހުން ދިވެހިރާއްޖެއަށް ނަން ދިނީ "އިލްހާދީވް" ގެ ނަމުންނެވެ. މާނައަކީ ދީވް އޭ ކިޔުނު ޖަޒީރާތަކެވެ.

 

ރާއްޖެއާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެއެވެ. ދިވެހިރާއްޖޭގައި ބާރަހާސް ރަށް އޮވެއެވެ. އޭގެތެރެއިން އަށްހާސް ރަށުގައި މީހުން ދިރިއުޅެއެވެ. ދިވެހިންނަކީ އޮޑިވަޑާމަށާއި މަސްވެރިކަމަށް ކުޅަދާނަ ބައެކެވެ. ދިވެހިންނަކީ އަގުހުރި ގެވެހި ކަންވާރު ގެންގުޅޭ ބައެކެވެ. ރަނގަޅު މޫސުމުގައި މާލޭ ބަނދަރުގައި ވިޔަފާރި އޮވެއެވެ. ބޮއްޔާއި ރޯނާއި މާވަހަރާއި ކާއްޓާއި ކުފުރާއާއި ކިހިމަހާއި ތާވައްކާށި ރާއްޖެއިން ލިބެއެވެ. އެ ރިޕޯޓުގައި ދިވެހިންގެ ދީނާއި ސިފަޔާއި އަޅާއުޅޭ ހެދުމާއި ކުރާ މަސައްކަތްތައް ވެސް ލިޔެފައިވެއެވެ.

 

މީލާދީން 1510 ވަނަ އަހަރު އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން ޝަރީފް އަޙްމަދު ، ކަންނަންނޫރުގެ އުނދަގޫ ބޮޑުވެގެން ޕޯޗްގީޒުންގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. ވިޔަފާރި ކުރުމުގައި އޭރު މި ސަރަޙައްދުގައި ނުފޫޒާ ބާރު ހިންގަމުންދިޔަ މާމަލޭމަރައްކާރު ނުވަތަ މުޙައްމަދު ޢަލީގެ އުނދަގުލާއި ދުއްތުރާ ރާއްޖެއަށް ބޮޑީއެވެ.

 

މީލާދީން 1518 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ޕޯޗްގީޒުންގެ 4 ގުރާބެއް ރާއްޖެއައެވެ. އެ ގުރާބުތަކުގައި 120 މީހުން ތިއްބެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނެއެވެ. އޭރު ވެސް ރާއްޖެއަށް ހަނޑޫ ގެންނަނީ ބޭރުންނެވެ. ދިވެހިން ހަނޑޫ ގަންނަނީ ބޭރުގެ އޮޑިފަހަރަށް ރޯނު ވިއްކައިގެންނެވެ. ދިވެހި ރޯނަކީ އެ ޒަމާނުގައި އެވެރިންނަށް ވަރަށް ބޭނުންތެރި މުހިންމު އެއްޗެކެވެ.

 

ޕޯޗްގީޒުންނާއި މަލަބާރީން މާލޭ ބަނދަރުގައި މި ދުވަސްވަރު ހަނގުރާމައެއް ކުރިއެވެ. ދިވެހިން ތިބީ ޕޯޗްގީޒުންނާ އެއްކޮޅަށެވެ. މަލަބާރީން ޕޯޗްގީޒުންގެ އަތުން ބަލިވީއެވެ. މާލޭ ބަނދަރުގައި އެންމެން މެރީއެވެ. ސަލާމަތްވާން މާލެ އެރި މީހެއްގެ ވިއްޔާ ދުވަސް ދުއްވާލީ ދިވެހިންނެވެ.

 

ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ދިޔަ މައިގަނޑު ސަބަބެއް ކަމަށް ދިވެހިތާރީޚުގައި ވަނީ އައްސުލްޠާން ޙަސަން (9ވަނަ) ސިރީ ދިރިކުސަލޯކަ މަހާރަދުން ރާއްޖޭގެ ރަސްކަން ދޫކުރައްވައި އިންޑިއާގެ ކޮއްޗޭއަށް އޭގެ ފަހުން ގޯވާއަށް ވަޑައިގެން ޕޯޗްގީޒުންގެ އެހީތެރިކަމާއެކު އަލުން ރަސްކަން ހޯއްދަވަން މަސައްކަތް ކުރެއްވުމެވެ. އެ ރަދުން އެތަނުން ބޭފުޅަކާ ކައިވެނިކުރައްވައި ކްރިސްޓިއަން ދީނަށް ވަންނަވައި ޕޯޗްގީޒުންނަށް ޖިޒީ ދެއްވާގޮތަށް ދިވެހި ރަސްކަން އަނބުރާ ހޯއްދެވުމަށް އުޅުއްވުމެވެ.

 

ދިވެހިތާރީޚު ބުނާގޮތުން އެ ރަދުންގެ ރަސްކަމަށްފަހު 4 އަހަރެއްހާ ދުވަސް ދިވެހި ރަސްކަމުގެ ތަޚުތު ފަޅަށް ހުއްޓެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1550 އިން 1551 އަށެވެ. އެއީ 1 އަަހަރާއި 10 މަސްދުވަހުއެވެ.

 

މިކަމުގައި ތާރީޚީ އެހެން މަސްދަރަކަށް ބަލާލުމުން އާ މަޢުލޫމާތެއް ލިބެއެވެ. މަޝްހޫރު ލިޔުންތެރިޔާ ޖޯޖް ޝޫރް ހާމަރގެ "ފްރެންސިސް ޒޭވިއަރ ހިޒް ލައިފް ހިޒް ޓައިމް" ގައި އިންޑިއާގައި ތިބި ޕޯޗްގީޒު ގަވަރުނަރުން ޕޯޗްގީޒުގެ ރަސްގެފާނަށް 1550 ވަނަ އަހަރު ފޮނުވާފައިވާ ސިޓީފުޅުތަކުގައި ހުރި ވާހަކަތައް ބަޔާންކޮށްފައިވެއެވެ. އޭގެ އެއް ސިޓީފުޅެއްގައި ގަވަރުނަރު ލިޔުއްވާފައިވަނީ ޙަސަން ރަސްގެފާނުގެ އަނބިކަމަނާ އާއި އެ ކަމަނާގެ ތިމާގެފުޅު ބޭފުޅަކު ގަވަރުނަރާ ބައްދަލުކުރެއްވި ކަމަށާއި ޙަސަން ރަސްގެފާނުގެ ޝަކުވާ އެވެރިން ކުރެއްވި ކަމަށެވެ. ޝަކުވާއަކީ އެކަމަނާގެ މުދާކޮޅު އަތުލައްވައި ގަނޑުވަރުން ނެރެލެއްވުމެވެ. މިކަމުގައި ގަވަރުނަރު ނިއްމެވީ އެކަމަނާގެ އަތްޕުޅުގައި ޙަސަން ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވުމަށެވެ. އެހެންނަމަވެސް އެ ސިޓީފުޅެއް ނުފޮނުއްވިގެން އުޅުއްވަނިކޮށް ގަވަރުނަރު އަރިހަށް ޙަސަން ރަސްގެފާނު ވެސް ވަޑައިގެންފިއެވެ. ޙަސަން ރަސްގެފާނު ވިދާޅުވިގޮތުގައި އަނބިކަމަނާއަކީ އެ ރަދުންނާ އެއްފަސްގަނޑެއްގައި ވެސް އުޅުއްވޭފަދަ ބޭފުޅެއް ނޫނެވެ. އެ ރަދުންގެ ބޭބޭފުޅާއި އެރަދުންގެ ކުރިން ރަސްކަންކުރެއްވި މުޙައްމަދު ރަސްގެފާނާ ވެސް އެކަމަނާ ވަނީ ކައިވެނި ބައްލަވައިގަތްފައެވެ.އަދި ޙަސަން ރަސްގެފާނުގެ ކުރިން ރަސްކަމުގައި އިންނެވި މުޙައްމަދު ރަސްގެފާނުގެ ހަށިކޮޅަށް ހަންޖަރެއް ޖައްސަވައި އަވަހާރަކޮށްލެއްވީ ވެސް އެކަމަނާ ކަމުގައި ދެންނެވިއެވެ.

 

ނުވަވަނަ ޙަސަން ރަސްގެފާނު އެ ވިދާޅުވާ ބޭބޭ ފުޅަކީ ރާއްޖޭގައި 59 އަށް ރަސްކަން ކުރެއްވި ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ސީރާޒީ އަށްވަނަ އެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1528 އިން 1548 އަށެވެ. އެއަށްފަހު ރަސްކަން ކުރެއްވީ އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންނެވެ. އެއީ މީލާދީން 1548 އިން 1550 އަށެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޙަސަން ނުވަވަނަ އެވެ. ދިވެހި ތާރީޚުގައިވަނީ ޙަސަން ރަސްގެފާނު ރަސްކަން އަތުލެއްވީ ކުރިން ހުންނެވި ރަދުން ޤަތުލުކުރައްވާފައި ކަމަށެވެ.

 

ޙަސަން ރަސްގެފާނަށް ފަހު ހަތަރު އަހަރެއްހާ ދުވަހު ރަސްކަމުގެ ތަޚުތު ފަޅަށް ހުއްޓެވެ. އޭރު ހިލާލީ ދަރިކޮޅުން ރަސްކަމަށް ކަޅިއަޅަމުން ދިޔަ ބަޔަކާއި ޙަސަން ރަސްގެފާނަށް ވަފާތެރި ބަޔަކާއި ވެރިކަން ހިންގަވަމުން ގެންދެވި ބޭފުޅުންނަށް ވަފާތެރި ބަޔަކާއި އަދާވާތްތެރި ބަޔަކު ވެސް ތިއްބެވެ.

 

އެ ދުވަސްވަރު ނުވަވަނަ ޙަސަން ރަސްގެފާނުގެ ސިޓީފުޅުތައް ކެނޑިނޭޅި މާލެއަށް ލިބެމުން ދިޔައެވެ. މައިގަނޑު މަގުސަދަކީ ދިވެހިން ޣައިރު ދީނަށް ވަނުމަށް ދައުވަތު ދެއްވުމާއި ރާއްޖޭގެ އާމުދަނީން ބައެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބާރު އެޅުއްވުމެވެ. މި ފިތުނަގަނޑުގެ ތެރޭގައި ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން އަބޫބަކުރު ދެވަނަ އެވެ. އެ ރަަދުން ރަސްކަން ކުރެއްވީ 1554 އިން 1555 އަށެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަހުއެވެ. މާލެ ތެރޭގައި ހިނގަމުންދިޔަ ފިތުނަގަނޑުގައި އެ ރަދުން ޝަހީދުކޮށްލީއެވެ. އެއަށްފަހު އަނެއްކާވެސް ރަސްކަމުގެ ތަޚުތުހުރީ ފަޅަށެވެ. ގާތްގަނޑަކަށް 2 އަހަރާއި 6 މަސް ދުވަސް އެގޮތުގައި ފާއިތުވިއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުންނެވެ. އާދެ! ޢަލީ ރަސްގެފާނެވެ. އެއީ 1557 ވަނަ އަހަރުއެވެ. އެރަދުން 2 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ.

 

ފިތުނައިގެ އަލިފާނުން މާލެ އޮތީ އަނދައަނދައެވެ. ޕޯޗްގީޒުން ތިންވަނަ ފަހަރަށް ރާއްޖެއަށް އައިސް ހަމަލާ ދެނީއެވެ. އަނެއް ދެ ފަހަރު އެ މީހުން ދިޔައީ ބަލިވެގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމައިގެ ހާލަތުގައި މަސައްކަތް ކުރަންޖެހުމުން ދިވެހި ލަޝްކަރުގެ ތެރޭގައިވެސް އޮތީ ބައިބައިވުން އުފެދިފައެވެ. އޭގެތެރޭގައި އަމާން ދިނުމަށް އެދި ރަދުންގެ އަރިހަށް ހިނގި ބޮޑުންގެ ބަޔަކުވެސް ތިއްބެވެ. ރަދުން ވިދާޅުވަމުން ގެންދެވީ އެއްނާޅި ބަތްކައިގެން ނުވަންޏާ ދެ ނާޅި ބަތް ކައިގެން ނަމަވެސް ދުޝްމަނުން މާލޭ ބަނދަރުގައި ތިބެގެން ގޮއްވާލާ ބަޑިއަކަށް ބަޑިއެއް ގޮއްވާލަ ދޭށޭއެވެ. އެހެންނަމަވެސް ރަދުންނަށް މަކަރު ހަދައި ދޮގު ދަންނަވައިގެން އަމާންދެއްވުމަށް މަޖުބޫރުކުރުވިއެވެ. އެ ދޮގު ފަހުން ފަޅާއެރުމުން އަލިރަސްގެފާނު ނިންމެވީ ހަނގުރާމައަށް ނިކުންނެވުމަށެވެ.

 

ލަޝްކަރައިގެން ނިކުންނަވައި އީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު އަރިހުގައި ތިއްބެވީ ބޮޑު ވަޒީރާއި ޚާދިމެކެވެ. އެހެން ނަމަވެސް އަލި ރަސްގެފާނު ނިންމެވީ ދީނާއި ވަޠަނުގެ ދިފާޢުގައި ހަނގުރާމަ ކުރެއްވުމަށެވެ.

 

މާލޭ ހުޅަނގުކޮޅު އަތިރިމަތީގައި ކަންތައްގަނޑެއް ހިނގާ މަންޒަރު ވިލިނގިލީ ރައިވެރިބެއަށް ފެނުނީ އިރުއަރައިގެން އައިއިރު ރުކަށް ރާބާލަން އަރާއޮއްވައެވެ. ކާށިފައްޗެއްގެ އެހީގައި މާލެއަށް އައިއިރު ކަމަކު ދާކަށްނެތެވެ. ފެނުނީ ވަރުގަދަ ހަނގުރާމައެއް ހިނގާ މަންޒަރެވެ. ބޭރުގެ ދުޝްމަނުންނާ ދެކޮޅަށް ތިން ބޭފުޅަކު ހިތްވަރާއެކު ޖިހާދުކުރައްވަނީއެވެ. އެތަނުގައި އިސް ބޭފުޅަކަށް ހުންނެވީ ކީރިތި މަހާރަދުން ނެވެ. އެ މަނިކުފާނު ހުންނެވީ އިންތިހާއަށް ބޯފެންފޮދަކަށް ބޭނުންފުޅުވެފައެވެ. ރައިވެރިބޭ ކުރުނބައެއް އޭތިކޮށް ފެންފޮދު އެރުވިއެވެ. ފެންފޮދު ހިތްޕަވަން ހުންނަވަނިކޮށް ދުޝްމަނުން ދިން ހަމަލާއަކުން އެ ރަދުން ޝަހީދުކޮށްލައިފިއެވެ.

 

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ 19 މޭ 1558 ގައެވެ. އެއީ 1 ޝައުބާން 965 އެވެ. ޕޯޗްގީޒުންގެ ބާރު ރާއްޖެއަށް ހިންގަން ފެށުނީއެވެ. ޕޯޗްގީޒު ގަވަރުނަރު ޕޯޗްގީޒު ރާނީއަށް ފޮނުވި ސިޓީފުޅެއްގައި ވިދާޅުވިއެވެ. ޙަސަން ރަސްގެފާނަކީ ފުށިގަނޑެއްގައި ވެސް ވެރިކަމެއް ކުރަން އެކަށޭނަ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ގަވަރުނަރަށް ރާނީ އެންގެވީ ޙަސަން ރަސްގެފާނަށް އޯގާތެރިކޮށް ކަންތައްތައް ކޮށް ދެއްވުމަށެވެ. ޕޯޗްގީޒުން ރާއްޖެ ހިފައިފިއެވެ. އެ އަނިޔާވެރި އަޅުވެތިކަމުގެ އަނދިރި ކަޅު ދުވަސްތައް 15 އަހަރާއި 6 މަސް ދުވަހަށް ދެމިގެންދިޔައެވެ.

No comments: