Thursday, February 27, 2020

އިބްތިހާލް: ތުއްތުތުއްތު ޝަހީދު


ޢަބްދުﷲ ސަޢީދު

 

މި ކުރެހުމުގައި މިވަނީ ކޮން ކުއްޖެއްކަން އެންމެންނަށް ވެސް އެނގޭނެއެވެ. މީގެ ފަސް އަހަރުކުރިން މި މައުސޫމު ތުއްތު ކުއްޖާ ވަނީ ރަޙުމެއްނެތި މަރާލާފައި ނޫންތޯއެވެ. ތުހުމަތު ކުރެވެނީ މި ކުއްޖާއަށް އެންމެ ބޮޑަށް ލޯތްބާއި އަޅާލުންދޭންޖެހޭ މައިމީހާއަށެވެ. މަންމައަށެވެ.

 

ދިގުލައިގެން ދިޔަ ޝަރީޢަތުގެ ޚަބަރުތަކާއި މި ކުއްޖާއާ ބެހޭ ރިޕޯޓްތައް ކިޔާކިޔާ ވަރުބަލި ވެއްޖެއެވެ. އެކަމަކު ފޫއްސެއް ނުވެއެވެ. މާޔޫސެއް ނުވަމެވެ. އިންސާފު ލިބުމަށް ކުރެވޭ އުންމީދު މަރެއް ނުވެއެވެ.

 

ކުރިއަށްދާނީ ދިވެހި ނޫސްވެރިން ތަކުރާރުކޮށް އެއް ވާހަކަތަކެއް ލިޔަން ޖެހުނަސް ފޫހިނުވެ ކުރަމުންދާ ރިޕޯޓް ކުރުމަށް ތަޢުރީފު ކުރަމުންނެވެ. ތިޔަ ބޭފުޅުން ވަރުބަލިވެގެން ގަލަން ބޭއްވިނަމަ އަޅުގަނޑުމެންގެ ހިތްތަކުން މި ތަސްވީރު ގެއްލިއްޖެއީހެވެ.


މި ހިތްދަތި ހާދިސާގެ ވޭނީ ޚަބަރު ފުރަތަމަ އިވުނު ދުވަހު އަޅުގަނޑު ޅެމެއް ޕޯސްޓްކުރީމެވެ. ހިތުގެ ޝުޢޫރުތައް ނުހިފެހެއްޓުނީއެވެ. މި ކުއްޖާގެ ހިތްދަތި ދުނިޔެ ސިފަވަމުން އައިގޮތުންނެވެ. އޭނާގެ ޅަ އަޑުގައި ހުރި ރިހުމާ ވޭން އިހުސާސްވީ ވަރުންނެވެ.

 

އޭގެފަހުން ފަސް އަހަރު ވީއެވެ. މިއަދު މި ވާހަކަ މިލިޔަނީ އަމިއްލަ ނަފުސަށް ތަސައްލީއެއް ލިބޭތޯއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. މި ކުއްޖާގެ މަރާ ބެހޭ ކޮންމެ ޚަބަރަކާއެކު މި ތަސްވީރު ފެނެއެވެ. ފުރަތަމަ ވެސް ބަލާލެވެނީ ދެލޮލަށެވެ. ހާދަ ވާހަކައެއް އެ ދެލޮލުން ބުނެދެއެވެ. އެ މޫނު މަތީގައިވާ އަސަރުތަކުން ކޮންމެ ފަހަރަކުވެސް ހިތް ރޮއްވާލައެވެ.

 

މި ކުރެހުން ފެނިފައި އަދި މާބޮޑަށް އަސަރު ކޮށްފިއެވެ. މިއީ ސިފައިންގެ، މަޝްހޫރު ކުރެހުންތެރިޔާ އަދި އަޅުގަނޑުގެ އެކުވެރި ސާޖަންޓް މުޙައްމަދު ޢަލީ ހިއްސާ ކުރެއްވި އޭނާގެ ކުރެހުމެކެވެ. މަންދިގެ މި ކުރެހުން ފެނިފައި އެންމެ ފުރަތަމަ ހިތަށް ވެރިވި ޝުޢޫރު އެ އޮތީ މި ލިޔުމުގެ ސުރުޚީގައެވެ.


ތުއްތުތުއްތު ޝަހީދު އަޅުގަނޑުމެންނާ ވަކިވިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިއަދު މި ލޯބިލޯބި ކުއްޖާގެ ޝަކުވާ ތަފާތު ވެއްޖެއެވެ. މި ކުރެހުމަށް ބަލާލުމުން އެ ޝަކުވާ އަޅުގަނޑަށް ވެސް ރައްދުވާން ފަށައިފިއެވެ. ދިރިތިބީންގެ ތެރޭގައި ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަދި އަޅުގަނޑު ވެސް ގުނޭތީއެވެ. އިންސާފު ނުލިބި ދިގުލައިގެން ދިއުމުގެ ޒިންމާ އަޅުވަނީއެވެ. ބުނާ ކަހަލައެވެ.

 

ބޭބެއެވެ. އަޅުގަނޑު މަތިން ހަނދާން ނައްތާލީ ހެއްޔެވެ. އަޅުގަނޑު ތިޔަ ފަނާވެނިވި ދުނިޔެއާ އަލްވަދާޢުކީ ހިތްދަތި ދުވަހު ކަންތައްތައް ހިނގި ގޮތުގައި ނޭނގޭ ކަމެއް އެބަ އޮތް ހެއްޔެވެ. އަޅުގަނޑުގެ އަނދިރި ހިތްދަތި ދުނިޔޭގައި ސާފުނުވާ އެއްވެސް ތަންކޮޅެއް އެބަ އޮތް ހެއްޔެވެ. ބޭނުންވާ އިތުރު ހެއްކެއް ގަރީނާއެއް ބުނެދީބަލާށެވެ. އަޅުގަނޑު، އަޅުގަނޑުގެ މަންމަ ދެކެ އިންތިހާއަށް ލޯބި ވަމެވެ. އެ މަންމަގެ ހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރު ވެސް ނެތީހެވެ. ތަހުގީގާއި ޝަރީޢަތުގައި ވެސް އިޢުތިރާފު ވީ އަޑު އެހީމެވެ. ފަހުން އިންކާރު ކުރިކަން ވެސް އެނގެއެވެ. އެކަމަކު ވެސް.....

 

ތެދެކެވެ. ފަސް އަހަރަކީ ދިގު މުއްދަތެކެވެ. ކޮއްކޯއެވެ. މަޢާފު ކުރާށެވެ. ބޭބެއަށް ދެވޭނެ ޝިކާޔަތެއް ނެތަތީއެވެ. އެހެނަސް ބޭބެ އާއި މި ޤައުމު އޮތީ ކޮއްކޮއާ އެކުގައެވެ. ޝައްކެއްނެތެވެ. ޙައްޤަށް އިންސާފުގެ ދަތުރު ފޯރާނެއެވެ. އެއީ ޔަގީން ކަށަވަރު ކަމެކެވެ. މިއަދުއެވެ. ނޫނީ މާދަމާއެވެ.

 


ތިޔައީ ތުއްތުތުއްތު ޝަހީދެކެވެ. ސުވަރުގޭގެ ހިތްގައިމު ތަނަވަސް ބަގީޗާ ތަކުގައި އުދުހިލާށެވެ. ތިޔަ އުފާވެރި ނިޢުމަތާއި ރަޙުމަތް ބޭބެއަށް ވެސް ދެއްވުން އެދި ދުޢާކޮށްދޭށެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްދަލުވާނެވެ. ތިޔަ ރީތިރީތި ބަގީޗާތަކުގައެވެ.

 

No comments: