Wednesday, December 13, 2023

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އަސްކަރީ ސީރަތު

 


 ޢަބްދުﷲ ސަޢީދު

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ (ސަރވިސް ނަންބަރު: 1108) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 އެޕްރީލް 1988 ގައެވެ. އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސަރޖަންޓް، ސްޓާފް ސަރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 1ގައި ޚިދުމަތް ކުރެއްވިއެވެ. ކޮމިޝަން ވެވަޑައިގަތީ 21 އެޕްރީލް 2002 ގައެވެ. ކޮމިޝަން އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް ރޭންކުގައި ޚިދުމަތް ކުރެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 03 މޭ 2023 ގައެވެ. ކޯސްޓްގާޑުން އަސްކަރީ ހަޔާތް ފައްޓަވައި ކޯސްޓްގާޑައި ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް ފުރުއްވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަންޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގައި ޚިދުމަތް ކުރައްވަން ފެއްޓެވީ އިންޑިއާގެ ކަނޑުގެ ސިފައިން (އިންޑިއަން ނޭވީ) އިން ނޭވަލް ކޮމިއުނިކޭޝަން ދާއިރާއިން އަދި ޕާކިސްތާނުގެ ކަނޑުގެ ސިފައިން (ޕާކިސްތާން ނޭވީ) އިން އިލެކްޓްރޯނިކް ވޯފެއަރ އިން ޚާއްޞަވެވަޑައިގެން  ކޯސްޓްގާޑުގެ އެގްޒެކެޓިވް ބްރާންޗް އޮފިސަރެއްގެ ގޮތުގައެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީ އިންޑިއާގެ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖުގެ 65 ވަނަ ސްޓާފް ކޯސް ހައްދަވައި، އެ ކޯހުން ދަސްވެނިވިއިރު ކޯހުގެ މުއްދަތުގައި ޔުނިވަރސިޓީ އޮފް މެޑްރާސްއިން ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީސްގެ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން ޖެނެރަލް ޙިލްމީއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީސްއާއި، އެމެރިކާގެ ރޯޑް އައިލެންޑުގެ ނިއުޕޯޓްގައި ހުންނަ ޑިފެންސް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ލީގަލް ސްޓަޑީސްގެ ވެސް އިސް ދަރިވަރެކެވެ.

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އިންޑިއާގައި ހުންނަ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން އިން ކުރިއަށް ގެންދިޔަ "މެރިން އެކްސިޑެންޓް އެންޑް އިންސިޑެންޓް އިންވެސްޓިގޭޝަން ކޯސް" ކާމިޔާބުކަމާއެކު ފުރިހަމަ ކުރައްވައި، އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ މެރިން ސޭފްޓީ އިންވެސްޓިގޭޓަރުކަން ހާސިލުކުރައްވާފައެވެ. މީގެއިތުން ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ފުރިހަމަ ކުރައްވާފައިވާ އިތުރު ތަމްރީނު ތަކުގެ ތެރޭގައި އެމެރިކާއިން ފުރިހަމަކުރެއްވި އިންޓަނޭޝަނަލް މެރިޓައިމް އޮފިސަރސް ކޯހާއި، ބަންގްލަދޭޝް އިން ފުރިހަމަކުރެއްވި ޖޫނިއަރ ސްޓާފް އޮފިސަރސް ކޯހާއި، މެލޭޝިޔާއިން ފުރިހަމަ ކުރެއްވި ލޯ އޮފް އާރމްޑް ކޮންފްލިކްޓް ކޯހާއި، ލޯ އޮފް އާރމްޑް ކޮންފްލިކްޓް އިންސްޓްރަކްޓަރސް ކޯހާއި، ޖޮއިންޓް ވާފެއާ އޮފިސަރސް ކޯހާއި، ސިންގަޕޫރުން ފުރިހަމަ ކުރެއްވި ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖެނެރަލް އޮޕަރޭޓަރ ކޮމްޕެޓެންސީ) ކޯސް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ޖެނެރަލް ޙިލްމީ ވަނީ އިންޑިއާގެ ނޭވަލް ޝިޕް އައިއެންއެސް ބެޔާސް އާއި، ފްރާންސްގެ ނޭވަލް ޝިޕް އެފްއެންއެސް ފްލޯރިއަލް އަދި އިނގިރޭސި ރޯޔަލް ނޭވީ ޝިޕް އެޗްއެމްއެސް ޗަތަމްގައި އޮން-ޖޮބް-ޓްރޭނިން (އޯޖޭޓީ) ވެސް ފުރިހަމަ ކުރައްވައި ވަރަށް ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ.

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަންޔަން ކުރެއްވިއިރު ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ހުންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަޤާމުގައެވެ. އެ މަޤާމަށް އިސްކުރެއްވީ 06 ފެބުރުވަރީ 2022 ގައެވެ. މީގެ އިތުރުން ވެސް ދިވެހި އަސްކަރިއްޔާގެ ކޮމާންޑް އެޕޮއިންޓްމަންޓްތަކާއި އޮޕަރޭޝަނަލް އެޕޮއިންޓްމަންޓްތަކާއި ސްޓާފް އެޕޮއިންޓްމަންޓުތަކުގެ ތެރެއިން ވަރަށް އިސް މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. މިއިން ކޮންމެ މަޤާމެއްގައި ވެސް ޖެނެރަލް ޙިލްމީ ވަނީ ނަމޫނާ ލީޑަރޝިޕެއް ދައްކުވައިދެއްވައި، ފުރިހަމަ އަސްކަރީ އަޚުލާޤެއް ސާބިތުކޮށްދެއްވާފައެވެ.

 

އަސްކަރީ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވާފައިވާއިރު، އޭގެ ތެރެއިން ގިނަ ދުވަސްތަކެއްގައި ޚިދުމަތް ކުރައްވާފައިވަނީ ކޯސްޓްގާޑުގައެވެ. ކޯސްޓްގާޑުގައި ތަފާތު އެޕޮއިންޓްމަންޓްތަކުގައި ކުރެއްވި ޚިދުމަތްތަކުގެ އިތުރުން ސިފައިންގެ ލެވެލްގެ އިސް މަޤާމުތަކެއް ވެސް ވަނީ ފުރުއްވާފައެވެ. މިގޮތުން ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިން އޮފިސަރުގެ މަޤާމާއި،  އެމްއެންޑީއެފް އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒުގެ ޕްރިންސިޕަލް ޑިރެކްޓަރ އޮފް ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ5/ޖޭ8) ގެ މަޤާމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ)ގެ  ޕްރިންސިޕަލް ޑިރެކްޓަރކަން ހިމެނެއެވެ. އަދި ޖެނެރަލް ޙިލްމީ ވަނީ ދިވެހިރާއްޖެއިން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޑްވަޒެއްގެ މަޤާމުގައި 2016 އިން 2019 އަށް ޚިދުމަތް ކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ މެދުގައި ޑިފެންސް ކޯޕަރޭޝަންގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދާކުރެއްވި އިސް ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރެއިން، ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރުކަމުގައާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި 2020 އިން 2022 އަށް އެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި ޚިދުމަތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓެއްގެ ގޮތުގައި ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަ ކުރެވެއެވެ. ވައިސް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު ސިފައިންގެ އެތެރޭގައި ޑިއުޓީގައި ހުންނަވައިގެން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ދިވެހި ސިފައިންކުރި މަތިވެރި މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 10 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ހާސިލުކުރައްވާފައިވާ މެޑެލިތަކަކީ ތިނެއް ނޮވެންބަރު މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި އަދި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ކާމިޔާބުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށެވެ.

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އާއި އަނބިކަނބަލުން އަލްފާޟިލާ ޚަދީޖާ ޒީނާ ރިފްޢަތަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީ ދިވެހިރާއްޖޭގެ ތާރީޚާއި ޖޯގުރަފީއާއި ދިވެހި ޤައުމިއްޔަތަށާއި ކުޅިވަރަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ސިފައިންގެ ލެވެލްގައި ބާއްވާފައިވާ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ކޯސްޓްގާޑުގެ ޓީމު ތަމްސީލު ކުރެއްވުމުގެ އިތުރުން، ފުޓްބޯޅައާއި ކުރިކެޓުގައި ޤައުމީ ފެންވަރުގެ ބައެއް މުބާރާތްތަކުގައި ދިވެހި އަސްކަރިއްޔާ ވެސް ތަމުސީލުކޮށްދެއްވާފައި ވެއެވެ.

No comments: