Friday, December 15, 2023

ހޮޅުދޫގައި އޮންނަ މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު

 

މަނަދޫ މޫސާމަނިކުބޭގެ ސަންފަދައިތަގެ ޢުމަރު ޢަލީގެ ޢަލީ އުމަރު.


ޢަބްދުﷲ ސަޢީދު 
 
މަނަދޫ މޫސާ މަނިކުބޭގެ ދަރިކޮޅަކީ މަނަދޫގެ ބޮޑެތި ޢާއިލާތަކުގެ ތެރެއިން އެއް ޢާއިލާއެވެ. އެއީ މަނަދޫގައި ވެރިކަން ކުރި ތަޢުލީމީ ޢާއިލާއެކެވެ. ނ. ހޮޅުދޫގައި އޮތް މޫސާ މަނިކުބޭގެ ދަރިކޮޅަކީ އެ ޢާއިލާއިން ނ. ހޮޅުދޫއަށް ގޮސް ފެތުރިފައިވާ ގޮތްޕެކެވެ.
މޫސާމަނިކުބެއަކީ އުޅުންހުރި ބޭކަލެކެވެ. ދީނީ ކަންތައްތަކަށް ލޯބިކުރެއްވި ޢިލްމުވެރި ބޭކަލެކެވެ. މޫސާ މަނިކުބޭގެ ބައްޕައަކީ ކުޑަ މަނިކެވެ. މަންމަގެ ނަމެއް ނޭނގެއެވެ. މޫސާމަނިކުބޭގެ ގޯޗަކީ މިހާރުގެ މަނަދޫ ކަރަންކާވިލާއެވެ. 
 
 
މޫސާމަނިކުބެއާއި އާދަމްމަނިކުބެއާއި ދޮންފުތުބެއަކީ ތިންބެއިނެވެ. އާދަމްމަނިކުބޭގެ އާއިލާ ދެމިފައި ވަނީ މަނަދޫ އަތިރިމަތީގެ ކުޑަކަމަނަ ދައިތައާ އިނދެގެން ލިބުނު ދޮންއައިސަދައިތަގެ މަރިޔަމްކޮއި ދައްތަ (މަނަދޫ / އަލަމާގެ) ގެ ފަރާތުންނެވެ. ކެޔޮޅު ދޮންފުތުބެ (އިބްރާހީމް) ގެ އާއިލާ ދެމިގެން އައިސްފައި ވަނީ މަނަދޫ އަޙްމަދު ކަލޭފާނު (މަނަދޫ / ރަތްވިލާގެ) އާއި ޢަލީ އިބްރާހީމް (ކެޔޮޅު ދޮންފުތުގެ އައްޔަބޭ) އާއި ޢުމަރު އިބްރާހީމް (ކެޔޮޅު ދޮންފުތުގެ ޢުމަރުބޭ) ގެ ފަރާތުންނެވެ. 
 
މޫސާމަނިކުބޭގެ ޢާއިލާ ތިން ކައިވެންޏަކުން ދެމިފައިވެއެވެ. އަތިރިމަތީގެ ފާތުމަދައިތަ (ފާތުމަތު މުޙައްމަދު) އާ ކުރި ކައިވެނިން ލިބުނު ތިން ދަރިންގެ ފަރާތުން ވަރަށް ބޮޑު ޢާއިލާއެއް މުޅި ރަށަށް ފެތުރިފައިވެއެވެ. އެއީ މަނަދޫ ފިނިވާގޭ މަރިޔަމް މޫސާ (މަރިޔަދައިތަ) އާއި، މަނަދޫ ކަރަންކާވިލާ ހާރޫން މޫސާ (ކަތީބު ހާރޫނުބޭ) އާއި، މަނަދޫ އިރަމާގޭ ޒުލޭޚާ މޫސާ (ކަނބުލޮދައިތަ) ގެ ފުށުން ފެތުރިފައިވާ އާއިލާއެވެ.
މޫސާމަނިކުބޭގެ ދަރިކޮޅު ދެން ފެތުރިފައި ވަނީ މަނަދޫ މަނިކެ ކޮޔާ އިނދެގެން ލިބުނު މަނަދޫ ކިނބިގަސްދޮށުގޭ އަލިމަނިކުބޭ (ޢަލީ މޫސާ މަނިކު) ގެ ފަރާތުންނެވެ. 
 
އަލިމަނިކުބޭގެ ދަރިންނަކީ ބޭބެ ދައިތަ (ޢައިޝަތު މަނިކެ) އާއި އަމީނަތު ދައްތައާއި އަބޫބަކުރުބޭގެ ފަރާތުންނެވެ.
މޫސާ މަނިކުބޭގެ ދަރިކޮޅު ނ. ހޮޅުދޫއަށް ފެތުރިފައި ވަނީ ސަންފަ ދައިތަކިޔާ އަންހެން ދަރިއެއްގެ ފަރާތުންނެވެ. މި ސަންފަދައިތަގެ މަންމައަކީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ. 
 
ސަންފާ މޫސާ (ސަންފަދައިތަ) ކައިވެނިކުރީ ބޭއަލިބެ (ޢަލީ ޙުސައިން) އާއެވެ. މި ދެމީހުންގެ ދަރިއަކީ އުމަރުބޭ (ޢުމަރު ޢަލީ) އެވެ. މަނަދޫން ހޮޅުދޫއަށް ހިޖުރަކޮށް އެ ރަށުގައި ދިރިއުޅެން ފެށުމާއެކު ހޮޅުދޫ މީހުން މި އުމަރުބެއަށް ކިޔަމުން އައީ މަނަދޫ ޢުމަރެވެ.
އުމަރު ޢަލީ ކައިވެނިކުރީ ހޮޅުދޫ ތަނޑިރަތްމާގޭ ކުޑަކޮއި ދައިތަ (އާޝިޔާ މުހައްމަދު) އާއެވެ. ހޮޅުދޫގައި އޮތް މަނަދޫ މޫސާމަނިކުގެ ޢާއިލާ ހޮޅުދޫއަށް ފެތުރިފައި ވަނީ އުމަރުބެއާއި ކުޑަކޮއިދައިތަ ދަރިންގެ ފަރާތުންނެވެ. 
 
އެ ދަރިންނަކީ (ތަރުތީބުން) :-
 
1. ޢަލީ ޢުމަރު (ނ. ހޮޅުދޫ /ހެޕީލައިފް) މަނަދޫ މީހުން ކިޔަނީ އަލިކޮއިބޭ
2 ފާޠިމަތު ޢުމަރު (ނ. ހޮޅުދޫ / ބިއުޓީލައިފް)
3. ޢަބުދުއްރަޝީދު (ނ. ހޮޅުދޫ /ތަނޑިރަތްމާގެ)
4. މުޙައްމަދު ރަޝީދު (ނ. ހޮޅުދޫ / ނިއުލައިފް)
5. އަޙުމަދު ރަޝީދު (ނ. ހޮޅުދޫ /ތަނޑިރަތްމާގެ)
6. މަރްޔަމް ވަޙީދާ (ނ. ހޮޅުދޫ /ތަނޑިރަތްމާގެ)
7. އިސްމާޢީލް ރަޝީދު (ނ. ހޮޅުދޫ /ތަނޑިރަތްމާގެ)
މަނަދޫ މޫސާމަނިކުބޭގެ އާއިލާއަކީ އަޅުގަނޑުގެ ބައްޕަގެ މަންމަ ފަރާތު އާއިލާއެވެ. އަޅުގަނޑީ ކުޑަ މަނިކުގެ މޫސާމަނިިކުބޭގެ މަރިޔަދައިތަ (މަރިޔަމް މޫސާ) ގެ ސަޢީދު ޤާސިމުގެ ޢަބްދުﷲ ސަޢީދެވެ.
 
 
މަޢުލޫމާތު:
 
އައިމިނަތު ޙަފްސާ، ނިޝާން / ނ.މަނަދޫ
ސަޢީދު ޤާސިމް، މާލްރޯޑް / ނ.މަނަދޫ
މޫސާ ޝިމާޢު ހެޕީލައިފް / ނ. ހޮޅުދޫ


No comments: