Tuesday, December 12, 2023

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ އަގުހުރި އަސްކަރީ ޚިދުމަތް

 



ޢަބްދުﷲ ސަޢީދު

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ 1989 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 34 އަހަރާއި، 05 މަހާއި، 23 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ ސަރވިސް ނަންބަރަކީ 1662 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.  

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ އަސްކަރީ ހަޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ވަނީ ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރެއްވި ކޯސްތަކުގެ ތެރޭގައި ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ފުރިހަމަކުރެއްވި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ އާއި އެންސީއޯ ކޭޑަރ ޓްރޭނިންގ ކޯސް، ސްރީލަންކާގެ މިލިޓަރީ އެކަޑަމީން ފުރިހަމަކުރެއްވި އޮފިސަރ ކެޑޭޓް ޓްރޭނިންގ ކޯސް، ޕާކިސްތާނުގެ އިންފެންޓްރީ ސްކޫލުން ފުރިހަމަ ކުރެއްވި ޔަންގް އޮފިސަރސް ކޯސް، އެމެރިކާގެ ފޯޓް ބެނިންގައި ހުންނަ އިންފެންޓްރީ ސްކޫލުން ފުރިހަމަ ކުރެއްވި އިންފެންޓްރީ އޮފިސަރ އެޑްވާންސް ކޯސް، ޕާކިސްތާނުގެ އެއަރ ފޯސް ސްޓާފް ކޮލެޖުން ފުރިހަމަ ކުރެއްވި ބޭސިކް ސްޓާފް ކޯސް، ބަންގްލަދޭޝްގެ ޑިފެންސް ސަރވިސް ސްޓާފް ކޮލެޖުން ފުރިހަމަ ކުރެއްވި ކޮމާންޑް އެންޑް ސްޓާފް ކޯސް ހިމެނެއެވެ. މި ކޯހުގެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްގެ ނޭޝަނަލް ޔުނިވަރސިޓީން 2012 ވަނަ އަހަރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ މާސްޓަރ އޮފް ޑިފެންސް ސްޓަޑީސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ވޯރ ކޮލެޖުން ހައި ކޮމާންޑް އޮރިއެންޓޭޝަން ކޯހާއި، ޗައިނާގެ ކޮލެޖް އޮފް ޑިފެންސް ސްޓަޑީސްއިން އިންޓަރނޭޝަނަލް ސިމްޕޯޒިއަމް ކޯސް ވަނީ ފުރިހަމަ ކުރައްވާފައެވެ. އެމެރިކާގެ ވޮޝިޓަން ޑީސީގައި ހުންނަ  ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ފެލޯސް ޕްރޮގްރާމް ފުރިހަމަކުރައްވައި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ 2019 ވަނަ އަހަރު މާސްޓަރ އޮފް އާރޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލުކުރައްވާފައެވެ. މީގެއިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވި ގިނަ އަދަދެއްގެ ސެމިނަރތަކާއި އަސްކަރީ އެންމެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ ވަނީ ތަމްސީލުކޮށްދެއްވާފައެވެ. 

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ވަރަށް މުހިންމު ކޮމާންޑް އެޕޮއިންޓްމަންޓްތަކާއި ސްޓާފް އެޕޮއިންޓްމަންޓްތަކާއި އިންސްޓްރަކްޝަނަލް އެޕޮއިންޓްމަންޓްތަކެއް ވަނީ އަދާކުރައްވާފައެވެ. މިގޮތުން ފާހަގަ ކުރެވޭ މުހިންމު ބައެއް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ކްއިކް ރިއެކްޝަން ފޯސް 2ގެ ސެކްޝަން ކޮމާންޑަރުކަމާއި، ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ އިންސްޓްރެކްޓަރކަމާއި، އެމްއެންޑީއެފް އޮފިސަރ ޓްރޭނިންގ ވިންގުގެ ކޮމްޕެނީ ކޮމާންޑަރުކަމާއި، އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސަޕޯޓް ބެޓޭލިއަން 2 ގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރުކަމާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ އެކްޓިންގ ކޮމާންޑާންޓްކަމާއި، އެމްއެންޑީއެފް އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް އިންޖިނިއަރިންގކަމާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ މެރިން ކޯރގެ ކޮމަޑާންޓުގެ މަޤާމުގެ އިތުރުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގައެވެ.

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ ދިވެހި އަސްކަރިއްޔާގެ ތަފާތު ބޯޑުތަކާއި ކޮމިޓީތަކާއި މަޖިލިސްތަކުގައި ވެސް އަގުހުރި މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން ސިފައިންގެ ލަފާދޭ މަޖިލިހުގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، އެ ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެމްއެންޑީއެފް ސްކޮލަރޝިޕް ބޯޑުގެ މެންބަރުކަމާއި އެ ބޯޑުގެ ޗެއަރމަންކަމާއި، ސިފައިންގެ ވެލްފެއަރ ކޮމްޕެނީގެ ޗެއަރމަންކަމާއި، އެ ކޮމްޕެނީގެ ޑިރެކްޓުންގެ ބޯޑުގެ ޑައިރެކްޓަރކަމާއި، ޑޮކްޓަރިން އެންޑް ރިފޯމް ކޮމެޓީގެ ޗެއަރމަންކަމާއި، ސިފައިންގެ އެކުވެރި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރކަމާއި، ސިފްކޯ މެނޭޖްމަންޓް ކޮމެޓީގެ ވައިސް ޗެއަރމަންކަމާއި، ސިފައިންގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ހިންގާ ކޮމެޓީގެ ހިންގާ ސެކްރެޓަރީކަމާއި، އެ ކުލަބުގެ އިންތިޒާމު ސެކްރެޓަރީކަމާއި، ޚަޒާންދާރުކަމުގެ އިތުރުން އެ ކުލަބުގެ ނާއިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރގެ ހައިސިއްޔަތުން ވެސް ވަނީ ވަރަށް އަގުހުރި އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. 

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ސަރުކާރުން އެކުލަވާލި ޑިޒާސްޓަރ މެނޭޖްމަންޓް ރިލީފް ކޮމިޓީގެ މެންބަރެއްގެ ގޮތުގައާއި، ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެ އަދާކުރެއްވި އިސްދައުރާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ޓަކައި ސިފައިން ކުރި މަސައްކަތާއި ހިންގި ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރާއި، 2016 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރާއި، ކޮވިޑް-19 ގެ އާލަމީވަބާއާ  ގުޅިގެން ދިވެހި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ސިފައިންގެ ޖެނެރަލް އޮފިސަރެއްގެ ގޮތުގައި އަދާކުރެއްވި އިސް ދައުރު ޚާއްޞަގޮތެއްގައި ފާހަގަ ކުރެވެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 10 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ހާސިލުކުރައްވާފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި އަދި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، އަމާޒަށް ބަޑިޖެހުމުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ އެއްވަނަ އަދި ދެވަނަ ފަހަރަށާއި، އަޚްލާޤީ ކުލަ އެއްވަނަ އަދި ދެވަނަ ފަހަރަށެވެ.                                                                

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތްތަކެކެވެ. ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވި މި ދިގު މުއްދަތުގެ ޚިދުމަތަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު އައްޔަން ކުރައްވާފައެވެ.

 

No comments: