Friday, December 15, 2023

މަނަދޫގެ ރަހަތަކުގެ ތެރެއިން: ތާބަރު ދިޔަ ކައްކާނެގޮތް

ފޮޓޯ ކުރެޑިޓް: ޙައްޤުވެރިފަރާތަށް


ޢަބްދުﷲ ސަޢީދު 
 
ތާބަރަކީ ލައްޖެހި ފާނައިގެ ކުދި ވައްތަރެކެވެ. ތާބަރު ބާނައި، ތާބަރު ދިޔަ އާންމުކޮށް މަނަދޫ މީހުން ކުރީ ޒަމާނުގައި ކައްކާއުޅުނީ މަސްވެރިކަން ދަށް ދުވަސްވަރުފައެވެ. ވިއްސާރަވެ މޫސުން ގޯސްވެ މަހަށް ނުދެވި ރަށުގައި ތިބެންޖެހޭ ދުވަސްތަކުގައެވެ. ތާބަރު ދިޔަ ކައިއުޅެނީ ބަނބުކެޔޮ ބަތާއެކުގައެވެ. 
\
ތާބަރު ދިޔަ ކައްކަން ބޭނުންވާ ތަކެތި
 
- 5 ތާބަރު
- ހައެއްކަ ހިކި މިރުސް
- ހިކަނދިފަތްކޮޅެއް
- ދެތިން ލޮނުމިދު
- ދިރިކޮޅެއް
- ލޮނުހެޔޮވާވަރަށް ލޮނު
- އެކަށީގެންވާރަށް ފެން
 
 
ތައްޔާރުކުރާނެގޮތް
 
ފުރަތަމަ ތާބަރުތައް ހަންދަމާ ސާފުކޮށްލާނީއެވެ. މަނަދޫ މީހުން ތާބަރު ދިޔަ ކައްކަން ހަންދަމާފައި ހުންނަނީ ބޯ ނުކަނޑައި ބޮލާ ހަމައިންނެވެ. ތާބަރުގެ މެދުގައި ދެ ފަރާތުގައި ޅިއައެއް އަޅާފައި ތާބަރު ކައްކަނީ ހުރި ގޮތަށެވެ.
ތާބަރު ދިޔަ ކެއްކުމަށް ޓަކައި ފުރަތަމަ ހަވާދުކޮޅު ފުނޑާލާނީއެވެ. އެއަށްފަހު ތެއްޔަކަށް ފެންއަޅާ ފެނުގެ ތެރެއަށް ހަވާދުކޮޅު ގިރުވާލާފައި ކައްކާނީއެވެ. ދިޔަގަނޑު ކެކިގަތީމާ ތާބަރުތައް އަޅާލާނީއެވެ. ތާބަރުތައް ރޯފިލީމާ އެހެރީ ތާބަރުދިޔަ ކެކިފައެވެ.
 
މަނަދޫ މީހުން ތާބަރު ބާނާގޮތް
 
ތާބަރު ބާނަނީ ބަރަވެލި ފޫޅު އަޅައިގެންނެވެ. ތާބަރު ބާނަން ދަނީ ފޯމަތީގައި ހެނދުނުއެވެ. ހަތެއް އަށެއް ޖަހަންވާއިރަށް ގެއަށް އާދެވޭނެއެވެ. ތާބަރު ބާނަނީ މޫދަށް އެރިގެން ގޮސް ތޮށިމައްޗަށް އަރައި ގާގަލުގައި ތިބެގެން ރާޅުގަނޑު ތެރެއަށް ދޮށި އުކައިގެންނެވެ. އެ ހިސާބުގަނޑު ވާނީ ރާޅުގެ ބާރު ކެނޑިގެން އަންނަ ހިސާބަށެވެ. ދޮށި އެއްލާނީ ރާޅު ބިންދާލުމަށްފަހު އަނެއް ރާޅުގެ ބަނޑަށް ދަމާލާ ވަގުތުއެވެ. އެތާ ކައިރި ތާބަރެއް އިނިއްޔާ އެ ވަގުތު ގަންނާނެއެވެ. ނުގަތަސް އަނެއް ރާޅު އައުމުގެ ކުރިން އެންކޮޅު ފެނުން މައްޗަށް ނަގަންވާނެއެވެ. ތާބަރު ބާނަންދާ މީހުން އެ ޒަމާނުގައި ތިބެނީ ފަނުން ވިޔެފައި އޮންނަ ގޮނެއް ކަރުގައި އަޅައިގެންނެވެ. އެއީ ބޭނޭ ތާބަރު އަޅާށެވެ. ތާބަރު ބާނައިގެން ގެއަށް ގެންދަނީ ހަންދަމާ ސާފުކޮށްގެންނެވެ.


No comments: