Friday, August 12, 2022

ފަލަސްޠީނު - ލޭގެ ކޯރެއްގައި



 

ޢަބްދުﷲ ސަޢީދު

 

ވޭނާ ހޫނުގައެވެ.

ލެއާއި ކަރުނައިގައެވެ.

ބިރާއި ނާމާންކަމުގައެވެ.

ލޭގެ ކޯރެއްގައެވެ.

އިވެއެވެ.

މަންމަމެންގެ ރުއިމުގެ އަޑެވެ.

ބައްޕަމެން ގިސްލާ އަޑެވެ.

ގޮވާތަކެތީގެ އަޑެވެ.

ޢިމާރާތްތައް ފުނޑުފުނޑުވެގެން ފައިބާ އަޑެވެ.

އެކަމަކު އަޤްޞާއަށް ޓަކައި އުފުލާ އަޑު މަޑެއް ނޫނެވެ.

މިނިވަން ކަމަށް ޓަކައި އުފުލާ އަޑު ކަނޑުވައެއް ނުލެވެއެވެ.

ފެނެއެވެ

 

ދައްތަމެންގެ ލޮލުން އޮހޮރޭ ލޭކަރުނައެވެ.

ބޭބެމެންގެ ފަޅިފަޅިވެފައިވާ ހިތްތަކެވެ.

ފިތްކެނޑިފައިވާ ކޮއްކޮމެން ރޮއިރޮއި ހިނދޭތަނެވެ.

ބައެއް ފަހަރު މުޅި އާއިލާގެ ޖަނާޒާއެވެ.

އަންހެނުންނާއި ފިރިހެނުންގެ ގަބުރުތަކެވެ.

މުސްކުޅިންނާއި ޒުވާނުންގެ ހަށިގަނޑާ ވަކިވެފައިވާ ގުނަވަންތަކެވެ.

ގެދޮރުތައް ނެތި ދަނީއެވެ.

ނުކުޅެދޭ މީހުން އިތުރުވަނީއެވެ.

ފެނާއި ކާބޯތަކެއްޗަށް ޖެހެނީއެވެ. 

ބޭހާއި ފަރުވާ ކުރެވޭނެ ގޮތެއް ނެތެވެ.

ހައްޔަރުކުރާކަށް އުމުރެއް ނެތެވެ.

ޅަދަރިންނާ މައިން ވަކިކޮށްލަނީއެވެ.

އަނބިން ޖަހައިގަންނަނީއެވެ.

އެކަމަކު ކުޑަ ކުއްޖެއް ފެނުނަސް އެ ޖައްބާރުން ބިރު ގަނެއެވެ.

ޒަމާނީ ހަތިޔާރު ހުއްޓަސް ތިބެނީ ސިހިސިހިއެވެ.

ކޮންމެ ވެސް ދުވަހަކުން އެ ބިމުން ފައިބަން ޖެހޭނެކަން އަނިޔާވެރިންނަށް ވެސް އެނގެއެވެ.

އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި ދުނިޔޭގެ ލޯތައް ކަނެވެ.

މީ އަދުގެ ހާލެވެ.

މި ލޮލުން ކަރުނަ ހިކިއްޖެއެވެ.

ރޮއިރޮއި އަޑު ބެދިއްޖެއެވެ.

ހިތް ކުދިކުދި ވެއްޖެއެވެ.

ހައިރާންވެ އަންތަރީސް ވެއްޖެއެވެ.

ރަހުމާ އޯގާތެރިކަމުގެ ކަންފުޅެއްވެސް ނެތެވެ.

މި އަނިޔާތައް ދުނިޔެއަށް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟

އިންސާފު ހިނގާނީ ބާރާއި ނުފޫޒުގެ ފަހަތުންނެވެ.

އަދުލުވެރިކަން އޮންނާނީ މުއްސަނދިކަމާއި ފައިސާގައި ތާށިވެފައެވެ.

ދުނިޔޭގެ އާރާބާރުގައި ގައިދުވެފައެވެ.

މި ފެންނަނީ އެކަމެވެ.

މި އިވެނީ އެ އަޑުތަކެވެ.

No comments: