Friday, November 11, 2022

ފުރަތަމަ ޖުމްހޫރިއްޔާއާއި ދެވަނަ ޖުމްހޫރިއްޔާ

 



ޢަބްދުﷲ ސަޢީދު

"ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ! އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ." މިއީ ދިވެހީންނަށް ޖުމްހޫރީ ވެރިކަން ތަޢާރަފުކޮށްދެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހު އާ ގާނޫނު އަސާސީ މަޖިލީހުން ފާސްކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ. 1 ޖަނަވަރީ 1953 ގައި ކުރެއްވި މި ތާރީޚީ ތަޤުރީރަކީ ދިވެހިރާއްޖެއަށް ތަޢާރަފު ކުރެއްވި ވެރިކަމުގެ އައު ނިޒާމަށް މަރުޙަބާ ވިދާޅުވެ ދެއްވި ތަޤުރީރެކެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު އުފެދިގެން ދިޔަ ފުރަތަމަ ޖުމްހޫރީ ވެރިކަން 1953 އޮގަސްޓު 21 ވަނަ ދުވަހު އުވިގެންދިޔައިރު އެ ޖުމްހޫރިއްޔާއަށް ވީ އެންމެ 7 މަހާއި 26 ދުވަހެވެ. 

 

ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަމެއް ތަޢާރަފުވީ އެއްގޮތަކަށް ވެސް ޖުމްހޫރީ ވެރިކަމަކީ ކޮބައިކަން ރައްޔިތުންނަށް އެނގި، އެގޮތް ރައްޔިތުން ބޭނުންވެގެންނެއް ނޫނެވެ. އަދި އެންމެ ކުރިއްސުރެ ދިވެހިރާއްޖޭގައި އޮތް ވިރާސީ ރަސްކަމުގެ ނިޒާމު ރައްޔިތުންނަށް ކަމު ނުގޮސްގެންނެއް ވެސް ނޫނެވެ. އަދި ރަސްކަމާއި ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތަފާތު ރައްޔިތުންނަށް އެނގިގެންނެއް ވެސް ނޫނެވެ. އެ ދުވަސްވަރު ދައުލަތް ހިންގަންވަން ތިއްބެވި އިސް ބޭފުޅުން ޖުމްހޫރީ ނިޒާމަށް ދިވެހި ދައުލަތް ފުރޮޅާލައްވަން ބޭނުންފުޅުވީމައެވެ. 

 

އެންމެ ކުރިއްސުރެ ވެސް ދިވެހިރާއްޖޭގައި އޮތީ ވިރާސީ ރަސްކަމުގެ ނިޒާމެކެވެ. އެކިއެކި ހަމަނުޖެހުންތަކާއި ހާލަތަށް އައި އެކިއެކި ބަދަލުތަކާއެކު އެކިއެކި ދަރިކޮޅުތަކަށް ވެރިކަން ފުރޮޅެމުން ބަދަލުވަމުން އައީއެވެ. ހަތްވަރަކަށް ދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވިއިރު ކޮންމެ ދަރިކޮޅަކުން ވެސް ރަސްކަން ކުރަމުން އައީ ވިރާސީ ގޮތުން ވާރުތަވާ ކޮންމެ ވެސް އުސޫލެއްގެ ތެރެއިންކަން އެނގެއެވެ. ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމަކީ އުސޫލުތަކަކާއި ހަމަތަކެއް ހިފެހެއްޓިފައި އޮތް ރީތި އާދަކާދަތަކަކާއި ދިވެހި ސަޤާފަތެއްގެ މައްޗަށް ހިންގަމުންއައި ދިވެހިވަންތަ ނިޒާމެކެވެ. ކީރިތި މަހާރަދުންނަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. އެގޮތުގައި އެތައް ޒަމާނެއް ފާއިތުވެދިޔަ ފަހުން މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ކީރިތި މަހާރަދުން އިންނަވައިފައި، ސަރުކާރު ހިންގެވުމަށް ބޮޑު ވަޒީރުން އައްޔަން ކުރައްވަމުން ގެންދަވާފައި ވެއެވެ. ދިވެހިރާއްޖެއަށް 1932 ވަނަ އަހަރު ޤާނޫނު އަސާސީއެއް އަލަށް ތަޢާރަފުކުރެވުނު އިރުގައި ރަސްގެފާނާއި ބޮޑުވަޒީރުގެ ދައުރުތައް ބަޔާންކޮށްފައިވެއެވެ. ލިޔުމަކުން މިގޮތަށް ބަޔާންކޮށްފައި އޮތުމުން އެކަންވީ އޭރު އިންނެވި ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) މާ ހިތްޕުޅާވާ ކަމަކަށް ނޫނެވެ. މި ބޮޑު ބަދަލަށް މާގިނަ ދުވަހެއް ނުވެ 1933 ވަނަ އަހަރު ދިވެހީން ދުށް "މޮޓަރުބޯޓުގެ ގަޑުބަޑު" އާއެކު ފުރަތަމަ ޤާނޫނު އަސާސީ ވިދާލީއެވެ. ސިޔާސީ ނުތަނަވަސްކަން ފިނިނުވެ އުޅެނިކޮށް ފެނިގެން ދިޔައީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) 1934 އޮކުޓޫބަރު 7ވަނަ ދުވަހު ރަސްކަމުން އަޒުލުކުރެވިގެން ދިޔަތަނެވެ. އެ ދުވަހު ރަދުން ރަސްކަމުން އަޒުލުކުރުމުގައި އިސްވެ އުޅުއްވިތަން ފެނުނީ އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. ޝަމްސުއްދީން ރަދުން ރަސްކަމުން އަޒުލުކުރުމުގައި ޙަސަން ފަރީދު ކުޅުއްވި ދައުރަކީ ބައެއް ފަރާތްތަކުގެ ނަޒަރުގައި ކުޅަދާނަކަމާއި ޝަޚްޞިއްޔަތުގެ ހަރުދަނާކަން ދައްކައިދިން ކަމެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެއީ އަތިރީގެއާ ދިމާއަށް ވެރިކަން ފުރޮޅާލުމަށް އާއިލީ ނުފޫޒާއި ބާރު ބޭނުންކުރައްވައި ރޭއްވެވި ހީލަތްތެރި ރޭވުމެކެވެ. ޝަމްސުއްދީން ރަދުންގެ ރަސްކަމަށްފަހު ރަސްކަން ލިބިވަޑައިގެންނެވީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އަށެވެ. އެ ރަދުން 21 ފެބުރުވަރީ 1935 އިން 07 އެޕްރީލު 1943 އަށް ރަސްކަން ކުރައްވައި، ރަސްކަމުން އިސްތިޢުފާ ދެއްވީއެވެ. މި ރަދުން ރަސްކަމުގައި އިންނެވި ނަމަވެސް އެ ދުވަސްވަރު ދައުލަތުގެ ބާރުތައް އޮތީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެފާނުގެ އަތްޕުޅުގައެވެ. ޢަމަލީ ގޮތުން ދައުލަތް ހިންގެވުމުގައި އުޅުއްވީ އެ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. ޙަސަން ނޫރައްދީނުގެ ރަސްކަން ނިމުމުއިރު ދައުލަތް ހިންގެވުމުގެ ބާރުތައް އޮތީ އަލްއަމީރު މުޙައްމަދު އަމީނުގެ އަތްޕުޅުމަތީގައެވެ.

ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތަށް 12 އެޕްރީލް 1943 ގައި ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އިންތިޚާބު ކުރެވިފައިވިޔަސް ރަސްކަމުގެ ތަޚުތު ހުރީ ފަޅަށެވެ. އެ މަނިކުފާނު ރަސްކަމެއް ނުކުރައްވައެވެ. "މާތްވެރިޔާ"ގެ ގޮތުގައި ހުންނެވީއެވެ. ދާޚިލީ ވަޒީރެއްގެ ގޮތުން ދައުލަތް ހިންގެވި ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގެން، އަދި ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވެ ވަޑައިގެންނެވުމުން މުޙައްމަދު އަމީނަށް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ބޭނުންފުޅު ގޮތަކަށް ކުޅިޖައްސަވަން ލިބިވަޑައިގެންނެވިއެވެ. އޭރު މުޅި ދިވެހި ދައުލަތް އޮތީ މުޙައްމަދު އަމީނުގެ އަތްޕުޅުގައެވެ.

ދިވެހިރާއްޖައި ރަސްކަލަކު ނެތެވެ. ރަސްކަމުގެ ތަޚުތު ހުރީ ފަޅަށެވެ. ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މުޙައްމަދު އަމީން ބޭނުންފުޅުވިއެވެ. އެކަމަކު ރަސްކަލެއްގެ ގޮތުގައި ރަސްކަމުގެ ތަޚުތުގައި އިށީންދެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. ޖުމްހޫރީ ނިޒާމެއް ދިވެހިރާއްޖެއަށް އެމަނިކުފާނު ތަޢާރަފު ކުރެއްވީ އެހެންވެއެވެ. މުޙައްމަދު އަމީނުގެ ވެރިކަން 21 އޮގަސްޓް 1953ގައި އިންގިލާބަކުން ނިމިގެންދިޔައިރު ދިވެހިރާއްޖެއަށް އެމަނިކުފާނު ތަޢާރަފު ކުރެއްވި ޖުމްހޫރީ ވެރިކަމުގެ ނިޒާމު އުވިގެންދިޔައީ އެހެންވެއެވެ. އެއީ އެމަނިކުފާނު ބޭނުންފުޅު ވެގެން ގެންނެވި ނިޒާމެކެވެ. ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއް ކަމެއް ރައްޔިތުންނެއް ނުދަނެއެވެ. މުޙައްމަދު އަމީނުގެ ވެރިކަން އިންގިލާބަކުން ނިމުމަކަށް ގެނެސް އިންގިލާބީ ލީޑަރެއްގެ ގޮތުގައި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުން ސިފައިންގެ ވެރިކަން ވެސް ކުރެއްވީ ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީ އެވެ. ދެން ހުންނެވި އިންގިލާބީ ލީޑަރަކީ އިބްރާހީމް ފާމުދަލޭރި ކިލެގެފާނެވެ. އެއީ ފަހުން އުފެދުނު އިންތިޚާބީ ރަސްކަމުގެ ފުރަތަމަ ބޮޑު ވަޒީރެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމަށްފަހު 07 މާރިޗު 1954 ގައި ޤާއިމުކުރެވުނީ އިންތިޚާބީ ރަސްކަމެކެވެ. އެ ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް އެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމުން އެއީ ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. އިނގިރޭސީންނަށް 100 އަހަރަށް އައްޑު އަތޮޅު ގަން ދިނުމުގެ މައްސަލަ ހޫނުވެ އެ ރަސްކަމުގެ ފުރަތަމަ ބޮޑު ވަޒީރު، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު 11 ޑިސެންބަރު 1957ގައި އިސްތިޢުފާ ދެއްވީއެވެ. ޖެހިގެން އައި ދުވަހު، 12 ޑިސެންބަރު 1957ގައި ރާއްޖޭގެ ބޮޑު ވަޒީރުކަމަށް އިސްކުރެއްވީ އިބްރާހީމް ނާޞިރެވެ. އެ މަޤާމުގައި 11 ނޮވެންބަރު 1968 އާ ހަމައަށް 11 އަހަރު، އެ މަނިކުފާނު ހުންނެވިއެވެ. މުޙައްމަދު ފަރީދު ރަސްކަމުގައި އިންނެވި ނަމަވެސް ދައުލަތާއި ސަރުކާރުގެ ބާރުތައް އޮތީ ބޮޑު ވަޒީރު އިބްރާހީމް ނާޞީރުގެ އަތްޕުޅުގައެވެ. އެ ދުވަސްވަރު ވޯރާވިޔަފާރި ވެރިންގެ މައްސަލައާއި އައްޑޫގަޑުބަޑު ހަމަޖައްސަވައި، ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވައި، އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެ ހެއްދެވުންފަދަ ޚިދުމަތްތަކުގެ ސަބަބުން ސިޔާސީ އުދަރެހުގައި ވިދަމުން ދިޔައީ ނާޞީރުގެ ނަންފުޅެވެ. މީގެއިތުރުން އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ގެންނެވި ހެޔޮ ބަދަލުތަކުގެ ސަބަބުން އެމަނިކުފާނުގެ އަތްޕުޅުމައްޗަށް ޤައުމު އޮތީ ދީލާލާފައެވެ.  14 އަހަރަށްފަހު މުޙައްމަދު ފަރީދުގެ ރަސްކަން ނިމިގެންދިޔައީ ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުންނެވެ. ދެވަނަ ފަހަރަށް ޖުމްހޫރީ ނިޒާމެއް ގެނެވުނީ ވެސް ރައްޔިތުން ޖުމްހޫރީ ނިޒާމެއް ބޭނުން ވެގެންނެއް ނޫނެވެ. އެއީ ވެސް ދައުލަތް ހިންގެވުމަށް ތިއްބެވި ބޭފުޅުން ބޭނުންފުޅު ވެގެން ގެންނެވި ބަދަލެކެވެ. ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަން ތަޢާރަފުވުމާއެކު މުޙައްމަދު ފަރީދުގެ ރަސްކަންވެގެން ދިޔައީ ދިވެހިރާއްޖޭގެ އެންމެ ފަހުގެ ރަސްކަމަށެވެ.

ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓުން ފާސްވީ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށެވެ. އެއަށްފަހު ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ވެސް ނެގިއެވެ. 15 މާރިޗު 1968 ގައި ނެގި އެ ސިއްރު ވޯޓުގެ ކަރުދާސްކޮޅުގައި ފާހަގަ ލާން ރައްޔިތުންނަށް އޮތީ ތަރިއަކާއި ރުކަކަށެވެ. މަތީ ގޮޅީގައި ތަރިއެއް ކުރަހާފައި ތާނައިން "ރަސްކަން" ލިޔެފައެވެ.  ތިރީ ގޮޅީގައި ޖުމްހޫރިއްޔާ ޢަރަބިން ލިޔެފައި ރަމުޒަކަށް ކުރަހާފައި އޮތީ ރުކެކެވެ. ރަސްކަމަކާއި ޖުމްހޫރިއްޔަތަކާ ހުރި ތަފާތު ދިވެހީންނަށް ނޭނގުނަސް ތަރިއަކާއި ރުކަކާހުރި ތަފާތާއި އެދޭތީގެ ތެރެއިން އެންމެ ގިނަ ބޭނުން ފުދޭނީ ކޮން އެއްޗަކުންނަށް އެނގެއެވެ. އުޑުގައި ހުންނަ ތަރިއަކުން ކުރެވޭނެ ބޭނުމެއް ނޭނގުނަސް ދިވެހީންގެ ދިރިއުޅުމާއި ކެއިންބުއިމުގައި ދިވެހި ރުއް އަދާކުރާ ދައުރުގެ ބޮޑުކަން އެނގެއެވެ. ކޮންމެ އަކަސް، ގިނަ ބަޔަކު ރުއް ކުރަހާފައިވާ ގޮޅީގައި ފާހަގަ ޖެހުމުން ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށް ފާސްވީއެވެ. އެއާއެކު ޤާނޫނު އަސާސީ އަލުން އެކުލަވައިލައި 11 ނޮވެންބަރު 1968 ގައި ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަން އުފެދުނީއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިޚާބުވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އޭގެފަހުން ރާއްޖޭގައި ހިނގަމުން މިއަދަނީ ޖުމްހޫރިއްޔާ ވެރިކަމެކެވެ. ރައްޔިތުންގެ ވެރިކަމެކެވެ.

ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހުގެ ތަޤުރީރުގައި މުޙައްމަދު އަމީން ވިދާޅުވިއެވެ. "އަމިއްލަ ނަފުސަށާއި، ﷲ އަށް ވަކީލުކޮށްގެންތިބެ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނުގެ، ޤައުމީ ޚިދުމަތުގައި ކުރިޔަށް ދަމާތޯއެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފުސާމެދު ވިސްނާ ބީދައިން، އެހެން މީހުންނާމެދުވެސް ވިސްނަމާތޯއެވެ؟ އަޅުގަނޑުމެންގެ ޤައުމީ ޚިދުމަތާއި އަޅުގަނޑުމެންނާ ދެމެދަށް، އަމިއްލަ އެދުމާއި، އެއްވެސްކަހަލަ ނޭއްގާނީ އަދި ނޭދެވޭ އަސަރުތަކެއް ވަނަ ނުދެމާތޯއެވެ؟" ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔައީ މި ނަސޭހަތްތައް އޭރު ތިއްބެވި ބޭފުޅުން ނޭއްސެވުމުންނެވެ. 

No comments: