Sunday, September 4, 2022

ދިވެހި ސިފައިންގެ ތާރީޚު




ޢަބްދުﷲ ސަޢީދު

ދުޝްމިނުންގެ ޙަމަލާތަކުން ދިވެހިރާއްޖެއާއި ދިވެހީންނާއި ދިވެހީންގެ ދައުލަތް ދިފާޢު ކުރުމަށްޓަކައި އެންމެ ފުރަތަމަ ލަޝްކަރެއް އެކުލަވާލީ ކޮން ދުވަސްވަރެއްގައި ބާވައެވެ. އެ ދުވަސްވަރަކަށްވާނީ ޤައުމެއްގެ ގޮތުގައި ދިވެހީން މި "ދިވެހިރާއްޖެ" ޤައުމެއްގެ ގޮތުގައި ދެކި، އަމިއްލަ ވެރިކަމެއް ކުރާންފެށި ދުވަސްވަރަށެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ދިފާޢީ ނިޒާމަކީ ޤައުމު އުފެދުނީއްސުރެ ޤާއިމުވެފައި އޮންނަ ނިޒާމެކެވެ. އެއީ ދައުލަތެއްގައި ހުންނަ އެންމެ އަސާސީ އެއް ސިފައެވެ. އެއީ އެ ދައުލަތެއްގެ ރައްކާތެރިކަމާއި ދިފާޢުގެ އައްޑަނައެވެ.

ދިވެހީންގެ މިނިވަންކަމުގެ ދިގު ތާރީޚުން ހެކިދެނީ ދިވެހީންގެ ވަރަށް ވަރުގަދަ އަދި އެހާމެ ގާބިލު ލަޝްކަރެއް ދިވެހިރާއްޖޭގައި އޮތްކަމަށެވެ. ބޭރުގެ ލިޔުންތެރީންގެ ލިޔުންތަކުން ވެސް އެކަމަށް ހެކި ލިބެއެވެ. މީލާދީން 916 ވަނަ އަހަރު ސްރީލަންކާއަށް ކުރި ދަތުރުގެ ދަތުރުނާމާގައި އަބުލް ޙަސަން ޢަލީ އަލް މަސްޢޫދީ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވާފައިވެއެވެ. ”މި ރަށްތަކުގެ ވަޒަންވެރިން ތަބާވަނީ އެއް ރަސްކަލަކަށެވެ. އެމީހުންގެ އަދަދު ގިނައެވެ. އަދި ހިމަނައި ނުގަނެވޭނެ ފަދަ ގިނަ ލަޝްކަރެއް، މައިދާނަށް ނެރެލުމުގެ ކުޅަދާނަކަން ދިވެހި ސިންގާސަނާގައި ލިބިގެންވެއެވެ.“ 

 

 

ސިފައިންގެ ވާޖިބާއި ޒިންމާ

ދިވެހި ލަޝްކަރަކީ، ތާރީޚުގައި އެކި ދުވަސްވަރު އެކި ނަންނަމުގައި ތިބި ބައެކެވެ. ނަމަވެސް މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދުޝްމިނުންގެ ކިބައިން ޤައުމާއި ރައްޔިތުންނާއި ރައްޔިތުންގެ ވެރިކަން ދިފާޢުކުރުމެވެ. ދިވެހިރާއްޖޭ އިސްލާމްވުމަށްފަހު މާތްވެގެންވާ އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ ބިންގާ ކަމަށް ވެގެންދިޔައެވެ. ދިވެހީންގެ މިނިވަންކަން ދިފާޢުކުރުމަށް ދިވެހިރާއްޖޭގެ ދިފާޢީ ލަޝްކަރުން ކުރި ހަނގުރާމަތަކުގެ ތެރޭގައި އިސްލާމު ދީން ހިމާޔަތްކުރުން ވެސް ހިމެނުނެވެ. ދިވެހިރާއްޖޭގައި ޤާނޫނީ ޙުކޫމަތެއް ޤާއިމުވުމާއެކު ޤާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމަކީ ވެސް ދިފާޢީ ބާރުގެ ޒިންމާއެއް ގޮތުގައި ކަނޑައެޅިގެން ދިޔައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަންއަކީ ދިވެހިރާއްޖޭ ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ޙިމާޔަތް ކުރުމެވެ.

ސިފައިން އުފެދުމުގެ ކުރިން އޮތް އަސްކަރީ ނިޒާމު

ބޭރުގެ އެކިއެކި ބާރުތަކުން އެކިއެކި ދުވަސްވަރު ދިވެހިރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާތަކާއި، ކުރަމުން ދިޔަ ދުއްތުރާތަކުން މި ޤައުމު ސަލާމަތް ކުރުމަށް ދިވެހި އަސްކަރީން ވަރަށް ވަރުގަދަ ހަނގުރާމަތަކެއް ކޮށްފައިވެއެވެ. އަދި ބޭރުގެ ބާރުތަކުގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ދިޔަ ކޮންމެ ފަހަރަކު އެ އަޅުވެތިކަމުން ސަލާމަތްވުމަށް ވެސް ދިވެހީން ވަނީ ލެއާއި ފުރާނައިން މަތިވެރި ޤުރުބާނީތަކެއް ވެފައެވެ. މިކަންކަމުން ދޭހަކޮށްދެނީ ދިވެހީންގެ ހިތްތަކުގައި އަބަދުވެސް ޖަހަމުންދިޔަ މިނިވަންކަމުގެ ވިންދުގެ ބާރުކަމެވެ. ދިވެހީން މިނިވަންކަން ދިފާޢުކުރުމަށް ކޮންމެ އަގެއް ވެސް ދައްކާނެކަމެވެ.

ދިވެހިރާއްޖޭގައި އެންމެ އެވޭލާ ޒަމާނުގައި އޮތް ލަޝްކަރު ތަރުތީބުކުރެވިފައިވާގޮތެއް ނޭނގެއެވެ. ތުންތުންމަތިން ދެކެވެމުންއައި ވާހަކަތަކާއި ތާރީޚުން ފެންނަހުރި ހިސާބުން އެނގެންއޮތީ ދިވެހި ލަޝްކަރު ރޭވިފައި އޮތީ ކުރީ ޒަމާނުގައި ކިޔާހެން "ދެބައިލަޝްކަރު" އެއްގެ މައްޗަށްކަމެވެ. ދިވެހި ބަސްފޮތުގައި ދެބައި ލަޝްކަރުގެ މާނައެއްކަމަށް އޮންނަ އެއް މާނައަކީ އެއްގަމާއި ކަނޑުގެ ސިފައިންނެވެ.

އެންމެ ފުރަތަމަ ދިވެހި ލަޝްކަރު އޮތީ ދެބައެއްގެ މައްޗަށެވެ. އެއީ އިސް ތިންވަރާއި ފަސް ތިންވަރެވެ. އިސް ތިންވަރަކީ އިސް ތިންވަރުގައި ހިމެނެނީ ދޮށިމޭނާވަރާއި ހަކުރާވަރާއި ވެލާނާވަރެވެ. ފަސް ތިންވަރުގައި ހިމެނެނީ ފާމުލަދޭރިވަރާއި މާފަތްވަރާއި ދަހަރާވަރެވެ. އިސް ތިންވަރަކީ ކަނޑުގެ ލަޝްކަރުކަމަށް ވެދާނެއެވެ. އަދި ފަސް ތިންވަރަކީ އެއްގަމުގެ ލަޝްކަރުކަމުގައި ވެދާނެއެވެ.

މިދެންނެވި ވަރުތަކާ ހަވާލުވެގެން ތިއްބަވާ ވެރިންނަކީ ބޮޑު މުސްކުޅިންނެވެ. މިހާރުގެ ގޮތުންނަމަ ވަޒީރުންނެވެ. ދޮށިމޭނާވަރުގެ ވެރިއަކަށް ހުންނަވަނީ ދޮށިމޭނާ ބޭކަލެކެވެ. ދޮށިމޭނާ ކިލެގެއަކީ ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ހަކުރާވަރުގެ ވެރިއަކަށް ހުންނަވަނީ ހަކުރާބޭކަލެކެވެ. އެއީ ހަކުރާ މަނިކުފާނެވެ. ވެލާނާވަރުގެ ވެރިއަކަށް ހުންނަވަނީ ވެލާނާ ބޭކަލެކެވެ. އެއީ ކަނޑުގެ އަރުމާދުތަކުގެ ވެރިޔާއެވެ. މިހާރުގެ ގޮތުން ޗީފް އެޑްމިރަލް އެވެ. ވޭލާނާކަމަކީ ބޭރާ ބެހޭ ވަޒީރު ވެސް މެއެވެ.

މާފަތްވަރުގެ ވެރިއަކަށް ހުންނަވަނީ މާފަތް ބޭކަލެކެވެ. މިއީ މާފަތް ތަކުރު ނުވަތަ މާފަތް ކިލެގެ ކަމެވެ. މިއީ ބޮޑުފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ފާމުދޭރިވަރުގެ ވެރިއަކަށް ހުންނަވަނީ ފާމްދޭރި ބޭކަލެކެވެ. މިއީވެސް ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ދަހަރާވަރުގެ ވެރިއަކަށް ހުންނަވަނީ ދަހަރާ ބޭކަލެކެވެ. މިއީ ދަހަރަދަ ކިލެގެ އެވެ. މިއީ ވެސް ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ފަންސަ ފުރަދާނަ ކަމަކީ ކުރީގައި ރަސްކަން ހިންގަވަން ތިއްބަވާ ފަސް ވަޒީރުންނަށް ދެވޭ ދަރަޖައެކެވެ. ބޮޑު ފުރަދާނަ އަކީ ވެސް ވަޒީރުކަމާ އެއްފަދަ ދަރަޖައެކެވެ.

ބޮޑުތަކުރުފާނު ދިވެހި ލަޝްކަރު ތަރުތީބު ކުރެއްވިގޮތް

މީލާދީން 16 ވަނަ ޤަރުނުގައި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިއިރު ވެސް ދިވެހި ލަޝްކަރެއް އޮތެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާގެ ކުރިން ޕޯޗްގީޒުންނާ ދެކޮޅަށް ދިވެހީންކުރި ހަނގުރާމަތަކުގައި އެ ލަޝްކަރު ކާމިޔާބުތަކެއް ވެސް ހޯދިއެވެ. ނަމަވެސް ޢަލީ ރަސްގެފާނު ޝަހީދުވެ، ޕޯޗްގީޒުންގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ދިޔައިރު އެ ލަޝްކަރުގެ ހިތްވަރާއި ފަންވަރެއް ފެނިގެންނެއް ނުދިޔައެވެ. އެހެން އެކަން ދިމާވުމުގައި އޭރު މާލެ ތެރޭގައި އޮތް ބޮޑު ފިތުނަގަނޑާއި ބައިބައިވުން މުހިންމު ދައުރެއް ކުޅޭނެއެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖޭ މިނިވަންކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. އެ 15 އަހަރާއި 6 މަސްދުވަހަކީ ބޭރުގެ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތް އެންމެ ދިގު މުއްދަތެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށްފަހު އުތީމު މަހާރަދުން، ދިވެހިރާއްޖޭގެ ރަސްކަމާ މީލާދީން 1573 ވަނަ އަހަރު (ހިޖުރައިން 981 ވަނަ އަހަރު) އިސްވެވަޑައިގަންނަވައި، ދިވެހި ލަޝްކަރެއް އައު އިންތިޒާމެއްގެ ދަށުން މުޅިން އަލަށް އެކުލަވާލެއްވިއެވެ. އެއީ ހަނގުބޭކަލުންނެވެ. އެ ބޭކަލުންނަށް ބަޑުހަނޑުލުން މުސާރަ ދެއްވަން ފެށްޓެވިއެވެ. ބުނެވޭގޮތުގައި ދިވެހި ލަޝްކަރަށް މަހުންމަހަށް ފުރަތަމަ ކަނޑައެޅިގެން ވަކި އުޖޫރައެއް ދެއްވަން ފެށްޓެވީ ބޮޑު ތަކުރުފާނެވެ.

އުތީމު ރަދުން ދިވެހި ލަޝްކަރު ތަރުތީބު ކުރެއްވީ ތިން ބަޔަކަށެވެ. އެއީ ވަރުހަނގުންނާއި އަސްކަރުންނާއި އަށްތާރަފަނިންނެވެ. ވަރުހަނގުންގެ ގޮތުގައި ހަމަޖެއްސެވީ ކުރިން އިސް ތިންވަރުގެ ގޮތުގައި އޮތް ތިން ބައި ނުވަތަ ތިން ޔުނިޓެވެ. އެއީ ދޮށިމޭނާވަރާއި، ހަކުރާވަރާއި، ވެލާނާވަރެވެ. މި ތިންބައިގެ ވެރިންގެ ދަށުން މަސައްކަތް ކުރުމަށް ކުޑަ މުސްކުޅިންގެ 10 ބޭކަލުން ތިއްބައެވެ. މިއީ އަތްދަށު ސަރުދާރުންނެވެ.

އަސްކަރުންނަކީ ޣާޒީ ރަދުން އެއްގަމާއި ކަނޑުގެ ލަޝްކަރާއެކު އެކުލަވާލެއްވި ފޯހެކެވެ. އެ ލަޝްކަރުގައި ވަރުހަނގުންގެ ތެރޭގައި އޮތް ދޮށިމޭނާވަރާއި، ހަކުރާވަރާއި، ވެލާނާވަރުގެ އިތުރުން މާފަތްވަރާއި ދަހަރާވަރު ހިމެނެއެވެ. މި ފަސް ގެއަށް ނުވަތަ ފަސް ވަރަށް ކިޔަނީ "ފަހޮޅި" އެވެ. ވަކިވަކީންނަމަ "ގެ" އެވެ.

އަސްކަރުންނާ އެންމެ ފުރަތަމަ ހަވާލު ކުރެއްވި ޒިންމާއަކީ ޣާޒީ ރަދުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން މިނިވަންކުރެއްވުމާއެކު ބައެއް ރަށްރަށުގައި އުފެދިގެންދިޔަ ނުކިޔަމަންތެރިކަން ހަމަޖެއްސެވުމެވެ. މި ފަސްވަރުގެ ވެރިންގެ އަތްދަށު ސަރުދާރުންގެ ގޮތުގައި 10 ކުޑަ މުސްކުޅިން ލެއްވިއެވެ.

އަށްތާރަފަނިންނަކީ ޣާޒީ ރަދުން އަލަށް އެކުލަވާލެއްވި ބާރެކެވެ. އެ ބާރު އެކުލެވިގެންވަނީ ފާމުލަދޭރި ނުވަތަ ފާމުދޭރިވަރުގެ މައްޗަށެވެ. މިއީ ރަދުންގެ ޚާއްޞަ ފައުޖެކެވެ. ރަދުންގެ އެންމެއަރިހުގައި މަސައްކަތް ކުރާ ދެގެދޭތެރެމީހުން މަސައްކަތް ކުރަނީ މިބައިގައެވެ. ދެގެދޭތެރޭ މީހުންނަކީ ރަސްމީ އިއްޒަތުގައި ތަންތަނަށް ރަދުން ވަޑައިގަންނަވާއިރު އަރިހުގައި ބަޑިހިފައިގެން ދިއުމެވެ. މި މީހުންގެ ރަސްމީ ހެދުން (ޔުނީފޯމު)ގެ ކުލައަކީ އޮށަނިމަލުގެ ކުލައެވެ. އައްތާރަފަނިންގެ ތެރޭގައި 7 ކުޑަ މުސްކުޅިން ތިބެއެވެ.

ވަރުތަކުގެ ވެރިންނާއި އަތްދަށު ސަރުދާރުންގެ އިތުރުން މަސައްކަތު ސަރުދާރުންނާއި، ބުރުޒު ބަނޑޭރިންނާއި، ވަޑިހަނގުބޭކަލުންނާއި ކުދިހަނގުބޭކަލުން ވެސް ލަޝްކަރުގައި ތިއްބަވައެވެ. ދިވެހި ލަޝްކަރު ބައިތަކަކަށް ބެހިފައިވިޔަސް އެ ހުރިހާ އެންމެންނަށް ޖުމުލަކޮށް ކިޔަނީ ހަނގުބޭކަލުންނެވެ. މިހާރު ވެސް ސިފައިން ތަފާތު ސަރވިސްތަކާއި ޔުނިޓްތަކަށް ބެހިފައިވިޔަސް ސިފައިންނޭ ކިޔާ އުސޫލުންނެވެ.

މި ނިޒާމުގައި ލަޝްކަރުގެ މަސައްކަތް ހިނގަމުން އައީ 10 ކޮށްޓެއްގެ މައްޗަށް މަސައްކަތްތައް ބަހާލެވިގެންނެވެ. ނުވަތަ މުޅި ލަޝްކަރު 10 ކޮށްޓެއްގައި މަސައްކަތް ކުރާގޮތަށެވެ. މި ކޮށިތައް ވަނީ ތިން ބަޔަކަށް ބެހިފައެވެ. އެއީ ބަޑިޖެހުމާ ބެހޭ ކަންތައްތައް ކުރަމުންދިޔަ ބަޑިކޮށީގެ ކޮށިތަކާއި، ކަނޑި އައްޑަނަ ހިފައިގެން ކުޅިޖަހާ ކޮށިތައް ހިމެނޭ އައްޑަނަ ކޮށީގެ ކޮށިތަކާއި، ބޮންތިއާއި އައްޑަނަ ހިފައިގެން ކުޅިޖަހާ ދަނޑިކޮށީގެ ކޮށިތަކެވެ.

ބަޑިކޮށީގައި އޮންނަނީ ބަންޑާރަ ކޮށްޓާއި، ފާދިއްޕޮޅު ކޮށްޓާއި، ތުރުކީ ކޮށްޓާއި، މޫދު ކޮށްޓެވެ. އައްޑަނަކޮށީގައި އޮންނަނީ ބަންޑާރަ ކޮށްޓާއި، ފާލު ކޮށްޓާއި، ހޮޅި ކޮށްޓެވެ. ދަނޑިކޮށީގައި އޮންނަނީ އައްޑޫ ކޮށްޓާއި، ރަނަހަމާންތި ކޮށްޓާއި، ބަބުރު ކޮށްޓެވެ.

ސިފައިން އުފެއްދުމަށް މެދުވެރިވި ސަބަބު

އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި އެ ރަދުންގެ ބެއްލެވުމުގެ ދަށުން މާލޭގެ ކަމުވޮށިވެގެންވާ ޢާއިލާތަކުގެ ތެރެއިން ޒުވާން ބޭފުޅުންކޮޅެއް ހެވިކަން ދަސްކުރެއްވުމަށް އާގަނޑުވަރަށް ގެންނަވައިގެން ހެވިކަން ދަސްކޮށްދެއްވައި އުޅުވިއެވެ. އާގަނޑުވަރަކީ ފަހުން ރަށްދެބައި ގެއެވެ. ޒުވާން ދީދީންގެ ތެރެއިން އުފެދިގެންއައި "ފައިހަމަކޮށް ހިނގުމުގެ" ފޯރިގަދަ ޙަރަކާތްވީ ނޫރައްދީން ބަންޑާރައިން ވަރަށް ހިތްޕުޅާ ހަމަކުރެއްވި ހަރަކާތަކަށެވެ. ފައިހަމަކޮށް ހިނގުމުގެ މި އާ ހަރަކާތް އާގަނޑުވަރުގައި ހިނގަމުންދިޔަ ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއަށް ތަޢާރަފު ކުރެއްވި ބޭފުޅަކީ ހޮޅުދޫ ނެވިގޭ އިސްމާޢީލު ދީދީއެވެ. އެއީ ސިފައިންގެ ފުރަތަމަ ކޮމާންޑަރެވެ. ފަހުން މީރުބަހުރު އިސްމާޢީލް ދީދީއެވެ. އެމަނިކުފާނު ޒުވާން ދުވަސްވަރު ސިލޯނުގައި ހުންނެވިއިރު އެ ޤައުމުގެ ސިފައިން ރޫޓުމާޗުކުރާތަން ފެނިވަޑައިގެންނެވި ގޮތަށް އާގަޑުވަރުގައި ދީދީން ލައްވައި ސަފުހަދައިގެން ހިނގަން ދަސްކޮށްދީ ހެއްދެވީއެވެ. ބަޑީގެ ބަދަލުގައި ދަނޑިބުރިފަދަ ތަކެތި ދެއްވައިގެންނެވެ.

މިގޮތަށް ސަފުހަދައިގެން ހިނގަމުން ދަނިކޮށް އެއް ރެއަކު އާގަނޑުވަރަށް ނޫރައްދީން ބަންޑާރައިން ވަޑައިގެންނެވި ތަނުން މި ހަރަކާތް ފެނިވަޑައިގެންނެވިއެވެ. ރަދުން ހިތްޕުޅާ ހަމަކުރައްވައި، އެ ހަރަކާތް ކުރިއަށް ގެންދަވަން ހިތްވަރު ދެއްވައި، ބަޑި ވެސް ދެއްވިއެވެ. ދެން އައި އެންމެ ބޮޑު ރަސްމިއްޔާތުގައި ރަދުންގެ އަރިހުގައި ބައިވެރިކުރެއްވިއެވެ. އެއީ ހިޖުރައިން 1309 ވަނަ އަހަރުގެ ރަމަޟާންމަހުގެ 22 ވަނަ ދުވަހުގެ ފަހު ރެއެވެ. އެ ރެއަކީ އެ އަހަރު ނޫރައްދީން ބަންޑާރައިން ހެންވޭރު ބޮޑު ހިއްޗަށް ވަޑައިގެންނެވި ރެއެވެ. އެ ރެއަށް ބައްލަވައި ދިވެހި ސިފައިން އުފެދުނު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައިވާ މީލާދީ ތާރީޚަކީ 21 އެޕްރީލް 1892 ވީ ބުރާސްފަތި ދުވަހެވެ.

"ސިފައިން" މި ނަން އުފެދުނުގޮތް


"ސިފައިން" މި ނަން ދިވެހިބަހަށް އައިސްފައިވަނީ، ހިންދީ ނުވަތަ ފާރިސީ ބަހުގެ" ސިޕާހީ ނުވަތަ "ސިޕާހު" އިންނެވެ. ސިފައިން މި ނަން ދިވެހި ލަފުޒެއްގެ ގޮތުގައި އުފެދުނީ "ސިޕާ" މި ލަފުޒު "ސިފަ" އަށް ބަދަލުވެ، ފަހަތަށް "އިން" އިތުރުވެގެންނެވެ. ސިފައިން މި ލަފުޒަކީ ދިވެހިބަހުގެ ޚާއްޞަ، ގިނަ ނަމެކެވެ.

އެންމެ ފުރަތަމަ ތިބި ސިފައިން

މިޒަމާނުގެ އުޞޫލުން ސިފައިން އުފެދުނުއިރު މުޅިއެކު ތިބީ 8 ބޭކަލުންނެވެ. އެއީ:- 

ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާޢީލް ދީދީ (މީރުބަހުރު އިސްމާޢީލް ދީދީ).
ދޮންބީނާގޭ ޢަލީ ދީދީ

ހެންވޭރުގޭ ޢަލީ ދީދީ

  ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ ޢަބްދުﷲ ދީދީ

  ރޯނުގޭ އިބްރާހީމް ދީދީ

  ރޯނުގޭ މުޙައްމަދު ދީދީ

  ކަޅިހަރުގޭ އަޙްމަދު ދީދީ

  ކަޅިހަރުގޭ މުޙައްމަދު ދީދީ


ސިފައިން އުފެދުނުއިރު ތިއްބެވި މި އަށް ބޭކަލުންގެ ކޮމާންޑަރަކީ، ހޮޅުދޫ ނެވިގޭ އިސްމާޢީލް ދީދީ ނުވަތަ ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. އޭނާ ދިވެހި ސިފައިންނަށް ކޮމާންޑު ކުރެއްވީ ދިވެހީންގެ މަދަރީބަހުންނެވެ. ނޫރައްދީން ބަންޑާރައިން އަވަހާރަ ވުމަށްފަހު 1892 ވަނަ އަހަރު ސިފައިންގެ ތެރެއަށް 4 ބޭކަލުން އިތުރުވެ ސިފައިންގެ ޢަދަދު 12 އަށް ބަދަލުވިއެވެ. ސިފައިން އުފެދުނުއިރު ސިފައިންނަކީ ރަދުން އެކިއެކި ރަސްމިއްޔާތުތަކުގައި ވަޑައިގަންނަވާއިރު އަރިހުގައި ތިއްބެވި ބައެކެވެ. އޭރު ޤައުމުގެ ދިފާޢީ ލަޝްކަރު ބިނާވެފައި އޮތީ ހަގުބޭކަލުންގެ މައްޗަށެވެ. ފަހުން ހަގުބޭކަލުންނާއި ދެންވެސް ތިއްބެވި ދިފާޢީ އެކިއެކި ބޭބޭކަލުންގެ ޖަމާޢަތްތަކުގެ ބަދަލުގައި ސިފައިންނާ ޤައުމުގެ ދިފާޢީ ހުރިހާ ކަމެއް ހަވާލުވެގެން ދިޔައީއެވެ.

ސިފައިން އުފެދުނުއިރު ދެއްވި މުސާރައާއި އިނާޔަތްތައް

ސިފައިން އުފެދުނު ދުވަސްވަރު ސިފައިންގެ އާދައިގެ މީހެއްގެ މުސާރައަކީ މީހަކަށް މަހަކު ހަތް ރުފިޔާއެވެ. އޭގެއިތުރުން ބަނޑު ހަނޑުލާއި، ޢީދު ބޯފޮޅިއާއި ޞަލަވާތް ޚަރަދުދެއްވިއެވެ. އަދި މީގެއިތުރުން އަހަރަކު ހަތަރު ހެދުން ދެއްވިއެވެ. ބޭސްފަރުވާ ރަސްކަމުގެ ގަނޑުވަރުން ހިލޭ ކޮށްދެއްވިއެވެ.

ސިފައިން އެންމެ ފުރަތަމަ އާންމުންނަށް ފެނިގެން ދިޔަ ދުވަހު ވެސް ތިބީ އެދުވަސްވަރު ބޭރު ޤައުމުތަކުން ފެންނަ ވައްތަރުގެ ޔުނީފޯމާއި ތާކިހަލާއި ބޫޓުގައެވެ. ތުރުކީ ތާކިހަލާއި ކޯޓު ފަޓުލޫނުގައެވެ. ސިފައިންނަށް ޔުނީފޯމު ގެންނެވީ ރާއްޖެއިން ބޭރުންނެވެ.


ސިފައިންގެ އަހަރީ ދުވަސް

ސިފައިންގެ އަހަރީ ދުވަހަކީ 21 އެޕްރީލުކަމުގައި 1992 ވަނަ އަހަރު ކަނޑައެޅުއްވައި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން އެ އަހަރު ފާހަގަކުރި ކަމުގައި ވިޔަސް އޭގެ ކުރިން ވެސް ސިފައިންގެ އަހަރީ ދުވަސް އައީ ފާހަގަކުރަމުންނެވެ. ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރެއްވޫ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސިފައިންގެ ވެރިކަމުގެ ދުވަސްވަރު، ހިޖުރައިން 16 ރަޖަބު 1366 އެވެ. އެއީ މީލާދީން 06 ޖޫން 1947 އެވެ. ސިފައިންގެ އަހަރީ ދުވަހެއްގެ ގޮތުގައި އެމަނިކުފާނު 16 ރަޖަބު ކަނޑައެޅުއްވީ ކީއްވެގެންކަން އެނގޭނެ ތާރީޚީ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ސިފައިންގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް އެ މަނިކުފާނު ހަމަޖައްސަވައިފައިވާނީ ތާރީޚީ ކޮންމެ ވެސް އަސްލެއްގެ މައްޗަށްކަމަށް ޤަބޫލުކުރެވެއެވެ. ބޮޑަށް ލަފާކުރެވެނީ އެއީ ސިފައިން އުފެއްދެވުމަށް އޭރުގެ ރަސްގެފާނު، އައްސުލްޠާން އިބްރާހީމް ނޫރައްދީން ނިންމެވި ދުވަސް ކަމަށެވެ.

މިގޮތަށް ބެލެވެނީ އެ ރަދުން ސިފައިން އުފެއްދެވުމަށް ނިންމަވައި، ސިފައިންނަށް ބަޑިގެންގުޅުމުގެ ހުއްދަދެއްވައި، ހެވިކަން ފަރިތަކުރުމުގެ ކަންތައްތައް އާގަނޑުވަރުގައި ކުރިއަށް ގެންދެވިކަން ތާރީޚުން އެނގޭތީއެވެ. ސިފައިންގެ ދުވަހެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވޭ ދުވަހަކީ އާންމުންގެ ކުރިމައްޗަށް ސިފައިން ފެނިގެންދިޔަ ދުވަހެވެ. އޭގެ ކުރިން ވެސް ސިފައިންގެ ވާހަކަ މާލެތެރޭގައި ދެކެވުނެވެ. ހިއްޗަށް ރަދުން ވަޑައިގަންނަވާރޭ ސިފައިން ފެނިގެންދާނެ ކަމަށް އަޑު ފެތުރިފައި އޮތުމުން އެކަމަށް ދިޔައީ އިންތިޒާރުތަކެއް ކުރެވެމުންނެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ ސިފައިންގެ ވެރިޔާކަމުގައި ސިފައިންގެ އަހަރީ ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަސްކަމުގައި ހަމަޖެއްސެވިއެވެ. މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަސްތައް މީލާދީ ތާރީޚުން ފާހަގަކުރައްވަން ފެށްޓެވުމާގުޅިގެންނެވެ. ރަޖަބު 16 އިން ޖޫން 6 އަށް ސިފައިންގެ އަހަރީ ދުވަސް ބަދަލު ކުރެއްވީ ފުރަތަމަ ފާހަގަކުރި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރި ތާރީޚު މީލާދީގޮތުން ޖޫން 6 ވަނަ ދުވަހާ ދިމާވާތީއެވެ.

ދިވެހި ސިފައިންގެ ދުވަހަކީ 21 އެޕްރީލް ކަމަށް ސަރުކާރުން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ސިފައިންގެ ވެރިކަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މި މައްސަލަ ދިރާސާކުރައްވައި، 1987 ވަނަ އަހަރު އެކުލަވާލެއްވި ރިޕޯޓަށް ބައްލަވާފައެވެ.

ސިފައިންގެ ހެޑްކްއޯޓަރޒްތައް

ދިވެހި ސިފައިންގެ އުފެދުނު ދުވަސްވަރު ސިފައިންގެ އެންމެހާ ކަންތައްތައް ކުރަމުން އައިސްފައިވަނީ ރަށްދެބައިގޭގައެވެ. އެއަށްފަހު ބޮޑުގަނޑުވަރަށް ބަދަލުކުރެވުނެވެ. ތާރީޚުން އެނގޭގޮތުގައި ސިފައިންގެ އެންމެ ފުރަތަމަ ހެޑުކުއާޓަރަކީ "އާކޯއްޓޭމަތިގެ" އެވެ. އެއަށްފަހު "އުސްގެ" އެވެ. މި ޢިމާރާތަށް "ބޮޑުގެ" ވެސް ކިޔައެވެ. މިހާރު ސިފައިންގެ ހެޑުކުއާޓަރެއްގެ ގޮތުގައި ބޭނުންކުރާ ބަންޑާރަކޮށްޓަކީ ސިފައިން ތިން ވަނައަށް ބޭނުންކުރާ ހެޑުކުއާޓަރެވެ.

ސިފައިންގެ ޚިދުމަތް ފެށުމާއެކު، ސިފައިންގެ ޚިދުމަތް ދޭންތިބި މީހުންނަށް މުޚާތަބު ކުރެވެމުން އައީ "ސިފައިން" މި ނަމުންނެވެ. ސިފައިންގެ ހެޑުކުއާޓަރު ވެފައިވަނީ "ސިފައިންގެ" މިގޮތުގައި ޒަމާންތަކެއް ފާއިތުވެ ދިޔަފަހުން ސިފައިންނަކީ "ނޭޝަނަލް ސެކިއުރިޓީ ގާޑުން" ކަމުގައި 14 އެޕްރީލް 1973 ގައި ހަމަޖެއްސެވިއެވެ. މި ބަދަލާއެކު ސިފައިންގެ ހެޑުކުއާޓަރުގެ ނަން "ނޭޝަނަލް ސެކިއުރިޓީ ގާޑުންގެ ސެންޓްރަލް ޑެޕޯ" އަށް ބަދަލު ކުރެއްވިއެވެ. އެހެންނަމަވެސް މާގިނަ ދުވަހެއް ނުވެ 01 ނޮވެންބަރު 1973 ގައި "ނޭޝަނަލް ސެކިއުރިޓީ ސާރވިސް"ގެ ނަމަށް ސިފައިންގެ ޚިދުމަތުގެ ނަން ބަދަލު ކުރެއްވިއެވެ. އޭރު ކުރުކޮށް ކިޔަނީ "އެންއެސްއެސް" އެވެ. މި ބަދަލާއެކު ސިފައިންގެ ހެޑުކުއާޓަރުގެ ނަން "ނޭޝަނަލް ސެކިއުރިޓީ ސާރވިސްގެ ހެޑްކްއޯޓާރޒް" ގެ ނަމަށް ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތުގެ ނަން އެންމެ ފަހުން ބަދަލު ކުރެއްވީ 21 އެޕްރީލް 2006 ގައެވެ. މި ބަދަލުގައި ސިފައިންގެ ޚިދުމަތުގެ ނަމެއް ކަމުގައި ހަމަޖެއްސެވީ "ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު" އެވެ. އިނގިރޭސިން ކިޔާގޮތަށް ހަމަޖެއްސެވީ "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް" އެވެ. ކުރުކޮށް ކިޔަނީ "އެމްއެންޑީއެފް" އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2008) އިން ބާރު ލިބިގެން އުފައްދާފައިވާ ސަލާމަތީ ޚިދުމަތެކެވެ. ދިވެހި އަސްކަރިއްޔާއަކީ ދިވެހިރާއްޖޭގެ ޤާނޫނީ އަސާސީއާއި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާއި ރައްކާތެރިކޮށްދީ ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އުފައްދާފައިވާ މި ޤައުމުގެ އަސްކަރީ ބާރެވެ.

ސިފައިންގެ އެންމެ މަތީ ވެރިކަން

ސިފައިން އުފެދުނިއްސުރެ ސިފައިންގެ އެންމެ މަތީ ވެރިޔަކީ އެއިރަކު ހުންނަވާ ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. މިގޮތުން ރަސްރަސްކަލުންނާއި، ވަލިއްޔުލްއަމްރުންނާއި، އިންޤިލާބީ ވެރިންނާއި، ބޮޑުވަޒީރުންނާއި، ރައީސުން ސިފައިންގެ އެންމެ މަތީ ވެރިޔާކަން ނުވަތަ ކޮމާންޑަރ އިން ޗީފްކަން ކުރައްވާފައިވެއެވެ. މިހާތަނަށް ކޮމާންޑަރ އިން ޗީފްކަން ކުރައްވާފައިވާ ބޭފުޅުންނަކީ

އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން،
އައްސުލްޠާން މުޙައްމަދު އިމާދުއްދީން (5ވަނަ)،
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)،
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6ވަނަ)،
އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ)،
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު،
އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ،
އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް،
ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު،
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް،
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން،
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ
.

ސިފައިންގެ ވެރިޔާގެ ނައިބުން

ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމު ވެސް އެކި ދުވަސްވަރު އެކި ބޭފުޅުން އަދާކުރައްވާފައިވެއެވެ. އެއީ

އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ،
އަލްފާޟިލް ދައްޕަރު
މޫސާ މަނިކު،
އަލްފާޟިލް އާދަމް ނަޞީރު މަނިކު،
އަލްފާޟިލް ޢަބުލްޙަންނާން ޙަލީމް،
އަލްފާޟިލް އިލްޔާސް އިބްރާހީމް،
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އަންބަރީ،
އަލްފާޟިލް އިސްމާޢީލް ޝަފީޢު އެވެ
.

ދިފާޢީ ވަޒީރުން

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސިފައިންގެ ކަންތައްތައް ބަލަހައްޓަވައި، ހިންގެވުމުގައި އެކިއެކި ދުވަސްވަރު އެކިއެކި ނަންނަމުގައި ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާ ހިންނެވި ވަޒީރުން މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މިގޮތުން 1932 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވުޒާރާތައް އުފެދިގެން އައި ދުވަހުން ފެށިގެން އަބަދުވެސް ދިވެހި އަސްކަރިއްޔާގެ ކަންތައްތައް ހިނގަމުން އައީ ވުޒާރާއެއްގެ ދަށުންނެވެ. ސިފައިންގެ ޚިދުމަތް އެ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އަސްކަރީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް އެންމެ ކުރިއެކޭ އެއްގޮތަށް އަމަން ބެލެހެއްޓުމާއެކު މަދަނީ ޚިދުމަތްތައް ވެސް ފަހުން ވަދެގެން ގޮސްފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި މާޒީގެ ދުވަސްތައް ފާއިތުވިއިރު ދިފާޢީ ވުޒާރާގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނަކީ

ވަޒީރުލްޢަސްކަރިއްޔާ އަލްއަމީރު މުޙައްމަދު ފަރީދު،
ވަޒީރުލްޢަސްކަރިއްޔާ އަލްއަމީރު ޙަސަން ފަރީދު،
ވަޒީރުލްއަމަންއާންމު ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު،
ވަޒީރުލްއަމަންއާންމު އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ،
ވަޒީރުލްއަމަންއާންމު އަލްފާޟިލް އިބްރާހީމް ޢަލީ ދީދީ،
ވަޒީރުލްއަމަންޢާންމު އަލްފާޟިލް އިބްރާހީމް ނާޞިރު،
މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ އަލްފާޟިލް ޢަބްދުލްޙަންނާން ޙަލީމް،
މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމު ފުރުއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް،
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢު،
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އަމީން ފައިޞަލް،
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް ޠަލްހަތު އިބްރާހީމް ކަލޭފާނު،
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް،
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު،
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ
.

ސިފައިންގެ ކޮމާންޑަރުން

ސިފައިންގެ ޔުނީފޯމު އެޅި އެންމެ އިސް ކޮމާންޑަރުންގެ މަޤާމުގެ ނަން އެކި ދުވަސްވަރު އެކި ގޮތަށް ބަދަލު ވަމުން އައިސްފައިވެއެވެ. މިގޮތުން ސިފައިންގެ ކޮމާންޑަރު، ސިފައިންގެ އޮފިސަރު، ސިފައިންގެ ސަރުދާރު، ސިފައިންގެ ވެރިޔާގެ ނާއިބު، ޗީފް އޮފް ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސްގެ ނަމުގައި ވެސް ސިފައިންގެ އެކިއެކި ކޮމާންޑަރުން މަސައްކަތް ކުރައްވާފައިވެއެވެ. އަދި ބައެއް ބޭފުޅުންނަށް އެއްގޮތަށްވުރެ ގިނަގޮތަށް މުޚާތަބު ކުރެވިފައިވެއެވެ. ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ބޭފުޅުންނަކީ 

ކޮމާންޑަރު އިސްމާޢީލް ދީދީ،
ކޮމާންޑަރު އަތިރީގެ ޢަބްދުﷲ ދީދީ،
ކޮމާންޑަރު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ،
ކޮމާންޑަރު ސައިތުއްތު،
ކޮމާންޑަރު އައްސައްޔިދު ޢައްބާސް ޢަލީ،
ކޮމާންޑަރު އައްނަބީލް އިބްރާހީމް ޙަބީބު،
ސިފައިންގެ ސަރުދާރު ބަންދު މުޙައްމަދު ކަލޭފާނު،
ސިފައިންގެ ސަރުދާރު ދައްޕަރު މޫސާ މަނިކު،
ސިފައިންގެ ސަރުދާރު ނައިބުގޭ ޅަތުއްތު،
ސިފައިންގެ ސަރުދާރު ޢަބްދުލްޙަންނާން ޙަލީމް،
ސިފައިންގެ ސަރުދާރު ކަރޯ ޅަތުއްތު،
ސިފައިންގެ 1 ނަންބަރު ސަރުދާރު ރަންވިއްކާ ޢަލީ މަނިކު،
ޗީފް އޮފް ސްޓާފް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އަންބަރީ،
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަރޑް) މުޙައްމަދު ޒާހިރު،
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް،
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް،
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު 

ސިފައިންގެ ކޮމާންޑަރުންގެ ދަށުން އެކި ދުވަސްވަރު އެކި ބޭފުޅުން މަސައްކަތް ކުރައްމުން ވަޑައިގެންނެވިއެވެ. މިގޮތުން މަސައްކަތް ކުރައްވަމުން ވަޑައިގެންެވީ އެކަމަށް ވަކި ޚާއްޞަ އެޕޮއިންޓްމަންޓެއް އޮވެގެންނެއްނޫނެވެ. އެހެން އެތައް ޒަމާނެއް ދިއުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އުފެއްދެވުމަށްފަހު ޑެޕިއުޓީ ޗީފް ސްޓާފްގެ މަޤާމް އުފެއްދެވިއެވެ. 11 ނޮވެންބަރު 1993 ގައި ފުރަތަމަ  ޑެޕިއުޓީ ޗީފް އޮފް ސްޓާފުގެ މަޤާމަށް އައްޔަން ކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޒާހިރެވެ. ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ  މަޤާމު ފަހުން ބަދަލުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށެވެ. އެ މަޤާމުތައް އަދާކުރެއްވި ބޭފުޅުންނަކީ:

ޑެޕިއުޓީ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު
ޑެޕިއުޓީ ޗީފް އޮފް ސްޓާފް / ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢާލީ ޖަލީލް
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

No comments: